މާލޭ ޕޯޓުން ލޮރީ އަކަށް މުދާ ބަރުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
19 ޖޫން 2018 - 13:57
މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެރުން ލަސްވެ، ބޮޑެތި ގެއްލުންތައް ވަމުން ދާ ކަމަށް ބައެއް ކުންފުނިތަކުން މިއަދު ބުނެފި އެވެ.
ލޮޖިސްޓިކްސް ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ހަމައެކަނި ޕަބްލިކް ކުންފުނި، ސެންޗޫރިއަންގެ ޗެއާމަން ކެޕްޓަން އަހުމަދު މައުމޫނު ވިދާޅުވީ މުދާ ނެރުމުގައި ވަރަށް ބޮޑެތި ދަތިތައް އެބަހުރި ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދެވޭނީ، އެ ބަނދަރު ހިންގަން ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަނދަރުގެ ސްޓްރެޓެޖީ އެއްކޮށް ބަދަލު ކުރަން އެބަ ޖެހޭ. މިހާރު އެތާ އެބަހުރި 800 އަށް ވުރެ ގިނަ ހުސް ކޮންޓެއިނަރު. ބޯޓުތަކުން ކޮންޓެއިނަރު ބާލާ ވަރަށް އެ ބޯޓުތަކަށް ހުސް ކޮންޓެއިނަރު އަރުވައިގެން ގެންދާ ގޮތަށް ހަދަން އެބަ ޖެހޭ. މިއީ ބޭރު ގައުމުތަކުގައި ވެސް މިކަން ކުރާ ގޮތް،" މާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނދަރުގައި އެކަށީގެންވާ ވަރަށް އުޅަނދާއި ޖާގަ ވެސް މިހާރު ނެތް ކަމަށެވެ. ބަނދަރުގެ ހާލަތު އެހާ ގޯސްވެފައި އޮއްވާ މުދާ ނެރެވޭ ވަގުތު ކުޑަކުރުމުން ގޮންޖެހުންތައް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަނދަރު ބޮޑުކުރެވޭކަށް ނެތް. އެކަން އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ. އެހެންވެއްޖެއްޔާ އެތަން ހަރުދަނާ ކުރަން އެހެން ގޮތްތަކަށް އަޅުގަނޑުމެން އެބަ ޖެހޭ ވިސްނަން. ބަނދަރަށް ފާހަގަކުރެވޭ ވަރުގެ ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ،" މާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސެންޗޫރިއަން އިން މިހާރު ވެސް އަންނަނީ ބޮޑެތި ބައެއް ޕްރޮޖެކްޓުތަކަށް މުދާ ކްލިއަކުރަމުންނެވެ. އެކަމަކު އެމްޕީއެލް އިން މުދާ ނެރުން ލަސްވެގެން އެ ޕްރޮޖެކްޓުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރަތިވަމުން ދާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވެސް އެބަ ބޮޑު ދެ ޕްރޮޖެކްޓެއްގެ މުދާ ކްލިއާ ކުރަން. މުދާ ނުނެރެވި ލަސްވާތީ އެމީހުން ބައެއް ބޭރު މުވައްޒަފުން އަނބުރާ ފޮނުވާލަން ވެސް އެބަ ވިސްނާ މިހާރު. ރާއްޖޭގައި އެމީހުން ބައިތިއްބަން އެހާ އަގުބޮޑު އިރު، މުދާ ނެރުން ލަސްވެގެން މަސައްކަތް ނުކުރެވި މިދަނީ،" މާނު ކިޔައިދެއްވި އެވެ.
އޭނާގެ އިތުރުން "މިހާރު"އާ ވާހަކަ ދެއްކި ލޮޖިސްޓިކް އެެން ބައެއް ކުންފުނިތަކާއި ބައެއް ވިޔަފާރި ކުންފުނިތަކުން ވެސް ވަނީ ބަނދަރުން މުދާ ނުނެރެވި ދިގުލައިގެން ދާތީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ ކަމަށް ބުނެފަ އެވެ.
"މުދާ ނެރުން އެހާ ލަސް. ދެން އަނެއްކޮޅުން މިހެން އުޅެލާފައި ކޮންޓެއިނަރުތައް އެބަ ގެއްލޭ. ދެން މުޅިތަން ބަލައިގެން ކޮންޓެއިނަރު މި ފެންނަނީ ތިން ހަތަރު ދުވަސް ފަހުން. އެ ހުރެދާނެ ހުސް ކޮންޓެއިނަރުތައް ތެރޭގައި ވެސް ބަހައްޓާފައި،" ލޮޖިސްޓިކްސް ކުންފުންޏެއްގެ ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
މާލޭ ވިޔަފާރި ބަނދަރުގަައި ކޮންޓެއިނަރު އުފުލަނީ: އެމްޕީއެލްގައި ގެންގުޅޭ ވެހިކަލްތައް މަދުކަމަށް ބައެއް ކުންފުނިތަކުން ބުނޭ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވީ ހުޅުމާލޭ ޕޯޓަށް ގެންދަން ޖެހޭ ކޮންޓެއިނަރުތައް ވެސް ވަރަށް ބޮޑަށް ލަސްވާ ކަމަށެވެ. އަދި އެމްޕީއެލްގެ ޚިދުމަތް މަޑުޖެހިގެން މުދާ ނެރެން އޮންނަ ދުވަހަށް ވުރެއް ލަސްވެގެން ދިއުމުން، ޑެމަރޭޖް ނަގާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޑެމަރޭޖްގެ ގޮތުގައި އެބަ ނަގާ އެހާ ބޮޑު ފީއެއް. އަނެއްކާ އެމްޕީއެލް އިން ޑެމަރޭޖް ނެގުން ވެސް މި އޮންނަނީ ވަރަށް އަންފެއާ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ގަވާއިދުތައް ހުންނަ ގޮތުން، ބޯޓުން ކޮންޓެއިނަރު ބޭލުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެ މުދަލެއް ވިޔަފާރި ބަނދަރުން ނެރެން ޖެހޭނެ އެވެ. އެހެން ނުވެއްޖެ ނަމަ ޑެމަރޭޖް ވާނެ އެވެ. ޑެމަރޭޖުގެ ގޮތުގައި އެމްޕީއެލް އިން ނަގަނީ 20 ފޫޓުގެ ކޮންޓެއިނަރަކަށް ޖީއެސްޓީއާ ލައިގެން ދުވާލަކަށް 853.30ރ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ނަމަ 1،706.60ރ. އެވެ. އެހެންވެ، ނެރުން އެއް ދުވަސް ލަސްވި ނަމަވެސް، 20 ފޫޓުގެ ކޮންޓެއިނަރަކަށް އެންމެ މަދުވެގެން 9،386.30ރ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ނަމަ 18،772.60ރ.ގެ ޑެމަރޭޖް ދައްކަން ޖެހޭނެ އެވެ.
"ޑެމަރޭޖް ދައްކަން ޖެހޭނީ، މިސާލަކަށް 10 ދުވަހުގެ އިތުރުން އެއް ދުވަސް ހިނގި ނަމަވެސް އެބަ ޖެހޭ 11 ދުވަހަށް ޑެމަރޭޖް އެމްޕީއެލް އަށް ދައްކަން. މިއީ ވަރަށް ބޮޑު މައްސަލައެއް، 10 ދުވަހުގެ އިތުރުން ހިނގާ ދުވަހަށް ޗާޖު ކުރުމުގެ ބަދަލުގައި މުޅި މުއްދަތަށް އެއްކޮށް މި ޗާޖު ކުރަނީ،" ލޮޖިސްޓިކްސް ކުންފުންޏެއްގެ އޮޕަރޭޝަންގެ މަސައްކަތުގައި އުޅޭ މީހަކު ކިޔައިދިނެވެ.
އިންޓަނޭޝަނަލް ޝިޕިން ލައިންތަކުގައި ޑެމަރޭޖްގެ ގޮތުގައި ޗާޖު ކުރަނީ 20 ފޫޓު ކޮންޓޭނަރަކަށް ދުވާލަކަށް 30 ޑޮލަރު (462ރ.) އަދި 40 ފޫޓު ކޮންޓެއިނަރެއް ނަމަ ދުވާލަކަށް 60 ޑޮލަރު (925ރ.) އެވެ. އަދި ޗާޖު ކުރަނީ ޑެމަރޭޖްވާ ދުވަހަށް އެކަންޏެވެ.
އެމްޕީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ އެމްޕީއެލްގެ މައްސަލައަކާ ގުޅިގެން މުދާ ނެރުން ލަސްވެއްޖެ ނަމަ ޑެމަރޭޖް މާފުވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މުދާ ނެރެން ނޯޓް ކުރުމުގައި ދެ ގޮތެއް ގެންގުޅެ އެވެ. އެއީ އާންމު އުސޫލުގެ އިތުރުން އެކްސްޕްރެސް ލިސްޓިން ކަމަށް ވިދާޅުވި އެވެ.
"ނޯމަލް ލިސްޓިންގައި ނޯޓް ކޮށްގެން ކޮންޓެއިނާ ތިރިކުރުން ލަސްވެގެން ޑެމަރޭޖެއް ނާރާނެ. ނަމަވެސް އެކްސްޕްރެސް ލިސްޓިން އިން އަރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސައްކަތްކުރަން އެމްޕީއެލްގައި ބޭނުންކުރާ ވެހިކަލް މަދު ނޫން ކަމަށެވެ.
މިދިއަ ރޯދަމަހު މުދާ ނެރުމުގައި ކުޑަ ޑިލޭއެއް އައީ ކަސްޓަމްސްގެ މަސައްކަތް ފަށާ ވަގުތާއި އެމްޕީއެލްގެ ރަސްމީ މަސައްކަތް ފަށާ ވަގުތު ތަފާތުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަމާބުނީތީ ފަރަށް
20 June 2018
ޙުޅުމާލެ އާއި މާލެޢާއި ދެމެދު ފެޜީ އޮޮޕަރޭޓް ކުރަން ނޭގުނު މީހަކު އެމް.ޕީ.އެލް ހިންގަން ލުމުން ވާނެ ހަތަރެއްޗެއް ތިއޮތި ވެފަ. ރައީސް މީހާ އަށް ސަލާމް.
ޙަސަންދީ
20 June 2018
ތަނުގައި ތިބި ތަޖުރިބާކާރުން ސިޔާސީގޮތުން އެހެލާ ވަކިކޮށް ހެދުމުމުގެ ނަތީޖާ، އެމްޕީއެލް އަކީ ވަރަށް ޓެކެނިކަލް ވަރަށް ރިސްކު ހައި ކޮމްޕެނީއެއް ތަނުގައި އެއްވެސް ޕޮރޮޕެޝަނަލް އަދި ޒިންމާދާރު ބަޔަކު ނެތް އިރު ތަން އޮތީ ސިޔާ ބޮޑު މުޑުދާރު ކަމެއްގައި،
ނަން
19 June 2018
އަނހާ، ސެންޗޫރިއަން ޓީމާ އެމްޕީއެލް ހަވާލު ކުރަންވީ ދޯ!
ކަސްޓަމަރ
19 June 2018
އެމްޕީއެލްއިން 24 ގަޑި އިރު މަސައްކަތް ކުރިޔަސް ކަސްޓަމްސް މަސައްކަތް ކުަރަނީ ދުވާލު 9:30 އިން 2:30އަށް އަދި ރޭގަޑު 9:30 އިން 1:30 އަށް މީ އަސްލު މައްސަލައަކީ. ޢެމްޕީއެލް އެއްނޫން.
ޢެމްޕީ
19 June 2018
އެމްޕީއެލް އިން ސެންޗޫރިއަން ބޭނުންހާ ގޮތަކަށް މުދާދުލެއް ނުކުރެވޭނެ. އެމްޕީއެލްގެ ގަވާއިދުތަކަކީ ސެންޗޫރިއަންއަށަ އެގޭއެއްޗެއްކަމަކަށް ނުވޭ. ދުވާލު ދޯނިފަހަރަށް ކުލިއާ ކުރާގޮތަށް އޮންނަ އިރު ސެންޗޫރިއަން ބޭނުން ވީމަ ޖެހޭ ރޭގަޑުވެސް އެމީހުނަށް މުދާ ދޫކުރަން. ނުވެއްޖެއްޔާ އެވީ ގޯސް. ކުރުކޮށް ބުނެލަން އޮތީ ސެންޗޫރިއަންގެ އިސްކޮށް ތިބި މީހުންގެ ބެކްގްރައުންޑް ބަލާލާށޭ.
ބީޕީ
20 June 2018
ސެންޗޫރިއަންގެ އެކަނި ކޮންސާން އެއް ނޫން، ސަމާލުކަމައް ދަންނަވަން، ދެރަކަން ގަބޫލް ނުކުރާތި، ހަމަ ފެލަނީ، މަނޭޖްކުރަން ނޭނގޭމީހުން ތިބީ
ޢަލިދީދީއައްޑޫސިޓީ
19 June 2018
އެމްޕީއެލް އަކީ ސިޔާސީ ޖަގަހަޔަކަށް ބަދަލުވީމަ ދެން މިކަހަލަ ހުރިހާ ކަމެއް ވެސް ހިނގާނެ. މިހާރު ހުރިހާ ބޮޑުން ތިބީ ކެމްޕެއިން ޙަރަކާތް ތަކުގައި ބިޒީ ކޮށް.
މަމެން
19 June 2018
މިތާ ވެރިންނަށް މިތިބެނީ ތަނެއް ދޮރެއް އެނގޭ ބައެއްނޫން.....
މަންސޫރު
19 June 2018
ހެވެންނު މުދާ ނުބޭލުނަސް. ހެވެންނު ހުސް ކޮންޓެއިނަރުތައް މޫދަށް އަޅަން ޖެުނަސް. އެއޮތީ ޕާކެއްގައި ފިނި ކޮންޓެއިނަރެއް ހުޅުވާފައެންނު! އެބުނާ ތަރައްގީ ފެނޭތަ؟ ފެނޭތަ؟
ޕޯޓް
19 June 2018
އިނާނު ހުރެގެނެއް ތިތަނެއް ނުހިންގޭނެ، އެއީ މިފަހަރު މިދިމާވި ޑިލޭގެ އަސްލަކީ. ނުފޯރާފޮތިން ފޫގަޅަންޏާ ވާނީ އޮރިޔާން.
ބޭބެ
19 June 2018
....“އެމްޕީއެލްގެ ގަވާއިދުތައް ހުންނަ ގޮތުން، ބޯޓުން ކޮންޓެއިނަރު ބޭލުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެ މުދަލެއް ވިޔަފާރި ބަނދަރުން ނެރެން ޖެހޭނެ އެވެ. އެހެން ނުވެއްޖެ ނަމަ ޑެމަރޭޖް ވާނެ އެވެ. ޑެމަރޭޖުގެ ގޮތުގައި އެމްޕީއެލް އިން ނަގަނީ 20 ފޫޓުގެ ކޮންޓެއިނަރަކަށް ދުވާލަކަށް 9،386.30ރ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ނަމަ 18،772.60ރ. އެވެ.”... "ޑެމަރޭޖް ދައްކަން ޖެހޭނީ، މިސާލަކަށް 10 ދުވަހުގެ އިތުރުން އެއް ދުވަސް ހިނގިނަމަވެސް އެބަ ޖެހޭ 11 ދުވަހަށް ޑެމަރޭޖް އެމްޕީއެލް އަށް ދައްކަން. މިއީ ވަރަށް ބޮޑު މައްސަލައެއް، 10 ދުވަހުގެ އިތުރުން ހިނގާ ދުވަހަށް ޗާޖު ކުރުމުގެ ބަދަލުގައި މުޅި މުއްދަތަށް އެއްކޮށް މި ޗާޖުކުރަނީ”....މިއީ ދެން ތަންފުކެއް ބޮޑުވަރު ދޯ!!! ... “އިންޓަނޭޝަނަލް ޝިޕިން ލައިންތަކުގައި ޑެމަރޭޖްގެ ގޮތުގައި ޗާޖު ކުރަނީ 20 ފޫޓު ކޮންޓޭނަރަކަށް ދުވާލަކަށް 30 ޑޮލަރު (462ރ.) އަދި 40 ފޫޓު ކޮންޓެއިނަރެއް ނަމަ ދުވާލަކަށް 60 ޑޮލަރު (925ރ.) އެވެ. ޗާޖު ކުރަނީ ޑެމަރޭޖްވާ ދުވަހަށް އެކަންޏެވެ.”
ހަނީއްޕޭ
19 June 2018
ޢަހަރުމެން އޭރުވެސް ބުނިން މިހާރު އޮތް މެނޭޖް މަންޓް އޮވެގެން ތިކަމެއް ނުވާނެއޭ.ވ ވެދުން