ރަޝިޔާގެ ކުރީގެ ޖާސޫސް އަށް ވިހަ ދިން މައްސަލައިގެ ތަހުގީގުގައި 250 ފުލުހުން ހަރަކާތްތެރިވޭ. --ފޮޓޯ:ގެޓީ އިމޭޖަސް
11 މާޗް 2018 - 12:23
ލަންޑަން (މާޗް 11) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ވިހައެއް ދިން މައްސަލާގައި 240 ހެކިވެރިއަކު ފުލުހުން މިހާތަނަށް ފާހަގަކޮށްފައިވާ ކަމަށް ހޯމް ސެކްރެޓަރީ ވިދާޅުވެއްޖެ އެވެ.
ބާރު ސްޕީޑުގައި ތަހުގީގު ކުރިއަށްދާ ކަމަށް ވިދާޅުވެ އެމްބާ ރޫޑް ވަނީ ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް ތައުރީފް ކުރައްވައިފަ އެވެ. އަދި 200 އަށް ވުރެ ގިނަ ހެކި ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ. ތަހުގީގުގައި ދަނީ 250 އަށް ވުރެ ގިނަ ކައުންޓާ ޓެރަރިޒަމް ފުލުސް އޮފިޝަލުން ހަރަކާތްތެރިވަމުންނެވެ.
ސްކްރިޕަލްއާ ފުރަތަމަ އެޓެންޑްވި ފުލުސް މީހާ ނިކް ބެއިލީގެ ހާލު ވެސް ސީރިއަސްވެގެން އޭނާ އަށް ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާ މިހާރު ހޭއަރާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރޫޑް ވިދާޅުވީ ސްކްރިޕަލް، 66، އާއި ޔުލިއާ، 33، އަށް އަދިވެސް ދަނީ ސެލިސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި އެ މީހުންގެ ހާލު ސީރިއަސް ކަމަށެވެ. އެކަމަކު އެ މީހުންގެ ހާލު މިހާރު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށްވެ އެވެ.
ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ސެލިސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގެ ބެންޗެއްގައި ހޭނެތިގެން ވެއްޓިފައި އޮއްވާ ފެނިފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ.
ސަރުކާރުގެ އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު ރޫޑް ވިދާޅުވީ ސްކްރިޕަލް އަށް ވިހަ ދިން މީހުން ހޯދަން ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށެވެ.
ރިޓަޔާކޮށްފައިވާ ރަޝިޔާގެ ކުރީގެ އިންޓަލިޖެންސް އޮފިސަރު ކާނަލް ސްކްރިޕަލް ވަނީ އިނގިރޭސި ވިލާތުގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ރަޝިޔާ އިން 2006 ވަނަ އަހަރު އޭނާ ވަނީ 13 އަހަރަށް ޖަލަށް ލައިފަ އެވެ. އޭނާގެ ކުށަކީ ރަޝިޔާގެ ޖާސޫސީ މައުލޫމާތު އިނގިރޭސި ވިލާތުގެ އިންޓެލިޖެންސް ސާވިސް އަށް ފޯރުކޮށްދިނުމެވެ. އެކަމަކު އެފްބީއައިގެ ބެލުމުގެ ދަށުގައިވާ ރަޝިޔާގެ 10 ޖާސޫސުން މިނިވަންކުރާ މަތިން ރަޝިޔާގެ ޖަލުން ނެރުނު ހަތަރު މީހުންގެ ތެރޭގައި ސްޕްރިކަލް ވެސް ހިމެނެ އެވެ. ވޭތުވެދިޔަ އަށް އަހަރު އޭނާ ދިރިއުޅުނީ އިނގިރޭސި ވިލާތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy