ރަޝިޔާ އަށް ކަނޑައަޅާފައި ހުންނަ އިނގިރޭސި ސަފީރު ބްރިސްޓޯވް މިއަދު ވަނީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފައި. --ފޮޓޯ:ރޮއިޓާސް
17 މާޗް 2018 - 14:46
މޮސްކޯ (މާޗް 17) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ރަޝިޔާ އިން ވިހަ ދިން ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަވަސްކަމުގައި އިނގިރޭސިވިލާތުގެ 23 ޑިޕްލޮމެޓުން ރަޝިޔާ އިން ފޮނުވާލަން ނިންމައިފި އެވެ.
ރަޝިޔާ އިން މިގޮތަށް ނިންމާފައި ވަނީ އިނގިރޭސި ވިލާތުން ވެސް ރަޝިޔާގެ 23 ޑިޕްލޮމެޓުން ފޮނުވާލަން މީގެ ދުވަސްކޮޅެއް ކުރިން ނިންމާފައި ވަނިކޮށެވެ.
މޮސްކޯގައި ހުންނަ އިނގިރޭސި އެމްބަސީގެ މުވައްޒަފުން ފުރަން ދީފައި ވަނީ ހަފުތާއެއްގެ މުހުލަތެވެ. މީގެ އިތުރުން ރަޝިޔާގައި ހުންނަ ބްރިޓިޝް ކައުންސިލް ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އަދި ޕީޓަސްބާގުގައި ހުންނަ ބްރިޓިޝް ކޮންސިއުލޭޓް ވެސް ބަންދު ކުރަން ވަނީ ހަމަޖައްސައިފަ އެވެ.
އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ ސްކްރިޕަލް އަށް ދީފައި ވަނީ ރަޝިޔާގައި އުފައްދާފައިވާ އަސްކަރީ ގްރޭޑުގެ ނާވް އެޖެެންޓެއް ކަމަށްވާ ނޮވިޗޮކް ކަމަށެވެ.
ރަޝިޔާގައި ހުންނަ އިނގިރޭސި ސަފީރު މިއަދު ވަނީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ. އަދި އިނގިރޭސި ވިލާތުން އަޅާ ފިޔަވަޅުތަކަށް މޮސްކޯ އިން ދޭ ރައްދު ސަފީރަށް ވަނީ ހަވާލުކޮށްފަ އެވެ.
ސްކްރިޕަލް، 66، އާއި ޔުލިއާ، 33، އަށް އަދިވެސް ދަނީ ސެލިސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ މީހުންގެ ހާލު ސީރިއަސް އެވެ. ސްކްރިޕަލްއާ ފުރަތަމަ އެޓެންޑްވި ފުލުސް މީހާ ނިކް ބެއިލީގެ ހާލު ވެސް ސީރިއަސްވެގެން އޭނާ އަށް ވެސް ދަނީ ފަރުވާ ދެމުންނެވެ.
ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ސެލިސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގެ ބެންޗެއްގައި ހޭނެތިގެން ވެއްޓިފައި އޮއްވާ ފެނިފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ.
ރިޓަޔާކޮށްފައިވާ ރަޝިޔާގެ ކުރީގެ އިންޓަލިޖެންސް އޮފިސަރު ކާނަލް ސްކްރިޕަލް ވަނީ އިނގިރޭސި ވިލާތުގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ރަޝިޔާ އިން 2006 ވަނަ އަހަރު އޭނާ ވަނީ 13 އަހަރަށް ޖަލަށް ލައިފަ އެވެ. އޭނާގެ ކުށަކީ ރަޝިޔާގެ ޖާސޫސީ މައުލޫމާތު އިނގިރޭސި ވިލާތުގެ އިންޓެލިޖެންސް ސާވިސް އަށް ފޯރުކޮށްދިނުމެވެ. އެކަމަކު އެފްބީއައިގެ ބެލުމުގެ ދަށުގައިވާ ރަޝިޔާގެ 10 ޖާސޫސުން މިނިވަންކުރާ މަތިން ރަޝިޔާގެ ޖަލުން ނެރުނު ހަތަރު މީހުންގެ ތެރޭގައި ސްޕްރިކަލް ވެސް ހިމެނެ އެވެ. ވޭތުވެދިޔަ އަށް އަހަރު އޭނާ ދިރިއުޅުނީ އިނގިރޭސި ވިލާތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަޅިބައިސާ
17 March 2018
ތިއަދިނީ ފުޅިއަކަށް ފުޅިއެއް. ރަސިއާއަކީ އިނގިރޭސި ވިލާތައް ކުޅެވޭވަރަށްވުރެ ފެންވަރުމަތީ ގައުމެއް. އިނގިރޭސިން ތިއުޅެނީ ސައިޒް އޮޅިގެން.