ކުޅިވަރު / އިނގިރޭސި އެފްއޭ ކަޕް

ޗެލްސީ ސީޒަން ސަލާމަތްކުރަން، މޮރީނިއޯ ހަމަޖެހިފައި

ލަންޑަން (މެއި 19) - އިނގިރޭސި އެފްއޭ ކަޕް މިރޭ ކާމިޔާބުކޮށް ސީޒަން ސަލާމަތްކުރަން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަމާޒު ހިފާފައި ހުރިއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނަނީ މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ސީޒަނާ މެދު ހިތްހަމަ ޖެހޭނެ ކަަމަށެވެ.

ފުރަތަމަ ސީޒަނުގައި ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ނަމަވެސް ކޮންޓޭ މި ސީޒަން ނިންމާލީ ލީގުގެ ފަސް ވަނައިގަ އޮވެ އެވެ. އެ ޓީމުގެ އަމާޒަކީ ހުސްއަތާ ސީޒަން ނިންމާނުލުމެވެ. ޔުނައިޓެޑުން ލީގުގެ ދެ ވަނައިގައި ނިންމާލިއިރު، މިއީ 2013 ވަނަ އަހަރަށް ފަހު އެ ޓީމުން ލީގުގައި އެންމެ ނަތީޖާ ރަނގަޅު ފަހަރެވެ. އެ ޓީމަށް ވެސް އަދި މި ސީޒަނުގައި ތަށްޓެއް ނުހޯދެ އެވެ.

"މި ފައިނަލުން ވާގޮތަކުން އަހަރެން މުޅި ސީޒަނާ މެދު ދެކޭގޮތް ބަދަލެއް ނުވާނެ. މީޑިއާ އަށް ބޭނުން ގޮތަކަށް ވާހަކަ ދެއްކިދާނެ. އެކަމަކު މިހާރު ވެސް އަހަރެން މިހުރީ ހިތްހަމަ ޖެހިފައި،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ އެކު ޔޫރޮޕާ ލީގާއި ލީގު ކަޕް ހޯދުމަކީ ރަނގަޅު ކާމިޔާބެއް ކަމަށެވެ. އަދި މި ފަހަރު ވެސް ތަށްޓެއް ހޯދިއްޖެނަމަ އެއީ ކްލަބަށް އޮތް ފައިދާއެއް ކަމަށް ބުންޏެވެ. އަދި މިހާތަނަށް ކޯޗިން ކެރިއަރުގައި 12 ކަޕް މުބާރާތް ކާމިޔާބު ކުރެވުމަކީ މި މެޗަށް އޭގެ އަސަރެއް ކުރާނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"މާޒީގައި ވެފައި ހުރި ކަންތަކާ ރެކޯޑް ފޮތްތަކުގައި ހުރި ކަންތައްތަކަކީ އެހެން ވާހަކަތަކެއް. މި މެޗަށް ނުކުންނައިރު މީގައި މުހިއްމީ 11 ކުޅުންތެރިންނާއި 11 ކުޅުންތެރިން ކުރިމަތިލައިގެން މޮޅުވާ ބައެއް،" މޮރީނިއޯ ބުންޏެވެ.

މި ސީޒަނުގައި މޮރީނިއޯ އާއި ކޮންޓޭއާ ދެމެދު ވަނީ ބަހުގެ ގިނަ ހަމަލާތަކެއް ބަދަލުކުރެވިފަ އެވެ. މޮރީނިއޯ ބުނީ ކުރިން ވެފައި ހުރި ކަންތައްތައް އޭނާ ހަނދާނުގައި ނުބަހައްޓާ ކަމަށެވެ.

"ޔަގީނުން ވެސް އަހަރެން އޭނަ (ކޮންޓޭ)އާ ސަލާމްކުރާނަން،" މޮރީނިއޯ ބުންޏެވެ.

މިދިޔަ މަހު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހުރީ އަނިޔާގަ އެވެ. ފައިނަލުގައި އޭނާ ކުޅުވުމާ މެދު އަދި ޔުނައިޓެޑުން ގޮތެއް ނުނިންމަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ ޗެލްސީގެ ބެންޗުން ކޮންޓޭ ފެންނާނެ ފަހު މެޗެވެ. އަދި މި ސީޒަނަށް ފަހު ކޮންޓޭ ޗެލްސީގެ ކޯޗެއްގެ ގޮތުގައި ނުފެންނާނެތޯ ނޫސްވެރިން ކުރި ސުވާލަށް އޭނާ ދިނީ ނުސީދާ ޖަވާބެކެވެ.

"ޔަގީނުން ވެސް މިއީ މި ސީޒަނުގައި އަހަރެން އިރުޝާދުދޭނެ ފަހު މެޗު،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ މި ސީޒަން ދިޔަ ގޮތުން ޗެލްސީ އަށް މި ތަށި ހޯދުން ހުރިހާ ގޮތަކުން ވެސް މުހިއްމު ކަމަށެވެ.

"އަހަރެމެން ވަރަށް އުނދަގޫ ސީޒަނެއް މި ނިންމާލީ. މި ފަދަ ސީޒަނެއް ނިންމާލާއިރު ހިތްހަމަ ޖެހޭ އެއް ކަމެއް އޮންނަންވާނެ. އެއީ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މުޅި ކްލަބަށް ވެސް މުހިއްމު ކަމެއް. މި ތަށި ހޯދުން ހުރިހާ ގޮތަކުން ވެސް މުހިއްމު،" ކޮންޓޭ ބުންޏެވެ.

ޔުނައިޓެޑާއި ޗެލްސީ ވަނީ އެފްއޭ ކަޕް ފައިނަލުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. ޗެލްސީން 2007 ވަނަ އަހަރުގެ ފައިނަލް ކާމިޔާބުކުރީ 1-0 އިންނެވެ. ޔުނައިޓެޑް މޮޅުވީ 1994 ގެ ފައިނަލުގައި 4-0 އިންނެވެ. ޗެލްސީން 2007 ވަނަ އަހަރުގެ ފައިނަލުން މޮޅުވިއިރު، އެ ޓީމުގެ ކޯޗަކަށް ހުރީ މޮރީނިއޯ އެވެ.

ޔުނައިޓެޑާއި ޗެލްސީ ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ 21:15 ގަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454