ލުބްނާ (ކ) އަދި ރަފިއްޔާ، ސްކިން ކޭންޑީން އަލަށް ނެރުނު ޕްރޮޑަކްޓުތައް ދައްކާލަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
21 ޖޫން 2018 - 19:04
ރީތިވުމަށް ބޭނުން ކުރާ ސާމާނު އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް އުފައްދައި ވިއްކަމުން އަންނަ ސްކިން ކޭންޑީން މިއަދު އާ ޕްރޮޑަކްޓުތަކެއް ބާޒާރަށް ނެރެފި އެވެ.
އަލަށް ބާޒާރަށް ނެރުނީ، "ކޮލެޖަން ވައިޓްނިން" ރޭންޖުގެ ފަސް ޕްރޮޑަކްޓެކެވެ. އެ ޕްރޮޑަކްޓްތައް ބާޒާރަށް ނެރެދެއްވީ ޒުވާނުން ކުރިއަރުވަން އަމިއްލަ ޖަމިއްޔާއެއް އުފައްދަވައިގެން މަސައްކަތް ކުރައްވާ އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ އެވެ.
މި ޕްރޮޑަކްޓުތަކަކީ، ކަސްޓަމަރުންނަށް ވީހާވެސް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓުތަކެއް ކަމަށް ސްކިން ކޭންޑީގެ ސީއީއޯ ލުބްނާ ޒާހިރު ހުސެއިން ވިދާޅުވި އެވެ.
ސްކިން ކޭންޑީން މިއަދު ވިއްކަން ފެށި ޕްރޮޑަކްޓުތައް.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ކޮލެޖަން ވައިޓްނިން ރޭންޖުގައި ހިމެނެނީ ވައިޓްނިން ފޭސް ވޮޝް އަކާއި ވައިޓްނިން އައި ރޯލާ އަދި ވައިޓްނިން ކްރީމްގެ އިތުރުން ރޭގަނޑު ނިދާއިރު އުނގުޅާ ވައިޓްނިން މާސްކެކެވެ.
"މި އައި ރޯލާގެ ބޭނުމަކީ އައި އޭރިއާ ޑާކް ކޮށް ހުންނަ މީހުންނަށް. ސްކިން ކޭންޑީން މިހާތަނަށް ގެންގުޅުނީ ލޯ ކައިރީ އުގުޅާ އައި ބާމްސް ކަހަލަ އެއްޗެހި. އެއީ އެކަމު ވައިޓްނިން އައި ބާމެއް ނޫން. ވައިޓްނިން އައި ބާމެއްގެ ޑިމާންޑް ބޮޑުވެގެން މި ނެރުނީ،" ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި، ލުބްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައި ރޯލާއެއް ބާޒާރަށް ނެރުނީ ކަސްޓަމަރުންނަށް ބޭނުންކުރަން ވީހާ ވެސް ފަސޭހަ ކުރުމަށް ކަމަށެވެ.
"ގްލޫތާތިއުން އަކީ އިންޓަނޭޝަނަލީ ވަރަށް މަގުބޫލް އިންގްރީޓީއަންޓެއް. އެ އިންގްރީޑިއަންޓް ބޭނުންކޮށްގެން ވަރަށް ބޮޑަށް ޝިއާ ބަޓާ، ކޮކޯ ބަޓާ ކަހަލަ އަދި ކޮކްނެޓް އޮއިލް، ވިޓަމިން އީ އިންފިއުޒް ކޮށްގެން މި ޕްރޮޑަކްޓްސް ހެދީ،" ޒުވާނުންގެ ތަރުހީބު ބޮޑު ސްކިން ކޭންޑީގެ އާ ޕްރޮޑަކްޓުތަކާ ގުޅޭގޮތުން ލުބްނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހާއި ގާނޫނުއަސާސީ ހެދި ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ލުބްނާ، ސްކިން ކޭންޑީ އުފެއްދީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ އަމިއްލަ 400 އަށް ވުރެ ގިނަ ބިއުޓީ ޕްރޮޑަކްޓެއް، ކާމިޔާބު ކަމާ އެކު މިހާރު އަންނަނީ ވިއްކަމުންނެވެ.
ބިއުޓީ ތެރަޕީ އާއި ބިއުޓީ ޕްރޮޑަކްޓް ފޯމިއުލޭޝަން ކިޔަވައި، އިނގިރޭސިވިލާތުގެ ލަންޑަން ނެޗުރަލް ސްކިން ކެއާ ސްކޫލާއި، އިންސްޓިޓިއުޓް އޮފް އެރޮމެޓިކް ސްޓަޑީސް އިން ސެޓިފައިޑް ފޯމިއުލޭޓާ ކަން ލިބިފައިވާ ލުބްނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ލިޕްސްޓިކް ފަދަ އާ ޕްރޮޑަކްޓުތައް ނެރުމަށް ސްކިން ކޭންޑީން ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ޕްރޮޑަކްޓުތައް ވެސް މާކެޓަށް ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކިން ކޭންޑީގެ ހުރިހާ ޕްރޮޑަކްޓަކީ ވެސް ބައިނަލްއަގުވާމީ މިންގަޑުތަކަށް، 100 ޕަސެންޓް އޯގެނިކް ބާވަތްތައް ބޭނުން ކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަކެތި ކަމަށް ލުބްނާ ވިދާޅުވި އެވެ. އަދި އެ ތަކެއްޗަކީ ރާއްޖޭން ބޭރުން އިންގްރީޑިއަންޓްސް އެތެރެކޮށްގެން، ރާއްޖޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގައި ސްކިން ކޭންޑީގެ ޕްރޮޑަކްޓުތައް ވިއްކަން ބޭނުންވާ މީހުންނަށް އެ ތަނުގެ ޑިސްޓްރިބިއުޓަރަކަށް ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
"ކޮންމެ ރަށަކުން ވެސް ހުންނާނީ އެއް ޑިސްޓްރިބިއުޓާ. އަޅުގަނޑުމެން ޑިސްޓްރިބިއުޓާޝިޕް މި ދެނީ ކޮންމެ ރަށަކުން ވެސް އެއް އަންހެން ބޭފުޅަކަށް،" ލުބްނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިލާ
23 June 2018
ތި އުފެންދުންތައް ލިބޭނީ ކޮންތާކުންތޯ ؟ ފިހާރަ ހުންނަމަގެއް ބުނެލަދީބަ؟
1ސސސސ
22 June 2018
ކަޅު ނޫނީ މުށިވީމަ ކޮބާތަ މައްސަލައަކީ؟
ޝީލާ ޝާހިދު
21 June 2018
ލުބުނާ ތިކުރައްވާ މިންނެތް މަސައްކަތް ދުރުގައި މިވަގުތު އުޅުނުކަސް ބަލައިގަންނަން....