މާލެ، ޖުލައި 26، 2016- ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ނޫސްވެރިންތަކެއް ބޭއްވި ހިމޭން މުޒާހަރާ.---ފޮޓޯ: އިމޭޖަސް.އެމްވީ
27 ޖުލައި 2016 - 00:03
މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވާގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލާ ދެކޮޅަށް ދިވެހި ނޫސްވެރިން މިރޭ ކުރި ހިމޭން މުޒާހަރާ ފުލުހުން ހުއްޓުވައިފި އެވެ.
ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން އިސްލާމީ މަރުކަޒު ސަރަހައްދުގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވަނިކޮށް ނޫސްވެރިން މުޒާހަރާކުރީ، ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެފައިވާ ކަން ހާމަކޮށްދިނުމަށެވެ. ރަސްމީ ބައްދަލުކުރެއްވުން ކުރިއަށް ދާތީ އިސްލާމީ މަރުކަޒުގެ ބޮޑު ސަރަހައްދެއް ބަންދުކޮށްފައި އޮތުމުން ނޫސްވެރިންގެ ހިމޭން މުޒާޙަރާ ކުރިއަށް ގެންދިޔައީ، ރައްޔިތުންގެ މަޖިލީސް ކައިރީގަ އެވެ.
ގާނޫނުއަސާސީގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާ "މާއްދާ 27ގެ ދިފާއުގައި" ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޫސްވެރިން ތިބީ، އެމީހުންނަށް ކުރިމަތިކުރާ ގޮންޖެހުންތައް ހުއްޓާލަން ގޮވާލައި ލިއެފައިވާ ޝުއޫރުތައް ހިފައިގެންނެވެ. ޓީވީ ސްޓޭޝަންތަކާއި ނޫސްވެރިންނަށް ބިރުނުދައްކައި މިނިވަން ނޫސްވެރިކަަމަކަށް ޖާގަ ދިނުމަށް ލިއުންތަކުގައި ގޮވާލާފައިވެ އެެވެ. އަދި ދައުލަތުގެ މީޑިއާ މިނިވަންކޮށް، އަބުރު ރައްކާތެރިކުރުމުގެ ބިލުގައި ނޫސްވެރިންނަށް ކުރިމަތިކޮށްފައިވާ ނުރައްކާތައް އަނބުރާ ގެންދަން ގޮވާލާފައިވެ އެވެ.
މުޒާހަރާގެ ބައިވެރިވި ނޫސްވެރިންގެ ފަރާތުން ވާހަކަ ދައްކަވަމުން "މިހާރު"ގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒް ވިދާޅުވީ "މާއްދާ 27" ގެ ދިފާއުގައި ނޫސްވެރިން ނުކުތީ މިނިވަންކަމުގެ އުފާވެރި މުނާސަބަތު ފާހަގަކުރާއިރު ނޫސްވެރިންގެ މިނިވަންކަން ނަގާލާފައިވާ ކަމުގެ ކަންބޮޑުވުންފާޅުކުރުމަށެވެ. އެކަމަކު ޝުއޫރު ލިއެފައިވާ ގަނޑުތައް ހިފައިގެން މަގުމަތީގައި ތިބުމުގެ ފުރުސަތު ނުދީ ފުލުުހުން ހުރަސްއަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން އަމަލުކުރި ގޮތުން ވެސް މި އެނގެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް ކަން،" އޭނާ ވިދާޅުވި އެވެ.
ނެރުން ހުއްޓުވާލާފައިވާ ސީއެންއެމްގެ ސީނިއަ ޑެސްކް އެޑިޓަރު މިސްބާހް އައްބާސް ވިދާޅުވީ ނޫސްވެރިން މިރޭ ނުކުތީ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމަށް ހުރަސްއެޅުމަށް ނޫން ކަމަށެވެ. ހައްގުތައް ނިގުޅައިގަންނާތީވެ، ގާނޫނުއަސާސީން ދީފައިވާ ހައްގެއްގެ ބޭނުން ނޫސްވެރިން ކުރީ ޒިންމާދާރުކަމާ އެކު ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
"އެކަމަކު އެއްވެސް ފުރުސަތެއް ނުދީ ހުރަސްއެޅީ މަގުމަތީގައި ނުތިބެވޭނެ ކަމަށް. އަޅުގަނޑުމެން ތިބީ މީހުންނަށް އުނދަގޫ ނުވާ ގޮތަށް ސުލްހަވެރިކަމާއި ޒިންމާދާރުކަމާ އެކު. އެކަމަކު މަގުމަތީގައި ތިބެން ފުރުސަތު ނުދީ ފޮނުވާލުމުން ރާއްޖޭގައި މިނިވަންކަން އޮތް މިންވަރު ފެނިގެން ހިނގައްޖެ،" މިސްބާހް ވިދާޅުވި އެވެ.
ސަރުކާރުން ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ވަކި ހަބަރުތަކެއް މީޑިއާތަކުން ރިޕޯޓް ނުކުރެވޭނެ ގޮތް ހަދާފައިވުމުގެ އިތުރުން ހިޔާލުފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓައިފަ އެވެ.
އެ ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާ ރެގިއުލޭޓް ކުރާ މުއައްސަސާތަކަށެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ހޯމް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞާލިޙް
27 July 2016
ފުރާނައާއި މުދަލާއި ހަށިގަނޑާއި ޢާއިލާއާއި ނަޞަބާއި އަބުރު ރައްކާތެރި ކުރުމަށް ދެކޮޅު ހަދާނަމަ، ޖެހޭނީ، ނަޞޭޙަތާއި ވަޢުޟުދޭށެވެ.
އަލީ ނަސީރު
27 July 2016
ކޮއްކޯ، ކޮންމިނިވަންކަމެއްތަ ބޭނުން ވެގެން ތިއުޅެނީ؟ ދިވެހިންގެ އަމިއްލަ ސިކުޑިން ވިސްނުން ގެއްލުނުތާ ހައެއްކަ ގަރުނު ވެއްޖެ މިހާރު. ދެން އަގަމަޑުންލައިގެން ތިބެބަލަ!
މާލޭބެއްޔާ
27 July 2016
މީހުން އަބުރާ ހަމަ ހުރެފައި ބެހެނީ ނޫނެވެ. ﷲ އަބުރުރައްކާތެރި ކުރުމަށް ވަނީ އަނގަވާފައެވެ. އަބުރު ރައްކައުތެރި ނުކުރެވޭފަރާތެއް ގެ އަބުރެއްނީންނާނެ ކަން ހަމަ ސަރުކާރާއި އެކޮޅަށް ކޮމެންޓް ކުރައްވާ ފަރާތް ތަކަށް
ފަޅުވެރިން
27 July 2016
ތިމައުރެންނީ "ނޫސްވެރިން" ނޭ ކިޔައިގެން ވާހަކަދައްކާ ބައެއް މީހުންގެ ވާހަކަތަކުން މަށަށް ކުރެވޭ މާނައަކީ، އޭގެ ގިނަ މީހުންނަކީ ވިސްނުމުގެ ފެންވަރު ވަރަށް ދަށް ބައެއްކަން. އެމީހުން ދެކޭ ގޮތުގައި ރާއްޖޭގައި ނޫސްވެރިކަން ކުރެވޭނެ ހަމައެކަނި ގޮތަކީ މީހުންގެ އަބުރާ ބެހުން. އަބުރާ ނުބެހި ނޫސްވެރިކަން ކުރާނެ ގޮތެއް ނޭނގޭ މީހުން އެދާއިރާއިން ދުރަށް ދިޔައްޔާ ރަނގަޅުވާނީ. ދިވެހިރާއްޖޭގެ ނޫސްވެރިކަމަށް އެތައް ދިހައަހަރެއް ވެފައިވާއިރު، މީގެކުރިންވެސް މިރާއްޖޭގައި ވަނީ ނޫސްވެރިކަން ކޮށްފައި، ނަމަވެސް މީހުންގެ އަބުރާ ނުބެހި. އަބުރާ ބެހުމަކީ ދީނުގައި ކޮން ފަދަ ބޮޑު ޙަރާމް ކަމެއްކަމާއި، އެކަމުގެ ނުބައިކަން ކޮންމެ މީހަކުވެސް ވަޒަން ކުރަން އެބަޖެހޭ! އެކަން ވަޒަން ކުރަން ނޭނގޭ މީހުން ނޫސްވެރިކަން ނުކުރީމާ އެނިމުނީ! މިއީ ވަރަށް ސާދާ މައްސަލައެއް.
މާލޭބެއްޔާ
27 July 2016
މަނިކުފާނު ތިހާ މޮޅުއިރު ކީއްވެތޯ ނޫހެއްގެ އެޑިޓަރ އަކަށް ނުވެ ތިޔަ ހުރީ ؟ މަނިކުފާނަށް ވަރަށް ރަނގަޅަށް ކަންކަން އެންގޭކަން މިހާރުވެސް ސާފު،....ތިޔަ އީ ބޮލުރޮދީގެ ކަނފުޅެއްވެސް ހުރިމީހެއް ނޫންކަން ކިއުންތެރިންނަށް ވަރަށް ސާފުވާނެ ތިޔަ ކިޔާ އެއޗަކިން....ހެހެ މޮޔައިން އުޅޭނީ ހަމަ ވަގުންގެ ފަހަތުގައި
ދޮންދަލޭކަ
27 July 2016
ނޫސްވެރިން އަބުރާ ބެހެނީތަ، ނޫނީ އަބުރު ނޫސްވެރިންނާ ބެހެނީތަ. ވައްކަން ކުރާ މީހާ، ރިޝްވަތު ހިފާ މީހާ، ﷲ ގަންދީ ހުވާކޮއްގެންތިބެ ޤައުމަށް ޚިޔާނާތްތެރިވާ މީހާ، އެ ނަގާލަނީ އޭނަގެ އަބުރު އަމިއްލަޔަށް. ހުރިހާ ނޫސްވެރިން މަރާލިޔަސް ވައްކަންކުރާ މީހަ ވާނީ ވަގަކަށް. ވަގުންގެ އަބުރެއް ނޯންނާނެ.
ހިސޯރު
27 July 2016
މިނިވަންކަންވެސް އެބައޮތް. މިހާރުވެސް ބޭނުން ހުރިހާ އެއްޗެއް ޚާއްޞަކޮށް މިނޫހުގައި ލިޔަމުން ގެންދޭ. މިނޫހުގެ ކޮންމެ ލިޔުންތެރިޔަކަށްވެސް ހިތުހުރުހާ އެއްޗެއް ލިޔެވޭ. ދެން ކޮން މިނިވަންަަމެއް ނެތިގެންތޯ މިއުޅެނީ. މަގުމައްޗަށް ނުނިކުމެވިގެންތަ؟ އެއީތަ މިނިވަންކަމަކީ.
އަލިބެ
27 July 2016
ތިވިދާޅުވީ ކޮން ގޮތަކަށް މިނިވަން ކަން އޮތް ވާހަކަތޯ ބޭފުޅާ އޯކޭތަ ގާނޫނުއަސާސީއެ އީ ކޯށްޗެއްކަންއެގިގެން ކޮމެޓް ކޮލިއްޔާ ވާނީކީއްތޯ
ކިޔުންތެރިޔާ 767
27 July 2016
މިނޫހުގައި ލިޔެވުނަސް ލިޔެގެން ޕުރެޝަރު އައިކަން ނޭނގެނީތޯ. އެހެންކަމަށް ވާނަމަ ހަބަރު ނުކިޔާކަން ފާހަގަކުރަން. އަދި މިހާތަނަށް ފިޔަވަޅު އެޅިކަމެއް ނޭނގެ، އެކަމަކު ސަރުކާރާއި ސިޔާސީ ޕުރެޝާ އަބަދުވެސް މިނިވަން ހިޔާލުގެ ނޫސްތަކަށް އޮވޭ.
އަހްމަދު
27 July 2016
ތިޔަނޫސްވެރިންގެ ލިޔުންތައްވިއްކަން ހެއްދެވިނެހެއްދެވި އެއްޗެތިގޮވާ ރައްޔިތުމީހާގެ އަބުރުކަތިލަން ގާނޫނު އެމީހުންބޭނުންގޮތަކަށް ހަދައިގެންނުވާނެ.
ބޯގޯސް
27 July 2016
ތިމީހުން ނަށް ގިނަ އިރު ނޭނގޭ ލިޔޭ ނުލިޔޭ އެއްޗެއް. ތެދެއް ދޮގެއް ނުބަލާ ހިތައް އެރިއެއްޗެއް ލިޔާބައެއް. މީހަކު ސުވާލު ކުރުމުން ބުނާނެ މީޑިއާއޭ. މިޑިޔާ އަކަސް ޙަޤީޤަތް ހާމަ ކުރާނަމަ ރަނގަޅު މީހުންގެ އަބުރައް ނާރާ.
ކިޔުންތެރިޔާ 767
27 July 2016
އިންޑިޔާފަދަ ގައުމު ތަކުގައިވެސް ގޮސިޕް ނުވަތަ ތުންތުން މަތީ އިވޭ، ސިޔާސީ އަދި ސެލެބުރިޓީން ފަދަ މީހުން ގެ ހަބަރުތަކާއި ވާހަކަ މުނިފޫހި ފިލުވާ ޕޮރޮގުރާމްތަކުންނާއި ހަބަރުން ގެނެސްދޭ. މީހުންތަކެއް އެވެނި ގޮތަކަށް ކިޔޭ، މިވެނިގޮތަކަށް ކިޔޭ ކިޔާފަ ބުނުމަކުން އެއީ މީހެއްގެ އަބުރާ ބެހުމެއް ނޫން. އެއީ އާއްމުން ދެކޭ ގޮތުގެ ވާހަކަ. އެއީ އަބުރާއި ބެހުން ކަމަށްވާނަމަ، އިންޓަވިޔު ދޭ އާންމުންވެސް ކުއްވެރިވާން ޖެހޭނެ ނޫންތޯ؟ އެހެން ކިޔާ އެންމެން ހައްޔަރު ކުރަން ޖެހެނެ ދެއްތޯ؟ އެހަބަރު ގެނެސްދިން ޖަރނަލިސްޓުގެ ކުށެއްތޯ އެއީ، ބަޔަކު މީހެކޭ، ނުވަތަ ކަމަކާބެހޭގޮތުން އެއްޗެއް ބުނުމަކީ؟
ޛބޛ
27 July 2016
ނޫސްވެރިންގެ ހިމޭން މުޒާހަރާ ހުއްޓުވާ ގެންގުޅުނު ބޯޑުތައްވެސް ކޮތަޅަށްލާންޖެހުނު އިރު ޔާމީނުގެ އެކްޓިވިސްޓޫންކޮޅެއް ތަސްމީނުގެގޭކުރިމަތީ ލާރިކޮޅެއްނުލިބިގެން މުޒާހަރާކުރިއިރު ފުލުހުން އަޅާ ނުލީ ކީއްވެބާ! ސާބަސް ހާދަ މިނިވަނޭދޯ! ލަދުގަނޭ ދިވެހިރާއްޖެއަކީ އަަރެންގެ ގައުމޭ ބުނނ މިހާރު!
ގަމާރެއް
27 July 2016
ބައްލަވާ މީސްމީހުނގެ އަބުރާއިނުބެހި ނޫސްވެރިކަން ހަމަ ނުކުރެވެނީތޯ.
ނިޒާމް
27 July 2016
"ދިވެހި ނޫސްވެރިން މިރޭ ކުރި ހިމޭން މުޒާހަރާ ފުލުހުން ހުއްޓުވައިފި"ވީ މާ ފުލުހުން ކުރިކަންތަށް ރަނގަޅު، ރައްޔިތުން ދިފާއު ކުރީ ނޫސްވެރިންނޭ ކިޔައިގެން އުޅޭ ކުދިން އިސްލާހް ވާންވީ