ސިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން: 38 މިލިއަން ޑޮލަރުގެ ލޯނެއް ނުދައްކައިފި ނަމަ އެއްލައިދޫ މަނިކުގެ ތިން ތަނެއް ވިއްކާލުމުގެ ބާރު ބޭންކަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައި --ފޮޓޯ/މިހާރު
28 މާޗް 2018 - 16:29
މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) އާއި އިތުރު ބަޔަކު ގެރެންޓީ ދީގެން އަމިއްލަ ކުންފުންޏަކަށް ނަގާފައިވާ ދެ ލޯނަކަށް، 35 މިލިއަން ޑޮލަރު (552 މިލިއަން ރުފިޔާ) ނުދައްކައިފި ނަމަ، މަނިކަށް ސަރުކާރުން ދޫކޮށްފައިވާ ތިން ރަށެއް ވިއްކާލުމުގެ ހައްގު ބޭންކަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މާލޭ ބްރާންޗާއި އެސްބީއައި މޮރިސަސް ބްރާންޗުން ކުރިން ނަގާފައިވާ ދެ ލޯނަކަށް ގެރެންޓީ ދިނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނެއް ކަމަށްވާ މަނިކުގެ އިތުރުން މއ. ސިސިލްފަރު، މުހައްމަދު ޔޫސުފް މޫސާ އާއި މ. މުލީގޭ، އިބްރާހިމް މުހައްމަދު މަނިކެވެ.
އެ ދެ ލޯނުގެ ފައިސާ އަނބުރާ ހޯދަން އެސްބީއައި އިން ދައުވާ ކުރުމުން ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގަވާއިދުން އެ ލޯނު ނުދެއްކުމުގެ ސަބަބުން އިންޓްރެސްޓާއި ޖޫރިމަނާ ހިމެނޭ ގޮތަށް، އެ ދެ ލޯނަށް ޖުމްލަ 35 މިލިއަން ޑޮލަރު އަރާފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން 10 މަސް ތެރޭގައި އެ ފައިސާ އެސްބީއައި އަށް ދައްކައި، ނިންމުމަށް ގަސްވެލި އައިލެންޑްސް އާއި އެ ލޯނަށް ގެރެންޓީ ދިން ތިން ބޭފުޅުންގެ މައްޗަށް އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މުއްދަތުގައި ފައިސާ ނުދެއްކިއްޖެ ނަމަ، އެ ލޯނާ ގުޅިގެން ރަހުނު ކޮށްފައިވާ ގަސްވެލި އާއި ދެކުނު ބޮޑުވެލި އަދި ކުޑަ އުސްފުށީގެ ލީސް ހޯލްޑް ރައިޓްސް ވިއްކާލުމުގެ ހުއްދަ އެސްބީއައި އަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެ އެވެ. ރަހުނު ކޮށްފައިވާ ތިން ރަށަކީ މުހައްމަދު މަނިކަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ތިން ރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނިބޯ
29 March 2018
ސަހަލު އެކަކު އެބަހުރި.
އަހުމަދު ސަލީމް
29 March 2018
ގެއްލިއްޖެ ރަށަކީ އަނބުރާ ލިބޭނެ އެއްޗެއްނޫނެވެ. އަބުރުގެ ވާހަކަ އަދި އޮތްތާ ބާއްވާށެވެ. އަދުރޭ އާ ގުޅާލަނިކޮށް ތިކަން މެޑަމް ކޭމްޕުން ހަމަޖެހޭނެ، އިންޝާﷲ! މަނިކު ހާސްނުވޭ! ޅިޔަނު އެހުރީނު! ކަމެއް ވެގެންތާ ނަސަންދުރައިގަ ރިޔާސީ ގޭސްގަނޑު އެބުރީ، ދެއްތޮ؟
އުމަރު
29 March 2018
ތިޔަލޯނު އެސްބީއައިއަށް އަވަހަށްދީ، ތިޔަކަހަލަ މައްސަލަތަކުގެ ސަބަބުން އެތަނުން މިހާރު ލޯނުދިން މަދުކޮށްފި، ތިޔަ ހަބަރާއި އެކުގައި ތިޔަ މައްސަލަ ދެން ކުރިއަށްނުދާނެ
ހެހެ
29 March 2018
ވަރަށް މޮޅު ގޮތެއް ތީ. ރާއްޖޭގެ ފަޅުރަށެއް ބޭންކަށް ދައްކާފަ ލޯނު ނެގުމަށްފަހު ލޯނު ނުދެއްކީމަ ރަށް ވިއްކާލަނީ. ލޯނު ނެގި މީހާއަށް ކީއް. އެއްވެސް ކަމަކާ ނުލާ އޭނައަށް 32 މިލިއަން ޑޮލަރު ލިބުނީނު.
ބަރާބަރު
29 March 2018
މިވަރުގެ އިލްމީ ކޮމެންޓެއް މީންދުވަހަކުވެސް ނުދެކެން. ކުޅިގަނޑު ކުޅޭގޮތް ވަރަށް ސަރީހަ ބަހުން ކުރުކޮށް ތިޔަ ތިލަކޮށްދިނީ. މިހާރު ވިސްނަންބޭނުން މީހާއަށް އެގޭނެ. "އެއްވެސް ކަމަކާ ނުލާ 32 މިލިޔަން ޑޮލަރު ލިބުނީ" މިހާރުގެ މިލިޔުން ސަރަހަކުރުމުގެ ލާމަސީލު ޖުމްލައެއް.
އެހާރާއި މިހާރު
29 March 2018
ލޮލް. އެއްވެސް ކަމަކާ ނުލާ 32 މިލިއަން ޑޮލަރު ލިބުނީއޯ. ހެހެހެހެ
ފޮނިޓައްޕު ހަސަނު
29 March 2018
މިސަރުކާރު އޮއްވަކާ ތިކަމެއް ނުވާނެ.
ރައްޔަތުމީހާ
29 March 2018
ތީހަމަ މުޅިންވެސް ޑްރާމާ. ހަމަ ހަމަ ކަން ދައްކަން މީހުންގެ ލޮލުގަ އަޅުވާ އަނދުން. ތީންއެއްވެސް ކަމެއް ދެންވާގޮތެއް ނޭގޭނެ. ހަމަ ރޮހިންޔާ ފަންޑަށްވީހެން ވާނީ. ނޫހުގެ ފަލަ ސުރުޚީތަކަށް އަރުވާނެ. އަދުރޭގެ 2 ފްލެޓްގެ މައްސަލަވެސް އެބަ ބަލައެންނު. ވާނުވާއެއްނޭގޭނެ. ތީހަމަ ތިކަންކަން ސާފު ހުދު ފޮއްޗަށް ހަދަން ގަންނަގަނޑު.
ޑިމޮކްރަޓިސްޓް
29 March 2018
އަވަހަށް އިދިކޮޅާގުޅޭދެން.. ތިކަހަލަ މީހުންނަށް އޮތް ބައިގަނޑެއް އޮންނާނެ..
ޔާލު
29 March 2018
ކޮންމެވެސް ގޮތަކުން ތިފައިސާ ލިބޭނޭގޮތް ސަރުކާރުން ހަދާދޭނެ.
ކޮޅުފުށި މީހާ
29 March 2018
ތި ބިސް މަނިކަކާހެދި އެ ތިންރަށް ނުހެދި ދިގުލައިގެން އެ ދަނީ. ހަދާކަށް ނޫޅޭ، ވިއްކާލާކަށް ނޫނީ ބަޔަކަށް ކުއްޔަށް ދޭކަށް ނޫޅޭ
އަތޮޅު ދަރިއެއް
29 March 2018
ތިކަން ކުރަން ލަސްވެސް ވެއްޖެ