އައިޖީއެމްއެޗުގައި ބޭއްވި ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓަރު ނާޒިމާއި އައިޖީއެމްއެޗުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ: ޕާކިސްތާނުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކާއެކު މެޑިކަލް ކޭމްޕެއް ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
01 ޖުލައި 2018 - 17:31
ޕާކިސްތާންގެ ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންނާ ގުޅިގެން އައިޖީއެމްއެޗްގައި މެޑިކަލް ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފަސް ދުވަހަށް ބާއްވާ މި ކޭމްޕަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވަނީ ރަޖިސްޓްރީވާން މުއްދަތު ދީފަ އެވެ.
އައިޖީއެމްއެޗުގެ 3335300 ނަމްބަރަށް ގުޅައިގެން އަދި އެ ހޮސްޕިޓަލްގެ ސާޖަރީ ޑިޕާޓްމަންޓުން ވެސް ރަޖިސްޓްރީކުރެވޭނެ އެވެ.
އެ ކޭމްޕަކީ ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި ޕާކިސްތާނު އެމްބަސީ ގުޅިގެން ހިންގާ ހަރަކާތެވެ. އެ ތަނުން ސާޖަރީއާ ގުޅުން ހުރި ހަތަރު ބައްޔަކަށް ޕާކިސްތާނުގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އެވެ. އޭގެ ތެރޭގައި ކިޑްނީއާ ސިކުނޑިއާ ގުޅުންހުރި މައްސަލަތަކާއި ހިތާއި ފުއްޕާމެއާ ގުޅުން ހުރި ބަލިތައް ހިމެނެ އެވެ.
އައިޖީއެމްއެޗުގެ އޮފިޝަލް ވިދާޅުވީ ކޭމްޕަށް ރަޖިސްޓްރީވުމުން، ދައްކާނެ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަނޑައަޅާނީ އެ ހޮސްޕިޓަލްގެ ސާޖަރީ ޑިޕާޓްމަންޓުންނެވެ.
"ރަޖިސްޓްރީވުމުން، އެ ޕޭޝަންޓަކަށް ގުޅާފައި އޭނާ އަށް ވާ ގޮތްތައް ބަލާނެ. އެ އަށް ފަހު އައިޖީއެމްއެޗް ޑޮކްޓަރުންގެ ޓީމުން ކިޔައިދޭނެ ދައްކަންޖެހޭނެ ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރެއް،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކޭމްޕަށް ރަޖިސްޓްރީވާ ވީހާ ވެސް ގިނަ މީހުންނަށް ފުރުސަތު ދޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy