ޚިޔާލު

ކޮލަމް 7: މިއަށް ކިޔާނީ ނިކަމެތިންގެ އިހުސާސްތަކާ ކުޅުން!

ފްލެޓް ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ބޯހިޔާވަހި ކަމަށް އެދި އާންމުން ފެންބޮވައިގެންފައި ތިބި މަންޒަރު މަތީގައިވާ ފޮޓޯ އަށް އެކަނި ބަލާލިޔަސް އެބަ އެނގެ އެވެ. އަދި މިއީ ސަރުކާރުތަކުން ދިވެހި ރައްޔިތުން އެ ޒަރޫރީ ބޭނުން ފުއްދަން ސަލާން ޖަހަމުންދާ ނިކަމެތިން ގަނަތަޅުވަމުންދާ ހިތާމަވެރި މަންޒަރެއް ވެސް މެ އެވެ. އިއްޔެ ދަރުބާރުގެއިން ފެނިގެން އެ ދިޔައީ އޭގެ އެއް ސިލްސިލާ އެވެ. މިކަހަލަ ކިތަންްމެ މަންޒަރެއް، ކިތަންމެ ސަރުކާރެއްގައި އަހަރެމެން ދެކެފީމެވެ. ރޯއަވީގައި ކިޔޫ ޖެހިގެން ކިތަންމެ ފަހަރަކު ފްލެޓަށް އެތައް ބަޔަކު އުންމީދުތަކާ އެކު ފޯމު ލައިފި އެވެ. ވީކަމެއް ހަރާމެވެ! އަހަރެން ހިތަށް އަރަނނީ ފޮޓޯގައި އެތިބި މީހުން ފްލެޓަށް ފޯމް އެ ލަނީ ކިތައް ވަނަ ފަހަރު ބާއޭ އެވެ؟

އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ވާހަކަ ކިޔައިދޭނަމެވެ. އޭނާ އަށް ދިމާވީ އަދި މާ ހިތްދަތި ގޮތެކެވެ. އެ ވާހަކަ ފަށަމާ ހިނގާށެވެ!

ހައުސިން މިނިސްޓްރީން މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފްލެޓް ފޯމް ދޫކުރަން ފެށުމާ އެކު އޭނާ އަހަންނަށް ގުޅި އެވެ. އަދި ހެޔޮނުވާނޭ، މަށަށް ފޯމު ލައިދީބަލާށޭ ބުނުމުން އޭނާ އަށް ފޯމު ފުރައިދިނީމެވެ. އެކަމަކު ބައެއް ޑޮކިއުމެންޓް ހަމަނުޖެހިގެން އޭނާ ޖެހުނީ ލަންކާގައި ހުރެފައި މާލެ އަންނާށެވެ! މާލެ އައިސް ހައުސިން މިނިސްޓްރީގައި އޮތް ދިގު ކިޔޫގައި ހުއްޓެވެ. ފޯމް ލައިފި އެވެ.

"ހިނގާ ސައި ބޯން،" އޭނާ ނުކުމެފައި ބުންޏެވެ. "މިއޮތީ ފްލެޓް ލިބިފައި."

ފްލެޓަށް އެދޭ ފޯމް ހޯދުމަށްޓަކައި ދަރުބާރުގޭގައި އިއްޔެ މީހުން ތޮއްޖެހިފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ދައްކާލީ އަތުގައި އޮތް ސްލިޕްކޮޅެވެ. ބަލާލި އިރު ރަހުމަތްތެރިޔާ އަށް 92 ޕަސެންޓް މާކްސް ލިބިފައި އޮތެވެ. ފަނަރަ ހާހެއްހާ ފްލެޓް ދޫކުރަން އޭރު އިއުލާންކޮށްފައި އޮތުމުން އެވަރުގެ މަތިން މާކްސް ލިބުނު މީހަކަށް އެންމެ ފުރަތަމަ ބުރުން ފްލެޓް ލިބޭނެ ކަމަށް އޭރު އޮތީ ބެލެވިފަ އެވެ. އޭގެ ފަހުން، މިނިސްޓްރީން ޖަވާބެއް ނަޔަސް، މިނިސްޓްރީ އަށް ގުޅައިގެން ވާނުވާ ބަރާބަރަށް ބަލަމުން ދިޔަ އެވެ. ފްލެޓޭ ބުނެފިއްޔާ އޭނަ ހުންނަނީ އެކަމާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދައިގެންނެވެ. މިނިސްޓްރީގެ މުވައްޒަފުން ސާވޭ ކުރަން އެ ގެއަށް ނުދިއުމުން ވެސް، މިނިސްޓްރީ އަށް ގުޅައި، ނަންބަރެއް އެއްޗެއް ބަދަލުވެފައި އޮތްތޯ ވެސް ބަލަމުން ދިޔަ އެވެ. އުޅެމުން ދިޔަ ތަން ބަދަލު ނުކޮށް ދެ އަހަރު ވަންދެން އޭނާ މަޑުކުރި އެވެ. އެންމެ ފަހުން މިނިސްޓްރީގެ މުވައްޒަފުން ސާވޭ ވެސް ކުރަން ދިޔަ އެވެ.

އެ ބުރުގައި ފްލެޓް ލިބޭ ފުރަތަމަ ލިސްޓް އިއުލާންް ކުރުމާ އެކު ވަގުތުން މިނިސްޓްރީ އަށް ދިޔަ އެވެ. އޭނާގެ ނަންބަރު އޮތްތޯ ބެލިއިރު ނަންބަރެއް ނެތެވެ. ކައިރީގައި އަހަރެން ހުރެގެން ވަރަށް ޖޯކު ޖެހީމެވެ. ތިއީ ލިބޭނެ އެއްޗެއް ނޫނޭ، ތިކަން ހަނދާން ނައްތާލާށޭ ބުނެ ވަރަށް މަލާމާތް ކުރީމެވެ. އަދި ފްްލެޓް ދިން ލިސްޓް ސިއްރު ކުރި ވާހަކަ އާއި ފްލެޓްތައް ދިނީ ވަކި ބަޔަކަށޭ މާލެތެރޭގައި އެބަ ކިޔައޭ ބުނުމުން ވެސް އޭނާ އުންމީދު ކަނޑައެއް ނުލަ އެވެ.

"ސަރުކާރު ތިޔަހާ ހަރާންކޯރެއް ނުވާނެ،" އޭނާ އެ ދުވަހު ބުންޏެވެ. ދެން ހުވަފެން ދެކެން ފެށީ ދެން އަންނަ ބުރަކަށެވެ!

އެހެން ވަރަށް ގިނަ ބަޔެކޭ އެއްގޮތަށް އޭނާ ވެސް މިހާރު ހަގީގަތާ ކުރިމަތިލާން ޖެހިއްޖެ އެވެ. އެ ފްލެޓް މަޝްރޫއަށް އެތައް ބަޔަކު ލީ ފޯމްތައް ހުރިގޮތަށް ހުއްޓައި އެހެން މަޝްރޫއެއް މިދިޔަ ނޮވެމްބަރުގައި ސަރުކާރުން އިއުލާން ކުރީ އެވެ. ދެރަ ކަމަކީ، ބޯހިޔާވަހި ކަމަށް ސަރުކާރުން އިއުލާންކުރި އެންމެ ބޮޑު މަޝްރޫއުގައި އޭނާ އަށް ބައިވެރިވެވެން ވެސް ނެތީތީ އެވެ. އޭނާގެ އުމުރުން 40 އިން މައްޗަށް ހިނގައްޖެ އެވެ. ހިޔާ މަޝްރޫއު 17 ކެޓަގަރީ އަކަށް ބަހައިލި އިރު މަގޭ ރަހުމަތްތެރިޔާ ހިމެނޭނެ ހަމަ އެއްވެސް ކެޓަގަރީއެއް ނެތެވެ. އޭނާ އަކީ މާލޭ މީހެއް ނޫނެވެ. ޑޮކްޓަރެއް، ޓީޗަރެއް ނޫނެވެ. ސިވިލް ސާވަންޓެއް ނޫނެވެ. ފުލުހެއް، ސިފައިންގެ މީހެއް ވެސް ނޫނެވެ. މާލޭ ރަށްވެއްސެއް ވެސް ނޫނެވެ. އެކަނިވެރި ބަފައެއް ވެސް ނޫނެވެ. ނުކުޅެދޭ މީހެއް ވެސް ނޫނެވެ. މިއީ، ފިހާރައެއްގެ ސޭޓެކެވެ. އެކަމަކު މާލޭގައި އެންމެ ނިކަމެތި ކަަމާ އެކު ދިރިއުޅޭތާ މިހާރު ތިރީހަކަށް އަހަރުވީ އެވެ.

އަހަންނަށް ފެނުނީ، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދެ ކުދިންނާ އެކު އޭނަ އުޅެމުން ދިޔަ ދަތި ދިރިއުޅުމެވެ. އެ ދަތިކަން އިންތިހާ އަށް ގޮސް، އޭނާގެ ދަރިން ރަށަށް ފޮނުވާލައި، އޭގެ ފަހުން ލަންކާ އަށް ވެސް ބަދަލުކުރީ އެވެ. އަހަންނަށް ފެނުނީ ހަރަދު ބޮޑުވެ، ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން އުޅެމުންދިޔަ ތަނެވެ. މިހާރު ދަރިފުޅު ކިޔަވައި އެނބުރި މާލެ އަންނަން ތައްޔާރުވެފައި އޮތް އިރު އޭނާ އަށް އޭރު އޮތް ހަމައެކަނި އުންމީދަކީ އޭނާ ފްލެޓަށް ލީ ސްލިޕްކޮޅެވެ. އޭނާ ވެސް ބުނާހެން 92 މާކްސް ލިބޭނީ ވަރަށް ހާލުގައި އުޅެފައި ހުރީމަ އެވެ. އެ ސްލިޕްްކޮޅާ އެކު އޭނާ ޔަގީންކޮށްގެން ހުރީ އެތައް އަހަރެއް ވަންދެން އުޅެމުން ދިޔަ ކުލީ ކޮޓަރިގަނޑާ އަލްވަދާއު ކިޔުމުގެ ވަގުތު ޖެހުނީ ކަމަށެވެ. އެހެން ނަމަވެސް އެއީ ވެސް ސަރުކާރަކުން ދެއްކި ހުވަފެނެއް ކަމަށް އެންމެ ފަހުން ގަބޫލު ކުރީ އެވެ.

ހިޔާ މަޝްރޫއަށް އިއްޔެ ފޯމް ދޫކުރަން ފެށުމާ އެކު އާންމުން ރޯ އަވީގައި ކިޔޫގައި -- ފޮޓޯ: މިހާރު

މި ރަހުމަތްތެރިޔާ މިހާރު ބުނަމުންް ދަނީ މިހެންނެވެ. އަހަރެމެން 40 އިން މައްޗަށް ދިޔައީމަ ދެން މަރުވާންވީ ހެއްޔެވެ؟ ގައުމަށް އަހަރެމެންގެ ބޭނުން ކެނޑުނީ ހެއްޔެވެ؟ އަހަރެމެން ލައްވާ އެ ވަރުން ފޯމު ފުރުވައި އުންމީދުތަކެއް ގެނުވައި، ހުވަފެންތަކެއްގައި އެތައް އަހަރެއް ވަންދެން ބޭތިއްބުމުގެ ހައްގު ސަރުކާރަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އުމުރުގެ ދެން އޮތް ބައި އަދިވެސް ތިބެންވީ ކުލި ދައްކާލަ ދައްކާލަ ހެއްޔެވެ؟

މިއީ ހަމައެކަނި އަހަރެންގެ ރަހުމަތްތެރިޔާ އަށް އެކަނި ދިމާވެފައިވާ ހާލެއް ނޫނެވެ. ފްލެޓަކަށް ލާން ޖެހޭނެ އެންމެ ފަހު ފޯމު ކަމަށް ބުނެ، ސަރުކާރުން ބޮޑެތި ހުވަފެންތައް ދައްކުވައި ގެއަށް އައިސް ސާވޭކޮށް ވެސް ހަދައި، އެ އުންމީދުތައް ފުނޑުފުނޑުކޮށްލީ އެވެ. އެ ފޯމުތައް ލީ މީހުންނަށް މިހާރު އެއްވެސް އުންމީދެއް ނެތެވެ. އެ ހުރިހާ އެންމެން އަލުން ވީ ފޯމް ލާށެވެ! އެ ފޯމުތައް ބާތިލްް ކުރީ ކީއްވެގެންކަމެއް ނުވެސް އެނގެ އެވެ. އަނެއްކޮޅުން، އަލަށް މި ހުޅުވާލި މަޝްރޫއުގައި އެތައް ބަޔަކަށް ބައިވެރިވެވޭނެ ގޮތެއް ނެތި އެ ހައްގުން މަހުރޫމް ވެސް ވީ އެވެ. އޭގެ ތެރޭގައި ވަރަށް ބޮޑު އުންމީދެއްގައި ހުރި އަހަރެންގެ ރަހުމަތްތެރިޔާ ވެސް ހިމެނެ އެވެ.

މާލެ އަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދަން މި ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ސަރުކާރުން ފްލެޓޭ ނުކިޔާ މަހެއް، ނުކިޔާ ދުވަހެއް ނާދެ އެވެ. އެކަމަކު ފްލެޓް ލިބޭ ތަނެއް ދުވަހަކު ވެސް ނާދެ އެވެ. ފްލެޓަށްް ފޯމް ލާ ވަރަށް މީހުން ފޯމް ލަމުން ދެ އެވެ. އެ ވަރަށް އެ ފޯމްތައް ބާތިލް ކުރަމުން ވެސް ދެ އެވެ. ހަގީގަތަކީ، އަހަރެމެން މި ޖެހެނީ ފޯމް ފުރާލަ ފުރާލައި ތިބެ ރޯއަވީގައި އެ ލާން ކިޔޫގައި ތިބެން ކަމެވެ.

ފޯމް ފުރާށެވެ. ފޯމް ފުރާށެވެ! ދުނިޔެ އުމުރަށް އެކަން ކޮށްލަކޮށްލަ ތިބެން ހިނގާށެވެ. ސަރުކާރުން ބުނާހެން މާޔޫސް ވާނެ ކަމެއް ނެތެވެ. ފްލެޓް ލިބޭނެ އެވެ.-- އެކަމަކު ކޮން ދުވަހަކުން ހެއްޔެވެ؟ މި އުންމީދެއްގައި ތިއްބާ ކިތައް މީހުން މަރުވެއްޖެ ހެއްޔެވެ؟

46 ކޮމެންޓް, 195 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 87%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯހުދު

08 May 2018

ދެންވެސް ފްލެޓެއް ލިބޭނީ ފްލެޓް ދޮންބެ ގެނެސްގެން. މިހާރު މިހުރި މީހާއައް ވެރިކަން ލިބުނު އިރު ޓެކްސް ނިޒާމް ފުރިހަމަވެ ބިލިޔަނުން ލާރިލިބި އަދ ލޯނުތައް ނެގިއިރުވެސް ދައުރު ނިމުނުއިރު އެޅުނު ފްލްޓެއް ނެތް.

The name is already taken The name is available. Register?

2769

07 May 2018

ތާކުންތާކު ނުޖެހޭ ކުލަ ހުވަފެންތަކެއް މީހުންނަށް ދައްކައިގެން ވޯޓް ހޯދީމަ ޢުމުރަށް މަޤާމު ދެމިއޮންނާނެ

The name is already taken The name is available. Register?

ރައިން

07 May 2018

ފަލަސުރުހީ ލިޔެފަ ކޮންމެ އެއްޗެކޭ ކަލޭމެން ލިޔުނަސް ތިކަމުގެ ހަގީގަތަކީ އޮންލައިންކޮއް ފޯމްތައް ލިބެންހުއްޓަ ދަރުބާރުގެއައް ކިޔުޖައްސަންދިޔާމަ ދިވެހިން ވާނުވާނޭންގޭކަން އުގެނީ

The name is already taken The name is available. Register?

ވާނުވާ މީހާ

07 May 2018

އަހަރެންގެ ބޭބެ މާލޭގައި އުޅޭތާ 22 އަހަރު.. 4 ދަރިން.. މުސްކުޅި މަމްމައެއް.. 97 މާކްސް.. އެކަމަކު މާލޭގަ އުޅޭތާ 10 އަހަރުވީ 2 ދަރިން ހުރި މީހަކަށް ވެސް ލިބުނު ފްލެޓް

The name is already taken The name is available. Register?

ޕޮކަންޑިމޭން

07 May 2018

ފްލެޓް ބޭނުންވާ ހުރިހާ ފަރާތްތަކަށް މިރައީސްގެ ދެވަނަ ދައުރު ނިމުމުގެ ކުރިން ފްލެޓް ލިބޭނެކަމަށް ވުރެ މުޖައްރިބުކަމެއް މިޤައުމުގައި ނުވޭ. ފްލެޓްތައް އެއަޅައި އަދަދުތަކަށް ބަލައިއިރު ކޮންމެ މީހެއްގެ އަތެއް ފަޔަށް ވާވަރަށް ފްލެޓް ލިބޭނެ. މިއީ އަދި ފެށުން. ކުރިމަގު ވަރަށް އުޖާލާ. ހުރިހާ ބޭފުޅުންވެސް ފްލެޓްތަކަށް ފަރުނީޗަރ ހޯދައި ތައްޔާރުވުން ބުއްދިވެރި. ކުރިއަށް ދިވެހި ޤައުމު މުއުމިނު ރައީސް ޔާމީންއާއެކު.

The name is already taken The name is available. Register?

އަހްމަދު

07 May 2018

"އޭނާ އަކީ މާލޭ މީހެއް ނޫނެވެ. ޑޮކްޓަރެއް، ޓީޗަރެއް ނޫނެވެ. ސިވިލް ސާވަންޓެއް ނޫނެވެ. ފުލުހެއް، ސިފައިންގެ މީހެއް ވެސް ނޫނެވެ. މާލޭ ރަށްވެއްސެއް ވެސް ނޫނެވެ. އެކަނިވެރި ބަފައެއް ވެސް ނޫނެވެ. ނުކުޅެދޭ މީހެއް ވެސް ނޫނެވެ." މިއީ އެއްވެސް އިންސާފުވެރި ގޮތެއް ނޫން. ރާއްޖޭގެ އެންމެ ނިކަމެތި މީހާ އަތުންވެސް ނަގާ ޓެކްސް ފައިސާއިން ބޮޑު މުސާރަލިބޭ ތަނަވަސް ދިރިއުޅުން އުޅޭ ބަޔަކަށް ފްލެޓް ގަނެދޭކަަށް ނުޖެހޭ. ސޯޝަލް ހައުސިންގް އަކީ ފައިސާ ނުލިބޭ އެހެން ގޮތެއް ނެތް ފަގީރުންނަށް ދިނުމަށްފަހު ދެން އެހެން ބަޔަކަށް ދެންޏާ ދޭންޖެހޭ އެއްޗެއް.

The name is already taken The name is available. Register?

ޏަޒީރު

07 May 2018

ޢަހަރެންގެ ޝަރުތު ފުރިހަމަ، އެކަމަކު އަހަންނަށް މާލޭގަ ގިނަ މީހުން އުޅޭ ހާލު އެގޭތީ އެއިން ނިކަމެތި މީހަކަށް ފްލެޓެއް ލިބޭތޯ ފްލެޓައް ނުލާން މި ނިންމީ .

The name is already taken The name is available. Register?

ހޮޓްކިންގ

07 May 2018

ތީ ނިކަމެތިންގެ އިހްސާސްތަކާ ކުޅުމެއްނޫން. ތީ ކެތްމަދުކަމާއި ގޮތް ދައްކަން އުޅޭ މީހުން ފަލީހަތްވުން. ބަލަ ތިބުނާ ފޯމެއް ހޯދަން އެތަނުގައި ކިޔު ނުހެދިޔަސް ގޭގައި އިނދެގެން ބޭނުންވަރަކަށް ފޯމް ޑައުންލޯޑް ކުރެވޭއިރު ކޮންގޭމެއް ކުޅެންތަ ބަޔަކު އެތަނަށް އެއްވެގެން އުޅެނީ؟

The name is already taken The name is available. Register?

ޑައުންލޯޑް

07 May 2018

ހޮޓްކިންގ ޑައުންލޯޑް ކޯޗެކަން އެގުނަސް ޑައުންލޯޑް ކޯޗެކަންވެސްނޭގޭމީހުން ގިނަވާނީ

The name is already taken The name is available. Register?

ފޫޒލު

07 May 2018

ދިވެހިން އިތުރަށް ނިކަމެތިިކުރަނީ. ރަށުގައި ހުރި ގޯތިދޫކޮށްލާފަ ކޮން ފުލެޓެއް. ބިންދޭނަމަ ބާރުވެރިވާނީ. އެވެރިން ގަދައަށް ރިއަލްއެސްޓޭޓް ވިޔަފާރި އެކުރަނީ. ދެން އިންޓަރނޭޝަނަލް ފޫޑްޗޭންތަށް ގެނެސްގެން ހެސްކިޔަާފަ ވިޔަފާރިކުރަނީ. އެކަމަށްޓަކައި ތިޔަ އެންމެން މާލެއަށް އެ ޖަމާކުރަނީ.

The name is already taken The name is available. Register?

ނަސޫ

07 May 2018

މަގޭ ފިރިމީހާއަށްވެސް ފޯމު ނުލެވޭ. އޭނައަށް 42 އަހަރު. އެކަމަކު ކުރީގެ ކައިވެންޏަށްވެސް 3 ކުދިން ލިބިފައިވޭ. މިހާރުގެ ކައިވެންޏަށް 2 ކުދިން. ކުރީގެ އަނބިމީހާ ނިޔާވެފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454