ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާއު (މެދުގައި) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު ނިޝްއަތު/ މިހާރު
02 ޖުލައި 2018 - 14:00
ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައި އޮއްވާ، މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލުމުން، އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް ބަދަލުތަކެއް އައިސް، ވޯޓުލުމުގެ ފުރުސަތު ގިނަ ބަޔަކަށް ގެއްލިދާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުން އައި އެ މަސައްކަތް، ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މިއަދު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާއު ވިދާޅުވީ މާލޭގެ ރައްޔިތުން ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 1987 ހުޅުވާލާފައި އޮތް އިރު، ރަށްރަށުގެ މީހުން ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު 1994 އިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާތަނަށް އައި އިރު، އެ ފުރުސަތު ބަންދު ނުވާ ކަމަށާއި އެހެންވެ، އިންތިހާބުގެ މި ދުވަސްވަރު، އަލުން ރަޖިސްޓްރީ ހުޅުވައިލާ ވާހަކަ ވިދާޅުވުމަކީ ވަރަށް ބޮޑު އޮޅުވައިލެއްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކަމަކު މީގެ އެތައް އަހަރެއް ކުރިއްސުރެ އޮންނަ ދަފުތަރެއް، އަލުން ހުޅުވައިލާ ކަމަށް މިނިސްޓަރު ވިދާޅުވުމުން ބޮޑަށް ގަބޫލު ކުރެވެނީ އޭގެ އާ ލިސްޓެއް އެކުލަވާލުން ކަމުގައި ޝަމާއު ވިދާޅުވި އެވެ.
މީގެ 31 އަހަރު ކުރިއްސުރެ މާލޭގެ މީހުންނަށް ހުޅުވައިލާފައި އޮންނަ "ހާއްސަ ދަފުތަރު"ގައި މިހާތަނަށް 3،264 މީހުން ރަޖިސްޓްރީ ވެފައިވާއިރު ރަށްރަށުގެ މީހުން މާލެ އަށް ބަދަލުވުމަށް 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވެ އެވެ.
ޝަމާއު ވިދާޅުވީ ދަފުތަރުގެ އާ ލިސްޓެއް ހަދާނަމަ، އެ 15،000 މީހުންގެ ވެސް ދަފުތަރު ނަމްބަރު ބަދަލުވާނެ ކަމަށާއި އޭރުން ވޯޓުލާ މީހުންގެ ލިސްޓުގައި އެ މީހުންގެ ނަން ނޯންނާނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ، އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު އިސްލާހުކޮށް އިއްޔެ އާއްމު ކޮށްފައިވާ އިރު، އެ ބަދަލު ލިސްޓުގައި ނޯންނާނެތީ އެވެ.
"ދަފުތަރުގައި ޖެހުމުން އެ މީހެއްގެ ދާއިމީ އެޑްރެހުގެ ގޮތުގައި މި އޮންނަނީ ނަމްބަރެއް. ވޭތުވެ ދިޔަ އަހަރުތަކުގައި މަރުވެފައިވާ މީހުންގެ ނަން އުނިކޮށް، އާ ލިސްޓެއް ހަދައިފި ނަމަ އެ ހުރިހާ މީހުންގެ (ދަފުތަރު) ނަމްބަރުތަކަށް ވެސް ބަދަލު އަންނާނެ. އޭރުން އައިޑީކާޑުގައި އޮތް ދާއިމީ އެޑްރެސް ވެސް އޮންނާނީ ބަދަލުވެފައި. އެކަމަކު ވޯޓާސް ލިސްޓު އިސްލާހުކޮށް ނެރެފައިވާތީ، މި އާ އެޑްރެހެއް ލިސްޓުގައެއް ނޯންނާނެ. އަދި ވޯޓުލާން ދާއިރު އެ މީހުންގެ މައުލޫމާތު ސައްހައެއް ނުވާނެ،" ޝަމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިސްޓުގައި އަލަށް ރަޖިސްޓްރީވާ މީހުންނަށް ވެސް، މި ސަބަބާ ހެދި ވޯޓުލުމުގެ ފުރުސަތު ގެއްލިދާނެތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ވޯޓާސް ލިސްޓު އިއްޔެ އާއްމު ކޮށްފައިވަނިކޮށް، އަލުން އެ ފުރުސަތު ހުޅުވާލުމަކީ ލިސްޓު ގަޑުބަޑު ކުރަން ހުޅުވޭ ދޮރެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޝަމާއު ވިދާޅުވީ މިނިސްޓަރު އިއްޔެ ކުރެއްވި އިއުލާނާ ގުޅިގެން، މިހާރު ވެސް ދަފުތަރުގައި ޖެހިފައި ތިބި ގިނަ ބަޔަކު ކައުންސިލަށް ގުޅައި، އަލުން ދަފުތަރުގައި ރަޖިސްޓްރީ ވާން ޖެހޭނެތޯ ސުވާލުކުރާ ކަމަށެވެ.
މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންފައިވާއިރު، ހިޔާ މަޝްރޫއުގެ ދަށުން ވެސް، އެ މީހުންނަށް 1044 ފްލެޓް ދޭން ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީބެ
03 July 2018
ވޯޓުއޮޅުވާލުމުގެ ކުޅިއެއް.
ފުންއަސަރު
03 July 2018
ތީ މިދުވަސްވަރާ ދިމާކޮށް އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. އަދި ތިޔަކަމަކީ ފަހުންވެސް ކުރާވަރުގެ ކަމެއްނޫން. ތިޔަބުނާތަނެއްގާ ރަޖިސްޓްރީވުމަށްފަހު އެމީހެއްގެ ބެލެނިވެރިކަން މުޅިން ގެއްލިދަނީ. ދަފްތަރެކޭކިޔާފާ އެތަނުގާ ރަޖިސްޓްރީވުމަށްފަހު އެބަޔަކާ ހަވާލުވެއުޅޭނޭ ފަރާތެއްވެސް ނެތިދަނީ. ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރިޔަސް ކުރަންވީ ވަގުތަކާ ކަުރަންވާ ކަންކަން ހުންނާނެ. އެކަމަކު ތިމާރު ތީކީ ހަމަ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއްނޫން.
މާލޭމީހާ
02 July 2018
މީ ސިޓީކައުންސިލާ ބެހޭކަމެއް ނޫން. ޚުރާނެ ކަމެއް ނޭގެންޏާ ިސްތިއުފާ ދީފަ ގެއަށް ދޭބަލަ.
ޝޮކްތެރަޕީ
02 July 2018
ކައުންސިލަރުން އިހުލާސްތެރިވޭ މިޤައުމަ ކަލޭމެންނަކީ ނަޝީދުގެ ޕަޕެޓުން.
ޒައީ
02 July 2018
ފުޅަށް ބުޑުންދަންޏާ ހީވާނެ ކެޔޮގަނޑު ދުއްވާލާނެއޭ އެވެރިންނަށް
އަލީ!
02 July 2018
ދިވެހިންނަށް މުހިންމުވަނީ ޤައުމަށްވުރެންވެސް ފުލެޓެއް ލިބުން. މިއީ ވަރަށް ވާހަކަ......!
ރައްޔަތުމީހާ
02 July 2018
އިއްޔެ ސަރުކާރުން މި ދެއްކެވި ވާހަކަ، މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ކައުންސިލުން ވަރަށް ބޮޑަށް އިހުމާލުވެ، ނިކަމެތި ހާލަތުގައި ދިރިއުޅެން މަޖުބޫރުކޮށްފައިވާ ކަމަށް ބުނާވާހަކަޔާ، ކައުންސިލަށް ބަޖެޓު ދީ މުވައްޒަފުން ހަމަޖައްސައިދީ، ވަސީލަތްތައް ހަމަޖައްސައިދީފައިވާ އިރު ވެސް އެއްގޮތަކަށް ވެސް ފްލެޓްތައް ނުބަލަހައްޓައި، މަހުން މަހަށް ހޯދަން ޖެހޭ ކުލި ނުހޯދިވާހަކަޔާ ދަފްތަރު އަތުލާ ބަންދުކޮށް ހިފަހައްޓައިގެން ތިއުޅޭވާކަޔަށް ސިޓީކައުންސިލުން ރައްޔަތުންނާ ނޫސްވެރިންގެ ކުރިމަތީ ކެރެންޔާ ޖަވާބުދާރީ ވެދެއްވަބަލަ.
ަަސސ.
02 July 2018
އެއޮތީ ވެފަ ބަލާބަ ކަނު ލޮލަކުން ނުބަލާނަމަ ހުދުނުރާގެ ބުހުތާނު ހިއްސުގެ ޖަޖުމަންޓައް އެގޭނެ
ހަސަންމަނިކުފާނު
02 July 2018
ވޯޓް ލިސްޓާއި ބެހޭނީ އިލެކްސަނުން! ސަމާއުެއްނޫން!
ރޮދި
02 July 2018
ބޯހިޔާވަހިކަން ކަށަވަެއްނުވެޔޭ? ދަފްތަރު ނޫން ކޮންމެ އެއްޗެއް ހުޅުވިޔަސް. ފުލެޓު ވެސް ލިބެނީ ރުއްސަވާ ބަޔަކަށް. އިންސާފެއް ހަމައެއް ލަމައެއް ނެތި ކިހިނެއް ނަންބަރަކަށް ނަފުސު ދޫކޮށްލެވޭނީ.
އެހެންތޭ
02 July 2018
ދަފުތަރު ހުޅުވައިލުމުން ގިނަ ބަޔަކަށް ވޯޓު ނުލެވިދާނެ ކަމަށް މާލެ ސިޓީ ކައުންސިލް މެމްބަރުން ބުނަން ނުޖެހޭނެއޭ އެއީ އެމެންނާއި ބެހޭ ކަމެއް ނޫނޭ މާލެ ދަފްތަރު ގައި މީހުން ޖެއްސުމުގެ މަސައްކަތަކީ އެއީ ހުއްޓެން ޖެހޭނެ ކަމެއް ނޫނޭ ރިޔާސީ އިންތިޚާބުގެ ވޯޓް ލުން އޮތޭ ކިޔާ ތަމެންގެ ދަގަމާރު ދަ ބީތާ ކަމުންނޭ އެހެން ބުނާނީ އެހެން ވެއްޖެނަމަ ދެން ތަމެން ރިޔާސީ އިންތިޚާބު އަންނަން ދެން ސީނުލާ ތިބެން ވީނޫންތޭ ތިޔާ ޒާތުގެ ކަނޑުކޮސް ވާހަކަ ތަމެން ދައްކާ ގޮސް ރާއްޖެތެރޭ މީހުން ގާތު އިނގޭތޭ.