ޚިޔާލު / ދީން

ﷲ އަށްޓަކައި އިންސާނާ އަދާކުރަންޖެހޭ ހައްގުތައް

ސިޔާސީ ގުޅުން ކަނޑާލި ފަހުން ހައްޖާއި އުމްރާގެ އަޅުކަމަށް ސައުދީން ހުރަސް އަޅަމުންދާ ކަމަށް ގަތަރުން ތުހުމަތު ކުރޭ. --ފޮޓޯ:އޭއެފްޕީ

ޑރ. ސަޢުދުﷲ ޢަލީ

13 އެޕްރީލް 2018 - 15:00

3 comments

އިސްލާމީ ޝަރީޢަތުގައިވާ ގޮތުން ކޮންމެ މީހަކުވެސް ދެނެގަނެ އަދާކޮށްދިނުން ލާޒިމުވާ ހައްގުތަކެއް ވެއެވެ. މި ހައްގުތައް އަދާކޮށްދޭން ޖެހެނީ މައިގަނޑު ހަތަރު ފަރާތަކަށެވެ. އެއީ މާތްﷲ އާއި، އަމިއްލަ ނަފްސާއި، އެހެން އަޅުތަކުންނާއި، އަޅުތަކުން ފިޔަވައި އެހެން ހުރިހާ މަޚްލޫޤުތަކުންނަށެވެ.

މި ހުރިހާ ހައްގުތަކެއް އިސްލާމީ ޝަރީޢަތުގައި ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި ވެއެވެ. އަދި މި ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެ މަންހަޖާއި ގޮތްތައް ބަޔާންކޮށްދީފައި ވެއެވެ. މި މަންހަޖާއި ގޮތްތައް އެކުލަވާލެވިފައިވަނީ ހުރިހާ ހައްގުތަކެއް ވެސް އެއްފަހަރާ އަދާކުރެވޭ ފަދަގޮތަކަށެވެ. އަދި އެއްވެސް ހައްގެއް އަނެއް ހައްގަކާ ހުރެ ގެއްލިގެން ނުދާނެ ފަދަ ފުރިހަމަ ގޮތެއްގައެވެ.

މި ގޮތުގައި ހައްގުތައް އަދާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ހައްގުތައް ދެނެގަތުމެވެ. މި ލިޔުމުގައި މި ބަލައިލަނީ ހައްގުތަކުގެ ހަތަރުބާވަތުގެ ތެރެއިން ﷲ އަށް އަދާކޮށްދޭން ޖެހޭ ހައްގުތަކެވެ.

އިންސާނުން ﷲ އަށް އަދާކޮށްދޭން ޖެހޭ ހައްގުތަކަކީ އެންމެ ފުރަތަމަ އެކަލާނގެ އަށް އީމާން ވުމެވެ. މިގޮތުން އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތެއް ކަލެއްގެ ގޮތުގައި ގަބޫލު ނުކުރުމާއި އެކަލާނގެ އަށް ޝަރީކު ނުކުރުމެވެ. މި ހައްގު އަދާކުރެވޭނީ ޝަހާދަތުގެ ފުރަތަމަ ކަލިމަ "ﷲ ފިޔަވައި ހައްގުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނެތެވެ." މި ކަލިމަ ހިތުން ތެދުކޮށް ގަބޫލުކޮށް ބޭރުފުށުން ފާޅު ކުރުމުންނެވެ.

ﷲގެ ހައްގުތަކުން ދެ ވަނަ ހައްގަކީ އެކަލާނގެ ހަޟްރަތުން ބާވާލެއްވުނު ހިދާޔަތާއި ޙައްގު ގަބޫލުކޮށް އެއަށް ފުރިހަމަ އަށް ބޯލެނބުމެވެ. މިހައްގު އަދާކުރެވޭނީ ޝަހާދަތުގެ ދެވަނަ ކަލިމަ "މުޙައްމަދުގެފާނަކީ މާތްﷲގެ ރަސޫލާއެވެ." މިކަލިމަ ހިތުން ތެދުކޮށް ގަބޫލު ކުރުމާއެކު އެކަލޭގެފާނު ގެންނެވި ކަންކަމަށް ބޯލެނބުމުންނެވެ.

ﷲގެ ތިންވަނަ ހައްގަކީ އެކަލާނގެ އަށް ކިޔަމަންވުމެވެ. އެއީ އެކަލާނގެ ކީރިތި ޤުރުއާން މެދުވެރިކޮށް ބަޔާންކުރައްވައި ކީރިތިރަސޫލާގެ ސުންނަތް މެދުވެރިކޮށް ޝަރަޙަ ކޮށްދެއްވާފައިވާ މާތްﷲގެ ގާނޫނަށް ކިޔަމަންވުމެވެ.

ﷲ އަށް އަދާކުރަން ޖެހޭ ހަތަރު ވަނަ ހައްގަކީ އެކަލާނގެ އަށް އަޅުކަން ކުރުމެވެ. މި ހައްގު އަދާކުރެވޭނީ އަޅުކަމުގެ ގޮތުން ﷲ ފަރުޟު ކުރައްވާފައިވާ އެންމެހާ އަޅުކަންތައް އަދާ ކުރުމުންނެވެ. ހަގީގަތުގައި ﷲ އަށް އަޅުކަން އަދާ ކުރުމަކީ އެންމެ މުހިންމު އެއް ހައްގެވެ. އެހެންކަމުން މި ހައްގު އަދާކުރުމަށްޓަކައި އިންސާނާ އެހެން ބައެއް ހައްގުތަކުން ކޮންމެވެސް މިންވަރަކަށް ގުރުބާންވާން ވެސް ޖެހެއެވެ.

މިސާލަކަށް ނަމާދު ނުވަތަ ރޯދަ އަށް ބަލާއިރު އެކަން ކުރުމަށްޓަކައި އިންސާނާގެ އަމިއްލަ ނަފްސުގެ ހައްގުތަކުން ބައެއް ގުރުބާން ކޮށްލަން ޖެހެ އެވެ. ފަތިހު ހޭލުމާއި ފިނިގަދަ މޫސުމެއް ނަމަ ފިނި ގަދަ ފެން ބޭނުންކުރަން ޖެހުމާއި ދިރިއުޅުމަށްޓަކައި ކުރާ ކިތަންމެ މުހިންމު މަސައްކަތެއް ކަމުގައި ވިއަސް ދުވާލަކު ދެތިން ހަތަރު ފަހަރު މެދުކަނޑާލަން ޖެހުމާއި ބަނޑުހައިވެފައި ހުއްޓަސް ނުވަތަ ފެންބޮވައިގެންފައި ހުއްޓަސް ވަކިވަގުތެއްގައި އެކަންކަމުން ދުރުހެލިވެ ހުރުމާއި މުދަލަށް އޮންނަ ލޯބިން ގުރުބާންވެ އެލޯތްބަށްވުރެ ﷲ އަށް އޮންނަ ލޯބި އިތުރުވާން ޖެހުމާއި ދަތުރުފަތުރުގެ އުދަނގޫތައް ތަހައްމަލް ކުރަން ޖެހުމާއި މިފަދަ އެތައްއެތައް ކަމަކުން ގުރުބާންވާން ޖެހެއެވެ.

ހަމައެފަދައިން އެހެން މީސްތަކުންނަށް ތިމާ އަދާކޮށްދޭން ޖެހޭ ބައެއް ހައްގުތަކުން ވެސް، ﷲ އަށް އަޅުވެތިވުމަށްޓަކައި، ގުރުބާންވެލަން ޖެހެއެވެ. މިސާލަކަށް ހައްޖަށް ދަނީ ތިމާ ކުރަން ހުންނަ އެތައްކަމެއް މެދުކަނޑާލާފައެވެ. އަދި ދަރިންނާއި ޢާއިލާ ދޫކޮށްލާފައެވެ.

ޖިހާދު ކުރުމުގައި ތިމާ އެހެން އިންސާނުން ގަތުލު ކުރަނީ ނުވަތަ ތިމާ ޝަހީދުވެ ދަނީ އަމިއްލަ ނަފްސުގެ ހައްގަކުން ނުވަތަ އެހެން މީހުންގެ ހައްގަކުން ގުރުބާން ވެގެންނެވެ. އިންސާނުން ފިޔަވައި އެހެން މަޚްލޫޤުންގެ ހައްގުތަކުން ވެސް ﷲ އަށް އަޅުވެތިވުމަށްޓަކައި ގުރުބާންވެލަން ޖެހެއެވެ. މިސާލަކަށް އުޟުޙިޔާ ނުވަތަ ހަދުޔު ކަތިލުން ފަދަ ކަންކަމުގައި އެހެން މަޚްލޫޤުން ތަކެއްގެ ހައްގަކުން ގުރުބާން ވެވެނީޢެވެ.

ﷲ އަށް އަދާކުރަން ޖެހޭ މި ހައްގުތައް އަދާކުރުމުގައި ވަކި ގައިދުތަކެއް ކަނޑައެޅިފައި ވެއެވެ. މި ގައިދުތަކުގެ ސަބަބުން ﷲގެ ހައްގު އަދާކުރުމުގައި އެހެން ހައްގަކުން ގުރުބާން ވިޔަސް ގުރުބާންވާނީ ހަމައެކަނި އެކަމަކަށް ފުދޭ މިންވަރަކަށެވެ.

މިސާލަކަށް ބަލައިލާ ނަމަ ނަމާދުގައި ވުޟޫ ކުރުމަށް ފެން ނުލިބިއްޖެ ނަމަ ކޮންމެ ގޮތެއް ހަދައިގެން ވެސް ފެން ހޯދާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި ތަޔައްމުމު ކުރުމުން ފުދެއެވެ. ދަތުރެއްގެ މަތީގައި އުޅޭއިރު ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންވެ އެ ދަތިތަކާއެކު ނަމާދުގެ ހުރިހާ ރަކުޢަތްތައް ހަމަނުކުރިއަސް މައްސަލައެއް ނެތެވެ.

އާދެ، ޤަޞްރު ކޮށް ޖަމްޢު ކުރެވެ އެވެ. ނަމާދުގައި ކީރިތި ޤުރުއާނުން ކިޔަވާ މިންވަރަކީ އާންމުކޮށް ކުޑަ މިންވަރެއް ކަމުގައި ވިއަސް ތިމާ އަމިއްލަ އަށް އެންމެހާ ކަންތައްތަކުން ހުސްވެގެން ހުރެ ނަމާދު ކުރާނަމަ ކިތަންމެ ދިގުކުރިއަސް މައްސައެއް ނެތެވެ. އެކަމަކު އެކިއެކި ހާލަތްތަކުގައި ތިބޭ މީހުންނާއެކު ނަމާދު ކުރާއިރު ކުރުކޮށް ކިޔަވަން ޖެހެއެވެ. ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަނީ އެކަމަށް އިރުޝާދު ދެއްވާފައެވެ.

ހަމައެފަދައިން ގިނަގިނައިން ސުންނަތް ނަމާދުތައް ކޮށް ގިނަ ޘަވާބު ހޯދުން އެއީ ކޮންމެ މުސްލިމެއްގެ ވެސް އެދުމެކެވެ. އެކަމަކު އެކަން ކުރުމަށްޓަކައި ވެސް ރޭގަނޑުގެ ނިދި އެއްކޮށް ގެއްލުވާލާކަށް ނުވަތަ ދުވާލު އަރާމުކޮށްލަން ލިބޭ ހުރިހާ ހުސް ވަގުތައް އެކީ އެކަމަށް ހޭދަކުރާކަށް އިސްލާމް ދީން ނުރުހެ އެވެ. ނުވަތަ ދިރިއުޅުމުގެ މަސައްކަތްތައް ދޫކޮށްލާފައި އެފަދަ ސުންނަތް ނަމާދުތަކުގައި ދެމިތިބޭކަށް ވެސް އިސްލާމް ދީން ނުރުހެއެވެ.

ރޯދައަށް ބައިލާއިރު ވެސް ރޯދަ ފަރުޟު ކުރެވިފައިވަނީ އަހަރުގައި އަންނަ ބާރަ މަހުގެ ތެރެއިން ހަމައެކަނި އެންމެ މަހަކު އެވެ. އެމަހުގެ ތެރޭގައި ކެއިންބުއިމާއި އެނޫން ވެސް ރޯދަ ގެއްލޭ ކަންތަކުން ދުރުހެލިވެ ހުންނަން މިޖެހެނީ ކޮންމެ ދުވަހެއްގެ ފަޖުރުލީއްސުރެ އިރު އޮއްސެންދެން އެކަންޏެވެ. ރޭގަނޑުގެ ވަގުތުތަކުގައި ކައިބޮއެ އުޅުން ހުއްދައެވެ.

އެކަމަކުވެސް މީހަކު ދަތުރެއްގެ މަތީ ވާނަމަ ނުވަތަ ބަލިނަމަ ރޯދަމަހުގައި ނުހިފައި އެހެން މަހަކަށް އެ ފަސްކޮށްލެވިދާނެ އެވެ. ނުވަތަ އެހެން މަހެއްގައިވެސް ނުހިފޭ ވަރުގެ ބަލިމީހަކު ނަމަ ހަމައެކަނި ފިދުޔަ ދިނުމުން ފުދެއެވެ.

ޒަކާތަށް ބަލާއިރު ﷲ އަށްޓަކައި އެކަމުގައި އަދާކޮށްދޭން ޖެހޭ ހައްގަކީ ﷲ ދެއްވި މުދަލުން ﷲ އެންގެވި ބަޔަކަށް ވަރަށް މަދު މިންވަރެއް ނެރެދިނުމެވެ. މިބައި ނެރެން ޖެހެނީ އިސްލާމީ ނަޒަރުން ބަލާއިރު މުއްސަނދި މީހަކަށްވާ ކޮންމެ މީހެކެވެ.

މުއްސަނދި މީހަކީ އެމީހެއްގެ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ފަހު ބާކީ ވަކިމިންވަރެއް ފޮރުވަން ބޭއްވޭ އަދި އޭގައި އަތްލަން ނުޖެހި އެއް އަހަރުވަންދެން ހުރެވޭ ފަދަ ތަނަވަސްކަމެއް ލިބިފައިވާ މީހުންނެވެ. އެނޫން މީހުން މުދަލު ޒަކާތް ނެރޭކަށް ނުޖެހެއެވެ.

ހަމައެފަދައިން ޙައްޖަށް ބަލާއިރުވެސް އެއީ ކޮންމެ ކޮންމެ މީހަކަށް ލާޒިމު ކަމެއް ނޫނެވެ. އަދި އެކަމުގެ ޝަރުޠު ހަމަވާ މީހުންނަށްވެސް މުޅި ޢުމުރުގައި އެންމެ ފަހަރަކު ފިޔަވައި އެކަން ކުރާކަށް ނުޖެހެ އެވެ. ޙައްޖުވާން ޖެހެނީ މުދަލުގެ ގޮތުންނާއި ހަށިގަނޑުގެ ގޮތުން އެކަމަށް ކެރި ކުޅަދާނަ މީހުން އެކަންޏެވެ.

އަދި މިކަމުގައި ދަރިއަކު ނަމަ އޭނާގެ މައިންބަފައިންގެ ރުހުން ލިބުންވެސް ބޭނުންވެއެވެ. އެމީހުން ދަތިޙާލުގައި ދޫކޮށްލާފައި ދިއުމަކީ އިސްލާމްދީން ރުހޭ ކަމެއް ނޫނެވެ. ވީމާ ﷲގެ ހައްގު އަދާކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް ވެސް ރިޢާޔަތް ކުރެވެއެވެ.

ޖިހާދު ކުރުމަކީ އަމިއްލަ ނަފްސުގެ ހައްގުތަކާއި އެހެން މީހުންގެ ހައްގުތަކުން ވަރަށްބޮޑަށް ގުރުބާން ވެގެން ﷲ އަށް އަދާ ކުރެވޭ ހައްގެކެވެ. އެކަމަކު އެ ގުރުބާން ވުމުގެ ސަބަބުން އެލިބޭ ގެއްލުންތައް ތަހައްމަލު ކުރަން ޖެހެނީ އެއަށް ވުރެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކައެވެ. ހާހެއް ދެހާހެއްހާ މީހުން ގަތުލު ވެގެން ދިއުމަކީ ބިމުގައި ބާޠިލުގެ ގޮތް ފެތުރުމަށް ވުރެ ﷲގެ ޙަޟްރަތުގައި ކުޑަ ކަމެކެވެ.

އެހެނީ ޙައްޤުގެ ބަދަލުގައި ބާޠިލުގެ ގޮތް ފެތުރިއްޖެ ނަމަ ބިމުގައިވާ ހުރިހާ އިންސާނުން ގެއްލި ހަލާކުވެދެއެވެ. ދުނިޔޭގައި ތިއްބަސް އެއީ ދުވަސްގޮސްފައިވާ ބައެކޭ އެއްފަދަ ވެދެއެވެ. އެހެނީ އެމީހުންނަށް އާޚިރަތުގެ ނިޢުމަތް ގެއްލިގެންދާނެތީ އެވެ. ވީމާ ހުރިހާ އެންމެން ސަލާމަތް ކުރުމަށްޓަކައި ވަކި ބަޔެއްގެ ޖާނާއި މާލުން ގުރުބާންވުން އެއީ ހައްގުތަކުގެ ގޮތުން ބަލާއިރު މާ އައުލާކަން ބޮޑު ގޮތެކެވެ.

ﷲގެ ހައްގުތައް އަދާކުރުމުގައި މި ބަޔާންކުރި ފަދަ ގައިދުތައް ހުރުމުން ދޭހަވާ ކަމަކީ އިންސާނުންގެ ބައެއް ހައްގުތަކުން މަހްރޫމްވާން ޖެހުނަސް އެ މަހްރޫމް ވުމަކީ ހަމައެކަނި އެކަމަށްޓަކައި ޟަރޫރީ ގޮތުން ބޭނުންވާ މިންވަރަށް އޮންނަ ކަމެއް ކަމެވެ. އަދި އެ މިންވަރަށް ހައްގުތަކުން މަހްރޫމު ނުވެ ﷲ ގެ ހައްގުތައް އަދާ ނުކުރެވޭނެ ކަމެވެ.

ﷲގެ ހައްގުތައް އަދާ ނުކުރުމަކީ ތިމާގެ އަމިއްލަ ނަފްސަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. ވީމާ މި ގެއްލުމުން ސަލާމަތް ވުމަށްޓަކައި ތިމާގެ އަމިއްލަ ހައްގުތަކާއި އެހެން ފަރުދުންގެ ހައްގުތަކުން ގުރުބާނެއް ވެގެން ނަމަވެސް ﷲގެ ހައްގުތައް ބަރާބަރަށް އަދާކުރަން ކޮންމެ އިންސާނަކުވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ.

3 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބޫ ކެޓް

14 April 2018

2018ވަނަ އަހަރު، ކީރިތި ގުރުއާނުން އެންމެ ދަލީލެއްވެސް ނުދައްކައި ބޮޑު ހިތޯބެއް ލިޔެލީމާ ވަރަށް ހިތާމަވެރި. 1) މިސާލަކަށް ޝަހާދަތް އިސްލާމްދީނުގައި އެހާ މުހިންމު އެއްޗަކަށް ވާއިރުގައި ﷲ ކީރިތި ގުރުއާނުގައި މުސްލިމުން ކިޔުމަށް އަމުރުފުޅު ކުރެއްވި އާޔަތް. އަދި ދެވަނަ ކަލިމަ އެއީ ކީރިތި ގުރުއާނުގައި އައިސްފައިވާ ކަލިމައެއްނޫންކަމާއި ދެވަނަ ކަލިމަ ލިޔެވިފައިވަނީ ރަސޫލާ އަވަހާރަވީތާ 200 އަހަރު ފަހުން އެކުލަވާލެވުނު ޙަދީސް ފޮތްތަކުގައިކަން. 2) ކީރިތިގުރުއާން ފިޔަވައި އެހެން އެއްވެސް އެއްޗަކަށް އަމަލުކުރަން ބުނާނަމަ، ﷲ ކީރިތި ގުރުއާނުގައި ކިތައް އާޔަތުގައި ކީރިތިގުރުއާނުގެ ފުރިހަމަ ކަމުގެވާހަކައާއި އަދި އެއައް އިތުރުއެއްޗެއް ބޭނުންނުވާނެވާހަކަ އައިސްފައިވާ އާޔަތްތަށް ގެނެސްދިނުން ވަރަށް މުހިންމު. 3) އަދި ރަސޫލާ އަރިހުގައި އުޅުއްވި އައްސާބުބޭކަލުންވެސް އަވަހާރަ ވިތާ 200 އަށް ވުރެ ގިނައަހަރު ފަހުން އެކުލަވާލެވުނު ސުންނަތާއި ހަދީސް ފޮތްތަކުގެ ވާހަކަވެސް މުހިންމު.

The name is already taken The name is available. Register?

ކިޔޭނުކިޔޭ ނޭގޭ

14 April 2018

ޓީވީއެމް ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ކުރީގެ މިނިސްޓަރ( މިހާރު ސުޓެލްކޯގެ އެމްޑީ) ޒުހޫރު ވިދާޅުވަނީ " އެގްޒިކްޓިވް ޕަވަރ ބޭނުން ކުރައްވަަގެން ރައީސް ޔާމީނު އެެއްވެސް މީހަކު ހައްޔަރު ނުކުރައްވާ ކަމަށާއި މީހުން ހައްޔަރު ކުރައްވަނީ ކޮންމެވެސް ޤާޒީއަކު ޙުކުމެއް ކުރުމުން ކަމަށާއި ހުކުމް ގޯސް ކޮށް ކުރާނަމސ އެއީ ޤާޒީންގެ ގެ ގޯސް ކަން ކަމަށެވެ.މިއީ ފަނޑިޔާރުން ނަށް ލިބޭ ކިހާބޮޑު އިހާނާތް ތެރި ކަމެއް ތޯއެވެ؟ރައީސްގެ ނިވާފަތް ގަޑަކަށް ފަނޑިޔާރުން ވާން ޖެހޭ ބާއެވެ.

The name is already taken The name is available. Register?

އަތްފުނާ

13 April 2018

އަހަރެމެންވަނީ މާތް ﷲ އަށް އިންތިހާ އަށް ދަރާފައި.އަދި ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ދަރަނި.އަހަރެމެން ޖެހޭނީ މި ދަރަނި އަދާކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454