22 އެޕްރީލް 2018 - 00:47
ލަންޑަން (އޭޕްރިލް 22) - ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-1 އިން މޮޅުވެ އެފްއޭ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފި އެވެ. މިއީ އިނގިރޭސި މުބާރާތްތަކުގެ ފައިނަލުން ޔުނައިޓެޑް ފުރުސަތު ހޯދި 29 ވަނަ ފަަހަރު ކަމަށްވާއިރު، މިއީ ރެކޯޑެކެވެ.
ޔުނައިޓެޑް ވަނީ 20 ފަހަރު އެފްއޭ ކަޕް ފައިނަލުގައި ކުޅެފަ އެވެ. އަދި ނުވަ ފަހަރު ލީގު ކަޕް ފައިނަލުގައި ވެސް ވާދަކުރި އެވެ.
އަނެއްކޮޅުން މިއީ އެފްއޭ ކަޕް ސެމީ ފައިނަލުން ޓޮޓެންހަމް ޖެހިޖެހިގެން ބަލިވި އަށް ވަނަ ފަހަރެވެ. މި މެޗުން ބަލިވުމުން މި ފަހަރު ވެސް އެ ޓީމު ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.
ޓޮޓެންހަމަށް މި މެޗުގެ 11 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ކްރިސްޓިއަން އެރިކްސެން ދިން ބޯޅަ އަކުން ޑެލޭ އަލީ އެވެ. އޭގެ 13 މިނިޓް ފަހުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަވީ ޕައުލް ޕޮގްބާ ނަގައިދިން ހުރަކުން އަލެކްސިސް ސަންޗޭޒް ބޮލުން ކާމިޔާބު ކުރި ގޯލުންނެވެ. މިއީ ވެމްބްލީގައި އެންމެ ފަހުން ސަންޗޭޒް ކުޅުނު އަށް މެޗުގެ ތެރެއިން އޭނާ ކާމިޔާބުކުރި އަށް ވަނަ ލަނޑެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ ސްޕެއިނުގެ މިޑްފީލްޑަރު އެންޑަ ހެރޭރާ އެވެ.
ޔުނައިޓެޑާ ހަވާލުވުމަށް ފަހު ފުރަތަމަ ސީޒަނުގައި ހޯސޭ މޮރީނިއޯ ވަނީ އެ ޓީމަށް އިނގިރޭސި ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. މި ފަހަރުގެ އެފްއޭ ކަޕް ފައިނަލަކީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅޭނެ ތިން ވަނަ ފައިނަލެވެ.
ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރި ހެރޭރާ ބުނީ އަނެއްކާ ވެސް ޔުނައިޓެޑާ އެކު ފައިނަލެއް ކުޅުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ޔުނައިޓެޑަކީ އަބަދުވެސް ފައިނަލުގައި ފެންނަން ޖެހޭނެ ޓީމެއް ކަމަށެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މި ނާކާމިޔާބީއާ އެކު ވެސް އެނގުނު އެއްޗަކީ ކުރަން އޮތް މަސައްކަތް ބޮޑުކަން ކަމަށާއި މި ހިސާބުން މަސައްކަތް ހުއްޓާލާފައި ތިބުމުގެ ވިސްނުމެއް ނެތް ކަަމަށެވެ. މީގެ އިން ލިބޭ ފިލާވަޅުތަކުގެ ބޭނުން މުސްތަގުބަލުގައި ޓޮޓެންހަމްގެ ކުޅުންތެރިން ހިފާނެ ކަމަށް ޕޮޗެޓީނޯ ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ވަނީ މި މެޗުގައި އެ ޓީމު ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ކޮށްފަ އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސަންޗޭޒް އޭނާގެ ފެންވަރު ސާބިތުކޮށްދީފައިވާ ކަމަށް ބުންޏެވެ.
ފައިނަލުގައި ޔުނައިޓެޑް ކުޅޭނީ ދެ ވަނަ ސެމީ ފައިނަލުގައި މާދަމާރޭ ސައުތެމްޓަނާއި ޗެލްސީ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލް އޮންނާނީ އަންނަ މަހު 19 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
22 April 2018
މަރުހަބާ ޔުނައިޓެޑްގެ ފޭނުން.މަރުހަބާ ބަސްފޮތް.މަރުހަބާ ރޯޒް.
ރޯޒްް
23 April 2018
ތޭންކްސް. މިމޮޅު ހަދިޔާ ކޮށްލަން ބޭނުންވަނީ ރަދީފްއަށް.
ސަންޗޭސްގެ މުނިކާފަ
22 April 2018
އެސޮރަށް މޭންއޮފްދަ މެޗު ލިބުނީމަ ސިޔާސީއަށް ހަޖަމުނުވީތަ؟ ޕިސްޕިސްޕިސް
އިހަވަންދޫ
22 April 2018
ހުމް. ނޭގޭތަ؟؟؟؟؟؟
ސިޔާސީ
22 April 2018
މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ސަންޗޭޒްތަ؟؟؟
ސަންޗޭޒް
22 April 2018
އާން... އަހަރެން ހޯދީ!