19 މާޗް 2018 - 09:12
ލަންޑަން (މާޗް 19) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރަން ޖެހިއްޖެ އެވެ.
އަނެއް ސެމީ ފައިނަލުގައި ވާދަކުރާނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު ކާމިޔާބުކުރި ސައުތެމްޓަން އާއި ޗެލްސީ އެވެ. ސައުތެމްޓަން ވަނީ ރަށުން ބޭރުގައި ވިގަން އެތުލެޓިކް އަތުން 2-0 އިން މޮޅުވެފަ އެވެ. އަދި ލެސްޓާ ސިޓީ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-1 އިންނެވެ.
ޓޮޓެންހަމާއި ޔުނައިޓެޑަށް މި ސީޒަނުގައި ދެން ތަށްޓެއް ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި ފުރުސަތަކީ މިއީ އެވެ. ޔުނައިޓެޑް ދާދި ފަހުން ޗެމްޕިއަންސް ލީގުން ކެޓުމުން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޓޮޓެންހަމާ ދެކޮޅަށް ކުޅެން ޖެހުމަކީ މޮރީނިއޯ އަށް މި ވަގުތު ކުރިމަތިވާނެ އަނެއް ޗެލެންޖެވެ.
މި ސީޒަނުގައި ޔުނައިޓެޑް ދަނޑުގައި ޓޮޓެންހަމް އަތުން އެ ޓީމު 1-0 އިން މޮޅުވި އެވެ. އެހެން ނަމަވެސް ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-0 އިން ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފަ އެވެ. އެފްއޭ ކަޕް ސެމީ ފައިނަލް ކުޅެނީ އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގަ އެވެ. ވެމްބްލީ އަކީ މި ވަގުތު ޓޮޓެންހަމްގެ ހޯމް މެޗުތައް ކުޅެމުން އަންނަ ސްޓޭޑިއަމް އެވެ.
ރޭގެ މެޗުގެ 42 ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. މިއީ ފާއިތުވި 14 މެޗުގެ ތެރޭގައި މޮރާޓާ ޖެހި ފުރަތަމަ ގޯލެވެ. ކުޅުން ދަށްވުމުގެ ސަބަބުން މޮރާޓާ އަށް ވަނީ އެންމެ ފަހުން ނެގި ސްޕެއިން ގައުމީ ޓީމުން ވެސް ޖާގަ ގެއްލިފަ އެވެ.
މެޗު ނިމެން 14 މިނިޓަށް ވެފައި ހުއްޓައި ލެސްޓާ އަށް އެއްވަރުކޮށްދިނީ އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް ޖޭމީ ވާޑީ އެވެ. އިނގިރޭސި އެފްއޭ އިން މި ފަހަރުގެ މުބާރާތުގެ ގަވާއިދަށް ގެނައި ބަދަލާ އެކު ކުއާޓާ ފައިނަލުގައި އެއް މެޗުން ނަތީޖާ ނެރެންޖެހެ އެވެ. ކުރިން ގަވާއިދު އޮންނަ ގޮތުން އެއްވަރުވެއްޖެނަމަ ރީޕްލޭ މެޗެއް ކުޅެން ޖެހެ އެވެ.
ރޭގެ މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ކުޅުނެވެ. އިތުރު ވަގުތުގައި ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހީ ބާސެލޯނާގެ ކުރީގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް އެވެ.
"ޗެމްޕިއަންސް ލީގު ކަހަލަ ބޮޑު މުބާރާތަކުން ކެޓުމުން އަހަރެމެން ވަރަށް ވާހަކަ ދެއްކިން. ސީޒަން ސަލާމަތްކުރަން އެފްއޭ ކަޕް ކާމިޔާބު ކުރުމަކީ މުޅި ޓީމުގެ އަމާޒު،" ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.
ސައުތެމްޓަން ކޯޗުކަމާ މާކް ހިއުސް ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ޕިއޭ-އެމިލް ހޮއިބާގާއި ސެޑްރިކް ސޮއާރޭސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
20 March 2018
ޕްރިމިއަރ ލީގް މިހާރުއޮތް ފޯމެޓަށް ބަދަލުކުރިފަހުން ތަފާތު 6 ޓީމަކުން ވަނީ ލީގް ކާމިޔާބްކޮއްފަ.އޭގެ ތެރޭގަ އާސެނަލް ވެސް ހިމެނޭ.57 އަހަރު ވެއްޖެ ސްޕާސްއަށް ލީގް ކާމިޔާބް ނުކުރެވޭތާ.އައި ރިޕީޓް.ބައި ގަރުނު ވެއްޖެ ސްޕާސްއަށް ލީގް ނުލިބޭތާ.ލިވަޕޫލްއަށް ލީގް ނުލިބޭތާ 28 އަހަރުވެއްޖެ.އެއްވެސް ބަޔަކު މިވާހަކަ ނުދައްކާ.ވ.ވެދުން
ވެންގާ
19 March 2018
ވޭތުވެދިޔަ ހަތަރު އަހަރު އާސެނަލް އަށް ލީގު ހޯދުމުގެ ދޮރު ބަންދުވެ ޗެމްޕިއަންސް ލީގުން ކަޓާ ދެން ނެގެން އޮންނަ ހަމައެކަނި މުބާރާތްކަމަށްވާ އެފްއޭ ކަޕް ކާމިޔާބު ކުރަން މަސައްކަތް ފެށުމުން މެންޔޫ، ޓޮޓެންހަމް އަދި ޗެލްސީގެ ސަޕޯޓަރުން މަލާމާތްކޮށް ފުރައްސާރަކޮށް އެފްއޭކަޕް އަކީ ދެން ތައްޓެއްހޭ ކިޔާ އެތަށް ފަހަރަކު "ކަތިލި"އެވެ. ނަމަވެސް މި ސީޒަންގަ އެއްކަލަ އާސެނަލްއަށް ފުރައްސާރަ ކުރި ޓީމުތަކަށް ނެގެން އޮތީ އެއްކަލަ އެއްވެސް އެއްޗަކަށްނުވާ އެފްއޭކަޕް އެވެ. މިފަހަރު އެފްއޭކަޕް އަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތަށްވާނެއެވެ. ދެންވެސް އެހެން ޓީމުތަކަށް ފުރައްސާރަ ކުރާއިރު ތިމާމެންނަށްވެސް އެހާލުޖެހިދާނެކަމަށް ވިސްނާލައްޗެވެ.
ރަދީފް
19 March 2018
ވަރަށް ގިނަ ފޭނުންނަށް އިބްރަތަކަށް ފުދޭނެ ތިޔަ ކޮމެންޓް.އެފްއޭކަޕް އެއީ ދުނިޔޭގެ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތް.
މޮރީނިއޯ
19 March 2018
ވޭތުވެދިޔަ ސީޒަންގަ މެންޔޫ 6 ވަނާގަ އޮތީމަ ތި އާސެނަލްގެ ސަޕޯޓަރުން މަލާމާތްކޮށް ފުރައްސާރަކޮރީ، ކޮބާ އާސެނަލް އޮތީ ކިތައްވަނާގަ؟ ވެންގާ ކަލޭ ބޭރުކުރާނެ މިބުރު ހަހަ
The Special One
19 March 2018
އަރސެނަލް އައް ޕްރިމިއަރ ލީގު ތަށި ވޭތުވެދިޔަ 12 އަހަރުވެސް ނެއް ލިބިފަކަ
ފެނޭހޭ
19 March 2018
ޗެލްސީ މެންޗެސްޓާ މިސީޒަނުގަ ދޭބަލަ ދިގުފަރަށް ބޮލިހިލަން.ބޮލިހިލާ ދޯ ، ބޮލިހިލާ ބޮލިހިލާ.
ނިއުމާ
19 March 2018
އެފްއޭ ކަޕް ކުޅެންޖެހުނީމާ ކަމަށް ބެލެވެނީ މިދެޓީމް ޗެމްޕިއަންސް ލީގުން ކެޓީވެސް. ގާތްގާތުގައި މެޗުތަކެއް ކުޅެން ހުރުމުން އެކަމުގެ އަސަރު (މެންޓަލީ އަދަި ފިޒިކަލީވެސް) ކުޅުންތެރިންނަށް ކުރާނެ. އެކަން އިނގެނީ، ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެފްއޭ ކަޕުގައިވެސް ކުޅޭ ތިން ޓީމުކަމަށްވާ ޗެލްސީ، މެންޗެސްޓަރ ޔުނައިޓެޑް އަދި ޓޮޓެންހަމް، މިތިން ޓީމް ޗެމްޕިއަންސް ލީގުން ކެޓިއިރު، އެފްއޭ ކަޕުން ކަޓާފައިވާ އިނގިރޭސި ދެ ޓީމް ކަމަށްވާ މެންޗެސްޓަރ ސިޓީ އަދި ލިވަރޕޫލް ވަނީ ޗެމްޕިއަންލީގުގެ ކުއާރޓަރ ފައިނަލްއަށް ކޮލިފައިވެފަ. ކުޅިވަރުގެ ތަޖުރިބާކާރުން ބުނާގޮތުން އިނގިރޭސި ޓީމުތަކުން ކުޅެންޖެހޭ މުބާރާތްތައް އިތުރުވުމާ، ވިންޓަރ ބްރޭކް ނުލިބުމަކީ އިނގިރޭސި ޓީމުތައް ޗެމްޕިއަންސް ލީގުގައި ފެއިލްވާ މައިގަނޑު ސަބަބު.