ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ ޕަރްވޭޒް މުޝައްރަފް ގައުމުން ބޭރުގައި ގިނަ ދުވަސްތަކަކު އުޅުއްވަމުން ފަހު، 2013 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ގައުމަށް ވަޑައިގެން ކަރާޗީ އެއާޕޯޓުގައި އާއްމުންނަށް އަތުން އިޝާރާތް ކުރައްވަނީ. --ފޮޓޯ:އޭޕީ
20 ޖުލައި 2016 - 15:05
ކަރާޗީ (ޖުލައި 20) - ޕާކިސްތާނުގެ ކުރީގެ އަސްކަރީ ލީޑަރު ޖެނެރަލް ޕަރްވޭޒް މުޝައްރަފުގެ ބޭންކު އެކައުންޓްތަކާއި މުދާތައް ހިފަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް މުޝައްރަފުގެ ވަކީލް ވިދާޅުވެއްޖެ އެވެ.
މުޝައްރަފުގެ ޣައިރު ހާޒިރުގައި އަމުރު ނެރުނީ އޭނާ ގައުމަށް ޣައްދާރުވި ކަމަށް ބުނާ މައްސަލަ ބަލާ ތިން މެންބަރުންގެ ޚާއްސަ ޕެނަލުގެ އިސް ފަނޑިޔާރު މަޒްހަރ އާލަމް މިއަންކެލް އެވެ. ބޭސް ފަރުވާއަކަށް މިދިޔަ މާޗު މަހު މުޝައްރަފު ވަނީ ދުބާއީ އަށް ވަޑައިގެންފަ އެވެ.
ކޯޓުން އަމުރު ނެރުމުގެ ކުރިން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މުޝައްރަފުގެ މުދާތަކާ ބެހޭ ތަފްސީލް ކޯޓަށް ހުށަހަޅައިފަ އެވެ. މުޝައްރަފުގެ މުދާތައ ހިފެހެއްޓުމަށް އަމުރު ނެރުމާ އެކު ކޯޓުގެ ބައްދަލުވުން ވަނީ ނިންމާލައިފަ އެވެ. އިތުރު އަޑު އެހުމެއް ދެން ބާއްވާނީ މުޝައްރަފް ގައުމަށް ވަޑައިގަތުމުން ކަމަށް ބެލެވެ އެވެ.
ގައުމަށް ޣައްދާރުވުމުގެ ކުށުގެ އިތުރުން މުޝައްރަފުގެ މައްޗަށް ވަނީ އެހެން ދައުވާތަކެއް ވެސް އުފުލައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ 2007 ވަނަ އަހަރު އަވަހާރަކޮށްލުމުގައި ބައިވެރިވުމުގެ ތުހުމަތު ވެސް ހިމެނެ އެވެ. އަދި މީގެ އިތުރުން ގަވާއިދާ ޚިލާފަށް ފަނޑިޔާރުންތަކެއް ވަކިކުރުމާއި ގަވާއިދާ ޚިލާފަށް ކުއްލި ހާލަތު އިއުލާން ކުރުން ހިމެނެ އެވެ.
މިހާރުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފު 1999 އަހަރު ވެރިކަމުން ދުރުކުރީ މުޝައްރަފް ގެންނެވި ލޭއޮހޮރުވުމެއް ނެތް އަސްކަރީ ބަޣާވާތެއްގަ އެވެ. މުޝައްރަފް ވަނީ 2008 ވަނަ އަހަރު އިސްތިއުފާ ދެއްވުމަށް ފަހު ގައުމުން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައިފަ އެވެ. އެކަމަކު 2013 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް މުޝައްރަފް އަނެއްކާވެސް ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރުން މަނާކޮށް، ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy