ސުޕްރީމް ކޯޓު: ވިލާގެ ރަށްތައް އަތުލި މައްސަލާގައި ހައި ކޯޓުން ނިންމާފައި އޮތީ ދައުލަތާ އެއްކޮޅަށް --ފޮޓޯ/މިހާރު
22 މާޗް 2018 - 14:06
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށެއްގެ އެއްބަސްވުން ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ވިލާ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ.
ވިލާގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކުރި ފަސް ރަށެއްގެ އެއްބަސްވުން ސަރުކާރުން 2015 ގައި ބާތިލު ކުރީ ދެ ފަރާތުގެ ދެމެދުގައި ހަދާފައި އޮތް ސެޓްލްމަންޓް އެގްރިމެންޓް ބާތިލް ކުރުމަށް ފަހު އެވެ. އެ މައްސަލައިގައި ދަށު ކޯޓުން ވިލާއާ އެއްކޮޅަށް ނިންމިޔަސް، ހައި ކޯޓުން ނިންމީ ދައުލަތާ އެއްކޮޅަށެވެ.
އެ އެއްބަސްވުން ބާތިލު ކުރުމުގައި ދައުލަތުން ބިނާކުރާ އަސާސަކީ ވިލާގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) އިން ދައުލަތާ ދެކޮޅަށް 129 މިލިއަން ޑޮލަރުގެ ދައުވާއެއް ކުރުމެވެ.
ސެޓްލްމަންޓް އެއްބަސްވުން ބުނާ ގޮތުން އެ ރަށްތަކާ ގުޅުން ހުރި އެއްވެސް ފަރާތަކުން ދައުލަތާ ދެކޮޅަށް ދައުވާއެއް އުފުލައިގެން ނުވާނެ އެވެ. އެ އެއްބަސްވުމަކީ ސަރުކާރުން އަލީ އިބްރާހިމް ކިޔާ މީހަކަށް ދޫކުރި ބިމެއް އަތުލި މައްސަލައިގައި 9.7 މިލިއަން ޑޮލަރު ބަދަލެއް ދޭން ޖެހުމުން އެ ކަމުގައި ލުއި ގޮތްތަކެއް ހެދުމަށް ސަރުކާރުން 2013 ގައި ހެދި އެއްބަސްވުމެވެ.
އަލީ އިބްރާހިމްގެ މަންދޫބެއްގެ ގޮތުން ގާސިމް އިބްރާހިމް ބައިވެރިވެގެން ހެދި އެ އެއްބަސްވުމުގެ ދަށުން 9.7 މިލިއަން ޑޮލަރު ދައުލަތުން ދެއްކުމުގެ ބަދަލުގައި ވިލާގެ ފަސް ރިސޯޓާއި ވިލާ އެއާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ އިން އެބައި އުނި ކުރަން ދެ ފަރާތުން އެއްބަސްވި އެވެ. އޭގެ ބަދަލުގައި، އެ ފަސް ރަށާ ގުޅޭ އެއްވެސް ފަރާތަކުން އެއްވެސް ދައުވާއެއް ދައުލަތާ ދެކޮޅަށް ނުކުރަން އެއްބަސްވި އެވެ.
ރަށްތައް އަތުލި މައްސަލައިގައި ދައުލަތުން ބުނާ ބުނުމަށް ވިލާ އިން ދޭ ރައްދަކީ ޑަބްލިއުއެލްޓީއަކީ ވިލާގެ ހިއްސާ އޮތް ކުންފުންޏެއް ނަމަވެސް، ރަށްތަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެއްބަސްވުމުގެ ތެރޭގައި ޑަބްލިއުއެލްޓީ ނުހިމެނޭ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ދައުލަތާ ދެކޮޅަށް ދައުވާ ނުކުރަން އެއްބަސްވީ ފަސް ރަށާ ގުޅިގެން އެކަނި ކަމަށެވެ.
ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ކުރާ ދައުވާއަކީ ސެޓްލްމަންޓް އެއްބަސްވުން ހެދުމުގެ ކުރިން ވެސް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ކަން ފާހަގަކޮށް، ވިލާގެ ވަކީލުން ބުނާ ގޮތުން އެ އެއްބަސްވުމުގެ ތެރޭގައި ޑަބްލިއުއެލްޓީ ނުހިމެނޭނެ އެވެ. އަދި އެ ރަށްތައް އަތުލީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިލާގެ ވަކީލުން ބުނެފައިވެ އެވެ.
މިއަދުގެ އަޑުއެހުމުގައި ވެސް ދެ ފަރާތުން އެންމެ ބޮޑަށް ބަހުސް ކުރީ ސެޓްލްމަންޓް އެއްބަސްވުމުގެ ތެރޭގައި ޑަބްލިއުއެލްޓީ ހިމެނޭ ކަމާ މެދު އެވެ.
މީގެ ކުރިން ވެސް ދެ އަޑުއެހުމެއް ބޭއްވުމަށް ފަހު، މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވިިކަން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ. އެކަމަކު ހުކުމް ކުރާނެ ދުވަހެއް ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.
އެ ރަށްތަކާ ގުޅޭ މައްސަލަތައް ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު، އެރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން ވިލާގެ އެކި ކުންފުނިތަކާ ދެކޮޅަށް ދައުލަތުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަތައް މިހާރު ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުދެނީކީއްވެބާ
23 March 2018
އަހަރުމެންނަށް، ނޫނީ ނިހާން އަށް ނުދެނީކީއްވެބާ، އެންމެ އެކަށިގެންވާ ރަށްތަށް އެތެރެ އެތެރެއިން ނަގައި ރިޒާވްގަ އެތައް އަހަރެއް ވާއިރުއުވެސް ބަހަށްޓާފަ! ވަކިބައެށް އަބަދުވެސް ތަނަވަސްވާ ނިޒާމްގެ ދަށުން!
ބޮލި
22 March 2018
އޭގެ ބަދަލުގައި، އެ ފަސް ރަށާ ގުޅޭ އެއްވެސް ފަރާތަކުން އެއްވެސް ދައުވާއެއް ދައުލަތާ ދެކޮޅަށް ނުކުރަން އެއްބަސްވި އެވެ - މީގެ މާނައެއް ނޫން ވިލާގެ އެކިއެކި ސަބްސިޑަރީ ކުންފުނި ތަކުގެ ހައްގު ހޯދުމަށް ކޯޓްތަކުގައި ދައުވާއެއް ނުކުރެވޭނެއެވޭ. މިސާލަކަށް ވިލާ ހަކަތައަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ނުދީގެން ދައުވާކުރުން ވިލާ ހައި ކޮލެޖަށް ލިބެންޖެހޭ ހައްގެއް ހޯދުމަށް ދައުވާ ކުރުން. ދެން ވިސްނުމުގެ ކިތައްމެ ކުޑަ މިންވަރެއް ހުއްޓަސް މިވަރު ސާފުވާންޖެހޭނެއެވެ. ހަމައެއް ލަަމެއް އުސޫލެއް އެއްކަމެއްގައިވެސް ނެތީއެވެ. ހަމަ އެވަގުތަކު ހިތައް އެރިގޮތް އެއީ ރަގަޅު ގޮތެވެ. އިންސާފެވެ. އަދުލުވެރި ވުމެވެ.
އުމަރު
22 March 2018
ޤާނޫނު ހިންގުމުގައި އަދި ކޯޓުތަކުގެ މައްސަލަ ބެލުމުގައި ކޯޓުން ބަލަންޖެހޭނީ ކޮންމެ މައްސަލައެއް ވަކިން، އެއްގޮތަކަށްވެސް މަސްހުނިކޮށްގެނެއްނޫން، ކޯޓްތަކަށްވެސް އަދި ޓޫރިޒަމް މިނިސްޓްރީއަށްވެސް އެނގޭނެ ވިލާއިން ދައުވާކުރާ ޑަބްލިޔޫ އެލްޓީގެ މައްސަލައަކީ މައުމޫނުގެ ސަރުކާރުން އުފެއްދި އެއިމްސް ކިޔާ ސަރުކާރުގެ ކުންފުނިތަށް އެކުވެގެން ހިންގި ކުންފުންޏަކުން ޑަބްލިޔޫ އެލްޓީ އަށް ދިން ރަށްތަކަށް ދެއްކި އެޑްވާންސް ފައިސާ ހޯދުމަށް ދައުވާކޮށް އެފައިސާ ދިނުމަށް ދަށުކޯޓުން ހުކުމްކޮށްފައިވާކަން، އަދި އެމައްސަލަ ހިތްހަމަ ނުޖެހިގެން އެޕީލްކުރީކަން، އަދި އެއީ މުޅިން ތަފާތު ހިއްސާދާރުން ހިމެނޭ ޤާނޫނީ ވަކިޝަހުސެއްކަން، ޓޫރިޒަމް މިނިސްޓްރީގައި އެއްބަސްވެފައިވާ އެގްރީމެންޓުގައި އޮންނާނީ ސެޓެލްމަންޓުގެ ތެރޭގައި ހިމެނޭ ރަށްތަކާއި ފައިސާތަކާއި ބެހޭގޮތުން މައްސަލައެއް ކޯޓެއްގައި ނުހިންގޭނެކަމަށް، އެކަން އޮޅުވާލައިގެން ސަރުކާރުން ހަމަ ސިޔާސީ ބޭނުމަކަށް ޤާސިމް ނޮޅާލަނީ