ވިޔަފާރި / ރިސޯޓްތައް

ހޮޓެލިއާ މޯޑިވްސް: ރިސޯޓުތަކަށް މައުލޫމާތު ފޯރުކޮށްދޭ ބައިވެރިޔާ

ހޮޓެލިއާ މޯލްޑިވްސް މެގަޒިންގެ ކަވަ ފޮޓޯއެއް: މިއީ ޓޫރިޒަމް އިންޑަސްޓްރީއަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދޭ މަޖައްލާއެއް

03 އެޕްރީލް 2018 - 11:17

"ހޮޓެލިއާ މޯލްޑިވްސް" މަޖައްލާއަކީ މިހާރު ރިސޯޓުތަކަށް އާ ނަމަކަށް ނުވާނެ އެވެ. އެ މަޖައްލާ ރާއްޖޭގެ ހުރިހާ ރިސޯޓުތަކުގެ އިސް ވެރިންނާ ހަމައަށް ފޯރުކޮށްދެ އެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ މަޖައްލާ ވެފައި ވަނީ ރިސޯޓުތަކަށް މައުލޫމާތު ފޯރުކޮށްދޭ ވަރަށް މުހިންމު ބައިވެރިއަކަށެވެ.

ޕާސްޕެކްޓިވް ޕްރައިވެޓް ލިމިޓެޑުން ޖެނުއަރީ 2014 އިން ފެށިގެން ޝާއިއުކުރަމުން އަންނަ މި މަޖައްލާ ވޭތުވެދިޔަ ހަތަރު އަހަރު ނެރުނީ ކޮންމެ ދެ މަހުން އެއްމަހު އެވެ. ނަމަވެސް މިދިޔަ ޖެނުއަރީން ފެށިގެން އަންނަނީ ކޮންމެ މަހަކު އެއް ފަހަރު ޝާއިއުކުރަމުންނެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ބެހޭ އެންމެ ފުރިހަމަ މައުލޫމާތު އިނގިރޭސި ބަހުން ގެނެސްދޭ އެއް މަޖައްލާ އެވެ. މި މަޖައްލާގެ މަގުބޫލުކަން އިންޑަސްޓްރީގައި އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

ހޮޓެލިއާ މޯލްޑިވްސް މަޖައްލާގެ އިތުރުން އެ މަޖައްލާގެ ވެބްސައިޓް މެދުވެރިކޮށް 2015 ވަނަ އަހަރުން ފެށިގެން ކޮންމެ ދުވަހަކު އަންނަނީ ކިޔުންތެރިންނަށް ތާޒާ ހަބަރުތައް ގެނެސްދެމުންނެވެ.

އެ މަޖައްލާއަކީ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ނެރޭ މަޖައްލާއަކަށް ވުރެ، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށާއި ރިސޯޓުތައް ތަރައްގީކޮށް ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން އިނގިރޭސި ބަހުން ރާއްޖޭގައި ޝާއިއު ކުރާ ހަމައެކަނި މަޖައްލާއެކެވެ.

ރާއްޖޭގައި މިވަގުތު އިނގިރޭސި ބަހުން ޓޫރިޒަމް އިންޑަސްޓްރީއާ ބެހޭ އެކި ނަންނަމުގައި މަޖައްލާތައް އެބަ ޝާއިއުކުރެ އެވެ. ނަމަވެސް މިއީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށާއި ރިސޯޓުތައް ތަރައްގީކޮށް ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ނެރޭ މަޖައްލާއަކަށް ވުމުން މިއީ ރިސޯޓް ސަޕްލައިކުރާ ކުންފުނިތަކަށް ވެސް އިސްތިހާރުކުރަން އެންމެ ރަނގަޅު އެއް ޕްލެޓްފޯމެވެ. މި މަޖައްލާގެ ކޮންމެ އަދަދެއްގެ ދިހަ ކޮޕީ ކޮންމެ ރިސޯޓަކަށް ފޯރުކޮށްދެ އެވެ. އަދި އެ ކޮޕީތައް ޖެނެރަލް މެނޭޖަރަށާއި ފުޑް އެންޑް ބެވެރޭޖް މެނޭޖަރަށާއި ޕާޗޭސިން މެނޭޖަރަށް އަދި މިނޫންވެސް ހެޑް އޮފް ޑިޕާޓްމަންޓުންނަށް ވަކިވަކިން އެޑްރެސް ކޮށްގެން ފޮނުވަ އެވެ.

ހޮޓެލިއާ މޯލްޑިވްސް މަޖައްލާ ނެރޭ ކުންފުނިން އަންނަނީ އެ މަޖައްލާ ފޯރުކޮށްދެވޭ ގޮތާއި ވާސިލްވާ މިންވަރު ގަވައިދުން މޮނިޓާކުރަމުންނެވެ. އެގޮތުން އެ މަޖައްލާއަކީ މިހާތަނަށް ރާއްޖޭގައި "ސާކިއުލޭޝަން އޮޑިޓް" ވެސް ކުރެވޭ ހަމައެކަނި މަޖައްލާ އެވެ. އެ އޮޑިޓްކުރުން ހަވާލުކޮށްފައި ވަނީ ބައިނަލްއަގުވާމީ އޮޑިޓް ކުންފުންޏެއް ކަމަށްވާ ކޭޕީއެމްޖީއާ އެވެ.

"މި ގޮތުން މަޖައްލާގެ ކޮންމެ އަދަދެއް ވެސް ޗާޕުވުމުން، އޮޑިޓަރުން އެތަކެތި ގުނާނެ. އަދި މަޖައްލާ ބަހާ ނިމުމުން އެތަކެތި ރައްދުވީ މީހުން ވެސް ބަލާ މިއީ މަޖައްލާގައި އިޝްތިހާރު ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފައިދާއަކާއި ހިތްހަމަޖެހުމަކަށް ވާނެ. ސަބަބަކީ، އެ ފަރާތްތަކުގެ އިޝްތިހާރު ފެންނަނީ ކޮން ބަޔަކަށް ކިހާ މިންވަރަކަށް ކަން ވަރަށް ޔަގީންކަމާ އެކު އަންދާޒާ ކޮށްލެވޭތީ،" ޕާސްޕެކްޓިވް މޯލްޑިވްސް އިން ބުންޏެވެ.

ހޮޓެލިއާ މޯލްޑިވްސް މަޖައްލާގަ އާއި ވެބްސައިޓް އަދި އެ މަޖައްލާގެ ސޯޝަލް މީޑިއާ ޗެނަލްތަކުގައި އިސްތިހާރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވަނީ 150 އަށް ވުރެ ގިނަ ސަޕްލަޔަރުންގެ 750 އަށް ވުރެ ގިނަ އިޝްތިހާރު ކެމްޕެއިން ހިންގައިފަ އެވެ. އަދި އެ މަޖައްލާގައި އިސްތިހާރުކުރާ ވިޔަފާރިތަކަށް ރިސޯޓުތަކުން ލިބޭ ތަރުހީބު ބޮޑުވަމުން އަންނަ ކަމަށް ބައެއް ކުންފުނިތަކުން ފާޅުކުރަމުން އަންނަ ޝުއޫރުން ވެސް އެނގެ އެވެ.

އެ މަޖައްލާގައި އިސްތިހާރުކުރާ ޗައިނާގެ އެލްވީ ޓޮންގް ކުންފުނީގެ ސޭލްސް މެނޭޖަރު ވިދާޅުވީ އެ ކުންފުނިން ހޮޓެލިއާ މޯލްޑިވްސްގައި އިސްތިހާރުކުރާތާ ހަތަރު އަހަރު ވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެން ފެށީ ހޮޓެލިއާގެ ތިން ވަނަ މަޖައްލާގައި. އިޝްތިހާރުކުރުމާ އެކު ވަރަށް ގިނަ ރިސޯޓުތަކުން ގުޅަން ފެށި. މިހާރު އަޅުގަނޑުމެން ފަސްދޮޅޮސް ރިސޯޓަށް އެބަ ސަޕްލައިކުރަން. އަލަށް ހުޅުވަން އުޅޭ ރިސޯޓުތައް ވެސް އަޅުގަނޑުމެންގެ ބަގީ މިހާރު އެބަ ބޭނުންކުރޭ،" އޭނާ ވިދާޅުވި އެވެ.

އެ މަޖައްލާގައި އިސްތިހާރުކުރާ ޕެސްޓެކްސް މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިލްޔާސް އަބްދުލް މަޖީދު ވިދާޅުވީ ހޮޓެލިއާ މެގަޒިން އިހްތިޔާރުކުރީ މާނަ ފުން ގޮތެއްގައި އެ ކުންފުނީގެ ޓާގެޓް އޯޑިއަންސްއަށް ވާސިލްވުމަށްޓަކައި ކަމަށެވެ.

އޭގެ އިތުރުން ހުރަވަޅި އައިލެންޑް ރިސޯޓްގެ ޕާޗޭސިން މެނޭޖަރު ސުރޭޝް ކުމާރު ވިދާޅުވީ އެ ރިސޯޓަށް ވެސް ހޮޓެލިއާ މޯލްޑިވްސް އާންމުކޮށް ގެންދެ އެވެ. އެކި ޕްރޮޑަކްޓްތަކާއި ސަޕްލަޔަރުންނާ ބެހޭ ވަރަށް ބައިވަރު މައުލޫމާތު އެ މަޖައްލާއިން ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފަދަ މެގަޒިންއެއް ރާއްޖޭގައި ޝާއިއުކުރާތީ ހޮޓެލިއާ މޯލްޑިވްސްގެ ޓީމަށް ޝުކުރުކުރަން،" ސުރޭޝް ވިދާޅުވި އެވެ.

ހޮޓެލިއާ މޯލްޑިވްސް އިން 2016 ވަނަ އަހަރު ބޭއްވި ފުރަތަމަ ޖެނެރަލް މެނޭޖާސް ކޮންފަރެންސްގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން. ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ޓޫރިޒަމް އިންޑަސްޓްރީގައި އެ މަޖައްލާގެ މަގުބޫލްކަން ބޮޑުވުމާ އެކު، ހޮޓެލިއާ މޯލްޑިވްސް އިން އަންނަނީ ކޮންމެ އަހަރަކު އެއްފަހަރު ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނަށް ހާއްސަކޮށްގެން ކޮންފަރެންސެއް ވެސް ބާއްވަމުންނެވެ. އެގޮތުން 'ހޮޓެލިއާ މޯލްޑިވްސް ޖީއެމް ފޯރަމް"ގެ ނަމުގައި 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ އެ އިވެންޓަށް އިންޑަސްޓްރީން ވަރަށް ބޮޑު ތަރުހީބެއް ލިބެ އެވެ.

އެއް ދުވަހުގެ މުއްދަތަށް ބާއްވާ އެ އިވެންޓުގައި އިންޑަސްޓްރީގެ ފުންނާބު އުސް ފަރާތްތަކާއި ތަޖުރިބާކާރު ފަރާތްތައް ވާހަކަދެއްކުމާއި ޕެނަލް ޑިސްކަޝަންތަކުގައި އެކިއެކި ބަހުސްތަކާއި މަޝްވަރާ ކުރެވެ އެވެ. މިގޮތުން ތިން ވަނަ ޖީއެމް ފޯރަމް މި މަހުގެ 18ގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ރިސޯޓުތަކުގެ ޖެނެރަލް މަނޭޖަރުންގެ އިތުރުން، ރިސޯޓު އޯނަރުންނާއި، ރިސޯޓު ތަރައްގީކޮށް ހިންގާ ފަރާތްތައް ވެސް ދަނީ ބައިވެރި ވަމުންނެވެ.

ހޮޓެލިއާ މޯލްޑިވްސްގެ ޝައުގުވެރިކަން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި ރިސޯޓު ސަޕްލަޔަރުންގެ މެދުގައި ބޮޑުވަމުން ދިޔުމާ އެކު، މަޖައްލާ ނެރޭ ކުންފުނި ޕާސްޕެކްޓިވް ޕްރައިވެޓް ލިމިޓެޑުން އަންނަނީ އާ އުފެއްދުންތަކެއް މާކެޓަށް ނެރެން ތައްޔާރުވަމުންނެވެ. އެ ގޮތުން ރިސޯޓުތަކަށް ސަޕްލައި ކުރާ ފަރާތްތަކުގެ މައުލޫމާތު ހިމަނައިގެން އަހަރަކު އެއް ފަހަރު ޝާއިއުކުރާ ހޮޓެލް ސަޕްލަޔަރުންގެ ޑައިރެކްޓަރީއަކާއި ޓޫރިސްޓުންނަށް ރާއްޖެ އިޝްތިހާރުކޮށް އަދި ރާއްޖެއާ ބެހޭ އެކި ކަހަލަ މައުލޫމާތު ފޯރުކޮށްދިނުމަށް އަހަރަކު ދެ ފަހަރު ޝާއިއުކުރާނެ މަޖައްލާއެއް މި އަހަރުގެ ތެރޭގައި ލޯންޗު ކުރުމަށް ހަމަޖައްސާފައިވެ އެވެ.

އެ މަޖައްލާއިން އަންނަނީ އޭގެ އިތުރުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރު ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ވެސް މި އަހަރުގެ ތެރޭގައި ތައާރަފްކުރުމަށް ތައްޔާރު ވަމުންނެވެ.

ހޮޓެލިއާ މޯލްޑިވްސް މަޖައްލާއަކީ ޓޫރިޒަމް އިންޑަސްޓްރީއަށް މުހިއްމު އެތައް މައުލޫމާތެއް ފޯރުކޮށްދޭ ވަރަށް މުހިންމު ބައިވެރިއެކެވެ. އޭގެ ފައިދާ އިންޑަސްޓްރީއަށާއި އިސްތިހާރުކުރާ ފަރާތްތަކަށް ވެސް އަންނަނީ ލިބެމުންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454