އެޕަލް އެޕް ސްޓޯރުތަކަށް "ފްރީ ޓްރަޔަލް" ފީޗާ ތައާރުފުކޮށް އެޕްލިކޭޝަންތަކުގެ އަޖުމަބެލުމަށް ހުޅުވާލަނީ
11 ޖޫން 2018 - 08:12
އެއްޗެއް ގަތުމުގެ ކުރިން އަޖުމަބެލުމަށް ނުވަތަ ރަހަބެލުމަށް ފުރުސަތުދިނުމަކީ ވިޔަފާރިވެރިން ކުރާ ކަމެކެވެ. އެ ގޮތުގައި ގިނަ ފަހަރު އެ އެއްޗެއް ވިކޭ ގޮތްވެ އެވެ.
އެޕަލް އެޕް ސްޓޯރުތަކުން ވިއްކާ އެޕްލިކޭޝަންތަކުގެ ގޮތް ބެލޭނެ ނިޒާމެއް ތައާރުފުކުރަން އެ ކުންފުނިން އުސޫލުތަކެއް އެކުލަވާލާފައި ވާއިރު، މިއީ ޑިވެލޮޕަރުން އާދޭސްކުރާތާ ޒަމާންތަކެއް ވެއްޖެ ފީޗާއެކެވެ.
އެޕްލިކޭޝަނެއް ގަތުމުގެ ކުރިން "ފްރީ ޓްރަޔަލް"، އަޖުމަބެލުމަށް ފުރުސަތުދޭ ނަމަ އެ ކަމެއް އެނގޭނީ ޑިވެލޮޕަރުންނަށް ކަމަށް، އެޕަލް އިން ބުނެ އެވެ. އެ ގޮތުގައި، ގޮތް ބެލުމުގެ މުއްދަތު ދަމަހައްޓާނެ ދިގުމިން އަދި އެ އަށް ފަހު އެޕްލިކޭޝަނަށް އަންނާނެ ބަދަލުތައް ނުވަތަ އުނިކުރާނެ ފީޗާތައް ކަނޑައެޅުމަކީ ވެސް ޑިވެލޮޕަރުންގެ މަސްއޫލިއްޔަތަކަށް ވަނީ ހަދައިފަ އެވެ.
އެޕަލް އިން އެކުލަވާލި "ފްރީ ޓްރަޔަލް" އުސޫލުތައް ބުނާ ގޮތުން، އެޕްލިކޭޝަނެއް ގޮތް ބެލުމަށް ދޫކޮށްލާ ނަމަ، އެ އެޕްލިކޭޝަނެއްގައި ހުންނަ ހުރިހާ ފީޗާއެއް އެ މުއްދަތުގައި ލިބެން ޖެހެ އެވެ. އެއީ އެޕްލިކޭޝަންގެ ތެރެއިން ފީޗާތައް ގަނެވޭ އެޕްލިކޭޝަނެއް ނަމަ، އެކަން ވެސް ކުރެވެން ޖެހޭނެ އެވެ.
އެޕްލިކޭޝަންތައް އުފައްދަން ފަށައިގަންނަ ކުންފުނިތަކުން ދެކޭ ގޮތުގައި، ފްރީ ޓްރަޔަލް އަކީ މުހިންމު ފީޗާއެކެވެ. އާ ކުންފުންޏަކުން އުފައްދާ އެޕްލިކޭޝަނަކަށް ގިނަ ބައެއްގެ ސަމާލުކަން ނުލިބެނީ ވެސް އަޖުމަ ނުބެލޭތީ ކަމަށް އެ މީހުން ދެކެ އެވެ. އެއީ އެ އެޕްލިކޭޝަނާ ބެހޭ ގޮތުން އޮޅުން ފިލުވޭނެ އެހެން ގޮތެއް ނެތުމުންނެވެ. އެންމެ ދަންނަ މަޝްހޫރު ކުންފުންޏެއް ނަމަ އެޕްލިކޭޝަން ގަތުމަށް ގިނަ މީހުން ފަސްނުޖެހެ އެވެ.
އެޕް ސްޓޯރުތަކުގެ އުސޫލުތަކަށް އެޕަލް އިން ގެންނަ ބަދަލާ އެކު، ގަނެވޭ ގޮތަށް ހުންނަ ހުރިހާ އެޕްލިކޭޝަނެއް، އަޖުމަ ބެލުމަށް ހުޅުވާލެވޭނެ އެވެ. އެކަމަކު އެއީ ޑިވެލޮޕަރުން ބޭނުން ނަމަ އެވެ. އަދި ޑިވެލޮޕަރުން ކަނޑައަޅާ މިންގަނޑަކަށެވެ. އެޕް ސްޓޯރުގައި ހިމެނޭ ބައެއް އެޕްތައް އަޖުމަބެލުމަށް އެޕަލް އިން ދޭތެރެ ދޭތެރެއިން ފުރުސަތުދިން ނަމަވެސް، ހުރިހާ އެޕްލިކޭޝަނަކަށް މި ފުރުސަތުދޭ މިއީ ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy