ސުއޫދު ނެރުއްވި ގާނޫނީ ރަދޫފު ފޮތް މަޝްހޫރު ވަކީލުންތަކެއް ކިޔުއްވަނީ-- ފޮޓޯ: މިހާރު
17 ޖޫން 2018 - 10:40
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ނެރުއްވި "ގާނޫނީ ރަދީފު" އަކީ ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް ވަކީލުން މިއަދު ބުނެފި އެވެ.
މިދިއަ އަންގާރަ ދުވަހު ނެރުނު އެފޮތުގައި 1،200 އަށް ވުރެ ގިނަ ބަހުގެ މާނަ އާއި ތަފްސީލް ހިމެނެ އެވެ. ފޮތާ އެކު އޭގެ އެންޑްރޮއިޑް އެޕްލިކޭޝަން ވެސް ވަނީ ނެރެފަ އެވެ. އެގޮތުން ޝަރުއީ ދާއިރާގައި ބޭނުން ކުރާ ހުރިހާ ބަސްތަކުގެ ދިވެހި މާނަ އާއި އިނގިރޭސިން ބޭނުން ކުރާ ބަސް ވެސް ހިމަނާފައިވެ އެވެ. އެޕްލިކޭޝަނުން ބަސް ސާޗްކޮށް ވެސް ހެދެ އެވެ.
އެފޮތް ލިޔުއްވަން ސުއޫދު ވިސްނެވީ ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށްގެން އަންނަ ޒުވާނުންނަށް ރާއްޖޭގެ ޝަރުއީ ނިޒާމުގައި ބޭނުންކުރާ ބަސްތަކުގެ މާނަ ނޭނގިގެން އުޅޭތީ އެކަމަށް ހައްލު ގެނައުމަށެވެ.
ސުއޫދު ވިދާޅުވީ އެ ފޮތް ލިޔުއްވަން އަހަރެއްހާ ދުވަސް ނެގިއިރު ރާއްޖޭގެ ޝަރުއީ ނިޒާމުގައި ބޭނުންކުރާ ހުރިހާ ބަހެއް ހޯދައި އެފޮތުގައި ހިމަނާފައިވާނެ ކަމަށެވެ.
Gaanoonee Basthakuge Radheef eh nerefi
The most trusted news source in the Maldives
Mihaaru
ގާނޫނީ ރަދީފު ފޮތް ނެރުން--
"ހުރިހާ ގާނޫނަކާއި، ކޯޓްތަކުން ނެރޭ ގަޒިއްޔާތަކަށް ބަލައިގެން ބަސްތައް ހިމެނީ. ގާނޫނީ ހުރިހާ ބަހެއް ފޮތުގައި ވާނެ،" 200 ރުފިޔާއަށް ވިއްކާ ފޮތާ ގުޅޭ ގޮތުން ސުއޫދު ވިދާޅުވި އެވެ.
"މިސާލަކަށް އިސްތިގުރާރު، ތަދަށްހުލްވުން. މިކަހަލަ ބަސްބަހުގެ މާނައެއް ނޭނގޭ އަލަށް ކިޔަވައިގެން އަންނަ ކުދިންނަކަށް. މިފޮތުގައި އެހުރިހާ ބަހެއް ހިމަނާފައިވާނެ."
ރާއްޖޭގައި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި އުޅެނީ އަރަބި މީޑިއަމަށާއި އިނގިރޭސި މީޑިއަމަށް ކިޔަވައިގެން ތިބި މީހުންނެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޝަރުއީ ދާއިރާގައި ބޭނުންކުރާ ބައެއް ބަސްތަކާ މެދު ގިނަ ވަކީލުންނަށް އޮޅުންއަރާ ކަމަށެވެ.
އޭގެ އެއް ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ ދާއިރާ އިން ދެ މީޑިއަމަށް މަތީ ތައުލީމް ހާސިލްކޮށްފައިވުމެވެ.
ސުއޫދު ލިޔުއްވި ގާނޫނީ ރަދީފު ނެރުމުގެ ރަސްމިއްޔާތު -- ފޮޓޯ: މިހާރު
"އެބޭފުޅަކު ބޭނުންކުރަނީ އެމީހަކު ކިޔެވި ގޮތަށް ބަސް. ސުޕްރީމް ކޯޓަށް ބަލާއިރު އެބޭފުޅުންގެ ނިންމުންތަކުގައި އެ ބޭނުންކުރާ ބަސްތައް ވަރަށް އަރަބި. އެހެންވީމަ މިފަދަ ފޮތަކުން އެހުރިހާ މައުލޫމާތެއް ލިބޭތީ ވަރަށް ފަސޭހަވާނެ،" ޝަމީމް ވިދާޅުވި އެވެ.
ޒުވާން ވަކީލެއް ކަމަށްވާ މޫސާ ސިރާޖު ވިދާޅުވި ގޮތުގައި މާނަ ނޭނގޭ ބަސްތައް ހޯދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ވަކީލުންނަށް ސުއޫދުގެ ފޮތުގެ ސަބަބުން ވަގުތު ސަލާމަތްކުރެވޭނެ އެވެ.
މިހާ ހިސާބުން އެ މަސައްކަތް އަދި ހުއްޓާލައްވާކަށް ސުއޫދު ނުނިންމަވަ އެވެ. ކޮންމެ އަހަރަކު ވެސް އާ ބަސްތަކާ އެކު ފޮތަށް ބަދަލު ގެންނަވާނެ ކަމަށް އޭނާާ ވިދާޅުވި އެވެ.
ސުއޫދާއި ވަކީލް މުހައްމަދު ޝަހުދީ އަންވަރު، އުފައްދާފައިވާ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން މީގެ ކުރިން ވަނީ ބިމާ ބެހޭ ގާނޫނީ ފޮތަކާއި ވަޒީފާއާ ބެހޭ ގާނޫނީ ފޮތެއް ވެސް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުވަނދު
12 July 2019
ސުއޫދު ގެ ފޮތްތައް ގަންނަންޖެހެނީ ބޮޑެތި އަގުތަކުގަ. މީނައަށްވުރެ އަގުހެޔޮކޮށް މާރަނގަޅަށް ފޮތްލިޔާ މީހެއް އެއީ އަބްދުއްސައްތާރާއި ފައްޔާސް އަލި މަނިކު. ޢެމީހުންގެ ފޮތްތައް ވަރަށް ފުރިހަމަ. ސުއޫދަކީ ވިޔަފާރި އަށް މިކަން ކުރި މީހެއް. ޑރ. ސައްތާރާއި ފައްޔާޒު އަކީ ތައުލީމަށް އެކަން ކޮށްދިންބައެއް.
މުޙައްމަދު
18 June 2018
އެންޑްރޮއިޑް އެޕްލިކޭޝަނަށް ކިޔާ ނަން އެއީ ސިއްރެއްތަ؟ ނަން ހިމަނާލިނަމަ ލިޔުން އިތުރަށް ފުރިހަމަވިސް
ޝާއްނާ
18 June 2018
އެހެންވީމައި ސުއޫދު ދެންވަޑައިގަންނަވަންވީ ރާޢްޖޭގެ ސްޕްރީމްކޯޓްގެ އުއްތަމަފަނޑިޔާރުކަމަށް ، އެއީ އަޅުގަނޑަށް އެންމެ ފެންނަކަމަކީ ، އެހެންދަންނަވާލަން މިޖެހުނީ ސުއޫދުގެ އާޢިލާއާޢި އުއްތަމަފަނޑިޔާރުކަމާޢި 1800 ގެއަހަރުތަކުންފެށިގެންވެސް އޮތީ ގުޅިފައިކަމަށް ތާރީޙީ ލިއުންތަކުންދައްކާ ، މިހާރު ޖަލަށްލުމަށް ހުކުމްކޮއްފައި ހުންނެވި މިހާރުގެ އުއްތަމަފަނޑިޔާރު އަބުދުﷲ ސައީދުއަކީވެސް ހަމަ ސުއޫދުމެން އާޢިލާއާޢި ގުޅިފައިވާ ބޭފުޅެށް ، މިހާރު އެކަންއެނިމެނީ ، ސްޕްރީމްކޯޓުން އިސްތިއުނާފް ނިމޭއިރަށް ދޭތިން އެކަތިވާނީ ، އެއްގޮތަކީ މިނިވަންވުން އަނެއްގޮތަކީ ފަނޑިޔާރުކަންގެއްލި ޒަމާންގަނޑަަކަށް ގައިދީޢަކަށްވުން ، މިނިވަންވެއްޖިއްޔާމުން ޔާމިންމައްޗަށް އޭނާ ހުކުމްޖަހާނެ ،
ގާޟީއެއް
17 June 2018
ބައެއް ވަކީލުންނަށް ހަމައެކަނި ބަހުގެ މާނައެއް ނޫން ނޭނގެނީ....ކޯޓަށް ގޮސް ވާހަކަ ދައްކާލަން ނޭނގޭ...ގާނޫނާއި ޤަވާއިދުވެސް ނޭނގޭ....އެކަމު ނަމުގެ ކުރިޔަށް އުސްތާޛު ...
ޙަސަން އަޙްމަދު
17 June 2018
ޖެނެރަލް އަރަބި ނުވަތަ ޖެނެރަލް އިންގްލިޝްގައި ލަފްޒު ބޭނުން ކުރާ މާނަޔަކު ނޫން ވަކި އިލްމެއްގައި ލަފްޒު ބޭނުން ކުރާނީ. އެހެންވެ ނޫންތޯ ދީނީ ފޮތްތަކުގައި ކޮންމެ ފިލާވަޅެއް ފަށަމުން ލުޣަވީ މާނަ އާއި އިސްތިލާހީ މާނަ ލިޔެފަ އޮންނަނީ. ތައުލީމު ދިޔާނާގަ ވެސް އޮންނާނެ. އެހެންވެ މިފަދަ ފޮތެއް ވަރަށް މުހިއްމު. އަދި ރާއްޖޭގެ ގާނޫނު އަސާސީގައި ބޭނުން ކޮށްފަ ހުންނަ ފަންނީ ބަސްތަކަކީ އެހެން ބަހެއްގެ އަސްލަކުން އުފެދިފައި ބަހަކަށް ވިޔަސް އެއީ ދިވެހި ބަސް ކަމުގައި ޖެހޭނީ ގަބޫލު ކުރަން.
އަލިބެ
17 June 2018
ކޮންތާކުންބާ މިފޮތް ގަންނަން ލިބެނީ!
ޔޯޔޯ
17 June 2018
އަޅުގަނޑަކީ ގާނޫނީ ދާއިރާ މީހެއް ނޫން. އެހެން ނަނަވެސް ތިކަހަލަ ފައިދާހުރި ފޮތެއް ލިޔުއްވީތީ ވަރަށް އުފާވެއްޖެ. ކިޔަވާ ކުދިންނާ ވަކީލުންނާ އެތަށް ބަޔަކަށް ތީގެ ފައިދާ ކުރާނެ. ރާއްޖޭގައި ފޮތް ލިޔުމާ ތަރުޖަމާ ކުރުން ވަރަށް މަދުވެއްޖެ. ނޫސްތަކާއި ބްލޮގްތަކުގައިވެސް އިލްމީ ބޭފުޅުންގެ ލިޔުން ވަރަށް މަދު. އެހެން ބޭފުޅުންވެސް ފޮތް ލިޔުއްވާނެ ކަމަށް އުއްމީދު ކުރަން.
ޒައީ
17 June 2018
ޑރ. ޙަސަން ޙަމީދު ފަދައިން ލިބިފަހުރި ޢިލްމު އެހެން މީހުންނަށް ސާފު ދިވެހި ބަހުން ފޯރުކޮށްދެއްވަން މަސައްކަތް ކުރައްވާ ބޭފުޅުން ރާއްޖޭގައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ... (ދީނީޢިލްމުވެރިން ފިޔަވައި)