އިންޓެލް ދޫކޮށް އެޕަލް ދިއުން ވާނީ މާލީ ގޮތުން އިންޓެލް ލިބޭ ބޮޑު ގެއްލުމަކަށް އެކަމަކު އެއީ އެޕަލް އަށް އުންމީދީ ނިންމުމަކަށް ވާނެ ކަމަށް ބުނެވޭ
11 އެޕްރީލް 2018 - 06:59
މެކް ކޮމްޕިއުޓަރުތައް ހިންގަން ކުރިން ބޭނުންކުރި މޮޓޮރޯލާ ޕަވާޕީސީ ޗިޕްތައް ދޫކޮށް، އިންޓެލް ޗިޕްތަކަށް އެޕަލް ބަދަލުވީ 2006 ވަނަ އަހަރު އެވެ. އެ އަށް ފަހު މެކްބުކް ޕްރޮ، އައިމެކް އަދި އެ ނޫން ޑިވައިސްތަކުގައި ވެސް އިންޓެލް ޗިޕް ހާޑްވެއާ އެޕަލްއިން ބޭނުންކޮށްފައިވެ އެވެ.
އިންޓެލްއާ އެކު ދުވަސްތަކެއް ވަންދެން ވިޔަފާރިކުރުމަށް ފަހު، އިންޓެލް ޗިޕްތައް ދޫކޮށްލަން ގަސްދުކުރާކަން އެޕަލްއިން ވަނީ ހާމަކޮށްފަ އެވެ. އެއީ، އެޕަލް ބުނި ގޮތުގައި، އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކަ އެވެ.
ބްލޫމްބާގް ބުނާ ގޮތުގައި އިންޓެލް ދޫކޮށްލަން އެޕަލް ވިސްނާ ސަބަބުތަކުގެ ތެރޭގައި، އެޕަލް ބޭނުންވާ ފެންވަރުގެ ޗިޕްތައް އިންޓެލް އަށް އުފެއްދެން ނެތުން ހިމެނެ އެވެ. އެޕަލް މެކް ކޮމްޕިއުޓަރުތައް ހިންގަން ބޭނުންވާ ދުވެލީގައި އެކަން ވާ ނެތުމަކީ ވެސް ސަބަބެކެވެ.
އެޕަލްއިން އައިފޯނަށް ޗިޕެއް ޑިޒައިންކުރި ފަދައިން، މެކް ކޮމްޕިއުޓަރުތަކަށް ވެސް އަމިއްލަ ޗިޕެއް އުފައްދަން އެޕަލް އެދެ އެވެ. އިންޓަނެޓް ރިޕޯޓްތައް ބުނާ ގޮތުގައި 2020 ލައިގަތުމުގެ ކުރިން އެ އަމާޒަށް ވާސިލުވުމަށް އެޕަލް ވަނީ ފޫގަޅާފަ އެވެ.
އިންޓެލް ދޫކޮށް އެޕަލް ދިއުން ވާނީ އިންޓެލް އަށް ވަރަށް ބޮޑު ގެއްލުމަކަށެވެ. މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، މާލީ ގޮތުން އިންޓެލް އަށް ލިބޭ ފައިދާ، ފަރަގު ބޮޑު ތަފާތަކުން އުނިވެގެން ދާނެ އެވެ.
އެޕަލް ކުރާ މަސައްކަތްތަކުގައި އެހެން ބަޔަކަށް ކަމުކިޔުމަކީ އެ މީހުން މިހާރު ބޭނުންވާ ގޮތެއް ނޫނެވެ. އެޕަލް ވައުދުވާ ފެންވަރުގެ ޑިވައިސްތަކެއް އެ ބޭނުންކުރާ މީހުންނަށް ފޯރުކޮށްދެވޭނީ އަމިއްލަ އަށް ހާޑްވެއާ އުފައްދައިގެންކަން އެޕަލް ގަބޫލުކުރެ އެވެ. އޭގެ އެއް މިސާލަކީ އަމިއްލަ އަށް ޑިސްޕްލޭ އުފައްދަން އެޕަލް ކުރާ މަސައްކަތްތަކެވެ.
މައިކްރޮލެޑް ސްކްރީން އުފެއްދުމަށްޓަކައި އެޕަލް ވަނީ ބިޔަ ޕްރޮޖެކްޓެއް ފައްޓާފަ އެވެ. އެކަމަށް ބޭނުންވާ ފަންނީ މާހިރުން އަދި ފައިސާ ވަނީ އެއްކޮށްފަ އެވެ. އެޕަލްގެ މިޒާޖަށް ބަލާއިރު މިއީ ވެސް އެޕަލް ކާމިޔާބުކުރާނެ ޕްރޮޖެކްޓެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެޕަލް އަކީ ވާދަވެރިކަމުގައި ނެތް ފަދަ މިސާލެކެވެ. ފަށައިފި ކަމެއް ކޮޅެއްގައި ޖައްސައި ކާމިޔާބުހޯދަން ދަންނަ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
11 April 2018
ޗިޕް ޑިޒައިން ކުރެވިދާނެ އެއީ އެޕަލް އަކީ އެންމެ ކާމިޔާބު އިލެކްޓްރޯނިކް ޑިޒައިނިންގ ކޮމްޕެނީ. އެކަމަކު މެނުފެކްޗާރ ކުރަން އައުޓް ސޯސް ކުރަންޖެހޭނީ ސެމްސަންގ ކަހަލަ ކުންފުނިތަކާ. އަމިއްލަ މެނުފެކްޗަރ ޕްލާންޓް ހެދުން އެއީ ބޭކަރ ޙަރަދެއް ގޮތުގައި އެމީހުން ދެކެނީ. އެއަށް ވުރެ ބޮޑަށް އެޕަލްއިން ހަރަދުކުރަނީ ރިސަރޗް އެންޑް އިނޮވޭޝަންނަން.
ވިސްކޯ
11 April 2018
އެޕަލްގެ އޭ7 ޗިޕަކީ ޔުނިވާރސިޓީ އޮފް ވިސްކޮންސިންގ ގެ އުފެއްދުމަކުން ވައްކަން ކޮށްފައިވާ އެއްޗަކަށް ވާތީ 2015 ގައިވަނީ 504 މިލިޔަން ޑޮލަރުން އެޕަލް ޖޫރިމަނާ ކޮށްފައެވެ. މިހާރު ތި ނުކުންނަން އުޅޭ އީޖާދުތަކުގެ އަސްލު އެނގޭނީ އަދި ތަންކޮޅެއް ފަހުންނެވެ.