ނޯތު ކޮރެއާ އިން މިނިވަން ކުރި ތިން ގައިދީންނާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (މ) އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ
10 މެއި 2018 - 14:57
ވޮޝިންޓަން (މެއި 10) - ނޯތު ކޮރެއާ އިން މިނިވަން ކުރި އެމެރިކާގެ ތިން ގައިދީންނަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ގައިދީން ގޮވައިގެން ދަތުރުކުރި ބޯޓު ވޮޝިންޓަނާ ކައިރީގައި އޮންނަ އެންޑްރޫ އެއާ ފޯސް ބޭސް އަށް ޖެއްސުމާ އެކު ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ "ޚާއްސަ ރެއެއް" ކަމަށެވެ. ވައިޓް ހައުސް އިން ބުނީ ތިން ގައިދީން މިނިވަން ކުރީ ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ބާއްވާ ސަމިޓުގެ ކުރިން ނޯތު ކޮރެއާ އިން ދިން ހިތްހެޔޮ ކަމުގެ މެސެޖެއްގެ ގޮތުން ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ސަމިޓް ބާއްވާނެ ތަނެއް ހަމަޖެހިފައިވާ ކަމަށާއި ތިން ދުވަސްތެރޭ އެ ތަނާ ބެހޭ މައުލޫމާތު އާއްމު ކުރައްވާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ކޮންމެ ވެސް ދުވަހަކުން އެމަނިކުފާން ނޯތު ކޮރެއާ އަށް ވަޑައިގަންނަވަން އުއްމީދު ކުރައްވާ ކަމަށާއި ކިމް ވެސް އޭނާގެ ގައުމު ހަގީގީ ދުނިޔެ އަށް ނެރެން ބޭނުންވާ ކަމަށެވެ.
ނޯތު ކޮރެއާ އިން މިނިވަން ކުރި ތިން ގައިދީންނާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (މ) އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ އެކު ގައިދީން ދަތުރު ކުރި ބޯޓު އެންޑްރޫ ވައިގެ މަރުކަޒުގައި އެމެރިކާ ގަޑިން ރޭ ދަންވަރު 2:45 (ރާއްޖޭ ގަޑިން މިއަދު 11:45 ) ގައި ޖެއްސުމާ އެކު ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ވަނީ ބޯޓަށް އަރައިވަޑައިގެންފަ އެވެ. ޓްރަމްޕް ވިދާޅުވީ ތިން ގައިދީން މިނިވަން ކުރީތީ ކިމް އަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ތިން ގައިދީން ކަމަށްވާ ކިމް ހަކް-ސޮން، ޓޯނީ ކިމް އަދި ކިމް ޑޮން-ޗުލް ބޯޓުން ފޭބި އިރު ތިބީ ހިނިތުންވެފަ އެވެ. ތިން ގައިދީން ނެރުނު ބަޔާނެއްގައި ވަނީ އެ މީހުން މިނިވަން ކުރަން އެމެރިކާ ސަރުކާރުން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy