އެސްބީއައި: ޝީޝާ ތިން ބެއިން އެސްބީއައިގައި ހުޅުވާފައި އެކައުންޓުން ފައިސާ ގެއްލުނު މައްސަލާގައި އެސްބީއައި އިން ޒިންމާވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ވަނީ ނިންމާފައި --ފޮޓޯ/މިހާރު
12 ޖޫން 2018 - 22:24
ޝީޝާ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައި އެކައުންޓަކުން 18 މިލިއަން ރުފިޔާ އޮޅުވާލައިގެން ނެގި މައްސަލައިގައި މިހާތަނަށް ނުލިބި އޮތް 13 މިލިއަން ރުފިޔާ އަށް އެސްބީއައި އިން ޒިންމާވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ޝީޝާގެ ތިން ބެއިން ކަމަށްވާ އަހުމަދު ހަސަން މަނިކާއި އިބްރާހީމް ހުޝާމާއި ހުސައިން ހުޝާމްގެ ނަމުގައި އެސްބީއައިގައި ހުޅުވާފައި ހުރި ޖޮއިންޓް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ނަގާފައިވަނީ 2011 ވަނަ އަހަރު އެވެ. ވަގު ލިޔުންތަކެއް ބޭނުން ކޮށްގެން ދެ ފަހަރެއްގެ މަތިން އެ އެކައުންޓުން 18 މިލިއަން ރުފިޔާ ނަގައި، އެހެން އެކައުންޓަކަށް ވަނީ ޓްރާންސްފާ ކޮށްފަ އެވެ.
އެ މައްސަލައިގައި ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައި އޮތީ ގެއްލުނު ފައިސާގެ ތެރެއިން އެހާތަނަށް ނުލިބި އޮތް 13.5 މިލިއަން ރުފިޔާއަކީ އެސްބީއައި އިން ޝީޝާ ތިން ބެއިންނަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ. ހައި ކޯޓުގެ އެ ހުކުމް އެސްބީއައި އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް މިއަދު ނިންމީ ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ، އޮޅުވާލައިގެން ފައިސާ ނެގުމުގެ އެ މުއާމަލާތުގައި އެސްބީއައި އިން އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ތިން ބެއިންގެ އެކައުންޓުން ދެ ފަހަރެއްގެ މަތިން އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރީ އެސްބީއައި އަށް ލިބުނު ދެ ފެކްސަކަށް ބިނާކޮށްގެން ކަމަށް ވާއިރު، އެ ފެކްސްގައިވާ ނަމާއި ސޮއި ދިމާ ނުވާ ކަން ފާހަގަ ކޮށްފައިވެ އެވެ. އަދި އެސްބީއައި އިން ފައިސާ ޓްރާންސްފާ ކުރީ އެ ކަންކަމަށް ސަމާލުކަން ދިނުމެއް ނެތި ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ފާހަގަ ކޮށްފައިވެ އެވެ.
ގެއްލުނު 18 މިލިއަން ރުފިޔާގެ އިތުރުން އެކަމުގެ ސަބަބުން ވިޔަފާރި އަށް ލިބުނު ގެއްލުމުގެ ބަދަލަށް އިތުރު 4.5 މިލިއަން ރުފިޔާ ނަގައިދިނުމަށް ވެސް ޝީޝާ ތިން ބެއިންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. އެކަމަކު ކޯޓުން ނިންމީ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ. ސަބަބަކީ ފައިސާ ގެއްލުނީ ތިން ބެއިންގެ އަމިއްލަ ނަމުގައި އޮތް އެކައުންޓަކުން ކަމަށް ވެފައި، އެ ފައިސާ ގެއްލުމުން ފަރުދީ ގޮތުން އެ ތިން ބެއިންނަށް ގެއްލުންތަކެއް ވެފައިވާ ކަން ހިސާބުތަކުން އެނގެން ނެތުމެވެ. އަދި ސައިކަލުގެ ވިޔަފާރި ކުރަމުން އަންނަނީ ޝީޝާ ކުންފުނިން ކަމަށް ވާ އިރު، ކުންފުންޏާ ބެހޭ ގާނޫނު އޮތް ގޮތުން ކުންފުންޏަކީ ހިއްސާދާރުންނާ ވަކިން އޮންނަ ޝަހްސެއް ކަން ވެސް ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
މަކަރާއި ހީލަތުގެ އެ މައްސަލާގައި އެސްބީއައިގެ ބައެއް މުވައްޒަފުންނާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާ ވެސް އުފުލި އެވެ. އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
13 June 2018
މިކަހަލަ ބޮޑެތި މައްސަލަތައް މިދަނީ ބަރަވެލި ސްޕީޑްގާ. ދެން ކިހިނެތް ތިޔަތަންތަނުގެ ސައްޚަކަމާމެދު މީހުންގެ ހިތުގާ ނަފްރަތު ނޫފެދޭނީ. ހަގީގަތުގާ މިކަންކަން ހިނގާފާއޮތްގޮތް ބަލާ ނިމެންވެއްޖެ. 2011 ވަނައަހަރު ހިނގިކަމެއް މިހާހިސާބަށް ނުނިމި ދިގުލައިގެންދިއުމީ އެތަންތަނުގެ ވެރީން ލަދުގަންނަންޖެހޭވަރުގެ ބޮޑެތިކަންކަން. ފައިސާ ލިބެންޖެހޭނެ. އެއީ ޔަގިންކަމެއް.
މަސްލަހަތު
13 June 2018
ދެންކީއްވެތަ ވަގުކޯލްތައް ކޮށްގެން މީހުންއަތުން ފައިސާހޯދާތީ ބީއެމްއެލްއާއި.ދިރާގު ނުވަތަ އުރީދޫ ޒިންމާނަގަން ނުޖެހެނީ؟
ޢަލީ ރިފްއަތު
13 June 2018
ހާދަ ގަމާރޭ ދޯ! ވަގު ކޯލް ކޮށްގެން ފައިސާ އަތުލަނީ ފޯން ކޯލް ލިބޭ މީހާގެ ގަމާރު ކަމުން. ހަމަ މީހަކު ގުޅާފަ އިނާމެއް ލިބިއްޖޭ ކޭޝް ކާޑާއި އެކައުންޓްގެ މައުލޫމާތު ދޭކަށް ނުޖެހޭ. ޝީޝާ މަައްސަލައިގަ ތިންބެއިންގެ އިހުމާލެއް ނެތް.
ބިލީވް
13 June 2018
ސުޕްރީމް ކޯޓުން ވެސް ޝީޝާ ތިން ބެއިންނަށް ކާމިޔާބު ލިބިއްޖެނަމަ އިންޑިއާ ބޭންކް އިން އެ ބޭންކްގެ ކަސްޓަމަރުންގެ ޕްރޮޓެކްޝަން އާއި މެދު ނުވިސްނާ ކަން އެއީ ފާހަގަ ކުރަން ޖެހޭނެ ކަމެކޭ ސޯ އެސްބީއައި ރާއްޖޭގައި ބެހެއްޓުމާއި މެދު ސަރުކާރުން ވިސްނަން ޖެހޭނެއޭ އައި ބިލީވް އިޓްްސް ޓު ބީ ކޮންސިޑަރޑް..
ހަކީމް
13 June 2018
2011 އިން 2018 - މަކަރާއި ހީލަތުގެ އެ މައްސަލާގައި އެސްބީއައިގެ ބައެއް މުވައްޒަފުންނާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާ ވެސް އުފުލި އެވެ. އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. ރާއްޖޭގެ އަދުލު އިންސާފުގެ ކުޑަ މިންވަރައް.
ޝަލަފު
13 June 2018
ކުރިޔައް އޮތްތާގައި ރާއްޖެއިން އާދައިގެ ކަލޯއަކައްވެސް އިންޑިޔާއަކައް ނޭރޭނެ.
ހަޑިގިއްލާ
13 June 2018
މިބާވަތުގެ ކަންކަމަކީ ވަރަށްގިނަ ބަޔަކަށް ބައިއަޅާގެން ހިންގާ މާސްޓަރމައިންޑް ޖަރީމާތަކެއް! ބޭންކުގެ ކައުންޓަރުގަ ހުންނަ އާދައިގެ އެންމެ މުއައްޒިފަކާއި، އެކައުންޓުގެ ވެރިފަރާތާއި، ވަކީލުން ގުޅިގެން މިފަދަ ޖަރީމާތާ ހިންގިދާނެ.... އިހްމާލުއޮތީ ބޭންކުން ކަމަށް ސާބިތުކުރުމުން އިތުރު 18 މިލިޔަން ލިބުނީ.... އޭރުން އެކައުންޓްގެ ވެރިފަރާތަށް ކުރިންނެގި ފައިސާދިނުމަށްފަހު ކޯޓުއަމުރުގެ ދަށުން ބޭންކުން ދައްކަންޖެހުނު 18 ބަހާލާނީ..... މީ ފިލްމުތަކުންވެސް ފެންނަ މަންޒަރުތައް....
ޅަބޭ
13 June 2018
އިންޑިޔާ ބޭންކު ރާއްޖެއިން ފައްސާލުމުގެ ކޮޅުމަތި.
މަންސޫރު
13 June 2018
ތިޔަ ފައިސާތައް ގޮސް ވަނީ ކޮން އެކައުންޓަކަށް؟ ފައިސާ ޓްރާންސްފަރ ކުރަން އެންގީ ކާކު؟ ކޮބާ އެ މައްސަލަ؟
އަލިފް
13 June 2018
އޮޅުވާލައިގެން ފައިސާ ނެގި މީހުންކޮބާ ހެއްޔެވެ؟ މިއޮތީ ގައުމެކެވެ. ހައްޖަށް ފޮނުވަންފައިސާ ނަގާ ހައްޖައް ނުފޮނުވީމަ އެމީހުނަށް ފައިސާ ލިބުނެވެ. ހުކުމެއް ނުކުރެއެވެ . ފައިސާ އާ ސަރުކާރުން ހަވާލުވެ މީހުން ހައްޖަށް ފޮނުވިއެވެ. ބޮޑު އަރަތެކެވެ.
އެބަޔަކު
13 June 2018
އެބަޔަކު ހޯދާ އެބައެއްގެ މައްޗަށް މަދަނީ ދަޢުވާކޮށް މިގެއްލުން އެމީހުންގެ އަތުން ހޯދުމުގެ ފުރުޞަތު އެސް.ބީ.އައި އަށް އެބަ އޮތް.