ޚިޔާލު / ކޮލަމް ށަވިޔަނި

ވަގަށް ގޮވުން ހުއްޓުވާލަނީ!

މިނިވަންކަމާ އެކު ޚިޔާލުފާޅުކުރުމުގެ ހައްގު ނެތިއްޔާ އެހެން ހުރިހާ ހައްގުތަކެއް ހީނަރުވާނެ. ޚިޔާލުފާޅުކުރުމުގެ ހައްގު ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ވަނީ ލިބިދީފައި. ފޭސްބުކް ޕޭޖު "ހަތާވީސް"ގެ ޕޯސްޓަރެއް

ޑިމޮކްރެޓިކް ނިޒާމްގެ ދެވަނަ މަޖިލީހުގެ ދައުރު މިހާތަނަށް އައި އިރު ކަންކަން މި އޮތީ ހައްދުން ނެއްޓިފަ އެވެ. ސަރުކާރަށް ލިބިފައިވާ ވަރުގަދަ އަޣުލަބިއްޔަތުން ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ގެނައި އެތަކެއް ބަދަލުތަކަކީ، ދިފާއުގައި ކިތަންމެ ހުއްޖަތްތަކެއް ދެއްކިޔަސް، އެކަންކަން ކުރި ހާލަތްތަކަށް ބަލާއިރު، ސުލޫކީ ބޮޑެތި މައްސަލަތައް ހިމެނޭ ކަންކަމެވެ. އެފަދަ އެއްވެސް ކަމެއްގައި ރައްޔިތުންގެ މަސްލަހަތެއް ނެތްކަން ވަރަށް ސާފެވެ. މިހާރު ކުރިމަތިވެގެން މި އުޅެނީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ އަސާސީ އެއް ހައްގު ނިގުޅައިގަންނަން އުޅޭ މައްސަލަ އެވެ.

"އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު"ގެ ހަގީގީ މަގްސަދާ މެދު ސުވާލެއް ނެތެވެ. މިނިވަންކަމާ އެކު ޚިޔާލުފާޅުކުރުމުގެ ހައްގު އުވާލަނީ އެވެ. މިކަން ވެސް، މިހާރުގެ ހާލަތަށް ބަލާއިރު، ދިފާއުކުރެވޭކަށް ނެތެވެ. އަސްލު ސަބަބާ މެދު ބައެއް މެމްބަރުން އިއުތިރާފް ވެސް ވެއްޖެ އެވެ؛ މައްސަލައަކީ ވަގަށް ގޮވުމެވެ.

އެމްއެމްޕީއާރުސީ ތެރެއިން ކުރި ބޮޑު ވައްކަން ފަޅާއެރި އިރު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން ވެސް އެތައް ބަޔަކާ ދިމާއަށް ތުހުމަތުގެ އިނގިލި ދިއްކުރަން އާއްމުންނަށް މަޖުބޫރުވި އެވެ. އަދި އެ ނޫން ވެސް ކިތަންމެ ކަމެއްގެ ބިތުފަންގި ނަގަން ޖެހިއްޖެ އެވެ. ޚިޔާނާތާއި ރިޝްވަތާ ދެކޮޅަށް ގޮވާ ގޮވުންތަކުގެ އަޑު ގަދަވެއްޖެ އެވެ.

"ދައުލަތުގެ ނިޒާމުގެ ތެރެއިން ދުވާ ފަސާދައިގެ ނުބައި ވަހާއި ފެންނަ ޚުދުމުޚުތާރު މަންޒަރުތަކާ މެދު ސުވާލުތައް ފެންމަތިކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެކެވެ. ނޫސްވެރިން އަދާކުރަން ޖެހޭ ޒިންމާއެކެވެ. އެއީ ވަގަށް ގޮވުން ކަމަށް ދެކެންޏާ، ކަންބޮޑުވާންވީ ވަގަށް ގޮވާތީއެއް ނޫނެވެ. ބަލަންވީ ވަގަށް ނުގޮވާނެ ގޮތަކަށް އުޅެވޭތޯ އެވެ."

ވެރިކަންކުރާ ޕީޕީއެމް-އެމްޑީއޭގެ މެމްބަރުން، އެއްވެސް ބަދަލެއް ނުގެނެސް، ފާސްކުރަން ކެތްމަދުވެފައިވާ ބިލަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ހުށަހެޅި އެއްޗެއް ނޫނެވެ. އެއީ ދައުލަތުގެ މަތިފަޑީގައި ތިބި މީހުންނަށް ފާޑުކިޔާ ކޮންމެ ދުލެއް ބުރިކޮށްލަން ތޫނުކުރާ ހަތިޔާރެކެވެ. އެ މީހުން ގިނަ ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރަކަށް ނިމުން އަންނަނީ އެވެ. ފާޑުކިޔުންތަކަށް ރައްދުދީ ދައްކާ ވާހަކަތަކާއި ނެރޭ ބަޔާންތަކުގެ ބަސްމަގު ހުންނަ ގޮތުން އެއް ކަމެއް ވަރަށް ސާފެވެ؛ ސަރުކާރަށާއި ސަރުކާރުގެ ދިފާއުގައި މަސައްކަތްކުރާ އެންމެންނަށް މި ވަގުތު "އަބުރު ރައްކާތެރިކުރުން" ވަރަށް މުހިއްމުވެއްޖެ އެވެ.

އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމާ މެދު ދެބަހެއް ނުވަމެވެ. އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެކޭ އެއްފަދައިން ގާނޫނުއަސާސީން ލިބިދޭ ހައްގެއް ވެސް މެ އެވެ. ކޮންމެ މީހަކަށް ވެސް އަބުރުގެ ރައްކާތެރިކަން ކަށަވަރުވާން ޖެހެ އެވެ. މައްސަލައަކީ އެއެއް ނޫނެވެ. މައްސަލައަކީ ފާސްކުރަން އުޅޭ ބިލު ހަދާފައި އޮތް ގޮތެވެ. ނުވިސްނޭ ބައެއް މީހުން ގަބޫލު ނުކުރިޔަސް ނޫސްވެރިންނާއި އާއްމުންގެ ހުރިހާ ވެސް ކަންބޮޑުވުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލަން އުޅުމެވެ. އެއީ ކިހާ ނުރައްކާތެރި، ކިހާ ގެއްލުން ބޮޑު ކަމެއްކަން އިހުސާސްކުރެވޭނީ ފަހުންނެވެ. ޚިޔާލުފާޅުކުރުމުގެ ހައްގު ނެތް ތަނެއްގައި އެހެން އެއްވެސް ހައްގެއް ނޯންނާނެ އެވެ.

ފާޑުކިޔަނީ މައްސަލަތަކެއް ހުރީމަ އެވެ. ސަރުކާރާއި "ރައްޔިތުންގެ" މަޖިލީހުގައި ތިބި ސަރުކާރުގެ މެމްބަރުންނަށް ވެސް މިކަން އެނގޭނެ އެވެ. ރައްޔިތުންގެ ހަރުމުދާ ވިއްކައިގެން ހޯދި ޚިޔާނާތުގެ ފައިސާ އިން ބައެއް، މެމްބަރުންނަށް ލިބުނު ކަމަށް އެއް މެމްބަރަކު އިއުތިރާފްވީމާ އާއްމުން ސިއްސައިގެންދާނެ އެވެ. އެކަމާ މެދު ފިޔަވަޅެއް ނޭޅީމާ މީހުން ވަކިން ބޮޑަށް ކެކިއަރާނެ އެވެ. ފައިސާ އަށް ވޯޓު ދިނުމާއި ރިޝްވަތު ހިފައިގެން ކޮޅު ބަދަލުކުރުމާއި ސިޔާސީ ދެ ފަޅީގެ ދެމެދުގައި ނާޖާއިޒު ޑީލްތައް ހެދުމުގެ ސީރިއަސް ތުހުމަތުތައް މެމްބަރުންނާއި ޕާޓީތަކުގެ މައްޗަށް ކުރެވުނީމާ ރައްޔިތުން މޭނުބައިކުރާނެ އެވެ.

ސަރުކާރުގެ މަޝްރޫއުތަކާއި ސަރުކާރުން އެހެން ގައުމުތަކާ ބާއްވާ ގުޅުންތަކުގައި ނުކިއްސަރު ކަންތައްތަކެއް އުޅޭހެން ހީވަންޏާ އާއްމުން ސުވާލުކުރާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކުރައްވާ ކަންކަމުން ރައްޔިތުންގެ ހައްގުތަކެއް ގެއްލެންޏާ އެ ވާހަކަ ދައްކާނެ އެވެ. ރައްޔިތުންގެ ފައިސާ އިން ނާޖާއިޒު ބޮޑެތި އިނާޔަތްތަކާއި ހަދިޔާތައް ބޮޑުންނަށް ދެންޏާ އެކަން ކުށްވެރިކުރާނެ އެވެ.

މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލައި ބޭކާރު ތަންތަނަށް ހަދަން ޖާގަ ދީގެން ތިބެންޏާ އެ ތަންތަނުގެ މެމްބަރުންގެ ނަޒާހާތްތެރިކަމެއް ނެތް ކަމަށް މީހުން ބުނާނެ އެވެ. އިންސާފުވެރި ޝަރީއަތެއްގެ ހައްގު ކޯޓުތަކުން ނިގުޅައިގަނެ ބޭއިންސާފު ހުކުމްތައް އިއްވާ ކަމަށް ގަބޫލުކުރެވުނީމާ ރައްޔިތުންގެ މޭކަރާނެ އެވެ. ރިޝްވަތު ހިފުމާއި ނުފޫޒުގެ ދަށުވުމާއި ބޭއަދަބީ އަމަލުތަކުގެ ތުހުމަތުތައް ފަނޑިޔާރުންނަށް އަމާޒުވާ އިރު ވެސް ފިޔަވަޅެއް ނާޅަންޏާ ފާޑުކިޔާނެ އެވެ.

މިފަދަ ބޮޑެތި މައްސަލަތަކާ ހެދި، ދައުލަތުގެ މަތީ މަގާމްތަކުގައި ތިބި މީހުންނަށް ފާޑުކިޔުމަކީ އެއްވެސް ހާލެއްގައި އެމީހުންގެ އަބުރު ކަތިލުމެއް ނޫނެވެ. އެއީ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ބަޔަކު ޒިންމާދާރުކުރުމެވެ. ހަމަ މަގަށް ގެނައުމެވެ. ކަންކަން އިސްލާހުކުރަން ގޮވާލުމެވެ. ހަމަހަމަކަމާއި އިންސާފާއި ހައްގުތަކަށް ވަކާލާތުކުރުމެވެ.

ދައުލަތުގެ ނިޒާމުގެ ތެރެއިން ދުވާ ފަސާދައިގެ ނުބައި ވަހާއި ފެންނަ ޚުދުމުޚުތާރު މަންޒަރުތަކާ މެދު ސުވާލުތައް ފެންމަތިކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެކެވެ. ނޫސްވެރިން އަދާކުރަން ޖެހޭ ޒިންމާއެކެވެ. އެއީ ވަގަށް ގޮވުން ކަމަށް ދެކެންޏާ، ކަންބޮޑުވާންވީ ވަގަށް ގޮވާތީއެއް ނޫނެވެ. ބަލަންވީ ވަގަށް ނުގޮވާނެ ގޮތަކަށް އުޅެވޭތޯ އެވެ.

ވެރިން ކުރާ ކޮންމެ ކަމެއް ތަހައްމަލްކޮށްލައިގެން ރައްޔިތުން ތިބޭކަށް ނުޖެހެ އެވެ. އެއީ ރާއްޖެ އިން ނައްތާލާފައި އޮތް ސަގާފަތެކެވެ. އެކަން އަނބުރާ ގެނެސްގެނެއް ނުވާނެ އެވެ. ކުރަން ޖެހޭ ކަމަކީ ނަޒާހާތްތެރިކަން ދެއްކުމެވެ. ވައްކަން ނުކުރަމޭ ބުނުމަކީ ދިފާއެއް ކަމަށް ވެދާނެ އެވެ. އެކަމަކު، ވަގުތާއި ހާލަތާއި ވަށައިގެންވާ ހަގީގަތްތަކުގެ އަލީގައި، އެ ވާހަކައެއް ގަބޫލުކުރުމާއި ނުކުރުން އޮންނާނީ އާއްމުންގެ އަތްމަތީގަ އެވެ.

އަބުރުގެ ބިލެއް މި ގޮތަށް ފާސްކުރަން އުޅޭ ސަބަބަކީ ވެސް އެއީ އެވެ. ސާފު ބޮޑެތި ހެކިތައް ފެނި އިއުތިރާފުތައް އަޑުއިވޭ އިރު ހުރިހާ ރައްޔިތުން މޮޔަ ހެދިފައި ނުތިބޭނެކަން ވިސްނޭތީ އެވެ. ސޯޝަލް މީޑިއާގެ މި ޒަމާނުގައި ހަމައެކަނި ނޫސްވެރިން އޮބިއަޅައިގެން ފަރުޖެހެން ނޯންނާނެކަން އެނގޭތީ އެންމެންގެ ދުލުގައި ގޮށްޖަހަނީ އެވެ.

"މައްސަލައަކީ ފާސްކުރަން އުޅޭ ބިލު ހަދާފައި އޮތް ގޮތެވެ. ނުވިސްނޭ ބައެއް މީހުން ގަބޫލު ނުކުރިޔަސް ނޫސްވެރިންނާއި އާއްމުންގެ ހުރިހާ ވެސް ކަންބޮޑުވުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލަން އުޅުމެވެ. އެއީ ކިހާ ނުރައްކާތެރި، ކިހާ ގެއްލުން ބޮޑު ކަމެއްކަން އިހުސާސްކުރެވޭނީ ފަހުންނެވެ. ޚިޔާލުފާޅުކުރުމުގެ ހައްގު ނެތް ތަނެއްގައި އެހެން އެއްވެސް ހައްގެއް ނޯންނާނެ އެވެ."

ފާޑުކިޔާތީ ނުރުހިގެން މަޖިލީހުގެ މެމްބަރުން ރުޅި އައިސް، މަޖިލީހުގެ ތަޅުމުގަ އާއި އެ ނޫން ވެސް ތަންތަނުގައި، އެތައް ވާހަކައެއް ދައްކައި ރައްޔިތުންނަށާއި ނޫސްވެރިންނަށް ރައްދު ދެ އެވެ. އެމީހުންގެ ނިންމުންތަކާއި އަމަލުތަކާއި ވޯޓު ދޭ ގޮތް ދިފާއުކުރަން އުޅެ އެވެ. އެކަމަކު މެމްބަރުންނަކީ ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރާ ބައެއް ކަމަކަށް މީހުން މިހާރު ގަބޫލެއް ނުކުރެ އެވެ.

ކުރާ ކަންކަމަށް ބަލާއިރު ރައްޔިތުންނަށް މެމްބަރުން ފެންނަނީ ނާޖާއިޒު ފައިދާތަކަށް "ވިކޭ" ބައެއްގެ ގޮތުގަ އެވެ. އެފަދަ ވާހަކަތައް ހިމޭންކޮށްލަން ބޭނުންވާ މެމްބަރުންނަށް އަބުރުގެ ބިލަކީ ލިބުނު ވަރަށް ވަރުގަދަ ހަތިޔާރެކެވެ. ވެރިކަން ކުރާ ކޯލިޝަންގެ ފުރިހަމަ އާރާއި ބާރުގައި އެކަން ކޮށް ނިންމާލަން އެ ތިބީ ފޫގަޅައިގެންނެވެ.

48 ކޮމެންޓް, 128 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 2%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުހާމު

30 July 2016

ބިލް ފާސްކުރިއްޔާ އަދިގޮވާތަކެތި މާ ނުބައިވާނެ/ ސަންދާނު ނުސް ބަޔަކުނެރުނީވެސް ތިޔަގޮތަށް މީހަކު ގައުމުގެ ރައްޔިތުން ހިފަހައްޓާ އޮބަހައްޓައިގެން އުޅެނިކޮށް ނޫސް ނެރޭބަޔަކު ހޯދުމަށްޓަަކައި ރާއްޖޭއިން ބޭރުން އެކްސްޕާޓުންވެސް ގެނެސްގެން އެމީހުންހޯދާ އެތައް އަނިޔާތެކެއް އެމީހުންނަށްދިން. އެހެންނަމަވެސް އެސަރުކާރުގެ ވަތުބަތާނަ އޮތީ ހާމަވެ ނިމިފަ. އަދި އަހަރެމެން އޭނާގެ ވެރިކަންވެސް ވައްޓާލިން މިފަހަރުވެސް ވާނީ ހަމައެވަރު ނުވަތަ އެއަށްވުރެ ބޮޑުވަރު. ދެން އޮތް ހައްލަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންޓަރނެޓް ނުލިބޭގޮތްހެދުން. އެކަން މިހާރަކު ސަރުކާރު ކިތަންމެ ކުޅަދާނަޔަށް މަޖިލީސް ކިތަންމެ މޮޅަށް ފަނޑިޔާރުގެ ކިތަންމެ ބާޜުގަދަޔަށް ކުރެވޭނެކަމެއްނޫން. ބިލް ފާސްކޮށްބަލަ. އަހަރެމެން ވަގަށް ނުގޮވާތޯބަލަން. ދެން ވަކިވަކިން ތިޔަ މަޖިލީހުގެ މެމްބަރުންގެ ޖަނގިޔާގެ ކުލަޔަށް ދަންދެން ހާމަކުރާނަން.

The name is already taken The name is available. Register?

މަވެސްމީ ވަގެއް

30 July 2016

ކޮބާހޭ ރައްތައް ވިއްކާލާފަ ވަގައްނެގި 1.2 ބިލިޔަން ރުފިޔާ.

The name is already taken The name is available. Register?

ފަނާ

30 July 2016

އާސިޔަތު ކިތަންމެ ވަރަކަށް ލިޔުނަސް މި ބިލް މި ހަފްތާގާ ފާސްކުރާނެއެވެ. އަދި ޤާނޫނަކަށްވެސް ހަދާނެއެވެ. ދެން ލިޔެލިޔެ ހުންނާށެވެ. ވާނެ ކަމެއް ނޯންނާނެއެވެ. ހަމަ ވަގަށް ގޮވީ ދަޢުވާ ކުރީއެވެ.

The name is already taken The name is available. Register?

އަލީ

31 July 2016

ސަރުކާރު އެއީ ވަކި ބައެއްގެ ވާރުތަ މުދާގަނޑެއްތަ؟ ބަލަ ކިތަންމެ ދައުވާއެއް ކުރިޔަސް ވަގަކު ވާނީވަގަކަށް. ގާނޫނަކުން ގެއްލުނު އަބުރެއް ނުލިބޭނެ. ރައްޔިތުންގެ ސަރުކާރެއް. ގާނުނުހަދަހަދާ ތިބެވޭނީ ވަކިދުވަހެއްވަންދެން. ހުރިހާ ގާނޫނު ބާތިލްކޮށްފަ އެގާނޫނު ހެދިމީހުނަށް އަދަބުދެވޭނެ ގާނޫނު ވެސް ހެދިދާނެ. އަމިއްލަ އަތުން ފޭހުނު އިލޮށި ތައް ހަމަ އަމިއްލަ ލޮލަށް އެހަރަގެން ހެރެނީ.

The name is already taken The name is available. Register?

އީސާ

30 July 2016

މިވާގޮތުން 800 މިލިޔަން ޑޮލަރު ވަގައް ނެގިޔަސް އެވާހަކަ ދެއްކޭކައް ނެތް!

The name is already taken The name is available. Register?

ހުސޭނުބެ

30 July 2016

ޥާހަކަ ދެއްކޭނެ!! އެކަމަކު "ތޯތޯ" ވާހަކައެއް ނުދެއްކޭނެ!! ޙަގީގަތާ ޚިލާފް ވާހަކަ ނުދެއްކޭނެ!! އެކަމަކު ހަގީގަތާ އެއްގޮތް ވާހަކަ ދެއްކޭނެ!! ތިމާމެން ބޭނުންވީމަ ބޭނުންހާ ގޮތަކަށް މީހުންގެ އަބުރު ކަތިނުލެވޭނެ!!

The name is already taken The name is available. Register?

މުންނާ

30 July 2016

އާސިޔަތެވެ. ނޫހަކުންވެސް މިއުޅެނީ ވައްކަން ކޮށްގެންނެވެ. އެހެން މީހުންގެ ޙައްޤަކަށް އަރައިގަނެގެންނެވެ.

The name is already taken The name is available. Register?

ފާތިމަ

30 July 2016

ކިތައްމެ ވަރަކަށް ބިލްފާސްކުރިޔަސް ވަގަށް ގޮވުމެއް ނުހުޓުވޭނެއެވެ. ވީކަމެއް ނުވާކަމަކަށް ހަދަން ކިތައްމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެއެވެ.

The name is already taken The name is available. Register?

ދޫބަންދު

30 July 2016

ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަ މިންވަރަށް ބަލާއިރު މީހުންގެ އަބުކުރު ކަތިލައި ވެއްޔާ މޮޑެލި ކަމުގައި ވިއަސް ޤާނޫނީ ބާރު ނެތުމުން އެފަދަ ފަރާތްތަކާ މެދު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެއީ ކޮންމެ މީހަކު ކަމުގައި ވިއަސް މެއެވެ. ހީވާ ކަންތަކާ ޔަޤީންނުން ވެސް އެނގޭ ކަންތައް ވެސް އެމީހެއްގެ ހިތުހިރި ގޮތަކަށް ލިޔުމުން މުޖުތަމަށުގައި މީހުން ބަލައިގަންނާނެ ގޮތަކަށް ބެލުމެއް ނެތެވެ. ޤަދަރު އުފުލިފައިވާ ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ އެންމެ އިސްމަޤާމުތަކުގެ މީހުންނަށް ދޭންޖެހޭ ޤަދަރާއި ޢިއްޒަތުން ނަފުސް ވެސް ވަނީ ގެއްލިފަ އެވެ. މިފަދަ ބިލަކަށް މިހާރުވަނީ ބޭނުންވެފަ އެވެ.

The name is already taken The name is available. Register?

މަމީ ވަގެއް

30 July 2016

ވަރަށް ދެރަ، ވައްކަންކުރާ މީހުނަށް ވަގަށް ނުގޮވެންޏާ އެމީހުން ވައްކަން ކުރަން ޖެހިލުންވާނެކަމެއްނެތް. މީހުން މަރާ މީހުނަށް އެއީ މީހުންމަރާ މީހެކޭ ބުނީމަ އެމީހާގެ އަބުރާބެހޭކަމަށް ވަނީ. އެވާހަކަވެސް ދެއްކޭކަށްނެތް. އެކަމަކު އިސްލާމްދީނުގައި އޮންނަގޮތުން އަތްކެނޑީމަ އެންމެނަށްވެސް އެނގޭ އެއީ ވައްކަންކޮއްގެން އަތްކަޑާފަހުރި މީހެއްކަން. ޒިނޭކުރީމަ މީހުނަށް ފެންނަގޮތައް ހައްދުޖަހާ، އެންމެނަށް އެގޭ އެއުޅެނީ ޒިނޭ ކޮއްގެންކަން. އަބުރެއް ނުގެއްލެ. މިވާގޮތުން ދެން އެމްއެމްޕީއާރސީގެ ވައްކަމުގެ ވާހަކަވެސް ނުދެއްކޭނެ.

The name is already taken The name is available. Register?

މުހައްމަދު

30 July 2016

މިރާއްޖޭގައި ޙަޤީޤަތާއި ތެދު މިވަނީ ރައްޔިތުންނަށް އޮޅުވާލާފައި. މިކަމުގައި އެންމެ ކުރިއްސުރެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަނީ ނޫސްވެރިންގެ ނަމުގައި ނުކުމެއުޅޭ ބައެއް. ދެން އެއަށްފަހު ސިޔާސީ ޓެގް އަޅުވައިގެން އުޅޭ ބަޔަކު. ދެއިރު ދެދަޅައަށް ދެގޮަތަށް ވާހަކަދައްކަމުން ދަނީ. މިކަމުގެ ސަބަބުން މީސްތަކުންނަށް މިވަނީ ވާނުވާ ނޭނގި ހައިރާންކަމެއްގެ ތެރޭގައި. ތެދާއި ދޮގު އޮޅިފައި. ގަބޫލުކުރަންވީ ކާކު ދައްކާ ވާހަކައެއް ކަމެއް ނޭނގިފައި.

The name is already taken The name is available. Register?

ދޮންދީދީ

30 July 2016

މުޙައްމަދުގެ ބޯހުރިތޯ ބަލް އަޅެ އަތްލަބަލަ. މިއުޅެނީ ވާނުވާ ނޭގިގެނެއްވެސް ނޫނޭ. ވަގަށްނެގި ފައިސާ ގަނޑުން އެތިކޮޅެއް މަމެންނަށްވެސް ލިބޭތޯ އުޅެނީ. އެނގޭ ނެގީ ވަގަށްކަންވެސް. އެހެންވީމާނޫންތޯ ކޯޓުން ހުކުން އެކުރަނީ. މައްސަލަ މިއުޅެނީ ކުރިވައްކަމެއްގައެއްނޫނޭ. ފައިސާ ލިބުނު މީހުންނަށް ލިބުނުކަމަށް ބަޔަކު ބުނާތީ ނުލިބޭކަމަށް ގާނޫނުގައި ލިޔަންވެގެންނޭ. ގާނޫނުގައި ނުލިބެޔޭ ބުނެވިއްޔާ ލިބުނަސްވާނީ ނުލިބޭ އެއްޗަކަށޭ. އެއަށް ކިޔަނީ ވޮއިޑް އެބް އިނިޝިއޯ. އެހެންވީމާ ވާގޮތަކީ ދިންކަމަށްވިޔަސް ދިންއިރުވެސް އެއީ ނުދޭ އެއްޗަކަށްވީއެވެ. މިސާލަކަށް ހިނގުން މަނާ ކޮށްފައި އޮތް މަގަކުން މުހައްމަދު ހިނގާފައި ދިޔައީ. ގާނޫނުގައި ބުނަނީ އެމަގުން ހިނގުމަކީ މަނާ ކަމެކޭ. އެހެންވީމާ މުހައްމަދު ހިނގަންފެށީއްސުރެ ނިމެންދެން އެވާނީ "ނުހިނގާ" ކަމަށެވެ. ތިލަކޮށްލީމާ މިވަނީ ހިނގަފެށިއިރުވެސް އެހިނގުން ވަނީ ބާޠިލުވެފައެވެ.އެކަމަކު ބުނަންތަ ވާހަކައެއް! ބާޠިލުކަމަކަށްވިޔަސް ބަޔެއްފަހަރު އަދަބު ލިބިދާނެއެވެ. އެއީ މާނަކުރުމުގައި އޮޅުމެއް އަރައިފިނަމައެވެ.

The name is already taken The name is available. Register?

ވީނަސް

30 July 2016

މި ބިލު ފާސްވާނީ ކޮން ދުވަހަކުންބާ؟؟ ވީއެންމެ އަވަހަކަށް މިބިލު ޤާނޫނަކަށްވެ އަމަލު ކުރަން ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި މިހުރީ. މި ބިލުގެ ސަބަބުން އެންމެންނަށް ރައްކާތެރިކަން ކަށަވަރުކުރެވި އެންމެން އެކަތިގަނޑަކަށް ވުމަށް ލިބޭ މީ ރަނުގެ ފުރުޞަތެއް ކަމުގައި ނޫނީ ނުވާނެ. އިދިކޮޅު ކުދިންގެ މޭކެރުން އުޅޭނެ އެއީ މައްސަލައެއް ނޫން ޑިމޮކްރަސީގައި އެހެންވެސް ވާނެ.

The name is already taken The name is available. Register?

ައމނ އާއްމު

30 July 2016

އެންމެންނަކަށް ނޫންދޯ، ވައްކަންކޮއްގެން އަމިއްލަޔަށް އަބުރު ނަގާލާ މީހުންގެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454