ޚިޔާލު / އިސްލާމް

އިސްލާމީ މުޖުތަމައުގައި އިންތިޒާމުތައް އޮންނަން ޖެހޭނެ

ޖޫން 15، 2018- މާލޭގައި ބޮޑު ޖަމާއަތުގައި ކުރި ފިތުރު އީދު ނަމާދުގައި ބައިވެރިވެރިވި ބައެެއް މީހުން: މާފަންނު ސްޓޭޑިއަމްގައި ކުރި މި އީދު ނަމާދަށް ވަރަށް ގިނަ ބަޔަކު ދިޔަ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ޑރ. ސަޢުދުﷲ ޢަލީ

03 އޯގަސްޓް 2018 - 11:43

1 comments

އިސްލާމީ މުޖުތަމައު ވާން ޖެހޭނީ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވިފައިވާ މުޖުތަމައަކަށެވެ. އަދި މި އިންތިޒާމުތަކަށް އެންމެން ބޯލަނބާ މުޖުތަމައަކަށެވެ. ދެބަސްވުންތަކާއި އަރާރުންތަކާއި ތަޅާފޮޅުންތަކުން ސަލާމަތްވުމަށްޓަކައި މިއީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް މުޖުތަމައު އިންތިޒާމް ކުރާ ކަމުގައި ވަނީ ނަމަ މުޖުތަމައުގެ މައްޗަށް ލާޒިމުވާ ކަންތައްތަކެއް ވެއެވެ.

މިގޮތުން އެންމެ ފުރަތަމަ ކަމަކަށް މުޖުތަމައުގެ ކަންކަން ހިންގާ ބަލަހައްޓާނެ ބަޔަކު ތިބެން ޖެހެ އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަމުރު ކުރައްވަނީ މަދުވެގެން ތިން މީހުން ވިއަސް ތިބޭ ކޮންމެ ޖަމާއަތެއްގައި އެތަނުން އަމުރުވެރިޔަކު އިހުތިޔާރުކޮށް ބެހެއްޓުމަށެވެ. (އައްޠަބަރާނީ)

ދެވަނަ އަށް މުހިންމު ކަމަކީ، ވެރިން ކަންކަން އިންތިޒާމު ކުރާ ގޮތަށް އެކަންކަން ގެންދިއުމަށްޓަކައި، ﷲ އާއި ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމާ އެކު ވެރިންގެ އަމުރުތަކަށް ވެސް ކިޔަމަން ވުމެވެ. (އައްނިސާއު 59)

އެބަހީ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާއި އިޖުރާއާތުތައް ފަދަ ކަންކަމަށް ތަބާވުމެވެ. ވެރިންނަށް ލިބިގެންވާ ހައްގެއްގެ ގޮތުގައި އަޑު އަހައި ކިޔަމަންވުމުގެ ހައްގު ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅަކުން ކަނޑައަޅުއްވާފައި ވެއެވެ. ވެރިންނަށް މި ހައްގު ލިބެނީ ވެރިންނަކީ މުސްލިމުންގެ ހައްގުތައް ގެރެންޓީ ކުރުމަށާއި އެބައިމީހުންގެ ވާޖިބުތައް ބެލެހެއްޓުމަށް ރައްޔިތުން ބައިއަތު ހިފާފައި ތިބޭ ބަޔަކަށް ވާތީ އެވެ.

ހަމަ އެފަދައިން ކަންކަން ފުރިހަމަ ގޮތުގައި އިންތިޒާމު ކުރެވި ދެބަސްވުންތައް ނައްތާލުމަށް ފަސޭހަ ވެގެން ދާނީ ވެސް ވެރިންނަށް މި ހައްގު ލިބިގެން ކަމަށްވާތީ އެވެ. ފަސޭހަ ހާލަތުގަ އާއި ދަތި ހާލަތުގައި ވެސް އަދި ހިތް ރުހޭ ކަންކަމާއި ހިތް ނުރުހޭ ކަންކަމުގައި ވެސް ރަސޫލާގެ އަމުރުފުޅަށް ކިޔަމަންގަތުމަށް އަޞްޙާބުން ބައިއަތު ހިއްޕެވި ކަން ސިޔަރަތުން ސާބިތު ވެއެވެ.

މިފަދައިން ކިޔަމަންތެރިވާން އަޞްޙާބުން ކީރިތި ރަސޫލާއާ ބައިއަތު ހިއްޕެވުމުން ލިބޭ ފިލާވަޅަކީ ވެރިންގެ ޝަރުތުތައް ފުރިހަމަވެ އެމީހުންގެ އަމުރުތައް ޝަރީއަތާ ޚިލާފު ނުވާ ނަމަ ވެރިން ކުރާ ހަމަ ކޮންމެ އަމުރަކަށް ވެސް ރައްޔިތުން ކިޔަމަން ވާން ޖެހޭނެ ކަމެވެ. ނަމަވެސް ވެރިޔަކު ކުރާ އަމުރެއް އެއީ ﷲ އާއި ރަސޫލާގެ އަމުރުފުޅަކަށް އުރެދުމެއް އެކުލެވޭ ކަމެއް ކަމުގައި ވާނަމަ އެ އަމުރަކަށް ކިޔަމަން ގަތުމެއް ނޯވެ އެވެ. ސަބަބަކީ ޚާލިޤަށް ނުކިޔަމަންތެރި ވެވޭ ގޮތުގައި މަޚްލޫޤަކަށް ކިޔަމަންތެރި ވެގެން ނުވާނެ ކަން މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަންގަވާފައި ވާތީ އެވެ.

މުޖުތަމައުގެ ކަންކަން ރަނގަޅު އިންތިޒާމަކުން ގެންދިއުމުގައި މުހިންމުވާ ތިންވަނަ ކަމަކީ، ވެރިން އެބައިމީހުންގެ ވާޖިބުތައް ފުރިހަމަ އަށް އަދާ ކުރުމެވެ. އަދުލު އިންސާފު ގާއިމު ކުރުމެވެ. މާތްﷲގެ ވަޙީ ބަސްފުޅުގެ މާނައިގައި ވަނީ "ހަމަކަށަވަރުން އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާ ކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ހުކުމް ކުރާނަމަ އަދުލަށް ހުކުމް ކުރުމަށް ވެސް އަމުރު ކުރައްވަތެވެ." (އައްނިސާއު 58)

ވީމާ މި ވާޖިބުތައް އަދާ ކުރުމުގައި ވެރިން ފަރުވާކުޑަ ކޮށްގެން ނުވާނެ އެވެ. ވެރިކަމުގެ ބާރުތައް އެއްކޮށް އޮތަސް ނުވަތަ ވަކިވަކިން އޮތަސް އެ ހުރިހާ ބާރެއްގައި ވެރިންގެ ގޮތުގައި ތިބޭ އެންމެންނަކީ ވެސް މި ވާޖިބުތައް ހަމަ އަދާ ކުރަން ޖެހޭ ބައެކެވެ.

ވެރިން އަދާކުރަން ޖެހޭ ވާޖިބުތައް ފުރިހަމަ އަށް އަދާ ކުރެވޭނީ އެ ކަމަށް ގާބިލު މީހުން ތިބެގެން ކަމުގައި ވާ ހިނދު ވެރިންގެ ގޮތުގައި އިހުތިޔާރު ކުރަން ޖެހޭނީ އެކަމުގެ ހުރިހާ ޝަރުތުތައް ފުރިހަމަ ވާ މީހުންނެވެ. ގާނޫނުތައް ހަދާ މީހުން ކަމުގައި ވިއަސް ނުވަތަ އެ ގާނޫނުތަކާ އެއްގޮތަށް މުޖުތަމައުގެ ކަންކަން ހިންގުމުގެ މަސައްކަތް ކުރާ މީހުން ކަމަށް ވިއަސް ނުވަތަ މައްސަލަތައް ޖެހުމުން މީސްތަކުންގެ މެދުގައި ހުކުމް ކުރާ މީހުން ކަމަށް ވިއަސް މި އެންމެންގެ ކިބައިގައި ވެރިންގެ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ އެވެ.

މިގޮތުން ގާބިލުކަމުގެ ޝަރުތާ އެކުއެކީ ވެރިންގެ ކިބައިގައި އަދުލުވެރިކަމުގެ ޝަރުތު ފުރިހަމަވާން ޖެހޭނެ އެވެ. މުޖުތަމައުގައި ކަންކަން އިންތިޒާމެއްގެ މަތިން ގެންދިއުމުގައި އަދުލުވެރިކަން ވަރަށް މުހިންމެވެ. އެކަން ނެތިއްޖެ ނަމަ ރުޅިވެރިކަމާއި ބައިބައިވުން އުފެދި މުޖުތަމައުގެ އިންތިޒާމުތައް ގެއްލިގެންދާނެ އެވެ.

ކަންކަން އިންތިޒާމް ކުރުމުގައި މުޖުތަމައުގެ މައްޗަށް ލާޒިމުވާ ހަތަރުވަނަ ކަމަކީ، މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމެވެ. ކީރިތި ޤުރުއާނުގައި މުއުމިނުންގެ ބައެއް ސިފަތައް ބަޔާން ކުރާއިރު އެއުރެންނަކީ އެއުރެންގެ ކަންކަން މަޝްވަރާގެ މަތިން ކުރާ މީހުންކަން ބަޔާން ކުރައްވާފައި ވެއެވެ. (އައްޝޫރާ 38).

ހަނގުރާމައާ އެނޫންވެސް ކަންކަމުގައި ކީރިތި ރަސޫލާގެ އަސްހާބުންނާ މަޝްވަރާ ކުރުމަށް ﷲ ވަނީ އަންގަވާފަ އެވެ. (އާލްޢިމްރާން 159). މީގެ އިތުރުން އާއިލީ ކަންކަމުގައި ވެސް ދެމަފިރިން މަޝްވަރާ ކުރަން އިސްލާމް ދީނުގައި ބާރުއަޅާފައި ވެއެވެ.

މުޖުތަމައުގެ ކަންކަން އިންތިޒާމު ކުރުމުގައި މުހިންމު ނިޒާމެއް ކަމުގައި މިޒަމާނުގައި އެންމެ ބާރުލާ ދެކެވެނީ ޑިމޮކްރެސީ ނިޒާމުގެ ވާހަކަ އެވެ. ޑިމޮކްރެސީގެ އުސޫލުތަކުގެ ތެރެއިން ވަރަށް މުހިންމު އެއް އުސޫލަކީ ތަފާތު ޚިޔާލުތަކަށް ޖާގަ ދިނުމެވެ. އަނެއް އުސޫލަކީ އަޣުލަބިއްޔަތު އެއްބަސްވާ ގޮތަށް ކަންކަން ނިންމުމެވެ. އިސްލާމް ދީނުގައި ބާރުއަޅާ މަޝްވަރާގެ ނިޒާމުގައި މި ދެއުސޫލަށް މާ ފުރިހަމަ ގޮތުގައި ތަބާ ވެވޭނެ އެވެ.

ސަބަބަކީ އެންމެ ފުރަތަމަ މަޝްވަރާ ކުރުމަށް އަމުރު އައިސްފައި އޮތުމެވެ. ނަމަވެސް އިސްލާމީ ޝޫރާގެ ނިޒާމުގައި އޮންނަ ތަފާތަކީ މަޝްވަރާ ކުރާ އިރު ކޮންމެކޮންމެ މީހަކާ މަޝްވަރާ ކުރުމުގެ ބަދަލުގައި ކަމުގެ އަހުލުވެރިންނާ (އަހުލުލް ޙައްލި ވަލްޢަޤުދި އާ) މަޝްވަރާ ކުރަން އޮތުމެވެ. އަދި ޤުރުއާނާއި ސުންނަތުގައި އެކަމަކަށް ކަނޑައެޅިގެން ސަރީހަކޮށް ހުކުމެއް ނޯންނަ ކަންކަމުގައި މަޝްވަރާ ކުރުމެވެ.

މިގޮތަށް އޮތުމުން ބޭކާރު ވާހަކަތަކާއި ސައްހަ ނޫން ފިކުރުތަކާއި މަންފާއެއް ނެތް ހުށަހެޅުންތަކުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އަދި ހާކިމިއްޔަތު (އެންމެ ފަހު ބަސް ބުނުމުގެ ހައްގު) ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނުލިބޭނެ އެވެ.

އިސްލާމީ ޝޫރާގެ އަނެއް ހާއްސަ ސިފައަކީ ކަމުގެ އަހުލުވެރިންގެ އަޣުލަބިއްޔަތުން ކަމެއް ނިންމިއަސް ނުވަތަ މަޝްވަރާގެ މައްޗަށް ބިނާކޮށް އިސްވެ ހުންނަ މީހާ އެކަނި ކަމެއް ނިންމިއަސް ﷲ އަށް ވަކީލު ކުރަން އޮތުމެވެ. މިގޮތަށް އޮތުމުން އެންމެ ރަނގަޅު ގޮތުގައި މެނުވީ ގޮތެއް ނުނިންމުމަށް ސަމާލުކަން ދެވޭނެ އެވެ.

ތިންވަނަ ހާއްސަ ސިފައަކީ މަޝްވަރާގެ މައްޗަށް ބިނާކޮށްގެން ނިންމާ ކަމަކަށް އެންމެންވެސް ތަބާވާން ޖެހުމެވެ. ތަބާ ނުވެއްޖެ ނަމަ އެއީ ޖަމާއަތުން ބޭރުވުން ކަމުގައި އިސްލާމް ދީން ބަލައެވެ. ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވަނީ ޖަމާއަތާ ވަކިވެގެން ކައިވަތެއްގެ މިންވަރަށް ފެޔަށް ޖެހިލާ މީހާވެސް އެގޮތުގައި ހުރެ މަރުވެއްޖެ ނަމަ އެއީ ޖާހިލިއްޔަތުގެ މަރަކުން ނޫނީ މަރުވާނެ މީހެއް ނޫން ކަމަށެވެ. (މުސްލިމް). އެހެން ހަދީސެއްގައި ވާ ގޮތުން ޖަމާއަތާ ވަކިވެ އުންމަތް ބައިބައި ކުރަން މަސައްކަތް ކުރާ މީހުން ގަތުލު ކުރަން ޖެހެއެވެ. (އައްނަސާއީ)

މުޖުތަމައުގެ ކަންކަން އިންތިޒާމް ކުރުމުގައި މުޖުތަމައުގެ މައްޗަށް ލާޒިމުވާ ފަސްވަނަ ކަމަކީ، އެއްވެސް ސަބަބަކާ ހުރެ ދެބަސްވުމެއް ހިނގައިފި ނަމަ އެކަން އިސްލާހު ކުރަން މުޅި މުޖުތަމައު ނުކުތުން ލާޒިމު ވުމެވެ. ﷲ އާއި ރަސޫލާ އަންގަވާފައިވާ ގޮތަށް އެންމެން ރުޖޫއަ ވުމެވެ. ގޯސް ގޮތުގައި ތިބި މީހުން ހަމަ މަގަށް އެޅުވޭނީ މިގޮތުންނެވެ.

އަލްޙުޖުރާތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތްﷲ އަންގަވާފައި ވަނީ މުއުމިނުންގެ ތެރެއިން ދެ ޖަމާއަތެއް އެއްބަޔަކު އަނެއްބަޔަކާ ތަޅައިފޮޅައިގެންފި ނަމަ އެ ދެބައި މީހުންގެ ދެމެދު ސުލްހަ ކުރުމަށެވެ. އަދި އޭގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް ބަޣާވާތް ކޮށްފިނަމަ އެ ބަޣާވާތް ކުރި މީހުން ﷲގެ އަމުރުފުޅަށް ރުޖޫއަ ވެއްޖައުމަށް ދާންދެން އެއުރެންނާ ހަނގުރާމަ ކުރުމަށެވެ. އަދި އަލްއަންފާލު ސޫރަތުގެ ފުރަތަމަ އާޔަތުގައި ﷲ އަންގަވަނީ ތަޤުވާވެރި ވުމަށާއި ދޭދޭ ދެމެދުތައް ސުލްހަ ކުރުމަށެވެ. އަދި މީސްތަކުންގެ މެދުގައި އިސްލާހު ކުރުމަކީ ހެޔޮކަމާއި ތަގުވާގެ ތެރެއިން ހިމެނޭ ކަމެއްކަން އަލްބަޤަރާ ސޫރަތުގެ 224 ވަނަ އާޔަތުން އެނގެއެވެ.

ވީމާ އިސްލާމީ މުޖުތަމައުގައި ކަންކަން ހަމައެއްލަމައެއް ނެތި ދިޔަ ނުދީ އެންމެހާ ކަންކަން އިންތިޒާމުވެފައި ބޭއްވުމުގެ ގޮތުން މި އިޝާރާތް ކުރެވުނު ކަންކަން އިސްލާމީ މުޖުތަމައުގައި ދަމަހައްޓަން ޖެހެއެވެ. މިގޮތުން ގާބިލު ވެރިން އިޚުތިޔާރު ކުރުމާއި، ވެރިންގެ އަމުރުތަކަށް ކިޔަމަން ވުމާއި، ވެރިން ވާޖިބުތައް ފުރިހަމައަށް އަދާކުރުމާއި، މުޖުތަމައުގެ ކަންކަން މަޝްވަރާގެ އުސޫލުން ކުރިއަށް ގެންދިއުމާއި، ދެބަސްވުންތަކާއި ހިލާފުތައް ނައްތާލުމާއި، މުޖުތަމައު އިސްލާހު ކުރުމަށް މުޖުތަމައުގެ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން މަސައްކަތް ކުރަން ޖެހޭނެ އެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯލްދިވިޔަން

04 August 2018

ސަރުއީ ކަމެއ ނޫން ދޯ ކުޅިއެއް ހިއްކާފަ އެއާޕޯޓް އެޅުން ވެސް .އެކަމަކު ވެރި މީހާ ބުނެފިނަމަ ހަމަ އެކަނ ކުރަން ވީ ތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454