ދުނިޔެ / މެލޭޝިއާ އަންވަރު އިބްރާހިމް

މަހާތިރަށް މައާފްކޮށްފިން: އަންވަރު

ކުއާލަ ލަމްޕޫރުގެ ނޭޝަނަލް ޕެލަސްގައި ބޮޑު ވަޒީރު މަހާތިރު (ކ) އާ އަންވަރު ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ކުއާލަ ލަމްޕޫރު (މެއި 17) - ދެ ބޭފުޅުންގެ މެދުގައި ކުރިން ހަތުރުވެރިކަން އޮތް ނަމަވެސް ބޮޑު ވަޒީރު މަހާތިރު މުހައްމަދަށް މައާފްކޮށްފައިވާ ކަމަށް އިއްޔެ ޖަލުން މިނިވަންކުރި އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑާއި މަހާތިރާ ދެމެދު އޮތް ދެކޮޅުވެރިކަން މިހާރު ވަނީ ވަޅުލާފައި. އެއީ މާކުރީގެ ކަމެއް،" ޖަލުން ސަލާމަތްވުމާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންވަރު ވިދާޅުވި އެވެ. "އަޅުގަނޑު ޖަލުން ނެރުމުގައި މަހާތިރު ވަރަށް އިސް ރޯލެއް އަދާކުރެއްވި."

ޑިމޮކްރެސީ އާއި މިނިވަންކަމުގެ މަގުގައި ސާބިތުވެ ތިބި އެންމެންނަށް އަންވަރު، 70، ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި މަހާތިރުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.

މަހާތިރާއި އަންވަރަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެކަމަކު ސިޔާސީ ގޮތުން ދެ ބޭފުޅުން ޚިޔާލު ތަފާތުވެ، މީގެ 20 އަހަރު ކުރިން އަންވަރު މަގާމުން ދުރުކޮށް 1998 ވަނަ އަހަރު، ހަ އަހަރު ޖަލަށްލީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރުގެ މައްސަލަ މެލޭޝިއާގެ އެންމެ މަތީ ކޯޓުން ބެލުމަށް ފަހު އޭނާ މިނިވަން ކުރީ 2004 ވަނަ އަހަރު އެވެ. އަންވަރު ދެ ވަނަ ފަހަރަށް ޖަލަށްލީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.

މަހާތިރު، 92، ވެރިކަމަށް ވަޑައިގަތުމާ އެކު ވަނީ ޝާހީ މައާފެއްގެ ދަށުން އަންވަރު މިނިވަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ޝާހީ މައާފް ލިބިވަޑައިގަތުމާ އެކު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމަށް އަންވަރަށް މިހާރު ހުރަހެއް ނެތެވެ. މަހާތިރު ވަނީ ދެ އަހަރަށް ފަހު އަންވަރަށް ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބޮޑު ވަޒީރުކަމަށް ވަޑައިގަތުމުގެ ކުރިން އަންވަރަށް ފުރަތަމަ ޖެހޭނީ ޕާލަމެންޓުން ގޮނޑިއެއް ކާމިޔާބު ކުރާށެވެ. ބޮޑު ވަޒީރުގެ ނައިބަކަށް ހަމަޖައްސަން ނިންމާފައިވާ އަންވަރުގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއިލް ވަނީ އަންވަރު ޕާލަމެންޓަށް ގެނައުމަށްޓަކައި އިސްތިއުފާ ދެއްވަން ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފަ އެވެ.

އަންވަރު ވިދާޅުވީ ސަރުކާރުގެ މަގާމަށް ވަޑައިގަތުމަށް ވުރެ ބޮޑަށް ފުރަތަމަ އޭނާ ސަމާލުކަން ދެއްވާނީ ޔުނިވާސިޓީތަކުގައި ލެކްޗާ ދެއްވުމަށް ކަމަށެވެ.

ޖަލުން މިނިވަންވުމާ އެކު އަންވަރު ވިދާޅުވީ މަހާތިރުގެ ވެރިކަމުގައި ވެސް އޭނާ ޖަލަށް ދާން ޖެހުނީ ސިސްޓަމުގެ މައްސަލައަކުން ކަމަށެވެ. އެހެންވެ އޭނާ އެންމެ އިސްކަމެއް ދެއްވާނީ ވެރިކަމުގެ ފަރާތުން ޝައުރުއީ ދާއިރާ އަށް ނުފޫޒް ފޯރުވުން ހުއްޓުވުމަށް ކަމަށް ވިދާޅުވި އެވެ.

މަހާތިރު ވިދާޅުވީ އަންވަރު ޖަލަށްލީ އެމަނިކުފާން ކަމަށް ބައެއް މީހުން ބުނާއިރު އަންވަރު ޖަލުން މިނިވަން ކުރީ ވެސް އެމަނިކުފާން ކަމަށެވެ.

0 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 9%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454