ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ކާޑު ބޭނުންކޮށްގެން ފައިސާ ނަގަނީ. ކާޑުގެ މައުލޫމާތު އޮޅުވާލައިގެން ހޯދަން މަސައްކަތްކުރޭ
17 ޖުލައި 2018 - 17:24
ބީއެމްއެލުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކާ މެދު ކަސްޓަމަރުން ހޭލުންތެރިކޮށް، ހިމާޔަތްކުރަން އާ ކެމްޕޭނެއް އެ ބޭންކުން ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މި ކެމްޕޭން މި ފެށީ ކަސްޓަމަރުންނަށް އޮޅުވާލައިގެން ކާޑުގެ ނަންބަރާއި ޕިން ނަންބަރު ހޯދަން ފޯނުން ގުޅާކަމުގެ ޝަކުވާ ބޮޑު ދުވަސްވަރެއްގަ އެވެ. އެ ކޯލްތައް ކުރާ މީހުން ބުނަނީ އެއީ ބީއެމްއެލްގެ މުވައްޒަފުން ކަމަށެވެ. އަދި އެ މީހާގެ ނަމާއި ކާޑު ނަންބަރު އެހުމަށްފަހު ބުނަނީ އެ ކާޑުގައި މައްސަލައެއް އުޅޭތީ އެކަން ހައްލުކޮށްދޭން ބޭނުންވާ ކަމަށެވެ. އެހެންވެ ކާޑުގެ ވެރިފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އެހުމަށްފަހު، ކާޑުގެ ނުފުށުގައިވާ ތިން އަކުރުގެ ސީވީ ކޯޑު ބުނެދިނުމަށް ވެސް އެދެ އެވެ.
އޮޅުވާލައިގެން ކާޑުގެ މައުލޫމާތު ހޯދަން ގުޅާ ބައެއް މީހުންގެ ކޯލުތައް ރެކޯޑްކޮށް، ޝޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ކާޑުގެ މައުލޫމާތު ހޯދަން ގުޅާ މީހުންގެ މީހުން ބޭނުންކުރަނީ މޮބައިލް ނަންބަރެވެ.
އެކަމަކު ބީއެމްއެލްގެ އާ ކެމްޕޭންގައި އެ ބޭންކުން އާންމުންނަށް ދޭ ޔަގީންކަމަކީ އެއްވެސް ކާޑެއްގެ މައުލޫމާތު ހޯދަން މޮބައިލް ނަންބަރެއް މެދުވެރިކޮށް އެ ބޭންކުން ނުގުޅާނެ ކަމެވެ.
"އޮޅުވާލަައިގެން ކާޑުގެ ސިއްރު ނަންބަރުތައް ހޯދަން ގުޅާ މީހުން މިފަދަ ފަރާތްތަކުން ކަސްޓަމަރުގެ އިތުބާރު ހޯދުމުގެ ގޮތުން މިފަދަ ފަރާތްތަކުން ކާޑުގެ ފުރަތަމަ ހަ އަކުރު ބުނެދީފާނެ. ބީއެމްއެލް އިން ދޫކޮށްފައިވާ ކޮންމެ ޑެބިޓް ކާޑެއްގެ ވެސް ފުރަތަމަ ހަ އަކުރު އެއްގޮތްވާނެ،" އެ ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ވަނީ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު ނަންބަރު ހިއްސާނުކުރަން އެދެ އެވެ. އަދި ކާޑުގެ ނުފުށުގައިވާ ތިން އަކުރުގެ ސީވީ ކޯޑު ނުދިނުމަށް ވެސް ބީއެމްއެލް އިން އެދިފައިވެ އެވެ.
އޮޅުވާލައިގެން ކާޑުގެ މައުލޫމާތު ހޯދަން ގުޅާ ބައެއް މީހުންގެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯބު
18 July 2018
ކާޑު ބޭނުންކޮށްގެން ފިހާރަތަކުން ވިޔަފާރި ކުރުމަކީ ރައްކާތެރިގޮތެއްނޫން. ސޭޓުއަތައް ކާޑުޖަހަން ދިއްކޮށްލާއިރު ބޭނުންނަމަ ހިތައް ނަގާގަނެވޭ ވަރުގެ މަދު މައުލޫމާތުކޮޅެއް ކާޑުން އޮންލައިން ވިޔަފާރިކުރަން ބޭނުންވަނީ. އަނެއްކޮޅުން ކައުންޓަރާދިމާލަށް މިހުންނަނީ ކެމެރާވެސް ދިއްކޮށްފައި. ފަހުންވެސް ބަލާލެވިދާނެ.
ގަހާ ޖަމަލު ފޮޑި ދޮންތި ފޭދޫ
18 July 2018
ޔަގީނުންވެސް ކާޑުގެ އެއްވެސް މައުލޫމާތެއްއަދި ކާޑު ވެރިފަރާތުގެ އެޑުރެހެއް ޕިންކޯޑެއް ބޭނުމެއްނުވޭ އެމެރިކަން އެކުސްޕުރެސް ކުރެޑިޓު ކާޑުން ކޮންމެ ފަދަ މީހަކު ވިޔަފާރި ކުރިޔަސް... ކާޑުގެ ވެރިފަރާތައް އެނގުމެއްނެތި ކާޑު ވަގައްނަގައިގެން ވިޔަފާރި ކުރަނީ މަދެއްކޮށެއްނޫން.. ސެކިޔުރެޓީ ޕިންކޯޑު ބޭނުން ނުވެއެވެ.. ވީމާ ކޮންސެކިޔުރެޓީ އެއްތޯ އެކާޑުގައި އޮތީ އުފެދުމުގައިވެސް..
ވޮލަންޓިއަރު
18 July 2018
ވަރަށް ރަގަޅު ވާހަކައެއް ބީއެމްއެލް އެމެކްސް ކުރެޑިޓް ކާޑު ވިޔަފާރި ކުރާއިރު ކުޑަ މިނުން ޕިން ކޯޑު ވެސް ޖަހާކަށް ނުޖެހޭ، މިކަން އެނގޭނެ އެކާޑު ބޭނުން ކުރާފަރާތަކައް.
މީ މަގޭ ޙިޔާލު
18 July 2018
ގެއްލޭ ކޭސްކާޑުއެއް އެއިން މީހަކަށް ފެނިޖިއްޔާ ކިހިނެއްބާވާނީ؟
ހަސަންފުތު
17 July 2018
ބީއެމްއެލްއައް ނިދިން ހޭލެވިގެން މިކަންތައްތައް ކުރަން މިހާ ލަސްވެފައި އޮއްވާވެސް ފެށީމަ ޝުކުރު ދަންނަވަން .. ކިތައް މީހުންގެ އަތުން ތޯ ލާރި އޮޅުވާލައިގެން މި ކާލީ އެބަހުރި 40،000 ހާހުންވެސް ކާލާފަ .. ޕޮލިހުންނަކައް މިކަމާ ދެކޮޅައް އެއްވެސް ކަމެއް ނުކުރޭ .. ފިޔަވަޅެއް ނޭޅޭ .. އެތައް އުޒުރުތަކެއް ދައްކާ ... ނަމަވެސް ސިޔާސީ ބޭފުޅަކު ކިރިޔާ ކަމެއް ކޮއްލާ އިރައް އޭނަ ގެ ހުރިހާ މައުލޫމާތެއް އަލިފުން ޔާއައް އެބައިގޭ ..