ޚިޔާލު / ދީން

އެއްބައިވަންތަކަން ދެމެހެއްޓުމުގައި މާތް ނަބިއްޔާގެ މަންހަޖު

މި އަހަރުގެ ކިޔެވުން ފެށުނު ދުވަހު އަމީނިއްޔާގެ ދަރިވަރުންތަކެއް އެސެމްބްލީގައި: އެންމެ ޅަފަތުން ފެށިގެން ގައުމީ އެއްބައިވަންތަކަމާއި އާއިލީ އެއްބައިވަންތަކަމުގެ އިތުރުން އިޖްތިމާއީ އެއްބައިވަންތަކަމަށް ދަރިވަރުން އަހުލުވެރި ކުރަންޖެހޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޑރ. ސަޢުދުﷲ ޢަލީ

30 މާޗް 2018 - 08:23

2 comments

ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ އަކީ މުސްލިމުންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރިހަމަ ނަމޫނާ އެވެ. ﷲ ގެ ރުހިވޮޑިގަތުމާއި އާޚިރަތް ކާމިޔާބު ކުރަން އެދޭ މީހަކަށް އެންމެ ރަނގަޅު ނަމޫނާއެއް ކަމުގައި އެކަލޭގެފާނު ވާކަން ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފަ އެވެ.

މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ގޮތުގެ ނަމޫނާ ވެސް އެކަލޭގެފާނު ވަނީ ދައްކަވާފައެވެ. މިގޮތުން އެކަލޭގެފާނު އިސްލާމީ އުންމަތް އެއްބައިވަންތަ ކުރެއްވިއެވެ. ތަފާތު ވަސީލަތްތަކުގެ ބޭނުން ހިއްޕަވައިގެންނެވެ.

މި ގޮތުން ފާހަގަ ކުރެވޭ އެންމެ ފުރަތަމަ ކަމަކީ އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގެ ހަރުދަނާ ކަން ދެމެހެއްޓެވުމެވެ. އަދި އެކަލޭގެފާނު އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެ މަސްއޫލިއްޔަތު އަދާ ކުރެއްވުމެވެ.

އެކަލޭގެފާނު ކުރެއްވެވި ކަންކަމުގެ ތެރޭގައި ބާޠިލު އިލާހުންތަކާ މެދު މީސްތަކުންގެ ހިތްތަކުގައި އޮތް ޢަޤީދާ ބަދަލު ކުރައްވައި ތަވްޙީދުގެ މަތިވެރި ޢަޤީދާ ސާބިތު ކޮށްދެއްވިއެވެ. އީމާންތެރިކަމުގެ ނޫރު މީސްތަކުންގެ ހިތްތަކަށް ފޯރުވައި ދެއްވިއެވެ. އަދި މި އީމާންތެރިކަން ދާއިމަށް ދެމިގެންދިއުން ކަށަވަރު ކުރެވޭނެ ޢިބާދާތުތައް ދަސްކޮށްދެއްވިއެވެ. މީސްތަކުންގެ ހިތްތައް ނުބައި ސިފަތަކުން ޠާހިރު ކޮށްދެއްވި އެވެ.

ރިވެތި އަޚްލާޤާއި މާތް ސިފަތައް އުނގަންނައި ދެއްވިއެވެ. ދެކޮޅުވެރިވުމާއި ދެބަސްވުމާއި އަރާރުންތައް އެއީ ނުބައި ސިފަތަކެއްކަން ހާމަކޮށްދެއްވި އެވެ. އަދި ބޮޑާކަމާއި ޙަސަދަވެރިކަމުގެ ބަދަލުގައި އުޚުއްވަތްތެރިކަމާއި ލޯތްބާއި ހަމަހަމަކަން އެއީ މާތް ސިފަތަކެއްކަން ބަޔާންކޮށްދެއްވި އެވެ.

ދެ ވަނަ ކަމަކީ އިންސާނުންގެ ތަބީއަތް ހާމަކޮށްދެއްވުމާއި އިންސާނާ ހެޔޮ ގޮތުގައި ތަރުބިޔަތު ނުވެއްޖެ ނަމަ ލިބޭނެ ގެއްލުންތަކާ މެދު މުސްލިމުން ހޭލުންތެރި ކުރެއްވުމެވެ. މިގޮތުން އިންސާނުންނަކީ މާތްﷲ ގެ ޤުދުރަތްތެރިކަމާއި އެކަލާނގެ ރަޙުމަތާ ނުލާ އެއްވެސް އާރެއް ބާރެއް ނެތް ބައެއްކަން ހާމަކޮށްދެއްވިއެވެ. އަދި އަމިއްލަ ނަފްސަށް ފަޚުރުވެރިވެ ބޮޑާވެއްޖެ މީހަކަށް ހުރީ ގެއްލުމާއި ހަލާކުކަން ވިސްނައިދެއްވި އެވެ. އޭގެ ބަދަލުގައި މާތްﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެންމެން އެކުގައި އެކަލާނގެ އެންގެވި ގޮތުގައި ހިފަހައްޓައިގެން ތިބެއްޖެ ނަމަ އެއީ ކާމިޔާބުވުމުގެ މަގުކަން ކަށަވަރު ކޮށްދެއްވިއެވެ.

ތިންވަނަ ކަމަކީ މުސްލިމުން އެއްބައިވަންތަވާން އެކަލޭގެފާނު އިރުޝާދު ދެއްވައި ނަސޭހަތްތެރި ވުމެވެ. މާތްﷲ ގެ މަގުގައި އެންމެން އެކުގައި ހިފަހައްޓައިގެން ތިބުމަށާއި ވަކިވަކިވެގެން ނުދިއުމަށް ކީރިތި ޤުރުއާނުގައި (އާލް ޢިމްރާން ސޫރަތުގެ 103 ވަނަ އާޔަތުގައި) ﷲ އަންގަވާފައިވާ އެންގެވުން މީސްތަކުންނަށް ތަކުރާރުކޮށް ބަޔާންކޮށްދެއްވި އެވެ. ﷲ ގެ މަދަދާއި އެހީ ލިބިގެންވަނީ ޖަމާއަތާ އެކުގައި ކަން ބަޔާން ކުރެއްވި އެވެ.

ހަތަރުވަނަ ކަމަކީ ދުނިޔަވީ ހަޔާތަށް ވުރެ ބޮޑަށް އުޚްރަވީ ހަޔާތަށް އިސްކަން ދިނުމަށް މުސްލިމުން ހޭނުވުމެވެ. ދުނިޔޭގެ ޒީނަތްތެރިކަމާއި އުފަލާއި އަރާމު އެއީ އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަމާ އަޅާބަލާއިރު އެއްވެސް އަގެއް ހުރި އެއްޗެއް ނޫންކަން ވިސްނައިދެއްވިއެވެ.

މިވިސްނުން އިންސާނާއަށް ލިބިއްޖެ ނަމަ އޭނާގެ އިންސާނިއްޔަތުކަން އުފުލިގެންދާނެ އެވެ. ތިމާފަދަ އެހެން އިންސާނުންނާ މެދު ހިތުގައި ލޯބި އުފެދި ވަފާތެރިވުމުގެ ރޫޙު އަށަގަންނާނެ އެވެ. މި ވިސްނުމާއެކު ދެން އެކަލޭގެފާނު އުނގަންނައި ދެއްވީ އުޚްރަވީ ހަޔާތުގެ ނިޢުމަތްތަކެވެ. އަދި އެނިޢުމަތްތައް ލިބިގަތުމަށް އެކަކު އަނެކަކަށް އެހީތެރިވުމާ އެކު ވާދަވެރިކަމުގައި މަސައްކަތް ކުރުމުގެ މުހިންމު ކަމެވެ.

އުންމަތް އެއްބައިވަންތަ ކުރެއްވުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ކުރެއްވެވި ކަންކަމުގެ ތެރެއިން ފަސްވަނަ ކަމަކީ ވަޠަނީ ލޯބި ދީނީ ލޯތްބާ ގުޅުވާލެއްވުމެވެ. އެމީހެއްގެ އަމިއްލަ ވަޠަން ދެކެ ލޯބިވުމަކީ އީމާންތެރިކަމާ ގުޅުން ހުރި ކަމެއް ކަމުގައި އެކަލޭގެފާނު ބެއްލެވިއެވެ. މިކަމަށްޓަކައި އެކަލޭގެފާނު އުންމަތުގެ އެންމެން އެ އުންމަތުގެ އަގުހުރި ކަންކަން ދިފާޢު ކުރުމުގައި އެއްބައިވެ އެކަތިގަނޑަކަށް ވެގެން ތިބުމަށް އިލްތިމާސް ކުރެއްވިއެވެ.

އެއް މުސްލިމަކު އަނެއް މުސްލިމަކާ އޮންނަ ގުޅުމަކީ ބިނާއެއްގެ އެއްބަޔާ އަނެއްބައި ގުޅުވައި ވަރުގަދަ ކުރުން ފަދަ ކަމެއްކަން ވިސްނައިދެއްވިއެވެ. މިފަދައިން އެކަތިގަނޑަކަށް ނުވާނަމަ ޢުދުވާނީ އެއްވެސް ހަމަލާ އަކުން ސަލާމަތްވާން އުނދަގޫވާނެކަން ބަޔާން ކުރެއްވިއެވެ. އަދި އެފަދަ ދަށު ހާލަތަކަށް ގޮސްފިނަމަ އެއީ މާތްﷲ ގެ ރުހިވޮޑިގަތުމުން މަޙްރޫމްވާނެ ކަމެއްކަމާއި އާޚިރުގައި އެއީ ތިމާގެ އީމާންތެރިކަން ދަށްވެގެން ދިއުންކަން ވެސް ހާމަކޮށްދެއްވި އެވެ.

ހަވަނަ ކަމަކީ، ޢަމަލީ ގޮތުން އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވައިގެން އިސްލާމީ އުންމަތަކީ ﷲ އަށް ފުރިހަމަ ގޮތުގައި އީމާންވާ ކިޔަމަންތެރި ބައެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތްޕުޅު ކުރެއްވުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ އަޞްޙާބުން ދުނިޔެއަށްޓަކައި މަސައްކަތް ކުރެއްވީ ދުނިޔެއަކީ އަބަދު އެތަނުގައި ތިބޭނެ ތަނެއް ކަމުގައި ބައްލަވައިގެންނެވެ. އަދި އާޚިރަތަށްޓަކައި މަސައްކަތް ކުރެއްވީ މާދަމާ ވެސް މަރުވާނެ ބައެއް ކަމަށް ބައްލަވައިގެންނެވެ.

ކީރިތި ރަސޫލާގެ ތަރުބަވީ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން މިފަދަ އެއްބައިވަންތަ އުންމަތަކަށް މުސްލިމުން ވީހިނދު މިއަދުވެސް މުސްލިމުންނަކީ އެއްބައެއް ކަމުގައިވާން ޖެހޭނެ އެވެ. އިސްލާމީ ވަޙުދަތަކީ ހަގީގަތަށް ބަލާނަމަ އިސްލާމީ އުޚުއްވަތްތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެންކަމުން އެއްވެސް ބާވަތެއްގެ ތަޢައްޞުބެއް މުސްލިމް ޖަމާޢަތުގެ ތެރޭގައި އޮވެގެން ނުވާނެއެވެ.

މީހެއްގެ ކުލައެއް ނުވަތަ ޖިންސެއް ނުވަތަ ވާހަކަދައްކާ ބަހެއް، ނުވަތަ ހަސަބެއް ނުވަތަ ތަބާވާ މަޒުހަބެއް މިއިން އެއްވެސް އެއްޗަކީ އެއަށް ތަޢައްޞުބުވާން ޖެހޭ އެއްޗެއް ނޫނެވެ. ސަބަބަކީ އެހުރިހާ ކަމެއްގެ ކުރިއަށް އިސްލާމީ ވަޙުދަތު ނެރެން ޖެހޭތީ އެވެ. އިސްލާމީ އުޚުއްވަތްތެރިކަން ދަމަހައްޓަން ޖެހޭތީއެވެ.

ކީރިތި ރަސޫލާ ހަދީސް ކުރައްވާފައި ވެއެވެ. "ތަޢައްޞުބުވުމަށް ގޮވާލާ މީހަކީ ތިމަންމެންގެ ތެރެއިން ހިމެނޭ މީހެއް ނޫނެވެ. އަދި ތަޢައްޞުބުގެ މަތީ ހަނގުރާމަކޮށް ތަޅާފޮޅާ މީހަކީ ތިމަންމެންގެ ތެރެއިން ހިމެނޭ މީހެއް ނޫނެވެ. އަދި ތަޢައްޞުބުކަންމަތީ މަރުވެދާ މީހަކީ ތިމަންމެންގެ ތެރެއިން ހިމެނޭ މީހެއް ނޫނެވެ."

ކުރިން ވެސް އިޝާރާތް ކުރި ފަދައިން ކީރިތި ޤުރުއާނުގައި ﷲ އަންގަވަނީ ބައިބައިވެ ނުދިއުމަށެވެ. އެހެންވެ މި މަގުސަދު ހާސިލު ކުރުމަށްޓަކައި ޢަދުއްވުންގެ މަކަރުވެރި ރޭވުންތަކުގެ ތެރެއަށް ނުވަނުމަށް ވެސް އަންގަވައެވެ. ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބިގެންވާ މީހުންގެ ތެރެއިން ބަޔަކަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ އީމާންކަމަށް ފަހު، ކާފިރުން ކަމުގައި، އެބައިމީހުން ތިޔަބައިމީހުން ރައްދުކޮށްފާނެ އެވެ." (އާލް ޢިމްރާން 100)

ދެން އޮތް އާޔަތްތަކުގައި ﷲ ބަޔާން ކުރައްވަނީ ﷲ ގެ ރައްކާތެރިކަން ލިބިގެންފިމީހާއަށް ސީދާވެގެންވާ މަގުފެނިއްޖެ ކަމަށެވެ. އެހެންވެ ތަޤުވާވެރިވުމަށާއި މުސްލިމުންގެ ގޮތުގައި ތިބެ މެނުވީ މަރުވެގެން ނުދިއުމަށާއި ﷲ ގެ ރައްކާތެރިކަން އެންމެން އެކުގައި ލިބިގަނެ (އެބަހީ ﷲ އެންގެވި ގޮތުގައި އެންމެން ހިފަހައްޓައި) ވަކިވަކިވެ ނުދިއުމަށް އެކަލާނގެ އަންގަވައެވެ.

މިމޭރުމުން ގޮސް ބައިބައިވުމުގެ ހުރި ގެއްލުމުގެ ވާހަކަވެސް ﷲ ބަޔާން ކުރައްވާފައި ވެއެވެ. އެހެންނަމަވެސް މިކަން ބަޔާން ކުރެއްވުމުގެ ކުރިން، "ހެޔޮ ކަންތަކަށް އަމުރު ކޮށް ނުބައި ކަންތައް ނަހީކޮށް ހެޔޮކަމުގެ މަގަށް ގޮވައި އުޅޭ ބަޔަކު" އުންމަތުގެ ތެރެއިން ވުމަށް އަންގަވާފައި ވެއެވެ.

މިއިން ދޭހަވާ ފުން މާނައަކީ އުންމަތުގެ ވަޙުދަތު ހިފަހައްޓާ އެންމެ މުހިންމު އެއްޗަކީ އެންމެން އެ އެއްޗެއްގައި ހިފަހައްޓައިގެން ތިބެންޖެހޭ ވަރުގަދަ މަންހަޖެއް އާދެ، މާތްﷲ ގެ މަންހަޖު އޮތުމާއި، އެމަންހަޖު ތަންފީޒު ކުރުމަށް އެކަކު އަނެކަކަށް ހަނދާންކޮށްދިނުމާއި އެ މަންހަޖު ތަންފީޒު ކުރުމެވެ. އެހެންކަމުން އެ މަންހަޖު ދޫކޮށްލައިފި ނަމަ އުންމަތުގެ ވަޙުދަތު ގެއްލޭނެ ކަން ކަށަވަރެވެ.

ވީމާ، ޖަމާއަތެއްގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް ލިބޭނެ އެންމެ ވަރުގަދަ ހަތިޔާރު ﷲ ގެ ހެޔޮ ރަހުމަތާ އެކު މުސްލިމުންނަށް ލިބިފައި ވެއެވެ. ނަމަވެސް އެކަން ވެވޭނީ ވަހުދަތު ގެއްލިގެންދާ ފަދަ އެހެން ކަންކަމުން ދުރުހެލިވެގެންނެވެ. މިގޮތުން މުސްލިމް ޖަމާއަތެއްގެ ތެރޭގައި ވާހަކަ ދައްކާ ބަހުގެ ގޮތުންނާއި، ތަބާވާ މަޒުހަބުގެ ގޮތުންނާއި ދުނިޔަވީ ކަންކަމުގައި ތާއީދު ކުރާ ފިކުރުގެ ގޮތުން ތަފާތުތައް ހުރުން ފަދަ ކަންކަން އެއީ އުންމަތުގެ ވަހުދަތު ގެއްލުވާލާ ކަންކަމަށް ވެގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ކީރިތި ރަސޫލާ އުފެއްދެވި ވަހުދަތު ދެމެހެއްޓުމަށް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލައިގެން އެންމެހާ މުސްލިމުން މަސައްކަތް ކުރަން ޖެހޭނެ އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން ބަބުރު ސޮރު

30 March 2018

ދިވެހި ޒުވާބުންނާކީ އާދަޔާޚިލާފަށް ގިނައިން ކެއުމަށް ދެވިހިފުމުގެ ސަބަބުން ފޮއްސިވެފައި ތިބިބައެއް ވީމާ ކާއެއްޗެހި ލިބޭތަނެއް ހުޅުވުމުގެ ކުރީން ކިއު ޖެހުމަކީ ހައެރާންވީ ކަމެއްނޫން.

The name is already taken The name is available. Register?

ޖަލީލު

30 March 2018

ސަރުކާރުން މި މަންހަޖު ތަންފީޒުކުރަން ވަރަށް މަސައްކަިތް ކުރޭ. އެ ގޮތުން ޕާޓީ ޖަލްސާ ތަކަށް ދިޔުމަކީ ދީނި ވާޖިބެއް ކަމުގައި ބުނުމާއި އިސްލާމް ދިނުގެ ދިފާއުގައި ވަކި މީހަކަށް ވޯޓުލުމަކި ވާޖިބެއްކަމުގައި ބުނުމާއި އިދިކޮޅު ހަރަކާތްތަކަށް ނިކުންނާނީ ދީނުގެ އަދުއްވުންކަމަށް ބުނެ މީހުން ދީނީގޮތުން ހެލުންތެރި ކުރުވާ. އެވަރުންވެސް މީހުން އެ ކިޔަނީ ދީން ހަތިޔާރަކަށް ހަދަނިއްޔޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454