އީރާނުގެ ރައީސް ހަސަން ރޫހާނީ (ކ) އާއި ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް. --ފޮޓޯ:އޭއެފްޕީ
01 އޯގަސްޓް 2018 - 11:19
ތެހެރާން (އޮގަސްޓް 1) - އެއްވެސް ޝަރުތަކާ ނުލައި އީރާންގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ނަމަވެސް ޓްރަމްޕަކީ އިތުބާރު ނުކުރެވޭ މީހެއް ކަމަށާއި އޭނާއާ އެކު ކުރާ މަޝްވަރާގައި އެއްވެސް އަގެއް ނޯންނާނެ ކަމަށް ބުނެ އީރާނުގެ ވެރިން ރައްދު ދީފި އެވެ.
އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވިތާ ތިން މަސް ފަހުން، މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް ޓްރަމްޕް ވަނީ ރޫހާނީއާ ބައްދަލުކޮށް ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ބަހްރާމް ގާސިމީ ވިދާޅުވީ ޓްރަމްޕުގެ ހުށަހެޅުމާއި އޭނާގެ އަމަލުތަކާ ދިމާ ނުވާ ކަމަށެވެ. އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައި އީރާނާ އެހެން ގައުމުތަކުން ވިޔަފާރި ކުރުން މަނާ ކުރަމުންދާ އިރު މަޝްވަރާ ކުރަން ހުށަހެޅުން ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާން ޕާލަމެންޓުގެ ނައިބް ރައީސް އަލީ މޮތާހަރީ ވިދާޅުވީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
"އެމެރިކާ އިން ނިއުކްލިއާ އެއްބަސްވުމުން ވަކިނުވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނޭޅި ނަމަ އެމެރިކާއާ އެކު މަޝްވަރާ ކުރުމުގައި މައްސަލައެއް ނެތް،" އީރާނުގެ ރަސްމީ ނޫސް އެޖެންސީ އަށް އޭނާ ވިދާޅުވި އެވެ.
އީރާން ޕާލަމެންޓުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ވެރިޔާ ހިޝްމަތުﷲ ފަލަހަތުޕިޝޭހް ވިދާޅުވީ ތެހެރާންއާ އެކު އެއްވެސް މަޝްވަރާއެއް ކުރުމުގެ ކުރިން ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވާން ޖެހޭނެ ކަމަށެވެ. އީރާންގެ ސްޓްރެޓެޖިކް ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ވެރިޔާ ކަމާލް ޚައްރާޒީ ވިދާޅުވީ ޓްރަމްޕުގެ ހުށަހެޅުމަކީ ބޭކާރު އެއްޗެއް ކަމަށެވެ.
ޓްރަމްޕުގެ ފަރާތުން ސުލްހައިގެ މި ހުށަހެޅުން އައިސްފައި މި ވަނީ އީރާނުގެ ރައީސް ހަސަން ރޫހާނީއާ އެކު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށް ފަހު އެވެ.
ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ވަރަށް ވަރުގަދަ އަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. އެކަމަކު އެންމެ ފަހުން މިދިޔަ ޖޫން މަހު 12 ވަނަ ދުވަހު ޓްރަމްޕް ވަނީ ކިމްއާ ސިންގަޕޫރުގައި ބައްދަލު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޤީރުކޮއި
01 August 2018
އަބަދުވެސް މަމެން މިބުނަނީ އިރާނުގެ ވެރިންގެ ގާތުގާ ޓުރަމްޕު ޖެހޭނީ މަހަށްދާށޭ. ރޫހާނީމެންނަކާ ޓުރަމްޕަކަށް ނުކުޅެވޭނެ. އެއީ ޙަޤީޤީ އިސްލާމީ ލޭ ހިނގާ ބައެއް. އިރާނުގެ މާޒީއަށް ބަލާލިއަސް ޓުރަމްޕު ރޫރުއަޅާނެ. ޓުރަމްޕަށް އަދިވެސް ގަލްފުގެ ހާއިނުންނާ ގުޅިގެން ކަމެއް ކޮށްލެވިދާނެތޯއްޗެ.
ޓްރަމްްޕް
01 August 2018
ކަލޯ.. މަވެސް ނޫޅެން ކޮންމެހެން ސުލްޙަވާކަށް.. އިރާނު ސަރުކާރުން ހަދާ އެއްޗެއް ބަލާލަން ބުނި އެއްޗެއް އެއީ.. ވަރަށް އަވަހަށް މުޅި އިރާނު ދާޚިލީ ހަނގުރާމައެއްގެތެއަށް ގެންގޮސް، ވަގުތު ބަލާފައި އެތަނަށް އަރައި އެތާންގައިހުރި ގުދުރީ ވަސީލަތްކޮޅު ފޭރިގަނެ، މަ ބޭނުންވާކަހަލަ ގޮނޑިކޮއްކޮ ސަރުކާރެއް އެތާނގައި ގާއިމް ކުރާނަން.. އިރާނާ ސުލްހަ ވެއްޖެނަމަ އަސުދީ ބޮޑާވާނެ.. ދެކޮޅުން ކެވޭގޮތަށް މަ އުޅޭނީ..
ފުންއަސަރު
01 August 2018
އީރާންގެ ވިސްނުން ރަނގަޅު. ތެދެއް. މިހާރު އެމެރިކާގެ ރައީސްކަމުގާ އެހެރަ މީހާއާ މަޝްވަރާކުރުމަށްވުރެ ރަނގަޅުވާނީ އޭނާ ހުށަހަޅާ ހަމަ އެއްވެސް ކަމަކާ ނޫޅުނިއްޔާ. ޓްރަންޕަށް އިތުބާރުކުރާކަށް ނުވާނެ. އެމެރިކާއިން އެތިބެނީ މޮޔައަކު އަތަށް ކަނޑިއެއް ދީގެން.