މިފްކޯ މަސްފިހާރަ: މިހާރު ފޮޓޯ
28 މާޗް 2018 - 15:43
މި ރޯދަ މަހު ހުސްނުވެ ދަޅު މަސް ގަންނަން ލިބޭނެ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.
ރޯދަ މަހު މިފްކޯ އިން ދަޅުމަހުގެ ޑިމާންޑު ބޮޑުވެ ހުސްވެ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވެސް އެކަން ތަކުރާރުވި އެވެ.
މިފްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ލޯކަލް ސޭލްސް ހެޑް އަހުމަދު ހާޝިމް ވިދާޅުވީ ފެލިވަރާއި މާލޭގައި އެ ކުންފުނީގެ ސްޓޯރޭޖްތައް ގާއިމްކޮށްފައިވާއިރު ހުސްނުވެ ދަޅުމަސް ކަމަށެވެ.
މިފްކޯއިން މާލޭގައި މިހާރު ވަނީ 30،000 ކޭސް ދަޅު މަސް ރައްކާކުރެވޭ ވަރުގެ ގުދަނެއް ވެސް ހަދައިފަ އެވެ.
ހާޝިމް ވިދާޅުވީ ރޯދަ މަހާ ގުޅިގެން ހާއްސަ އަގުތަކެއްގައި މަސްވިއްކުމަށް ނިންމާފައިވާއިރު އެ މައުލޫމާތުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
އެކްސްޕޯޓް ކުރުމަށް މިފްކޯއިން މަސް ޕެކެޓް ކުރަން ފަށާފައިވާއިރު އޭގެ ފުރަތަމަ ޝިޕްމެންޓް މިއަދު ވަނީ އެމެރިކާ އަށް ފޮނުވާފަ އެވެ.
އެކްސްޕޯޓް ކުރުމަށް އުފައްދާ ޕެކެޓްކުރި މަސް--- ފޮޓޯ: ނިޝާން އަލީ/މިހާރު
މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ ޕެކެޓް ކުރަން ނިންމީ ގިނަ އަދަދެއްގެ މަސް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. ރާއްޖޭގެ މާކެޓަށް ވެސް ކުރިއަށް އޮތް ތަނުގައި ޕެކެޓްކުރި މަސް ވިއްކަން ފަށާނެ ކަމަށް އަދްލީ ވިދާޅުވި އެވެ.
ފިނިކުރި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އެކުންފުނިން އިސްކަން ދެނީ މަހުން އެކި ބާވަތްތައް ތައްޔާރުކޮށް އެކްސްޕޯޓް ކުރުމަށް ކަމަށްވެސް އަދްލީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
28 March 2018
ތިހެން ބުނާނެ. 10 ރޯދަ ނުނިމެނީސް ތިޔަ ކޭސްތައް ހުސްވާނެ.