ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއު ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
31 ޖުލައި 2018 - 14:37
ރަށްރަށުގައި ނަރުދަމާ ގާއިމްކުރަން 2.1 ބިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނަރުދަމާ ގާއިމްކުރުމުގެ ބޮޑު މަޝްރޫއެއް ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިިކޮށްދެއްވައި ވާހަކަދައްކަވަމުން ތޯރިގް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ނަރުދަމާ ގާއިމްކޮށްފައިވަނީ މާލެ ހިމަނައިގެން 31 ރަށެއްގައި ކަމަށެވެ. ނަމަވެސް ރައްކާތެރި ނަރުދަމާގެ ޔަގީންކަން ފޯރުކޮށްދިނުމަށް ބޮޑު މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި 22 ރަށެއްގައި ގާއިމުކުރި ނަރުދަމާގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ. އަދި ލަންކާގެ ކުންފުންޏާ މިއަދު ހަވާލުކުރި 20 ރަށާ އެކު، 83 ރަށެއްގައި ނަރުދަމާ ގާއިމުކުރުމުގެ އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު 31 ރަށުގައި ނަރުދަމާ ގާއިމުކޮށްފައިވަނީ. ހަތަރު އަހަރުގެ ތެރޭގައި 22 ރަށުގައި ނަރުދަމާ ގާއިމުކުރެވިފައިވަނީ. މިކަމަށް ފޯކަސްކުރާ ވަރު ދަންނަވާލަން ޖެހޭނީ،" އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުުން ތޯރިގް ވިދާޅުވި އެވެ.
"މި ދެންނެވި 83 ރަށަށް ސަރުކާރުން 2.1 ބިލިއަން ރުފިޔާ ހަރަދުކުރެވިގެންދާނެ. ފައިސާ ހޯދައިގެން ސަރުކާރުން މަސައްކަތް ކުރަނީ،"
ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއު ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގާއެކު، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށް ބުނެ، ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ތޯރިގް ވިދާޅުވީ ރަށްތަކުގައި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަނީ އިހުލާސްތެރިކަމާއެކު، ރައްޔިތުންނަށް އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް މިހާރު ރައްކާތެރި ނަރުދަމާ ނިޒާމެއް ފޯރުކޮށްދެވިފައިވާ ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ނަރުދަމާގެ ޚިދުމަތް ލިބެނީ ރާއްޖޭގެ 37 ޕަސެންޓަށް ކަމަށް ވިދާޅުވި އެވެ.
ނަރުދަމާގެ އިތުރުން ރަށްރަށުގައި ފެނުގެ ނިޒާމް ގާއިމްކޮށްދިނުމަކީ ވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށާއި މީގެ ކުރިން ފެނުގެ ނިޒާމް ގާއިމްކޮށްފައިވަނީ ހަ ރަށެއްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިހާރު 20 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ 20 ރަށް ހިމަނައިގެން 45 ރަށެއްގައި ފެނުގެ ނިޒާމް ގާއިމުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްއެމްއޭ
31 July 2018
2 ބިިލިޔަން ރުފިޔާ އަދެއް ޗާޕެއް ނުކުރޭ
އަސޭމިރުސް
31 July 2018
ތިކަން ކުރާކައްނޫންތަ މުސާރަ ދީފަ ތިތިބެނީ.
ބެއްޔާ އައްޑޫ
31 July 2018
ވެރީންގެ ޖީބަށް ކިހާވަރެއް؟
ރާއްޖެ
31 July 2018
35 އަހަރުން (މައުމޫނު، ނަޝީދު، ވަހީދު) ނަރުދަމާ އެޅުނީ 31 ރަށުގައި. 4 އަހަރުން 22 ރަށުގައި އެޅިއްޖެ. ޔާމީނު ކަމެއް ނުކޮއްދޭތާ އެހެންވިމަ.
ނަސީދު
31 July 2018
ވޯޓުވެސްލާނަން. ވޯޓުން ހޮވާނަން.
ވަހީދު
31 July 2018
ވޯޓުލާ ދުވަހު ވެސް ވޯޓުން ބަލިވިޔަސް ދައުރު ނިމެންދެން ތަރައްޤީ އާއިގެން ކުރިއަށް ދިއުމަށް އެދެން. ދެން އަންނަ ވެރިކަމެއްގައި ބައެއް މަސައްކަތް ހުއްޓާ ނުލެވޭގޮތަށް ޤާނޫނު ވެސް ފާސްކޮށްފައި ތިބެން ޖެހޭނީ.
މަބުނާނީ
31 July 2018
އިންޝާﷲ ވޯޓުންވެސް މޮޅުވާނެ.