ޚަބަރު / ޕީޕީއެމް

އަބުރުގެ ބިލާ މެދު ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތު!

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ސަރުކާރަށް ތާއީދުކުރާ ގިނަ މެމްބަރުން ތިއްބެވީ އަބުރުގެ ބިލު ފާސްކުރާ ގޮތަށް.-- ފޮޓޯ: މަޖިލިސް

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރިކަން ހާމަވެއްޖެ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލު ބަލައިގަތުމާ މެދު ރައްޔިތުންގެ މަޖިލިހުގައި މިހާރު ދަނީ ބަހުސް ކުރަމުންނެވެ. މި ބިލާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ވެސް އިއްޔެ ވަނީ ބާއްވާފަ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕުގައި ބައެއް މެމްބަރުން ވަނީ މި ބިލުގައި ހުރި ކަންކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެ ގޮތުން، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި މިނިވަންކަން އެއްކޮށް ނައްތާލައި ރައްޔިތުންނަށް ބޮޑު މުސީބާތަކަށް ވާނެ ގޮތަށް ގާނޫނުތައް ހަދައިގެން ނުވާނެ އެވެ.

އޭނާ ވިދާޅުވީ ފާޑުކިޔާ ކޮންމެ މީހަކު ކަސްތޮޅު އެޅުވުމަކީ މި މުޖުތަމައުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"ހަގީގަތަށް ވާހަކަ ދެއްކުމަކީ ސަރުކާރާ ދެކޮޅުވެރިވުން ކަމަށް ބެލުމަކީ ވެސް ފަގީރު ބުއްދީގެ އަހުލުވެރިންގެ ކަމެއް،" މުސްތަފާ ވިދާޅުވި އެވެ.

ބިލުގައި ހުރި ބައެއް މައްސަލަތައް އޭނާ ނެންގެވި އެވެ. އެ ގޮތުން، މުސްތަފާ ވިދާޅުވީ ޖޫރިމަނާ ކަނޑައަޅަނީ އެ ގައުމެއްގެ ރައްޔިތުންގެ މާލީ ތަނަވަސްކަމަށް ބަލައިގެން ކަމަށެވެ. މި ބިލުގައި 50،000 ރުފިޔާ އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައަޅާފައި ވާއިރު، ތިން އިރު ހަމައަށް ނުކައި އުޅޭ އެތައް ބަޔަކު ވެސް ރާއްޖޭގައި އަދިވެސް އެބަ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހާ ބޮޑު ޖޫރިމަނާއެއް އޮތުމުން ގާޒީން ހަމަ އެ އަދަދުގެ ޖޫރިމަނާތައް ކުރުމުގެ ފުރުސަތު އޮތްކަން ދޭހަވާ ގޮތަށް ވެސް މުސްތަފާ ލިއުއްވި އެވެ.

ޕީޕީއެމްގެ ވައިބަ ގްރޫޕުގައި ބައެއް މެމްބަރުން ފޮނުއްވި މެސެޖުތަކެއް.

އޭނާގެ އެ ވާހަކަ އަށް ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ ގާނޫނުގެ ދަށުން ހުކުމް ކުރާނެ ގަވާއިދެއް އަބަދުވެސް ގެންގުޅޭ ކަމަށެވެ. ޖޫރިމަނާގެ މިންވަރު އެ ގަވާއިދުގެ ދަށުން ކަނޑައެޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް ތާއީދު ނުކުރައްވާނެ ކަމަށް ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އަދި އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ މި ބިލާ ދެކޮޅު ހެއްދެވުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ފާރިސްގެ ޓުވީޓު.

މުސްތަފާ އާއި ފާރިސްގެ އިތުރުން ވެސް ޕީޕީއެމްގެ ބައެއް މެމްބަރުން ގެންދަވަނީ އަމިއްލަ ގޮތުން މި ބިލާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ. އެ ހުރިހާ މެމްބަރުންގެ ވެސް ކަންބޮޑުވުމަކީ މި ބިލުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަަމަށް ހުރަސް އެޅޭތީ އެވެ. ނަމަވެސް، ޕާޓީގެ ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވަން ކެރިވަޑައި ނުގަންނަވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕު ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވިޔަސް، ގިނަ މެމްބަރުން ތިއްބެވީ މި ބިލު ފާސްކުރާ ގޮތަށެވެ. ބިލު ހުށަހަޅާފައި އޮތް ގޮތަށް ފާސްކުރަން ބައެއް މެމްބަރުން ބާރު އަޅުއްވަމުން ގެންދެވިޔަސް، ބިލާ މެދު ހުރި ކަންބޮޑުވުންތަކަށް ބެލުމަށް ފަހު ކޮމިޓީ މަރުހަލާގައި އިސްލާހު ކުރާނެ ކަމަށް ބިލު ހުށަހެޅުއްވި ޖައުފަރު ވަނީ ވިދާޅުވެފަ އެވެ.

އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ވަކި ޚަބަރުތަކެއް މީޑިއާތަކުން ގެނެސް ނުދެވޭ ފަދަ ގޮތެއް ހަދާފައިވުމުގެ އިތުރުން ހިޔާލު ފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓާފަ އެވެ.

ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.

މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.

16 ކޮމެންޓް, 69 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 4%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދާދިފަސް

01 August 2016

ބިލު ފާހެއްނުވާނެ. އެމެރިކާ ބުނެފިއެއްނުން އިމުގެ ތެރޭގައި އުޅޭށޭ. ވަރަށް ސަލާމް ތިބިލަށް.

The name is already taken The name is available. Register?

ރަންދެލި

01 August 2016

ބައެއް ކަންކަމަކީ ކުރުމަށް ފަހު އަނބުރާ އިއާދަ ކުރެވޭ ކަންކަމެއް ނޫނެވެ! ތިޔަ ބިލު ފާސް ކޮށްފިނަމަ، ދެން ތިޔަ ގާނޫނު ދުވަހަކުވެސް އުވާލެވޭނެ ބާއެވެ! ކޮންމެ ސަރުކާރެއް ކޮންމެ ޒަމާނެއްގަ އަޔަސް ތިޔަ ގާނޫނު ދެން އުވައެއް ނުލެވޭނެއެވެ... ދިވެހިން ދިވެހިންގެ ގޮތުގައި އަޅުވެތި ކަންމަތީ އަބަދަށް!!!!!

The name is already taken The name is available. Register?

އަލީ

01 August 2016

މިލިޔަނުން ރިޝްވަތު ލިބޭ މީހުން ކަނޑައަޅާނީ މިލިޔަނުން ޖޫރިމަނާކުރާގޮތަށް. އެމީހުނަށް ނޭނގެ އާދައިގެ ދިވެއްސަކަށް 20 އަހަރުންވެސް 2 މިލިޔަންރުފިޔާ ސޭވްނުކުރެވޭނެކަން.

The name is already taken The name is available. Register?

އިބްރާހިމް

01 August 2016

އެންމެ ކުޑަ މިންވަރުން، ދުނިޔޭގެ ބޮޑެތި ގައުމު ތަކުގަ އާ ގާނޫނެއް ހަދަން އުޅޭ ގޮތް ބަލާލުމުގެ ގާބިލުކަން ނެތް މަޖިލިހަކުން ދެން ކުރެވޭނެ މާ ރަނގަޅު ކަމެއް އޮންނާނެހެނެއް ހިޔެއް ނުވޭ. ނޫސް ވިދާޅުވާ ބޭފުޅުންގެ މައުލޫމާތަށް އެފަދަ ޕްރޮސެސް އިނގިރޭސި ވިލާތުގަ ހިންގާ ގޮތް މި ލިންކުން ހިއްސާ ކޮށްލަން. http://www.parliament.uk/education/about-your-parliament/how-laws-are-made/

The name is already taken The name is available. Register?

ޢަބްދުﷲ

01 August 2016

ތިޔަ ބިލާއި ދެކޮޅަށް ވޯޓުދެއްވާނެ ބޭފުޅުން މަޖިލީހުގައި ނުހަނު ގިނަ. ސަބަބަކީ ތިޔަ ބިލަކީ މަޖިލީހުގައި ތިބި ކޮރަޕްޓް،މަކަރުވެރި އަދި ވައްކަން ކޮށްފައިވާ މެމްބަރުން އެމީހުންނާއި އެމީހުންގެ މުއްލާގެ ދިފާއުގައި ތައްޔާރު ކުރާ ބިލެެއް. މަޖިލީހުގައި ތިއްބެވި އިޚުލާސްތެރި ބޭފުޅުން އެބޭފުޅުންގެ ނަފްސު ވަގުންނަށްޓަކައި ޤުރުބާން ނުކުރާނެ ކަން ކަށަވަރު. ތިޔަބިލަށް ވޯޓު ލާގޮތުން 1.3 ބިލިއަން ރުފިޔާ ބެހިފައިވާ ގޮތް ސާފުވާނެ. ފުލުހުންނާއި އޭ.ސީ.ސީ އަދި އޮޑިޓާ ޖެނެރަލް އަވަހަށް މަސައްކަތަށް ތައްޔާރުވޭ. ބަލާ ފާސްކުރަންޖެހޭ ތަންތަން ދާދި އަވަހަށް އެނގި ސާފުވާނެ. ތިޔަ ބިލަށް އަހަރެން ކިޔާނީ "1.3 ބިލިއަން ކެޔަ ބިލް"

The name is already taken The name is available. Register?

އުދުހޭ

01 August 2016

ބިލު ފާސްވެއްޖެއްޔާ ބިލަށް ވޯޓްދިން މެންބަރުންނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ފުރުސަތު ސަރުކާރަށް ލިބޭނެ. އެއީ އެއްވުންތަކުގަޔާ ޓީވީތަކުގައި ދައްކާފައިވާ ވާހަކަތަކުން. ސަރުކާރުން ކޯޓަށް ހުށައަޅާ މައްސަލަތަށް ނިމޭގޮތް ސާފުނުވާ ބަންގާޅީއަކުވެސް މަދުވާނެ. އެހެންވީމާ މެންބަރުން އަމިއްލައަށް ފޭއްސާ އިލޮށި މެންބަރުންގެ އަމިއްލަ ލޮލަށް؟!

The name is already taken The name is available. Register?

މޫސަ

01 August 2016

ގާނޫނުތައް ދުނިޔޭގެ ކޮންމެ ގައުމެއްގަވެސް ހަދަނީ ވަރަށް ގިނަ ދިރާސާތައް ކުރުމަށްފަހު، އެގާނޫނެއް ހެދަންޖެހޭ ސަބަބާމެދު އެހެނިހެން ގައުމުތަކުގަ ވެސް ކަންހިނގި ގޮތާ، ކުރިގޮތާއެކު ކަމުގެ ތާރީޚަށްވެސް ރިއާޔަތް ކުރުމަށްފަހު ގާނޫނީ އަސާސްތަކަށް ކުޑަ ނަމަވެސް ހީނަރުކަމެއް ނާންނަ ގޮތަކަށް ފަރުމާ ކޮށްގެން އެގައުމެއްގެ ރައްޔިތުންނަށް އެއިން ލާބަޔާއި މަންފާ ލިބޭނެ ގޮތަކަށް. އެއްވެސް ގާނޫނެއް އޭގެ އެންމެ ފުރިހަމަ ގޮތުގަ ހެދޭނީ ގާނޫނީ އިލްމު ލިބިފަ ތިބި ފަންނީ މީހުންގެ މެދުގަ ގިނަ މަޝްވަރާތަކެއް ކުރެވިގެން. މިފަދަ މަޝްވަރާ ކުރެވޭނީ މިކަމުން އެކަށީގެންވާ ތައުލީމެއް ލިބި މިކަންކަމާމެދު ވިސްނާ ހޯދާ ބަޔަކަށް. ރޭނުމުގެ މަސައްކަތެއް އެކަމުގަ އުޅެފަ ނެތްމީހަކު ކޮށްފިނަމަ އިސާހިތަކު ގިނަގުނަ މައްސަލަޖެހި އިމާރާތް ވެއްޓޭތަން އަންނާނެ ފަދައިން، ގާނޫނުގެ މައުލޫމާތު ނެތި ގާނޫނު ހަދަން ފަށައިފިނަމަ މުޖުތަމައު ހަލާކުވެ، މުޅި ރައްޔިތުންނަކީ ކުށްވެރިންނަށް ބަދަލުވެދާނެ. އެއްވެސް ފަރުދަކަށް ދިމާވާ އުނދަގުލެއް ހައްލު ކުރުމުގެ ގޮތުން ގާނޫނު ހެދުމަކީ ދުނިޔެ އުފަންވީއްސުރެވެސް ކޮށްފައި އޮތް ކަމެއްނޫން. ﷲ ސުބުހާނަހޫ ވަތައާލާ އެކަލާނގެ ނަހީކުރެއްވި ކަންކަމާއި މަނާ ކުރެއްވި ކަންކަންވެސް މަނާ ކުރެއްވީ އެކަމުގައި އިންސާނުންގެ ބުއްދިއަށް ގަބޫލު ކުރެވޭ އެތައް ގޯސްތަކެއް ހުރެގެން އިންސާނުންގެ ފައިދާއަށްޓަކާ. އަޅުގަޑުމެންގެ ވިސްނުން ބަހައްޓަންޖެހޭނީ މިއުއްމަތުގެ ނަބިއްޔާ ކަން ކުރެއްވި ގޮތަށްވެސް ބަލާ، އިސްލާމީ ހަމަތަކާ ރިވެތި އުސޫލުގެ ތެރެއިން. ތިމަތިމާމެން ކަމަކުން ކުރިހޯދުމުއްޓަކައި އަތުގަ އޮތް ބާރު ބޭނުން ކުރުމަކީ ރިވެތި އުސޫލެއް ނޫން. އެހެން ކަންކުރާ ބަޔަކަށް ﷲގެ ރުއްސެވުން އޮންނާނެ ކަމުގަ ދެކިގެން ނުވާނެ އަދި ތިމާމެން ދަތި އުނދަގޫ ދުވަސްވަރަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު ހީވާންޖެހޭނެ. ތިޔަ ގާނޫނު ފާސް ކުރަންތިޔަ އުޅެނީ ހަމަ ކަށަވަރުން ވެސް މިގައުމުގެ އެއްވެސް އާންމު ރައްޔިތަކު ބޭނުންވެގެންނެއް ނޫން. މި ގައުމަށް ﷲގެ ރުއްސެވުމާ ފުއްސެވުން މިންވަރު ކުރައްވާށިއެވެ. އާމީން.

The name is already taken The name is available. Register?

ތުއްތޮންބެ

01 August 2016

ކެރެންޏާ އަޅެ ތިޔަ ބިލް ފާސްކޮށްލަބަލަ! އޭރުން ތިޔަ ބިލް ފާސްކުރަން ވޯޓުދިން މީހުން ސަހަރޯވެރިވާ ވަރަށް އެމީސްމީހުންގެ ހަގީގަތް އިތުރަށް ހޯދާ ދޮރުން ދޮރަށް ހިނގައިގެންވެސް މުޅި ރައްޔިތުންނަށް ހާމަކުރާނަން. އެމީހެއްގެ އަބުރެއް އޮތުމާ ނެތުމުގެ ޒިންމާ ނަގަންޖެހޭނީ އެމީހަކު.

The name is already taken The name is available. Register?

ހައިވް

01 August 2016

ޜައްޔިތުންގެމަޖިލީހުން ހައްދަވާކޮންމެ ޤާނޫނަކަށް ރައީސްޔާމީން ޤަވައިދެއް ހައްދަވާނަމަ ! މަޖިލީސް އުވާލައްވައި އަމިއްލަފުޅައް ޤަވްިދުތަކެއް ހައްދަވާފަ އެ ޤަވައިދުތަކުން ރއްޔިތުނައް ބަރިބަރިޔައް ހުކުމް އިއްވުން ބުއްދިވެރި! ރައީސްމަޢުމޫނުވެސް ތި ފަލްސަފާގައި ދުވަސްކޮޅަކު ހޭދަކުރެެއްވި!

The name is already taken The name is available. Register?

ބޭރު

01 August 2016

ހިޔާލު ތަފާތު ވިޔަސް ވޯޓް ދިނުން ނޫން ގޮތެއް ނެތެވެ. އެހެން ނޫނީ ހުރަގެއަށެވެ. ދެން ބިލު ފާސްކުރުމަށް ރައީސް ޔާމީނު ފައިވިއްދާފައިވާ މިންވަރު މުސްތަފާއަށް ދިން ރައްދުން ހާމަވެއެވެ. ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރޭތަން ބަލަން ތިބެމާ ހިނގާށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454