ޚަބަރު / ދިވެހި ބަސް

ލޯފަން މީހުންނަށް ތާނަ ލިޔަންކިޔަން ދަސް ކޮށްދޭން ފަށައިފި

ލޯފަން ކުއްޖަކަށް، އަހްމަދު ރަޝީދު ތާނަ ބްރެއިލް ދަސްކޮށްދެނީ

ލޯފަން ކުދިންނަށް ތާނަ ލިޔަން ކިޔަން ދަސްކޮށްދިނުމުގެ ކޯހެއް ދިވެހި ބަހުގެ އެކަޑަމީން ހޯމަ ދުވަހު ފަށައިފި އެވެ.

އެ އެކަޑަމީން ހިންގާ އެއް މަސް ދުވަހުގެ މި ކޯހުގެ ބައިވެރިންނަށް ތާނަ ލިޔެކިޔަން ދަސްކޮށްދޭނީ އެކަމަށްޓަކައި އަލަށް އުފެއްދި ތާނަ ބްރައިލް ބޭނުން ކޮށްގެންނެވެ. ބްރެއިލަކީ އުފުލިފައިވާ ހަ ތިކި ވަކި ހާއްސަ ތަރުތީބުތަކަކުން އަތުރާލައިގެން އުފައްދާފައި ހުންނަ އަކުރުތަކެކެވެ. އެ ގޮތަށް ލިޔެފައި ހުންނަ ލިޔުންތައް، ލޯފަން މީހުން ކިޔާނީ އެމީހުންގެ އަތުގެ އިނގިލިތަކުން، އުފުލިފައިވާ އެ ތިކިތަކުގައި ޖައްސައިގެން އެ ތިކިތައް އެތުރިފައިވާ ބައްޓަމުން ނުވަތަ ތަރުތީބުން އެއީ ކޮން އަކުރުތަކެއް ކަން ދެނެގަނެގެންނެވެ.

މި ކޯހުގައި، ލޮލަށް ނުފެންނަ މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގެ އިތުރުން، ބްރައިލް ބޭނުންކޮށްގެން އެފަދަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ވެސް އުފައްދާނެ އެވެ. މީގެ އިތުރުން މިފަދަ ކުދިން ވަޒީފާގެ މައިދާނަށް ނެރުމަށް ތައްޔާރު ކޮށްދިނުމަކީ ވެސް މި ކޯހުގެ އެއް މަގްސަދެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ލޯފަން ކުދިންނަށް އަމިއްލަ އަށް ދިވެހި ކިޔޭނެ ފުރުސަތެއް ފޯރުކޮށްދިނުން،" ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވި އެވެ.

"އެހެން ބަސްތަކުގައި ވެސް ބްރެއިލް ލިޔާނެ ސިސްޓަމެއް އޮވޭ. ދިވެހި ބަހުގައި ވެސް މި ސިސްޓަމް އޮތުން މުހިއްމު،" އަޝްރަފް ވިދާޅުވި އެވެ.

އެ މުއާސަސާ އިން ހިލޭ ކުރިޔަށް ގެންދާ މި ކޯހުގައި ބައިވެރިވީ މުޅިއަކު ފަސް ދަރިވަރުންނެވެ. އޭގެ ތެރޭގައި 13 އަހަރުގެ ލޯފަން ކުއްޖެއް ވެސް ހިމެނެ އެވެ. އަނެއް ހަތަރު ދަރިވަރުންނަކީ، އެ ކުޑަކުއްޖާގެ ބެލެނިވެރިއަކާއި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކަލާފާނު ސްކޫލްގައި ކިޔަވައިދޭ ދެ ޓީޗަރުންނާއި އިތުރު އެކަކެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ ތާނަ ބްރައެލް އީޖާދު ކުރެއްވި އަލްގާރީ އަހްމަދު ރަޝީދު އަބްދުލް ގާދިރެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކޯސް ފެށިތާ އެންމެ ތިން ދުވަސް ވީއިރު ތާން ބްރައެލް އަކީ، ލޯފަން ކުދިންނަށް ަފަސޭހަ ގޮތަކަށް އުފެއްދުނު ބްރައެލް އެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ގޮތުން އޭނާ ފާހަގަ ކުރެއްވީ، ތާން ބްރައިލް ކްލާހުގައި ހިމެނޭ އެންމެ ހަގު ދަރިވަރު ކަމަށްވާ ޒާޔާ، ވަރަށް އަވަހަށް އެ އަކުރުތައް ދަސް ކުރަމުން އަންނަ ކަމެވެ.

"އަދި މިވީ މި ކޯސް ފެށިތާ ތިން ދުވަސް. އެކަމަކު މިހާރު ވެސް ޒާޔާ އަށް ދަސްވެފައި ހުރި އަކުރުތަކުން ކުރު ބަސްބަހާއި، ޖުމްލަތައް އަމިއްލަ އަށް ކިޔަން އެނގޭ." ގާރީ އަހްމަދު ރަޝީދު ވިދާޅުވި އެވެ.

ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކަލާފާނު ސުކޫލުގައި ކިޔަވާދޭ ދެ ޓީޗަރުން ކަމަށްވާ ފާތިމަތު ޖީޒާ އާއި އައިޝަތު ރައުޟާ ވެސް ބުނީ، ދަސްވެފައިވާ އަކުރުތަކުން ކުރު ބަސްބަހާއި ކުރު ޖުމްލަ ހަދަން މިހާރު އެނގޭ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ތާނަ ބްރެއިލުން ވާހަކަ ފޮތް ފަދަ އެއްޗެހި ނެރުމުން ޒާޔާ ކަހަލަ ކުދިންނަށް އަމިއްލަ އަށް ކިޔުމުގެ ފުރުސަތު ލިބުން،" ރައުޟާ ބުންޏެވެ.

ތާނަ ބްރެއިލް އީޖާދު ކުރައްވައި ކިޔަވައިދެއްވަމުން އަންނަ އަހްމަދު ރަޝީދު ވިދާޅުވި ގޮތުގައި ތާނަ ބްރެއިލް އުފެއްދުމުގެ ޝައުގުވެރިކަން އުފެދުނީ އަރަބި ބަހުންނާއި އިނގިރޭސި ބަހުން ބްރެއިލް ދަސްކުރުމުގެ ފުރުސަތު ލިބުމުންނެވެ.

"އަޅުގަނޑަށް އަރަބި ބްރެއިލް ދަސްވެފައި އިނގިރޭސި ބްރެއިލް ދަސްވީމަ، ދެން އަޅުގަނޑަށް ވިސްނުނީ ކީއްވެހޭ ދިވެހި ބަހުގައި ވެސް ބްރެއިލް ނޯންނަންވީ،" ރަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ތާނަ ބްރެއިލް ސިސްޓަމެއް އުފައްދަން އުޅުމުން، މި ކަންކަމާއިގެން މަސައްކަތް ކުރާ ބައިނަލްއަގްވާމީ މުއާސަސާތަކުން ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.

އަހްމަދު ރަޝީދަށް އެއްބާރުލުން ދީ، އެހީވި ބައިނަލްއަގްވާމީ މުއާސަސާތަކުގެ ތެރެއިން މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "އިންޑެކްސް ބްރެއިލް ޓެކްނޮލޮޖީ" އާއި އެމެރިކާގެ "ޑަކްސްބަރީ ޑީބީޓީ" އިން ވަރަށް ބޮޑު އެހީއެށް ލިބުނުކަމަށް ރަޝީދު ފާހަގަ ކުރި އެވެ.

ކޮމްޕިއުޓަރުގައި ހުންނަ ތާނަ ލިޔުންތައް ޑަކްސްބަރީގެ ސޮފްޓްވެއާ އިން ތާނަ ބްރެއިލް އަށް ބަދަލުކުރުމުން، އިންޑެކްސް ބްރެއިލް ޓެކްނޮލޮޖީ އިން އެ ލިޔުމެއް ލޯފަން ކުދިންނަށް ކިޔޭނެ ގޮތަށް އުފުލިފައިވާ އަކުރާ އެކު ޕްރިންޓް ކޮށްލަނީ އެވެ.

"ޑަކްސްބަރީގައި މިހާރު ވެސް އެބަ އޮތް ތާނަ ލިޔުންތައް ބްރެއިލް އަށް ބަދަލުކުރެވޭނެ 'ވޯކިންގް' ޓެމްޕްލޭޓެއް. އެކަމަކު ކުދިކުދި މައްސަލަތައް، ކޮމާ ފަދަ އެއްޗެހިން އުފެދޭ. އެ މީހުން އެ އަންނަނީ އެ މައްސަލަތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން،" ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ޑަކްސްބަރީން ދެން ނެރޭ އަޕްޑޭޓުގައި ތާނަ ބްރެއިލް ހުންނާނެ އެވެ. އޭރުން ކޮންމެ ދިވެހި ލިޔުމެއް އެ ސޮފްޓްވެއާ ބޭނުން ކޮށްގެން ބްރެއިލް އަށް ބަދަލުކޮށްލުމުން ލޯފަން ކުދިންނަށް ވަރަށް ފަސޭހަ އިން ކިޔޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންސޫރު

22 July 2018

ވަރަށް ރަނގަޅު ކަމެެއް. މިއީ އަސްލު ތަރައްގީއަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454