ރިޔާޒް: ތަހުގީގެއްގައި އޭނާގެ ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ ކުރި ދައުވާގައި ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެ ދައުވާ ސާބިތުނުވާ ކަމަށް --ފޮޓޯ/މިހާރު
26 އެޕްރީލް 2018 - 13:55
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ހައި ކޯޓުގައި ހިންގީ ސިޔާސީ ޝަރީއަތެއް ކަމަށާއި އެއީ އިންސާފުން ދިޔަ ޝަރީއަތެއް ކަމަށް ގަބޫލުކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ތަހުގީގަކަށް ފޯނު ހުޅުވައިނުދިން މައްސަލާގައި ކުށްވެރިނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައި ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ހުކުމް ކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސްބަޔާނުގައި ބުނީ، އުސޫލުތަކުގެ ބޭރުން އިސްތިއުނާފުގެ މަރުހަލާގެ ކޯޓުތަކުން އަމަލުކޮށް، އެކަށީގެންވާ މިންވަރަށް ދިފާއުގައި މަސައްކަތް ކުރާނެ ފުރުސަތު ވަކީލުންނަށް ދީފައިނުވާ ކަމަށެވެ. އަދި ހުކުމް އިއްވާފައިވަނީ، އިސްތިއުނާފުކުރި މައްސަލަ ނޫން އެހެން މައްސަލައެއް އުފަންކޮށް، ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ނޫން އެހެން މައްސަލައެއްގައި ކަމަށް ވެސް ބުންޏެވެ.
އެ ކަންތައްތަކުން ރިޔާޒުގެ މައްޗަށް ހިންގާފައިވަނީ ސިޔާސީ ޝަރީއަތެއްކަން ޝައްކެތްނެތް މިންވަރަށް ފެނި ހާމަވެފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
"ތަފާތު އެކިއެކި ނަންނަމުގައި ބާތިލް އިންޓެލިޖެންސް ރިޕޯޓުތައް ހަދައިގެން ސިޔާސީ މީހުންގެ މިިނިވަންކަން ނަގާލައި ޖަލުގައި އަނިޔާވެރިކޮށް ގެންގުޅެމުންދަނީ އަބްދުﷲ ޔާމީންގެ ވެރިކަން ދިފާއުކޮށްދިނުމަށް، ގާނޫނާ ހިލާފަށް އެހީތެރިވަމުންދާ މަދު ސިފައިންނާއި، ފުލުހުން އަދި ފަނޑިޔާރުންގެ ސަބަބުން ކަމަށްވާތީ، އެފަދަ ފަރާތްތަކުގެެ ކިބައިން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަކީ ދިވެހި އެންމެހާ ރައްޔިތުންގެ މައްޗަށް އޮތް ގާނޫނީ އަދި ފަރުދީ ޒިންމާއެއް،" ބަޔާނުގައި ބުންޏެވެ.
ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އެތައް ބަޔަކަށް ސިޔާސީ ފަނޑިޔާރުންގެ އަމަލުތަކުގެ ސަބަބުން ނުހައްގުން އަނިޔާ ލިބެމުން ދާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ. އެހެންވެ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ޝަރީއަތްތައް ހިންގުމަށް ވެސް، ޝަރުއީ ދާއިރާ އަށް އިދިކޮޅު ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީދީއައްޑޫސިޓީ
26 April 2018
އިދިކޮޅު ކުދިން ތިޔަހެން ޓްވީޓު ކޮށްކޮށް ތިއްބާ ތެޔޮނާށި ކާޅު ގެންގޮސްފާނެ! ވޯޓު ލާން 6 މަސްދުވަހަށް ވެއްޖެ. ކޮބާހޭ ކެންޑިޑޭޓް!
ފިލި
26 April 2018
ޖަލުގައި.