އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް އިން ރައީސް ޔާމީނަށް މިއަދު އެވޯޑު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
15 އެޕްރީލް 2018 - 14:43
އިސްލާމް ދީނުގެ އަސާސްތައް ކުރިއަރުވައި ސައްހަ މައުލޫމާތު ފެތުރުމާއި ދީނީ ގޮތުން ހައްދު ފަހަނައަޅައިދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް އިން ޚާއްސަ އެވޯޑެއް ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސަށް މި އެވޯޑު އެރުވީ، ސޫދާންގެ ކުރީގެ ބޮޑުވަޒީރު އަދި އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ރައީސް، އައްސާދިގު އައްސިއްދީގު އަބްދުއްރަހްމާން އަލްމަހްދީ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފަށް މައުލޫމާތު ފެތުރުމާއި ދީނުގެ އެކި ކަންކަމާ ގުޅޭ ޚިޔާލު ތަފާތުވުންތަކަށް މަޝްވަރާކޮށް ހައްލުތަކެއް ހޯދަން ރާއްޖޭގައި އިއްޔެ ފެށި ބައިނަލްއަގުވާމީ ބައްދަލުވުމަށެވެ.
ރައީސަށް އެ އެވޯޑު އަރުވަން ބޭއްވި ރަސްމިއްޔާތުގައި، އެ ބައްދަލުވުމަށް ރާއްޖެ ވަޑައިގަތް އެކި ގައުމުގެ އިސް ބޭފުޅުންނާއި މަޝްހޫރު ދީނީ އިލްމުވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމަކީ އިސްލާމް ދީނާއި އެހެން ދީންތައް ވެސް ހިމެނޭ ގޮތަށް 2002 ގައި އުފެއްދި ހަރަކާތެވެ. އެ ހަރަކާތް ހިންގަނީ ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިންގެ ބެއްލެވުމުގެ ދަށުންނެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ޔުނިވަސިޓީތަކާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ހަރަކާތް އުފެއްދި ފަހުން މި އެވޯޑު މިހާތަނަށް ލިބިފައި ވަނީ ދެ ބޭފުޅަކަށެވެ. އެއީ މޮރިޓޭނިއާގެ ކުރީގެ ރައީސް މުހައްމަދު ބިން އަބްދުލްއަޒީޒާއި ސައޫދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް އެވެ. މި ދެ ބޭފުޅުންނަށް ފަހު، ރައީސް ޔާމީނަށް މި އެވޯޑު ލިބިވަޑައިގަތީ، ޓެރަރިޒަމާއި ހައްދުފަހަނާޅައިދިއުން ހުއްޓުވައި އިސްލާމް ދީން ކުރިއަރުވަން ކުރައްވާ މަސައްކަތްޕުޅަށެވެ.
ރައީސަށް އެވޯޑު އަރުވަނީ. --ފޮޓޯ: ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވި ގޮތުގައި އިސްލާމިކް މޮޑެރޭޝަން ފޯރަމްގައި 12،000 އަށް ވުރެ ގިނަ އިލްމުވެރިން މަސައްކަތް ކުރައްވާއިރު އެ ފޯރަމްގެ ބޭނުމަކީ ދުނިޔޭގެ ސުލްހަ މަސަލަސްކަން ގާއިމްކޮށް، އަމާން އޮމާންކަމާ އެކު ކަންކަން ކުރުމުގެ މަގު ފަހި ކޮށްދިނުމެވެ. މި ހަރަކާތުން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި މިނިސްޓަރު މިސާލު ނެންގެވީ ޖޯޑަން އެވެ. އެ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްވީ އެ ހަރަކާތުގެ ވެސް ވަރަށް ބޮޑު ދައުރަކާ އެކުގައި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ފޯރަމުން ސުލްހަ އަށް މަސައްކަތް ކުރަމުން އަންނަ އިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް އެވޯޑު އެރުވީ، ޒިޔާދު ވިދާޅުވި ގޮތުގައި، އެ ފޯރަމުން ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ އުސޫލްތަކާއި އިސްލާމީ ހަމަތައް ދެމެހެއްޓުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުން އެބަދޭ،" ޒިޔާދު ވިދާޅުވި އެވެ.
އެވޯޑު ހަވާލުކޮށްދެއްވުމުގެ ކުރިން، ވާހަކަ ދައްކަވަމުން، އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ރައީސް، އިސްލާމް ދީން ކުރިއަރުވަން ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވިދާޅުވީ، އިސްލާމީ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން އަދި ހައްދު ފަހަނަޅައިދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، އެފަދަ އެވޯޑެއް އެރުވި ކަމަށްޓަކައި އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެ އެވޯޑަކީ އިސްލާމް ދީންގެ އަސާސްތައް ކުރިއަރުވައި ހައްދުފަނަޅައިދިއުމާ ދެކޮޅަށް އެ މަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ވިދާޅުވި އެވެ.
އަދި މޮޑެރޭޝަން ފޯރަމުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، އެ މަސައްކަތަށް ހިތްވަރު ދެއްވެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޒުނާ
17 April 2018
މަރުހަބާ ރައީސްޔާމީން
ވިސްނާމީހާ
17 April 2018
ހމމމ.....ދީން ދޯ؟ އިޓްސް ސަބްޖެކްޓިވް.
ޢަލިދީދީއައްޑޫސިޓީ
17 April 2018
އެވޯރޑް ގައި ލިޔެފައި އެ އޮތީ ކޮން ނަމެއް؟
ޓީޗަރު
17 April 2018
"އެ ހަރަކާތް ހިންގަނީ ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިންގެ ބެއްލެވުމުގެ ދަށުންނެވެ." ދެން ވިސްނާލާ މި އެވޯޑެއްގެ ޙާލަތު. ދެން ރައީސް ޔާމީނު ކަހަލަ މީހަކަށް ލިބޭނީވެސް މިކަހަލަ އެއްޗެއް. ގޯހެއް ނޫން.
މިއީ
16 April 2018
ތިއީ އެމަނިކުފާނަށް ވަރަށް ހައްގު އެވޯޑެއް. އެއީ އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ޒުވާނުންގެ ދީނީ ހޭލުންތެރިކަން އިތުރުވެ މަގުތައް މަތީގައި ޒުވާނުން ގިނަވެގެން އުޅޭތަނެއް މިހާރަކު ނުފެންނާނެ އެވެ. ކުރިން މަގުތައް މަތީގައި ގިނަވެގެން އުޅުނު ޒުވާނުން މިހާރު ބަނގި ދިނުމުގެ ކުރިން މިސްކިތަށް ވަދެ މިސްކިތައް ފުރާބާރު ކޮއްލައެވެ. އަދި ބާކީ ތިބި މީހުންނަށް މިސްކިތުން ޖާގަ ނެތުމުގެ ސަބަބުން މަގުތައް މަތީގައި ނަމާދު ކުރަމުން ދަނީ އެވެ.
ދީދީ
16 April 2018
އެޥޯތައް ވެސް ހޯއްދަވަން މި ޖެހެނީ ހުދުމުހުތާތުރު ގައުމުތަކުން ދެއްތޯ
ބާބޫ
16 April 2018
ތީ ނާޗަރަންގީ ކުޅުނީމަ ދޭ އެވޯޑެއް އުތަ
ސަޒުނާ
17 April 2018
ތިކަހަލަ ތާކުން ތާކުން ނުޖެހޭ މުޑުދާރު ވާހަކަ ނުދައްކަށްޗޭ.ނާޗަރަންގީ ކުޅެނީ އަންނި.
ނަޖްވާ
16 April 2018
އާނ ސައުދީގަވެސް މިހާރު ޑިގު ކުޅުުމުގެ މުބާރާތްތައްވެސް އެބަ ބާއްވަ އެއްނު! އެމްބީއެސް އަށް ވެސް މޮޑަރޭސަން ކުރުމުން ވަރަށް އަވަހަށް އިނާމެއް ލިބޭނެ ކަމަށް ވޭ! މި ލަޤަބު މީކިހާވަރަކަށް ވިއްކާ އެއްޗެއް ބާވެއޭވެސް ހިތަށް އަރާ އިނގޭ!
ސަލީމު އިދުރީސް
16 April 2018
ވައްކަން ކުރުމަކީ ތަބީއީ ކަމެކޭބުނެ ވައްކަން ކުރުން ގައުމުގަ މެކުހައްޖެހީމަ ތިފަދަ އެވޯޑެއް ދިއްބަޔެއްގެ ފަތިފުއް ހޯދާ ނޫހުގަ ޖަހާލަބަލަ!
ބަގު
16 April 2018
ހަހަހަ. މަށެއް ދުވަހަކުވެސް ނާހަން މީނަބުއަޑެއް ނަމާދުކުރާށޭ، ޒަކާތް ދޭށޭ، ދީނީ ކަންކަމަށް ފަރުވާތެރިވާށޭކިޔައިގެން ބުނާއަޑެއް. ޙައްތާވެސް އިވެނީ ދީނާ ގައުމަށްޓަކާ ދެންއަންނަ ދައުރަކަށް ހޮވައިދޭށޭ.