ދުނިޔެ / އިންޑިއާގެ ރޭޕްގެ މައްސަލަތައް

ގޭންގު ރޭޕުގައި ބައިވެރިވި ތިން މީހުން އިންޑިއާ އިން ހައްޔަރުކޮށްފި

އަންހެން ކުއްޖާ ރޭޕްކުރި މީހުންގެ ތެރޭން ފުލުހުން ހައްޔަރު ކުރި މީހުންނަށް ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖަހައިދީފައި. --ފޮޓޯ:އިންޑިއަން އެކްސްޕްރެސް

21 ޖުލައި 2016 - 15:02

ހަރިޔާނާ (ޖުލައި 21) - މީގެ ތިން އަހަރު ކުރިން އިންޑިއާގެ ސްކޫލް ދަރިވަރަކު ރޭޕްކުރި ގޭންގުން އަނެއްކާ ވެސް އެ ދަރިވަރު ރޭޕްކުރުމުގައި ބައިވެރި ފަސް މީހުންގެ ތެރޭން ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އުތުރުގެ ހަރިޔާނާ ސްޓޭޓުގެ ރޮޓަކް ޓައުނުގެ ދަލިތު ދަރިކޮޅަށް ނިސްބަތްވާ 21 އަހަރުގެ ދަރިވަރު ބުނީ ގޭންގުގެ ފަސް މީހުން މިދިޔަ ހަފުތާގައި އޭނާއާ ދިމާކޮށްލުމަށް ފަހު ކާރަކަށް ލައިގެން ގެންދިޔައީ ސްކޫލް ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ. އަންހެން ކުއްޖާ ބުނީ އޭނާ މިފަހަރު ވެސް ރޭޕްކުރީ 2013 ވަނަ އަހަރު ވެސް އޭނާ ރޭޕްކުރި ގޭންގުން ކަމަށެވެ. އެ ފަސް މީހުން އެ ފަހަރު ހައްޔަރު ކުރި ނަމަވެސް ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

"އަންހެން ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވި ފަސް މީހުންގެ ތެރޭން ތިން މީހުން އިއްޔެ ވަނީ ހައްޔަރުކޮށްފައި،" ފުލުހުންގެ އޮފިސަރެއް ކަމަށްވާ ޕުޝްޕާ ކަތުރީ އޭއެފްޕީ އަށް ބުންޏެވެ.

ފަސް މީހުންގެ ގޭންގަކުން ރޭޕްކުރި އަންހެން ކުއްޖާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ.

ރޭޕްކުރި އަންހެން ކުއްޖާ ބީބީސީ އަށް ބުނީ އެ ފަސް މީހުންނަކީ މުޖްތަމަ އަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި އެއީ ދޫވެފައި ތިބެންޖެހޭ ބައެއް ނޫން ކަމަށެވެ.

"އެއީ ވަރަށް ނުރައްކާ ބައެއް. އެ މީހުންނަށް ދޭން ޖެހޭ އަދަބީ ދަންޖައްސާ މެރުން،" ހޮސްޕިޓަލުގައި އޮވެ އަންހެން ކުއްޖާ ބުންޏެވެ.

އަންހެން ކުއްޖާގެ އާއިލާ އިން ބުނީ ހަރިޔާނާ ސްޓޭޓުގެ ބިވާނީ ޓައުނުގައި އުޅުމަށް ފަހު އެ މީހުން ރޮޓަކް ޓައުނަށް ބަދަލުވީ ވެސް ގޭންގް މީހުން ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާތީ އެ މީހުންގެ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރަށް ކަމަށެވެ.

ރޭޕް ކުރުމާ ދެކޮޅަށް ހަރިޔާނާ ސްޓޭޓުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އިންޑިއަން އެކްސްޕްރެސް

އެއް ގޭންގަކުން ދެ ވަނަ ފަހަރަށް އެއް ކުއްޖަކު ރޭޕްކުރުމާ ގުޅިގެން އިންޑިއާގައި ދަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ސްޓޭޓް ސަރުކާރުން ބުނެފައި ވަނީ މި މައްސަލަ ބެލުމަށް ސްޕެޝަލް އިންވެސްޓިގޭޝަން ޓީމު (އެސްއައިޓީ) އެއް އުފައްދާފައި ކަމަށެވެ.

ދިއްލީގައި 2012 ވަނަ އަހަރު 23 އަހަރުގެ ދަރިވަރަކު ގޭންގަކުން ރޭޕްކުރި ހާދިސާ އަށް ފަހު އިންޑިއާގައި ރޭޕުގެ މައްސަލަތަކަށް ދޭ ސަމާލުކަން ވަނީ ބޮޑުވެފަ އެވެ. އެ ހާދިސާ އަށް ފަހު ވަނީ ރޭޕްކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނުތަކަށް ބަދަލު ގެނެސްފަ އެވެ. ނަމަވެސް އެ ގާނޫނުތަކުން މާބޮޑު ފައިދާއެއް ނުކުރެ އެވެ. އޭގެ އެއް މިސާލަކީ އެއް ގޭންގަކުން ދެ ވަނަ ފަހަރަށް އެއް ކުއްޖަކު ރޭޕް ކުރުމެވެ. އަދި އިންޑިއާގެ އެކި ހިސާބުތަކުގައި ހިންގާ ރޭޕްގެ ހާދިސާތައް ވެސް ދަނީ އިތުރުވަމުންނެވެ. އިންޑިއާގައި 2014 ވަނަ އަހަރު ވަނީ 36،735 މީހުން ރޭޕްކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454