17 މެއި 2018 - 10:23
ލިޔޯން، ފްރާންސް (މެއި 17) - އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ދެ ލަނޑާ އެކު 3-0 އިން ފްރާންސުގެ އޮލިމްޕިކް މާސޭ ބަލިކޮށް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ނުވަ އަހަރު ތެރޭގައި އެތުލެޓިކޯ އިން މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އެތުލެޓިކޯ އިން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2010 އާއި 2012 ވަަނަ އަހަރު އެވެ. ރޭގެ މެޗުގައި ގްރީޒްމަންގެ އިތުރުން އެތުލެޓިކޯގެ އަނެއް ލަނޑު ޖެހީ ކެޕްޓަން ގަބީ އެވެ.
ރޭގެ މެޗު ފަށައިގެން ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މާސޭގެ ވަލޭރީ ޖާމެން އަށެވެ. އޭނާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. މާސޭ އަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ 30 މިނިޓަށް ފަހު އެ ޓީމުގެ ކެޕްޓަން ޑިމިޓްރީ ޕަޔެޓަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުމުންނެވެ.
މާސޭ އަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ކުރިން ފުލަމް އަށް ކުޅުނު ގްރީސްގެ ފޯވާޑް ކޮސްޓަސް މިޓްރޯގްލޫ އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގްރީޒްމަން ވަނީ މި ސީޒަނުގައި 30 ލަނޑު ޖަހައިފަ އެވެ. މި ސީޒަނަށް ފަހު ގްރީޒްމަން އެތުލެޓިކޯ ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، ރޭގެ ފައިނަލަށް ފަހު އޭނާ ބުނީ މި ވަގުުތު ބޭނުމީ އުފާފާޅުކުރަން ކަމަށެވެ.
"އަހަރެން ވަރަށް އުފަލުން މިހުރީ. މި ކަހަލަ ވަގުތެއް ތަޖުރިބާ ކޮށްލަން އަހަރެން ވަރަށް ގިނަ އަހަރުތަކެއް ވަންދެން އިންތިޒާރު ކޮށްފިން. އުމުރުން 14 އަހަރުގައި އާއިލާއާ ދުރަށް ދިޔައީ ވެސް މި ހުވަފެން ހާސިލްކުރަން. މި ވަގުތު ބޭނުމީ އުފާފާޅުކުރަން." ފްރާންސް ގައުމީ ޓީމުގެ ފޯވާޑް ބުންޏެވެ.
ރޭގެ ކާމިޔާބީއާ އެކު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވެފައިވަނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ހޯދި ދެ ވަނަ ކޯޗަށެވެ. ސިމިއޯނީ މި މުބާރާތް ދެ ފަހަރު ކާމިޔާބުކުރިއިރު، ދާދި ފަހުން ޕީއެސްޖީން ވަކިކުރި ކޯޗު އުނާއި އެމެރީ ވަނީ ތިން ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.
ސަސްޕެންޝަނެއްގައި ހުރުުމުން ސިމިއޯނީ ޓީމަށް އިރުޝާދުދޭން ބެންޗަށް އާދެވޭ ގޮތް ނުވި އެވެ. މެޗަށް ފަހު ސިމިއޯނީ ބުނީ މިއީ މުޅި ކްލަބުން އެކީގައި ކުރި ހިތްވަރު ކަމަށާއި ޔޫރަޕްގެ ކޮންމެ ފަންތިއެއްގެ މުބާރާތެއްގެ ތަށި ލިބުމަކީ ވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެ ޓީމުގެ ފޯވާޑް ގްރީޒްމަން ކްލަބްގައި މަޑުކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބުންޏެވެ.
މާސޭގެ ކޯޗު ރުޑީ ގާސިއާ ބުނީ ފުރަތަމަ ހާފުގައި މެޗުގެ ލީޑު ނަގަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފި ނަމަ މެޗުގެ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމު މުޅި މެޗަށް ބަލާއިރު އެތުލެޓިކޯ އަށް މޮޅެއް ހައްގުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯންްސްޓަރ
17 May 2018
މުޅި ޔޫރަޕޭތަ؟ އިޓަލީ ލީގުގެ 3ވަނަ ޓީމުން ނުކުމެ ތިޔަ ސްޕެއިން ލީގުގެ އެއްވަނަ ޓީމު ޗޮކުން ދުއްވާލިތަންވެސް މަމެން ދެކެފީމު. އެއީތޯ ތިޔަ ކިޔާ ޑޮމިނޭޝަނަކީ؟ ދެން، މިދިޔަ އަހަރު ތިޔަ ލީގު ކާމިޔާބުކުރީ އިނގިރޭސި ޓީމެއް. އުއްމީދުކުރަނީ ޗެމްޕިއަންސް ލީގު ލިވަރޕޫލން ކާމިޔާބުކުރުން. ސްޕއެިން ޓީމުތަކުގެ ގިނަ ސަޕޯރޓަރުންގެ އެދުމަކީވެސް އެއީކަންވެސް ޔަގީން
ބަސްފޮތް..
18 May 2018
ފުޓު ބޯޅައަކީ އެކަހަލަ އެއްޗެކެ ބުރޯ..މި ގޭމުގެ ބިއުޓީއަކީ ވެސް އެއީ.. އަނެއް ތިޔަ ބުނާހާ ދެރަ އެއްޓީމުވެސް ނޯންނާނެ މި ލެވަލަކު..ބައެއް ފަހަރު 1 ވަނަ 2 ވަނަ ނޫނީ 3 ވަނައިގަ އޮތަސް ތިތައީ ދާދި އެއްވަރުގެ ޓީމުތައް.. ހާއްސަކޮށް ޓޮޕް 4 ލީގުގެ ޓީމުތައް
ސައްބެ
17 May 2018
މުޅި ޔޫރަޕް ޑޮމިނޭޓްކުރާތަން މިފެންނަނީ ޔޫރަޕްގެ ޓީމުތައް
އާސިފު
17 May 2018
މުޅި ޔޫރަޕް ޑޮމިނޭޓްކުރާތަން މިފެންނަނީ ސްޕެއިން ޓީމުތައް
ނާޑް
17 May 2018
ސްޕައިން ގެ ޓީމް ތަކޭކިޔާ ސައްބެ
ބައްސެ
17 May 2018
ކީކޯ ތިޔާކިޔަނީ؟؟
ލޯންސްޓަރ.
17 May 2018
މުޅި ޔޫރަޕް ޑޮމިނޭޓް ކުރެވޭނީވެސް ޔޫރަޕްގެ ޓީމަކަށް ދޯ.ސައުތު އެމެރިކާގެ ޓީމަކަށް އެކަން ކުރުމުގެ ފުރުސަތު ނުލިބޭނެ.ބޮޑަށް ބެލެވެނީ ބުނަން ތިއުޅުނީ ސްޕެއިންގެ ކްލަބްތައް ޔޫރަޕްގެ ފުޓްބޯޅަ ޑޮމިނޭޓްކުރާ ވާހަކަ ނަމަަ ރަނގަޅު.ޔޫސީއެލް ފައިނަލްގަ ރެއާލް ބަލިކޮށް މަމެންގެ ލިވަޕޫލުން ތި ޑިމިނޭޓްކުރުމަށް ނިމުންގެންނާނެއޭ ބުނަންވެސް މަމެންނެތީމު.<ލިވަޕޫލް ފޭން>