ނިއުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 މާޗް 2018 - 09:19
ނިއު ރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރުޒޮންގެ ރޭވުންތެރިކަމުގެ ތަފާތު އެ ޓީމުގެ ކުޅުންތެރިން ދައްކާނެ ކަމަށް އެ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.
ނިއު އިން މި ސީޒަނުގެ އޭއެފްސީ ކަޕްގެ ނަތީޖާ ރަނގަޅުކުރަން އަމާޒުހިފާފައިވާއިރު، އެ ޓީމު އެންމެ ފަހުން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފައިވަނީ 2013 ވަނަ އަހަރު އެވެ. ވެލިޒާ ޕޮޕޯފްގެ އިރުޝާދުގެ ދަށުން ނިއު އިން އެ ފަހަރު މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރިއިރު، ސެންޓޭ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.
ނިއުގައި މިހާރު އޮތީ އޭރަށް ވުރެ ނިސްބަތުން ވަރުގަދަ ސްކޮޑެކެވެ. ސެންޓޭ ބުނީ އޭރާ އަޅާކިޔާއިރު މިހާރު ވެސް އޮތީ އެއް ޓީމެއް ކަމަށާއި ތަފާތެއް އައިސްފައިވަނީ ކުޅުންތެރިންގެ އުމުރުން ދުވަސްވުމުން އައި ބަދަލެއް ކަމަށެވެ
"އެއް ޓީމެއް އޮތީ. ޕްލޭޔަރުން ދަށްވެ (ކުރިން ހުރި ލެވެލަށް ވުރެ). އެކަމަކު ބައެއް ޕްލޭޔަރުން އެބަތިބި މާ ރަނގަޅު ފޯމެއްގަ ވެސް. އެތަން އެބެފޭނެ،" ސެންޓޭ ބުންޏެވެ. "ކޯޗު އެބަ މަސައްކަތްކުރޭ ކުޅުންތެރިންގެ ހުރި ބެސްޓެއް ދޭން."
ސެންޓޭ ބުނީ އޭއެފްސީ ކަޕްގައި އަމިއްލަ ދަނޑުގައި މި ފަހަރު ކުޅޭ ފުރަތަމަ މެޗަށް ޓީމު ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި އޮތް ކަމަށެވެ.
"މި މެޗަށް ނިއު ރޭޑިއަންޓް ހުރިހާ ކުޅުންތެރިން ވެސް ތިބީ ހަމަ 100 ޕަސެންޓް ދޭން. ކްލަބްގެ އެންމެ މުހިއްމުކަމަކަށް މި އޮތީ ގްރޫޕް ސްޓޭޖު ފަހަނައަޅައިދިޔުން. އެހެންވީމަ ކޮންމެ ޓީމަކާ ޖެހުނަސް މޮޅުވާން ޖެހޭނީ. ޓީމު ރޫހު މިއޮތީ ވަރަށް ރަނގަޅަށް. އެއީ އަވޭ މެޗު (އަބަހާނީ މެޗު) މިއޮތީ މޮޅުވެފައި. ދެން މިހާރު އޮތީ އައިޒޯލް މެޗު ގެނައުން،" ސެންޓޭ ބުންޏެވެ.
އަބަހާނީ އަތުން ނިއު މޮޅުވިއިރު އެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ސެންޓޭ އެވެ. މި މެޗުގައި ނިއު އަށް އިތުރު ލަނޑުތަކެއް ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުހިފުނެވެ.
"ކޮންމެ މެޗެއްގައި ވެސް ދާނެ ބައެއް އެއްޗެހި ނުޖެހި. އެ ކަހަލަ ދުވަސް ވެސް ދާނެ. އެކަމު އޭއެފްސީ ކަޕްގައި ލިބޭ އެއްޗެހި ޖެހޭނެ ހާއްސަ ސަމާލުކަމެއްދީގެން ވިޔަސް ރަނގަޅަށް ނިންމަން،" ސެންޓޭ ބުންޏެވެ.
މިދިޔަ އަހަރު އައި ލީގު ކާމިޔާބުކުރި އައިޒޯލް މި ފަހަރުގެ އޭއެފްސީ ކަޕަށް ނުކުތްއިރު އެ ޓީމު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މި ފަހަރު އެ ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ.
މިދިޔަ ސީޒަނުގައި ވެސް އައިޒޯލަށް ކުޅުނު ލައިބީރިއާގެ އަލްފްރެޑް ކެމާ އަކީ މިހާރު އެ ޓީމުގައި ހުރި އެންމެ ސީނިއާ ކުޅުންތެރިޔާ އެވެ. އޭނާ ބުނީ މިއީ މުޅި ޓީމުގެ ފެންވަރު ސާބިތުކޮށްދެން ލިބޭ ފުރުސަތެއް ކަމަށެވެ.
"ރަނގަޅަށް ތައްޔާރުވެގެން މި ތިބީ. މިއީ އައިޒޯލްގެ ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ފެންވަރު ދައްކާލަން ލިބޭ ފުރުސަތެއް ތަން ކޮޅެއް ބޮޑު ލެވެލެއްގައި. މެންޓަލީ އަދި ފިޒިކަލީ ކުޅުންތެރިން ތިބީ ދެވުނު އެންމެ ރަނގަޅު ޕާފޯމެންސެއް ދޭން. އުއްމީދުކުރަނީ ރަނގަޅު މެޗަކަށްވާނެ ކަމަށް،" ކެމާ ބުންޏެވެ.
އައިޒޯލާ ދެކޮޅަށް ނިއު ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެރާޑް
14 March 2018
ސަފޯޓަރުން ބަލައިހިތްވާފަދަ ރީތި ފާސިންގޭމަށް ކުޅެ ނިއު މޮޅުވާނެ ކަމަށް އުއްމީދުކުރަށް.
އާރީ
14 March 2018
2013 ގަ ނިއު ގަ އޮތީ ހުރިހާ ކުޅުންތެރިންގަ ވެސް ރަންޒަމާން އަލީ އުމަރު މެންވެސް ބެންޗުން އަރާ މޮޅުކުޅުން ދައްކާ. ފޮފޯވް އެއީ ނިއުއަށް އައި އެއްމެ މޮޅު ކޯޗު އެކަށްއެގޭނެ ނިއު އޭރު ހޯދި ބޮނޑެތި ކާމިޔާބު ތަކަށް ބަލައިލީމަ. ދެން މެނޭޖްމަންޓް ވެސް ވަރަށް ހަބޭސް އޭރު.
ހޯރަ
14 March 2018
ސެންޓޭމެން ތި ގޮތުގަ ތިިެބިންޔާ ސަފޯޓަރުން ވެސް މިތިބީ 12 ވަނަ ކުޅުންތެރިންގެ ގޮތުގަ ޓީމް އައި އެއްކޮށް. އިންސާ ﷲ ނިއު މޮޅުވުން އަބަދުވެސް ދުއާ އަކީ.
ޕޮޕޯވް ފޭންސް
14 March 2018
ޕޮޕޯވްގެ ހުރި ރޭވުންތެރިކަމެއް މި ކޯޗުގެ ނެތް. މިހާރު ތި އޮތް ޓީމް ހަމަ ގާތްގަނޑަކަށް ޕޮޕޯވް އަތުގައި އޮތީވެސް. އޭރު ހިނިއައިއްސަ ޖަހާލިދޯ އޭއެފްސީ ކަޕްގައިވެސް 7 ލަނޑު. އޮސްކާރުގެ ނެތް އެ ފެންވަރެއް. ބަލަން ތިބޭ.
ފުންއަސަރު
14 March 2018
އަހަރެމެން އަހަރެމެންގެ ވަރުން ދައްކާނަން. މިހާރު ޓިކެޓް ގަނެފިން. އެންމެންވެސް މިތިބީ މެޗް ފެށޭނެ ގަޑިޔަށް އިންތިޒާރު ކޮށްކޮށް. އަސުރުނަމާދުކޮށް ނިންމައިގެން ނިއުރޭޑިއަންޓަށް ކާމިޔާބުލިބުން އެދި ދުއާކޮށްގެން ދެންއޮތީ ގަލޮޅު ދަނޑު ފުރާލުން. އަދި އެއްއަޑަކުން ނިއުރޭޑިއަންޓަށް ސަޕޯޓްކުރުން. އިރާދަކުރެއްވިއްޔާ ނިއުއަށް ވާނެ.