އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީގެ ދެ ކުޅުންތެރިން ކައިިރިން އަޝްފާގު (ކ) ބޯޅަ ހިފައިގެންދަނީ:.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ޖުލައި 2016 - 01:18
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ ކުޅުނު މެޗުން ބީޖީ ސްޕޯޓްސް އަތުން ހަނިގޮތަކަށް 1-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި އެ ޓީމު ލީޑުފުޅާކޮށްފި އެވެ.
މިރޭގެ މޮޅާ އެކު މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ނުވަ މެޗުން 20 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް އާއި ތިން ވަނައިގައި އޮތް އީގަލްސް އަށް 14 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް މާދަމާ ހަވީރު ކުޅޭ މެޗުން ވެލެންސިއާ އަތުން މޮޅުވެއްޖެނަމަ މާޒިޔާގެ ލީޑު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ.
ބީޖީ އެންމެ ފުލުގައި އޮތީ ނުވަ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެވެ. ބީޖީ ކޮޅަށް މާޒިޔާގެ ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.
މިރޭގެ މެޗަކީ އަލީ އަޝްފާގު (ދަގަނޑޭ) ރެކޯޑް އަގަކަށް މާޒިޔާ އަށް ބަދަލުވި ފަހުން އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. މިރޭގެ މެޗުގައި ދަގަނޑޭގެ ފަރާތުން މާ ނުރައްކާތެރި ހަމަލާތަކެއް ނުފެނެ އެވެ. ބެލެވޭ ގޮތުގައި އޭނާގެ ފިޓްނަސް އަދި ސަތޭކަ ޕަސެންޓެއް ނޫނެވެ.
މާޒިޔާއާ ދެކޮޅަށް މިރޭ ބީޖީން ފެށީ ޑިފެންސިވް ކޮށެވެ. މާޒިޔާ އަށް ފުރަތަމަ ހަމަލާއެއް އުފެއްދުނީ މެޗުގެ 18 ވަނަ މިނިޓްގަ އެވެ. ބީޖީ އޭރިއާ ތެރެއިން އަސްހަދު އަލީ (އަޑުބަރޭ) ހުސްކޮށްލާފައި ދަގަނޑޭ އަށް ދިން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ ސީދާ ވާގޮތެއްނުވި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ބީޖީ ކުޅުނު މެޗުގެ ތެރެއިން: ބީޖީގެ ތިން ކުޅުންތެރިން ކައިިރިން މާޒިޔާގެ އަލީ އަޝްފާގު (ދަގަނޑޭ) ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކައުންޓަ އެޓޭކްގައި ފުރަތަމަ ހާފް މެދުތެރެއިން ބީޖީ އަށް ދެ ފުރުސަތެއް ލިބުނެވެ. އެގޮތުން ބީޖީގެ އަބްދުﷲ މުއާޒް (އޮޓޯ) އާއި މުހައްމަދު ސާބިގް އަށް ލިބުނު ފުރުސަތުތަށް ބޭނުމެއް ނުކުރެވުނެވެ.
އަސަދުﷲ މާޒިޔާގެ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 41 ވަނަ މިނިޓްގަ އެވެ. ލިބުނު ކޯނަރަކުން މުހައްމަދު އުމެއިރު ނަގައިދިން ބޯޅަ ބީޖީ އޭރިއާ ތެރޭގައި ހުސްކޮށްހުރެ އަސަދުﷲ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ހާފް ނިމުމުގެ ކުރިން ހުސެއިން ނިޔާޒް (ބޮކުރީ) އަށް މާޒިޔާގެ ލީޑު ފުޅާކުރަން ލިބުނު ފުރުސަތު އޭނާ އަތުން ވަނީ ބޭކާރުވެފަ އެވެ. ދެ ވަނަ ހާފްގައި މާޒިޔާ އިން ފެށީ ބޮކުރީގެ ބަދަލުގައި އަހުމަދު ނާޝިދު (ނައްޓޭ) އަރުވައިގެންނެވެ.
ހާފުގެ ކުރީކޮޅު ނައްޓޭ ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އެކަމަކު އޭނާ ދިން ބޯޅަ އަކުން މާޒިޔާ އޭރިއާ ތެރެއިން އަސަދުﷲ ފޮނުވާލީ ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.
މި ހާފްގައި ދަގަނޑޭގެ ތިން ޝޮޓެއް ފެނިގެންދިޔަ އެވެ. ދެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިމަތިން ދިޔައިރު، އަނެއް ބޯޅަ ބީޖީގެ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.
ނަތީޖާ ހަމަހަމަކުރަން ބީޖީގެ ބިދޭސީ ފޯވާޑް ކިންގްސްލީ އެލެޗީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އަބްދުﷲ ޒިޔާން ނަގައިދިން ހުރަހަކުން މާޒިޔާ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ކިންގްސްލީ ފޮނުވާލި ހަމަލާ ކީޕަރު އިމްރާން މުހައްމަދު ވަނީ ފަސޭހަ ކަމާ އެކު ދިފާއުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްސަދު
21 July 2016
ބީޖީ ވަރުގެ މަސައްކަތު ރޭޓް ހައި ޓީމް އެއް މި ލީގުގަ އެއް ނެތް. ނޭގެ ކީއްވެ ކަމެއްް މޯޅު ނުވަނީ.
ޝާޒްލީ
16 September 2016
ކޯޗު ކަޑަވީމަ!
ޢާރިފް
21 July 2016
މާޒިޔާ ފެންވަރު ވަރަށް ސާފް
ޒިނާން
21 July 2016
ދަގޭ ހުރީ ބަނދެލާފަ މި މެޗް ގަ އެއްކަމެއް ވެސް ނުވި. ހަމަ އަރާ ހުރި ބޮލެއް. ބީޖީ ގެ މަސައްކަތު ރޭޓް ހަބޭސް.
ސިނާ
21 July 2016
ބީޖީ އިން ވެއްޖެ ކަންނޭގެ ލަނޑު ޖަހަނެ ގޮތެއް ހޯދަން.
ޒަރީރް
21 July 2016
ދަގަޑޭ މިހާތަނައް 3 ފަހަރު ބީޖީ އާ ދެކޮޅައް ކުޅުނު އިރު ވެސް ލަޑެއް ނުޖަހާ. ހަމަ އެކަނި ދަގަޑޭ ކުޅުނު ޓީމް ތަކުގެ ތެރެއިން ދިވެހި ލީގުގަ ލަނޑު ނުޖަހާ ޓީމް. އަޑުއަހަން ދަގަޑޭ އަކީ ހާފް ބީޖީ މީހެކޭ ވެސް. ދަގަޑޭ ވަރައް ގާއި ބައެއް ކަމައް ވަނީ ބީޖީ ގެ އިސް ވެރިންނަކީ.
އަންތަރީސް
21 July 2016
ބީޖީގެ ކޯޗު ސާޒްލިއަށް ބުނެލަން އޮތީ ކިންގްސްލީ އާއި ކޯޗާއި ދޭތެރޭ އޮތީ ކޮންގުޅުމެއްތޯ؟ އެސޮރަކަށް ނުކުޅެވެޔޭ.. ހިޔެއްނުވޭ އެއީ ރަނގަޅު ފެންވަރެއްގެ ބޯޅަ ކުޅެފަ ހުރި މީހެއްހެންވެސް.. ހައްލެއް ހޯދަން އުޅޭ... އޭނަ ފޮނުވާލާ... އާދޭސް