ޚިޔާލު / އޮޅުންބޮޅުން

އޮޅުންބޮޅުން- އަޅުގަނޑު ބޭނުމެއް ނޫން

ތޮއްޖެހިފައިވާ މާލެ، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ އެންމެ މަތިން ފެންނަ ގޮތް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަހުމަދު އަބްދުﷲ

07 އޯގަސްޓް 2018 - 09:04

15 comments

ރާއްޖޭގައި ހަމައެކަނި ތަރައްޤީ ވެފައި އޮންނަ ރަށަކީ މާލެ އަށް ވާން އަޅުގަނޑު ބޭނުމެއް ނޫނެވެ. ސަބަބަކީ ސަރަހައްދީ ތަރައްޤީ އަށް އަޅުގަނޑަށް ތާއީދުކުރެވޭތީ ވެ އެވެ. މާލެއާ ކައިރީގައި ހުރި ރަށްތައް ތަރައްޤީކޮށްގެން ރާއްޖޭގެ މުޅި އާބާދީ މާލޭ ސަރަހައްދަށް ގެނައުމުން އަތޮޅުތައް ފަޅުވާނެތީވެ އެވެ. މާލެ އަށް ނުވަތަ މާލޭ ސަރަހައްދަށް އަތޮޅުތަކުގެ އާބާދީ ބަދަލުވާން ޝަޢުޤުވެރި ވަނީ ކީއްވެތޯ އެވެ؟ އާމްދަނީ ހޯދުމާއި މުނިފޫހިފިލުވުމުގެ ހުރިހާ ވަސީލަތްތަކެއް ލިބެން ހުންނަނީ މާލޭ ސަރަހައްދުން ކަމަށް ވާތީ ވެ އެވެ. އިތުބާރު ކުރެވޭ ބޭސްފަރުވާ އަތޮޅުތަކުގައި ލިބެން ނުހުންނާތީ ވެ އެވެ. ފަތުރުވެރިކަމުގެ ޞިނާޢަތު އަތޮޅުތަކުގައި ފުޅާކުރަމުން ގެންދާ އިރު، އަވަހަށް ނުވަތަ ލަހުން މި ޚިދުމަތްތައް އެ ސަރަހައްދުން ލިބުން ހާލާތު މަޖުބޫރު ކުރާނެ އެވެ.

ވިލިމާލެ އާއި ހުޅުމާލެ ތަރައްޤީ ކުރަން ފެށީ މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހި ކަމެއް ލިބޭނޭ މަގެއް ތަނަވަސް ކޮށްދިނުމުގެ ބޭނުމުގަ އެވެ. މާލޭގައި ދިރިއުޅޭ މީހުން ކަމުގައި އަޅުގަނޑުގެ މި ލިއުމުގައި މި ބަލަނީ ކޮންމެހެން މާލެ އަށް އުފަންވި މީހުންނެެއް ނޫނެވެ. ތަފާތު ސަބަބުތަކާ ހުރެ ރާއްޖޭގެ ތަފާތު ސަރަހައްދުތަކުން މާލެ އަށް ހިޖުރަކޮށްފައި ތިބި މީހުން ވެސް ޝާމިލްވާ ގޮތަށެވެ. ހަތަރު މަތިފުށް (ބައްޕަ އާއި ކާފަ) މާލެ އަށް އުފަންވި މީހުންނެއް ނޫނެވެ. ސަބަބަކީ މާލެ އިން ގެދޮރަށް ބޭނުންވެގެން އުޅޭ މީހުންގެ ތެރޭގައި ހަތަރު މަތިފުށް މާލެ އަށް އުފަންވި މީހުން އައިއިރު ވެސް މާލޭގައި ދިރިއުޅެމުން ދާ މީހުން ތިބޭތީ ވެ އެވެ. އެ ޒަމާނުގައި މާލޭގެ ރައްޔިތަކަށް ވެވެނީ މާލޭގައި ގޮވައްޗެއް އޮންނަ މީހަކަށެވެ. ގޮވައްޗެއް ލިބެނީ މާލޭގެ ރައްޔިތަކަށް ވެގެންނެވެ.

ހައްދުންމަތި ކަހަލަ އަތޮޅުތައް ހުރިހާ ޚިދުމަތްތަކާ އެކު ތަރައްޤީ ނުކުރެވެންވީ ކީއްވެތޯ އެވެ؟ ރަށްތައް ބޮޑެއްޗެވެ. އެތައް ސަތޭކަ މިލިއަން ޑޮލަރު ދަރަންޏަށް ނުނަގައި، ކުޑަ ޚަރަދަކުން ރަށްތައް ގުޅާލެވެން އެބަ އޮތެވެ. ފަތުރުވެރިކަން ފުޅާކޮށް ތަރައްޤީ ކުރެވެން އެބަ އޮތެވެ. އަތޮޅުގެ ހުރިހާ ރަށްތައް ފަތުރުވެރިކަމަށް ތަރައްޤީ ކޮށްގެން ހުސްވެއްޖެ ހިނދެއްގައި ކައިރީގައި ހުރި އަތޮޅުތަކުގެ ރީތި ރަށްތަކުގައި ފަތުރުވެރިކަން ތަރައްޤީ ނުކުރެވެންވީ ކީއްވެތޯ އެވެ؟ ދ. އަތޮޅުގެ ރަށްތަކަށް ބައްލަވާށެވެ. ކޮން ފަދަ ރީތި ރަށްތަކެއްތޯ އެވެ؟ ހުވަދޫ ކަނޑު ހުރަސްކުރުމަށް ފަހު ދާން ޖެހޭ އަތޮޅުތަކުގެ ވާހަކަ ނުދެންނެވީ އެ އަތޮޅުތަކަކީ އާބާދީ ބޮޑުކަމުން "ވޯޓު-ބާރު" އޮންނަ އަތޮޅުތަކަށް ވާތީ ވެ އެވެ.

ތެލުން ރަށް ހިއްކުމަކީ އަޅުގަނޑަށް ބަލައިގަންނަން އުނދަގޫ ކަމެކެވެ. ރާއްޖޭގެ ޖަޒީރާތައް ބައިވަރެވެ. ޤުދުރަތީ ގޮތުން ހެދިފައި ހުރި ޖަޒީރާ އެވެ. ދިވެހި ރާއްޖެ، ދިވެހި ރާއްޖެއަކަށް ވަނީ އެހެން ވީމަ އެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގައި ރާއްޖެ އެހާ މަޝްހޫރު ވެފައި ވަނީ އެ ރީތި ކަމާ ހުރެ އެވެ. ތަފާތު ގޮތްގޮތަށް ޞިނާޢީ ގޮތުން ގުޅާލެވިފައި ހުރި ތަންތަން ދުނިޔޭގައި ބައިވަރެވެ. "ޢަރަބި ކަލާމުން" ވާހަކަ ދައްކާ ގިނަ މީހުންނަކީ މުސްލިމުންނަށް ވާތީ ވެ، އެ މީހުން ކުރާ ކޮންމެ ކަމެއް އަޅުގަނޑުމެން ކޮޕީކުރަން ޖެހޭތޯ އެވެ؟ އެ މީހުންގެ ޤައުމުގައި ރާއްޖޭގައި އޮންނަ ކަހަލަ ޖަޒީރާ ނެތުމުން ވިލުން ބިން ހިއްކައިގެން ރާއްޖޭގައި އޮންނަ ކަހަލަ ޖަޒީރާ ހަދަ އެވެ. އެ މީހުންގެ ބިމުން ތެޔޮ ނަގަ އެވެ. އަޅުގަނޑުމެންގެ އަތުގައި ޖަޒީރާ އެބަހުއްޓެވެ. ތެލެއް ނެތެވެ. ބޮޑު ޚަރަދު ކޮށްގެން ތެޔޮ އެތެރެކޮށްގެން އަގު ބޮޑުކޮށް މެޝިން ހޯދައިގެން ފަތުރުވެރިކަމުގެ ބޭނުމަށް އަޅުގަނޑުމެން ބިން ހިއްކަން ވޭ ބާވަ އެވެ؟ މާލެ އާއި މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޗުއްޓީ އަށް ދަތުރު ދާން އޮތް ކުޑަ ބަނޑޮހާއި ފޭދޫފިނޮޅު، އަގުޖެހުމުން ނުވަތަ "ދަތުގައި ޖެހޭ ގޮތް ވުމުން" މާލޭގެ ރައްޔިތުން ޤުރުބާން ކުރުމަށް ފަހު ކުއްޔަށް ދޫކުރެވުނެވެ. މި ކަމުގެ ސަބަބުން މާލޭގެ "ވޯޓު ބޭންކު" ކެކި އުތުރި އަރަން ފެށުމުން މާލޭގެ ރައްޔިތުންގެ މުނިފޫހިފިލުވުމަށް ދަތުރު ދިއުމަށް ރަށެއް ހިއްކުމަށް ވަޢުދު ވި އެވެ. އަޅަނީ ވެއްޔެވެ. އެކަމަކު ޙަޤީޤަތުގައި އެއީ ތެލުން ހިއްކާ ރަށެކެވެ. ޚަރަދު ކުޑަ ވާނީ ކުރިން އޮތް ގޮތަށް ކުރިން ދެންނެވުނު ދެ ރަށް ދިވެހިންނަށް ބޭއްވުން ބާވަ އެވެ؟ ނުވަތަ ފަޅުން ރަށެއް ހިއްކުން ބާވަ އެވެ؟ މި ޚަރަދު ކުރަނީ ކޮން ތާކުން ފައިސާ ހޯދައިގެންތޯ އެވެ؟ އަޅުގަނޑުމެންގެ ފައިސާއިންނެވެ. މިއަދުގެ ޒުވާނުން ދަރަނިވެރި ކުރުވަން، ހަމަގައިމު ވެސް އަޅުގަނޑު ބޭނުމެއް ނޫނެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަހައްދަށް އައުމަށް ގޮވާލަ އެވެ. ފްލެޓް އަޅައިދެވޭނެ ކަމަށް ބުނެ އެވެ. ވަޒީފާ ލިބޭނެ ކަމަށް ބުނެ އެވެ. އެ ގޮވާލުމަކީ އަތޮޅުތަކުގައި ދިރިއުޅޭ ބައެއް މީހުންގެ ހިތްކިޔާ ވަރުގެ ގޮވާލުމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް މާލޭގައި ދިރިއުޅޭ މީހުން އެ ގޮވާލުމަށް މަރުޙަބާ ކިޔާނެތޯ އެވެ؟ މަގު ހުސްކޮށްގެން ދަތުރުކުރެވޭ ނަމަ މާލޭގެ މަގުމަތީގެ ބައިބޯ ކަމާއި ދުއްވާ އެއްޗެތީގެ ގިނަ ކަމާއި، ޤަވައިދާ ޚިލާފަށް ދުއްވުމާއި ޕާކް ކުރުމުގެ އުނދަގޫ ތަޞައްވަރު ނުކުރެވިދާނެ އެވެ. މާލޭގެ ސަރަހައްދުގައި ދޭން ބުނާ ޚިދުމަތްތައް އަތޮޅުގެ ތެރޭގައި ތަރައްޤީ ކުރާ ސެންޓަރަކުން ލިބޭނެ ގޮތް ހެދުމަށް ފަހު މާލެ ސަރަހައްދަށް އަންނަން ބޭނުންވާ ބަޔަކު އައުމަށް ހުޅުވާލެވިފައި އޮތުމުން ހިޖުރަ ކުރަން ބޭނުންވާ މީހުން ވަކި ގޮތެއް ނިންމަން ފުރުޞަތުތަކެއް ހުޅުވާ ލެވުނީ އެވެ. ވަރަށް ދެރަ އެވެ. މާލެ ހަލާކު ކޮށްލުމަށް ފަހު މިހާރު ވިލިމާލެ ހަލާކު ކުރަން ތައްޔާރު ވަނީ އެވެ.

އަތޮޅުތަކުގައި އެއާޕޯޓުތައް ހަދަނީ އެވެ. އެއް އަތޮޅުގައި ތިން ހަތަރު އެއާޕޯޓު ހަދަ އެވެ. އެއާޕޯޓު ހަދަނީ އިޤްތިޞާދީ މިންގަނޑަކަށް ވުރެ ބޮޑަށް ސިޔާސީ މުހުތާދަށް ބެލެވިގެން ކަމަށް ފެނެ އެވެ. އެއާޕޯޓު ބެލެހެއްޓުމަކީ ވަރަށް ޚަރަދު ބޮޑު ކަމެކެވެ. އެއާޕޯޓަށް އާމްދަނީ ލިބެނީ ޖައްސާ ބޯޓަކަށް ދޭ ޚިދުމަތަކުންނެވެ. ކޮންމެ ދުވަހަކު އެކަށީގެންވާ އަދަދަކަށް ދަތުރުތައް ނުއޮންނަ ނަމަ ވަރަށް ގެއްލުން ބޮޑު ކަމެކެވެ. އެއާޕޯޓު ބަލަހައްޓަން ޖެހެނީ ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައި އޮންނަ މިންގަނޑެއްގެ ތެރޭގަ އެވެ. ފަތުރުވެރިކަން ރަނގަޅަށް ހިނގައިގެންފައި ނެތް، އާބާދީ ކުޑަ، ގިނަ ބަޔަކަށް ވައިގެ ދަތުރު ކުރުމުގެ އިޤްތިޞާދީ ޤާބިލުކަން ނެތް ސަރަހައްދެއްގައި، އެއާޕޯޓުން ގެއްލުން ވާނެ އެވެ. ގެއްލުން ފޫބައްދަން ޖެހޭނީ ބަޖެޓުންނެވެ. ފައިސާ ހޯދާނީ ކޮން ތާކުންތޯ އެވެ؟ ރައްޔިތުންގެ އަތުންނެވެ. ސީދާ ކޮންނާއި ނުސީދާ ކޮންނެވެ. އަތޮޅުތަކުގެ މުޅި އާބާދީ މާލެ ސަރަހައްދަށް އަންނަ ކަމަށް ވާ ނަމަ އެ އެއާޕޯޓުން ދަތުރު ކުރަން ތިބޭނީ ކޮން ބައެއްތޯ އެވެ؟ ޗުއްޓީ ދަތުރުތަކުގައި މާލެ އިން ދާ އާބާދީ ބާވަ އެވެ؟

ފަތުރުވެރިކަން މުޅި ރާއްޖެ އަށް ފެތުރެނީ އެވެ. ލަނޑުދަނޑިއެއް ނެތި އެވެ. މާސްޓަޕްލޭނެއް ނެތި އެވެ. މާސްޓަޕްލޭނެއް ނެތް ވާހަކަ ބުނުމުން ފަތުރުވެރިކަމުގެ ރަސްމީ އޮފީހުގައި މަސައްކަތް ކުރާ މީހުން ރަތަށް ދާނެ އެވެ. މާސްޓަޕްލޭނެއް އޮވެގެން ވެސް އެ އަށް އަމަލު ނުކުރެވޭ ނަމަ އެ ޕްލޭނެކޭ ނެތް ޕުލޭނެކޭ އެއްވަރު ވާނެ އެވެ. އެ ޕްލޭނުން ފައިދާ ވާނީ ހަމައެކަނި އެ ޕްލޭން ތައްޔާރުކުރި ބަޔަކަށެވެ. ތައްޔާރު ކުރުމުގެ ބޮޑު ފީ ލިބޭނެތީ ވެ އެވެ. މާސްޓަ ޕުލޭނަކާ އެއްގޮތަށް ކަންތައް ކުރެވޭ ނަމަ، އެ ތަނުން ފަޅެއް ހިއްކާފައި މި ތަނުން ރިޒޯޓެއް ހަދާފައި، އެ ރަށުގައި ބިން ހިއްކައިގެން އެއާޕޯޓެއް ނުހަދާނެ އެވެ.

މާލެ ސަރަހައްދަށް އަތޮޅުތަކުގެ ހުރިހާ ރައްޔިތުން ޖަމަޢަކޮށްގެން ރިޒޯޓުތަކުގައި މަސައްކަތް ކުރާނީ ކޮން ބައެއްތޯ އެވެ؟ މަސައްކަތް ކުރާ ދިވެހިންގެ ޢާއިލާ ވެސް ދިރިއުޅޭނީ މާލޭގަ އެވެ. އެހެން ކަމަށް ވާ ނަމަ ޢާއިލާގެ ދަތުރުފަތުރު ކުރުމަށް ފަސޭހައެއް ނުވެ އެވެ. ރައްޔިތުންގެ އިޖްތިމާޢީ ދިރިއުޅުމަށް ލުޔެއް ނުލިބޭނެ އެވެ. މަސައްކަތް ކުރާ މީހުން ބަންގާޅުންނާއި ލަންކާ އިންނާއި ނޭޕާލުން ގެނައުމުން ފަތުރުވެރިކަމުގެ ޑޮލަރު ދާނީ ކޮން ތާކަށްތޯ އެވެ؟ އިންޑިއާގެ ވާހަކަ ނުދެންނެވީ މި ދުވަސްކޮޅު އިންޑިއާ އަށް ރަތް ކާޑު ދައްކާފައި އޮތުމުންނެވެ. ކުރިން ދެންނެވުނު ސަބަބުތަކާ ހުރެ މިފަދަ ނިންމުންތަކަށް މަރުހަބާ ކިޔާނީ ކިހިނެއްތޯ އެވެ؟

ދަރަންޏަށް އެއްޗެތި ނަގައިގެން ހަމަޖެހޭ ދިރިއުޅުމެއް އުޅޭނީ ކިހިނެއްތޯ އެވެ. ގޭގެ ކުއްޔަށް ދިހަ ވަރަކަށް އަހަރަށް ލިބޭނެ ކަމަށް ބެލެވޭ ފައިސާ ކުރިޔަށް ނަގައިގެން، އެ ފައިސާ އިން އާމްދަނީ އިތުރު ނުކުރެވޭނެ ފަދަ ޚަރަދެއް ކޮށްގެން 10 އަހަރު ފަހުން އުޅޭނީ ކިހިނެއްތޯ އެވެ؟ ފައިސާ ހޯދާނީ ކޮން ތާކުންތޯ އެވެ؟ ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ކަަހަލަ ތިމާވެއްޓާ ބެހޭ ސިޔާސަތެއް އަޅުގަނޑުމެންގެ ރާއްޖޭގައި އޮންނަން އަޅުގަނޑަށް ތާއީދު ނުކުރެ ވެ އެވެ. އޭނާގެ ސިޔާސަތަކީ ސިޔާސަތެއް ނެތުމެވެ. ތިމާވެއްޓާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ސައިންސުން ހޯދާފައިވާ ހޯދުންތައް އޭނާ ޤަބޫލެއް ނުކުރައްވަ އެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ކަންތައްތައް ހިނގާ ގޮތަށް ބަލާއިރު އަޅުގަނޑުމެން ކުރިޔަށް މިދަނީ އެ ކަހަލަ ގޮތަކަށެވެ. ފައިސާ ލިބޭ ކަމަށް ވާ ނަމަ ތިމާވެއްޓަށް ގެއްލުން ހުންނަ ކަންތައްތައް ވެސް، ތިމާވެއްޓާ ބެހޭ އޮފީހުގެ ރައުޔައާ ޚިލާފަށް ވެސް ކުރިޔަށް ގެންދެވިދާނެ އެވެ. ކުޅިއެއް ހިއްކުމަށް ޢާއްމު ޚިޔާލު ހޯދަން ސުވާލު ކޮށްލަނީ އުމުރުން ދުވަސްވީ އަންހެނަކާ އެވެ. ޖަވާބަކީ ވަރަށް ރަނގަޅު ކަމެކެވެ. ކުޅީގެ ވަރަށް ބޮޑު ބައެއް ނުހިއްކާ ވެސް އެބަ އޮތެވެ. ކުޅީގެ އަޑީގައި ކަންތައް ހިނގާނެ ގޮތް އޭނާ އަށް ތަޞައްވަރު ކުރެވޭނީ ވެސް ކިހިނެއްތޯ އެވެ.

ސައިންސްވެރިންނަށް ވެސް އެ އުޅެނީ ޤުދުރަތީ ގޮތުން ހެދިފައި އޮންނަ ތަންތަން ބަދަލު ކުރުމުން ނުކުންނާނެ ނަތީޖާ ސާފު ނުވެގެންނެވެ. އަޅުގަނޑުމެން ރަށްތައް ހިއްކަނީ އެވެ. ރަށްތައް ކަނޑަނީ އެވެ. ޙިމާޔަތުގެ ފާރު ގޮއްވާލަނީ އެވެ. ބައެއް ފަހަރަށް ބައެއް ސަރަހައްދުތަކުން މިކަމުގެ ނޭދެވޭ ނަތީޖާ ފެނެ އެވެ. އުދަ އަރާ އިރުގަ އެވެ. މި ގޮތަށް ކަންތައް ވާން އަޅުގަނޑު ބޭނުމެއް ނޫނެވެ. އަޅުގަނޑުގެ ފެނުން ގޯސް ކަމަށް ވެސް ވެދާނެ އެވެ.

15 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 70%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުރިހާ

07 August 2018

ކޮލެޖްބޯއީއާ ގަސްކުޑޭ ބުނީ ތެދެއް. އަހުމަދަށް ހާދަބޮޑަކަށޭ ނުވިސްނެނީ. އަހުމަދު ދޭބަލަ ރަށަށް. ކިހާދުވަހަކު ހުރެވޭތޯ؟ ކަށަވަރު ނުހުރެވޭނެކަން. އެހެންވެ ތިއުޅެނީ މާލެއަށް އައިސް. ކޮންކަމަކުކަން ވަރަށް ސާފުކޮށް ކިޔައިދީބަލަ. ހުރިވަރެއް އެނގިދާނެތާ؟ ބޭނުންވެގެން އަދިވެސް ބޭނުން އޮޅުވައިލަން ލިޔުނު ލިޔުމެއް

The name is already taken The name is available. Register?

ގަމާރު

07 August 2018

ލިޔުންތެރިޔާއަށް ހީވާ ކަހަލަ ރާއްޖޭގެ އަބާދީ ދެން އިތުރެއްނުވާނެއޭ. މިގައުމުގެ އަންހެނުން ދެން ނުވިހާނެއޭ. ދެލޯފުޅާ ވިސްނަންވީ މުސްތަގުބަލަށް. މީގެ 50އަހަރުކުރިއަށް ވިސްނުން ގެންގޮސްގެން ނޫނީ މިސިޔާސަތު ތަކެއް ފަހުމެއް ނުވާނެ. މައުމޫނު 30އަހަރަށް ވިސްނައިގެން މާލޭގެ މަގުތަކުގައި ގާއެޅިއިރު 20އަހަރު ވީއިރު މަގުތައް އޮތީ ހަލާކުވެފަ. ނަރުދަމާ 2500އަށް ވިސްނަިގެން އެޅިއިރު މިހާރު މިއުޅެނީ އޮބިނޯވެގެން. ސެޓެލްކޯވެސް އެފަދަ. ހުރިހާ ކަމެއް ހުރީ އެވަރުވެފައި.

The name is already taken The name is available. Register?

ބޭބެ

07 August 2018

އެހެންވީމަތާ މިބުނަނީ ޔާމީނަށް ހަމަ "ނޯ" އޭ

The name is already taken The name is available. Register?

‫މަރިޔަމް

07 August 2018

ވ‫ަރަށް ފައްކާ ލިޔިމެއް.

The name is already taken The name is available. Register?

ނޫރާ

07 August 2018

ލިޔުންތެރިޔާ އަށް ނޭގެނީތޯ ރާއްޖެތެރޭގައި ކޮންކްރީޓް ތަރައްގީ ގެނައީމާ ޖަޒީރާވަންތަކަން ގެއްލޭނެކަމެއް؟

The name is already taken The name is available. Register?

ބޮލި ހިޔާ

07 August 2018

ކޮންމެ މީހަކުވެސް ލޯބިވަނީ އެމީހެއްގެ ނަފްސަށެވެ އަމިއްލަ އެދުން ބޮޑެވެ ތިމާގެ އާއިލާ ދެކެ ލޯބިވުމެއް، ކާބަފައިންދެކެ ލޯބިވުމެއް، ގޯތިގެދޮރު ދެކެ ލޯބިވުމެއް، އަމިއްލަ ރަށްދެކެ ލޯބިވުމެއް ނެތެވެ ތިމާގެ ރަށަށް ޚިދުމަތް ކުރުމުގެ ބަދަލުގައި މާލެ ދެކެ ވާލޯބަކުން އެތާ އޮތް ޑިގުނިޓީއަކުން ބޮޑާވެވޭނެ ތީ އެތަނަށް ހަމަ ދީލާލެވެނިޢްޔެވެ ދެންއެތަނުގެ (މާލެ) ގެ ޝަކުވާ ކުރުން އެއީ ތޮށަލިދުޅައެވެ. ޜަށުގަ ތިބެގެން ރަށަށް ގަދަކޮށް ތިބެގެން ޑިމާންޑު ކުރުމެއް ނެތެވެ ކަންކަން ނުކޮށްދިނިޔާ އަޑުއުފުލާ ނުކޮށްދިން މީހުން މަގާމުން ބޭރު ކުރާނިއްޔެވެ އަމިއްލަ ރަށުންވެސް މޮޅެއްނުލިބި މާލެކޮޅުންވެސް ކެހިލިބި ދަރިން އަޚްލާގު ގެއްލި ބޮޑުވެ ދިރިއުޅެނެ ތަންކޮޅެއް ނުލިބިގެން ބިކަ ތިވަނީ ކިތަށް މިހުން ހެއްޔެވެ ޚުދުލިޔުން ތެރިޔާގެވެސް ޝަކުވާ ފުދެއެވެ. ކެެރެންޏާ މިކޮމެންޓު ޖަހާބަލަ

The name is already taken The name is available. Register?

ކޮލެޖް ބޯއީ

07 August 2018

ލިޔުންތެރިޔާ އަށް ހާދަ ނޭނގެއެވެ. ހުރި ހިތާމަ އެއްގެ ބޮޑުކަމާ އެވެ. ރަށްރަށުގަ އެއަޕޯޓު އަޅަނީ ދިވެހިން އުފުލާކަށް ނޫނެވެ. ޓޫރިސްޓުން އުފުލުމަށެވެ. ކޮންމެ އަތޮޅަކު ހަތަރު އެއަޕޯޓް އަޅަނީ ވައިގެ ބަނދަރުން ސްޕީޑު ލޯންޗުގައި ފުރުމުން 10 މިނެޓުން ދެވޭ ހިސާބަށް ޓޫރިސްޓުން ދުއްވަން ޖެހޭ ރާސްތާ ކުރުކުރުމަށެވެ. ރާއްޖޭ އެންމެން ދިރިއުޅޭނީ ބްރިޖުތަކުން ގުޅިފައިވާ ވިލިމާލެ، މާލެ، ހުޅުމާލެ، ގުޅިފަޅުމާލެ، ތިލަފުށިމާލެ، ފުށިދިއްގަރުމާލޭ ގައި ހެދޭ 25 ބުރީގެ ޓަވަރުތަކުގެ އެޕާޓްމަންޓްތަކުގައެވެ. މުޅި ގައުމުގައި ހުންނާނީ ހުސް ރިސޯޓެވެ. ދިވެހިން ދާނީ ވަޒީފާ ތަކަށެވެ. މަސްވެރިކަން، ރޯނު ވެށުން، ވަޑާންކުރުމެއް ނޯންނާނެ އެވެ.

The name is already taken The name is available. Register?

ކޮލެޖް ގާލް

07 August 2018

ސީޕްލޭންތަ އެއަރ ޕޯޓަށް ޖައްސަނީ؟ ބަލަ ސީޕްލޭންގޮސް ސީދާ ރިސޯޓު ކައިރިއަށް ޖެއްސެއް އޮއްވާ ކާކު އެއަރޕޯޓަށް ދާން ބޭނުމީ؟

The name is already taken The name is available. Register?

ކަޅުބެ

07 August 2018

ވަރަށް ބަރާބަރު ލިއުމެއް. އަޅުގަނޑުވެސް ހިތުގައި އުފެދުނު ސުވާލެއް. ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް ހަދައި އާބާދީއަކަށް ނުމެބަލައި ބާރުލާފައި އެއަރޕޯޓްގެ މަސައްކަތް ފަށަނީ. އާޚިރުގައި މިކިޔަނީ މާލެ ސަރަހައްދަށް ތިންލައްކަ މީހުންގެ ޖާގަ ހަދާނަމޭ އަންނާށޭ. މިއީ ދެކޮޅު ނުޖެހޭ ސިޔާސަތެއް. އެއަށްވުރެ މާރަގަޅުވާނެ ވިޔާފާރީގެ އުސޫލުން އާބާދީ ބޮޑެތި ރަށްރަށުގައި ގެދޮރުއަޅައި ކުއްޔަށް ދީގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް ރަގަޅު ސިއްޙީ ޚިދުމަތް އަތޮޅުތަކުގައި ގާއިމުކުރުން.

The name is already taken The name is available. Register?

ގަސްކުޑޫ

07 August 2018

ލ.އަތޮޅުން ބޭނުން މީހަކަށް ގޯތިދިން..ހާސިލް ކުރެވުނީ ކޮން ނަތީޖާއެއް..ވެރިކަންކުރާ ސިޓީއަށް މީހުން ހިޖުރަކުރަނީ ރާއްޖޭގައި އެކަންޏެއްނޫން..ސިޓީގައި މީހުން އުޅޭ ހާލަތަށް ބަލައި އެކަމަށް ހައްލު ގެނައުން ގޯހެއްނޫން..ޖަޒީރާދިރިއުޅުން ބޭނުމެއްނުވޭ އެކަކުވެސް..ޗުއްޓީތަކާއި ދިމާކޮށް މާލެ ކައިރި ގެސްޓްހައުސްތައް އަދި ބައެއް ރިސޯޓްތައް ދިވެހިންގޮސް ފުރާލަނީ ކަމެއް ވެގެން...

The name is already taken The name is available. Register?

ބޭރު

07 August 2018

މަގު ހުސްކޮށްގެން ދަތުރުކުރެވޭ ނަމަ މާލޭގެ މަގުމަތީގެ ބައިބޯ ކަމާއި ދުއްވާ އެއްޗެތީގެ ގިނަ ކަމާއި، ޤަވައިދާ ޚިލާފަށް ދުއްވުމާއި ޕާކް ކުރުމުގެ އުނދަގޫ ތަޞައްވަރު ނުކުރެވިދާނެ އެވެ. ދެން އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. ދިވެހިން ދިވެހިންނަށް ވީ ޖަޒީރާ ގައުމެއްގައި އުޅޭތީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454