07 އެޕްރީލް 2018 - 09:14
މެންޗެސްޓާ (އޭޕްރީލް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު މެންޗެސްޓާ ސިޓީ އަށް އޮތްއިރު، އެ ޓީމުން މުބާރާތުގެ ތަށި އުފުލާ މަންޒަރު ބަލަން ހުންނަން ކެރޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 84 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑް އޮތީ ސިޓީ އަށް ވުރެ 16 ޕޮއިންޓް ފަހަތުގައި 68 ޕޮއިންޓާ އެކު އެވެ. ލީގުގައި ބާކީ ސިޓީ އަށް އޮތް ހަތް މެޗުން ޗެމްޕިއަންކަން ހޯދަން ސިޓީ އަށް ބޭނުންވަނީ އެންމެ ތިން ޕޮއިންޓެކެވެ.
މިރޭ ޔުނައިޓެޑް އަތުން މޮޅުވެގެން ސިޓީ އަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް އެ ޓީމާ މުބާރާތުގެ ތަށި ހަވާލުކުރާނީ ސީޒަނުގެ ފަހު މެޗުގަ އެވެ. މޮރީނިއޯ ބުނީ މިހާރު ވެސް ޔުނައިޓެޑްގެ އަމާޒަކީ ލީގުގެ ދެ ވަނަ މަގާމު ދެމެހެއްޓުން ކަމަށެވެ.
"ތާރީހަށް ދާނެ ކަންތައްތައް މި ހުރީ. ސިޓީއާ އަހަރެމެންނާ (ޔުނައިޓެޑާ) ދެމެދު ބޮޑު ތަފާތެއް އެބައޮތް. އެންމެން ވެސް ގަބޫލުކުރޭ ޔުނައިޓެޑް ލީގުގެ ރޭހުގައި އޮންނަން ޖެހޭ ކަމަށް. އެކަމަކު މި ވަގުތު އަހަރެމެން މި އޮތީ ފަހަތުގައި. ސިޓީ ޗެމްޕިއަންކަން ހޯދާ މަންޒަރު ބަލަން ކެރޭނެ. އެއީ އާ ކަމެއް ނޫން. މި ބުނަނީ މި މެޗުން ސިޓީ މޮޅުވާ ވާހަކައެއް ނޫން،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ މެތަމެޓިކަލީ ޔުނައިޓެޑަށް އަދި ގަދަ ހަތަރެއް ވެސް ޔަގީންނުވާ ކަމަށެވެ.
"މި ވަގުތު އަހަރެންގެ ހިތްހަމަ ޖެހުމަކީ ދެ ވަނައިގައި ނިންމާލުން. މެތަމެޓިކަލީ ބަލާއިރު އަހަރެމެންނަށް ގަދަ ހަތަރެއް ގެއްލޭނެ ގޮތްތަކެއް ވެސް އެބައޮތް. ދެ ވަނައިގައި ނިންމާލުމަކީ ޓްރޮފީއެއް ލިބުމެއް ނޫން. އެކަމަކު އަހަރެމެން ވަރަށް މަސައްކަތުން މި މަގާމު ދަމަހައްޓައިފިން. ބޭނުންވަނީ މި ގޮތުގައި ނިންމާލަން،" މޮރީނިއޯ ބުންޏެވެ.
ސިޓީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން އަށް މެޗުން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ. އެކަމަކު ސިޓީ ދަނޑުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑް ބަލިވެފައިނުވެ އެވެ.
ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލް އަތުން ބަލިވުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މިރޭގެ މެޗުގައި އެ ޓީމުގެ ބައެއް ކުޅުންތެރިން ނުފެނިދާނެ ކަމަށް ބުނެފަ އެވެ.
"އަހަރެމެންނަށް މި ވަގުތު މި މެޗު (ޔުނައިޓެޑް މެޗު) އެންމެ މުހިއްމެއް ނޫން. އެއީ ތިން ދުވަސް ފަހުން ވަރަށް ބޮޑު މެޗެއް (ލިވަޕޫލް މެޗު) އޮތުމުން. އެކަމު ސަޕޯޓަރުންގެ ހައްގުގައި އަހަރެމެން އެބަޖެހޭ ޔުނައިޓެޑް މެޗުން ވެސް މޮޅުވާން. އެއީ ލިވަޕޫލް މެޗަށް މުޅި ޓީމުގެ ރޫހު ރަނގަޅުކުރަން،" ގާޑިއޯލާ ބުންޏެވެ.
މިދިޔަ މަހު 10 ވަނަ ދުވަހު ޓީމުގެ ޕްރެކްޓިހުގައި އަނިޔާވި ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ މި މެޗުގައި ބޭނުންކުރުމާ މެދު ސިޓީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
މި މެޗުން ސިޓީން ލީގު ޔަގީންކޮށްފިނަމަ އެ ޓީމު ވެގެންދާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ އަވަހަށް ޔަގީންކުރި ޓީމަށެވެ. ގާޑިއޯލާ ވަނީ މޮރީނިއޯ ކޯޗުކޮށްދިން ޓީމުތައް އަތުން ކުޅުނު 20 މެޗުން ނުވަ މެޗު ކާމިޔާބުކޮށްފަ އެވެ. އަނެއް 11 މެޗުގެ ތެރެއިން ހަތަރު މެޗު އެއްވަރުވިއިރު، މޮރީނިއޯ އަށް ހޯދުނީ ހަތް މޮޅެވެ.
ޔުނައިޓެޑާއި ސިޓީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 21:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
07 April 2018
މަވެސް ދާނަން މިމަންޒަރު ބަލާލަން ސްޓޭޑިއަމަށް
ރަދީފް
07 April 2018
ޑަބްލިއުޓީއެފް
ކެޔޮޅު
07 April 2018
އެނޫން ގޮތެއް ނޯއްނާނެ ހަމަ ބަލަން އިންނަށް ޖެހޭނީ