ޖޭޕީ ކޮންގްރެސް ނިންމުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ޑރ. ހުސެއިން ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
28 ޖޫން 2018 - 22:54
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ މަސްއޫލިއްޔަތުތައް، އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސެއިން ރަޝީދު ހަސަނާ ހަވާލުކުރަން ޖޭޕީގެ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.
މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ޖޭޕީގެ ތިންވަނަ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެ ނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރެކެވެ.
މިދިޔަ ކޮންގްރެސްއާ ހަމައަށް ޖޭޕީގެ ލީޑަރަކީ ގާސިމް އިބްރާހީމް ކަމަށް ވީ ނަމަވެސް، އެ މަގާމަށް ބޭފުޅަކު ކަނޑައެޅުން އެ ކޮންގްރެސްގައި ވަނީ ފަސްކޮށްފަ އެވެ. ގާސިމަށް އެ މަގާމަށް ކުރިމަތި ނުލެއްވުނީ އޭނާ އަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ހެދި އެވެ.
ޖަލު ހުކުމަށް ފަހު، ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގެންނެވި ގޮތަށް ފަހުން ޖަރުމަނަށް ވަޑައިގެން ގާސިމް ދިރިއުޅުއްވަނީ ޖަރުމަނުގަ އެވެ. އޭނާ ޖަރުމަނުގައި އުޅުއްވަނީ އެ ގައުމުގެ ސަރުކާރުގެ ހިމާޔަތް ވެސް ހޯއްދަވައިގެންނެވެ.
މިރޭ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި، ވަގުތީ ގޮތުން އެ ޕާޓީގެ އެންމެ އިސް ބޭފުޅަކީ ޑރ. ހުސެއިން ކަމަށް ހަމަޖެއްސުމަށް ހުށަހެޅުއްވީ އަހުމަދު ރަމީޒެވެ. އެކަމަށް ތާއީދު ކުރެއްވީ ގާސިމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އާއިޝާ) އެވެ.
ޖޭޕީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ޑރ. ހުސެއިންއާ ހަވާލުކުރަން ފާސްވީ، ކައުންސިލްގެ މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި 37 މެމްބަރުން [ރިޔާސަތު ހިމެނޭ ގޮތުން] ގެ ތެރެއިން 36 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ގާސިމްއާ ވަރަށް ކުރިއްސުރެ ގާތްގުޅުމެއް އޮންނަ އަދި މިހާރު އަމަލުކުރާ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ތ. އަތޮޅުގެ ގޮނޑި ހަތަރު އަހަރެއްހާ ދުވަސް ވަންދެން ފުރުއްވި ޑރ. ހުސެއިން، ޖޭޕީގެ ތިންވަނަ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ދެވަނަ ފަހަރަށް އިންތިޚާބުވީ 224 ވޯޓުންނެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް މި ފަހަރު އިންތިޚާބު ކޮށްފައި ވަނީ ޑރ. ހުސެއިންގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީނާއި ރައީސް ޔާމީންގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން އިބްރާހީމް އަދި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު، ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.
ޖޭޕީގެ އެންމެ އިސް ބޭފުޅަކީ ލީޑަރު ކަމަށް ވާއިރު، އިދާރީ ގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ރައީސް އަލީ ވަހީދެވެ. ނައިބު ރައީސަކަށް އިންތިޚާބު ކޮށްފައި ވަނީ ޑރ. އަބްދުﷲ މައުސޫމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
29 June 2018
ވަރަށް ވަފާތެރި ބޭފުޅެއް ހުސެންއަކީ.
މަންސޫރު
29 June 2018
ވެރިކަމަށް އައުމަށް ދަރަނިވެރިވާން ތައްޔާރާ ހުރި ސޭޓަކު ޕޮލިޓިކަލް ޕާޓީއެއް ހިންގީމައި ވާނީ ދެން މިހެން.
ސޫރު
29 June 2018
މަންސޫރު އަބަދު ވެސް އާއްމު ދިވެހިންގެ ކަންކަމަށް އެހެން ރާގަކުން ފާޑުކިޔާފަ ހުރޭ. ބައެއް ފަހަރު ރަނގަޅު.
ރިހާކުރު ދިޔަގެ ބަސް
29 June 2018
މަސްހުނި ގަޑެއް. ޞައްޓާ ޗިޗަންޑާ އާއި ގަރުގިޔަ އާއި "ފިނިފެން"ޖަހާގެން މޮޑެފައިވާ މަސްހުނި ގަޑެކެވެ.ކޮން ރަހައެއްބާ ލާނީ؟
ތިބޭތި
29 June 2018
ޖޭޕީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ޑރ. ހުސެއިން އާ ހަވާލުކޮށްފި ނަމަ އެއީ ޖޭޕީ އަތުން ކޮންޓްރޯލް ދިޔައީ އެވެ. ތިޔާ ހުސެއިން އަކީ އެއީ ޖޭޕީގެ ނަމުގައި ހުރި ނަމަވެސް އެމްޑީޕީގެ އެޖެންޓެކެވެ. މިތަން ފެންނާނެ ޖޭޕީގެ ކައުންސިލަށް ވަރަށް ރީއްޗަށް. ތިބޭތި ބަލަން.
ލެޖިޓަމަސީ
29 June 2018
ޔާމިން ވެސް އަދީބުއަށް އިތުބާރު ކުރެއްވި
އިދިކޮޅު
29 June 2018
އަޅެ ދެން މީ ފަހެ ޖޯކެއްތަ.
އަލިބެއްޔާ
29 June 2018
ޑރ ހުސެންއަށް މަރުހަބާ. ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުއްމީދުކުރަން.
ގުމްރީ
29 June 2018
ތި ޕާޓީ އަކީ ވިލާ ކުންފުނީނެ ގޮތްޕެއް!
ރާޅޭ
29 June 2018
މަރުހަބާ ޑޮކްޓަރ ހުސެން
އަތްފުނާ
29 June 2018
ގާސިމް ވަރަށް އިތުބާރުކުރާ މީހެއް ތިއީ