އިވަންކާ: އޭނާގެ ފެޝަން ކުންފުނި ބަންދު ކުރަން ވަނީ ނިންމާފައި.
26 ޖުލައި 2018 - 09:46
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާގެ ފެޝަން ކުންފުނި "އެޕޮނިމަސް" ބަންދުކުރަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.
އިވަންކާ ނެރުނު ބަޔާނެއްގައި ބުނީ އެޕޮނިމަސް ވުޖޫދަށް އައިތާ 11 އަހަރު ފަހުން ކުންފުނީގައި ބަންދު ބޯޑު އަޅުވަން ނިންމީ ވައިޓް ހައުސްގައި އަދާކުރަން ޖެހޭ ޒިންމާތަކާ އެކު މަސްލަހަތު ފުށުއަރާތީ ކަމަށެވެ.
ވިޔަފާރިކުރުން މެދުކަނޑާލައި މިހާރު ފޯކަސް ކުރަން ބޭނުން ވަނީ ބައްޕާފުޅާ އެކު، ގައުމު ހިންގުމުގެ މަސައްކަތަށް ކަމަށް އިވަންކާ ބުންޏެވެ.
"ފެޝަން ބްރޭންޑެއްގެ ގޮތުގައި އެޕޮނިމަސް ފެށި އިރު، އެއްވެސް މީހަކު އުންމީދެއް ނުކުރޭ މި ބްރޭންޑަށް މިހާރު ލިބިފައި އޮތް މަގުބޫލުކަން ލިބޭނެ ކަމަކަށް،" އޭނާގެ ބަޔާނުގައި ބުންޏެވެ. "އެކަމަކު މިހާރު މި ކުންފުނި ބަންދުކޮށްލާ އިރު، ވިޔަފަރީގައި އަހަރެމެން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައި،"
އިވަންކާ ބުނި ގޮތުގައި ވައިޓް ހައުސްގައި މަސައްކަތް ކުރާތާ މިހާރު 17 މަސްވެފައިވާ އިރު، އަލުން ވިޔަފާރީގެ ތެރެއަށް ނުކުމެވޭނެ އިރެއް ބުނާކަށް ނޭނގެ އެވެ. ތިން ތަރިން ތިބި އިވަންކާ، 36، ފިރިމީހާ ޖެރެޑް ކުޝްނާއަކީ ބައްޕާފުޅު ޓްރަމްޕްގެ ސީނިއާ އެޑްވައިޒަރެވެ.
އިވަންކާ ބައްޕާފުޅު އަދި ރައީސް ޓްރަމްޕާ އެކު.
އިވަންކާ ބުނީ އެޕޮނިމަސް ބަންދު ކުރަން ނިންމީ އެކުގައި މަސައްކަތް ކުރި ޓީމްގެ ލަފާ ވެސް ހޯދުމަށް ފަހު، އެ މީހުންގެ މަޝްވަރާގެ މަތިންނެވެ. އަދި ފާއިތުވި މުއްދަތުގެ ތެރޭގައި އޭނާއާ އެކު މަސައްކަތް ކުރި އެންމެންނަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އިވަންކާ ބުންޏެވެ.
އެމެރިކާގެ ވެރިކަމަށް މަހުޖަނު ޓްރަމްޕް ވަޑައިގަތް ފަހުން، އޭނާގެ ސިޔާސަތުތަކަށް ފާޑު ކިޔާ މީހުން ވަނީ އިވަންކާގެ ބްރޭންޑް ވެސް ބޮއިކޮޓް ކުރަން ގޮވާލައިފަ އެވެ.
އަދި އިވަންކާ އެކިއެކި ރަސްމީ އިވެންޓްތަކުގައި އޭނާގެ ބްރޭންޑްގެ އުފެއްދުންތައް ބޭނުންކޮށް، އެ ތަކެތި ޕްރޮމޯޓް ކުރާ ކަމަށް ބުނެ ވެސް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުޝްނާ
27 July 2018
މިވެސް ފާޑެއްގެ އާއިލީ ވެރިކަމެއް މިހާރު.