ތައިލެންޑުގެ ހޮހަޅަ އިން ސަލާމަތް ކުރި ފުޓުބޯޅަ ޓީމުގެ ކޯޗަށް ރަށްވެހިކަމުގެ ކާޑު ހަވާލު ކުރަނީ. --ފޮޓޯ:އީޕީއޭ
09 އޯގަސްޓް 2018 - 10:34
ބެންކޮކް (އޮގަސްޓް 9) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން ސަލާމަތް ކުރި ކުދިންގެ ތެރޭން ވަކި ގައުމެއްގައި ރަށްވެހިވެފައި ނުވާ ތިން ކުދިންނާއި ކޯޗަށް ތައިލެންޑުގެ ރަށްވެހިކަން ރަސްމީކޮށް އިއްޔެ ދީފި އެވެ.
ހޮހަޅައިގައި 18 ދުވަސް ހޭދަކުރި ބައެއް ކުދިންނާއި ކޯޗަކީ ތައިލެންޑުގައި ވަކި ގައުމެއް ނެތި ދިރިއުޅޭ 480،000 މީހުންގެ ތެރޭގައި ހިމެނޭ ބައެއްކަން އެނގުނީ އެ ކުދިން ސަލާމަތް ކުރަން ހިންގި ނުރައްކާ އޮޕަރޭޝަނަށް ފަހު އެވެ. ކޯޗާއި ތިން ކުދިންގެ ރަށްވެހިކަން ނެތްކަން އެނގުމާ އެކު އެ މީހުނަށް ތައިލެންޑުގެ ރަށްވެހިކަން ދިނުން އަވަސް ކުރަން އެކި ފަރާތްތަކުން ގޮވާލައިފައިވެ އެވެ.
ކޯޗު އެކަޕޯލް ޗަންޓަވޮން އާއި ތިން ކުދިންނަށް ތައިލެންޑުގެ ރަށްވެހިކަމުގެ ކާޑު ހަވާލުކުރީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޖޫން 23 ވަނަ ދުވަހު ހޮހަޅަ އަށް ވަން ވައިލްޑް ބޯސް ފުޓުބޯޅަ ޓީމުގެ ކުދިންގެ ޚަބަރެއްވީ ނުވަ ދުވަސް ފަހުންނެވެ. އެ ކުދިން ސަލާމަތް ކުރީ ބައިނަލްއަގުވާމީ ޑައިވަރުންގެ އުނދަގޫ އޮޕަރޭޝަނަކަށް ފަހު އެވެ.
ތައިލެންޑުގެ ހޮހަޅަ އިން ސަލާމަތް ކުރި ފުޓުބޯޅަ ޓީމުގެ ކޯޗަށް ރަށްވެހިކަމުގެ ކާޑު ހަވާލު ކުރަނީ. --ފޮޓޯ:އީޕީއޭ
ތައިލެންޑުގައި ދިރިއުޅުނު ނަމަވެސް ވަކި ގައުމަކަށް ނިސްބަތް ނުވާ މީހުން އާއްމުކޮށް ދިރިއުޅެނީ މިއަންމާ، ލާއޯސް އަދި ޗައިނާ ބޯޑަރު ގުޅޭ ހިސާބުތަކުގަ އެވެ. ތައިލެންޑުގައި އުޅޭ ވަކި ގައުމަކަށް ނިސްބަތް ނުވާ މީހުން ވަނީ އެތައް ހައްގަކުން މަހްރޫވެފަ އެވެ. އޭގެ ތެރޭގައި ގައުމުން ބޭރަށް ދަތުރު ކުރުމާއި މަތީ ތައުލީމް ހާސިލް ކުރުން ފަދަ ކަންކަން ހިމެނެ އެވެ. ގައުމަކަށް ނިސްބަތް ނުވެ ތައިލެންޑުގައި އުޅޭ މީހުން ވަކި ޝަރުތުތަކެއް ހަމަވުމުން ތައިލެންޑުގެ ރަށްވެހިކަމަށް އެދި ހުށަހެޅެ އެވެ. މި ގޮތަށް ހުށަހަޅާ މީހުން ވެސް ރަށްވެހިކަން ހޯދަން ބައެއް ފަހަރު 10 އަހަރުގެ އިންތިޒާރެއް ކުރަން ޖެހެ އެވެ.
ރަށްހިކަން ނެތް ކުދިންނާއި ކޯޗަށް ރަށްވެހިކަން ލިބިގެން ނޫނީ ބޭރު ގައުމުތަކުން ލިބިފައިވާ ދައުވަތުގެ ބޭނުން އެ މީހުންނަކަށް ނުކުރެވޭނެ އެވެ. ހޮހަޅައިން ނެރުނު ކުދިން އޯލްޑް ޓްރެފޯޑަށް ޒިޔާރަތް ކުރަން މެންޗެސްޓާ ޔުނައިޓެޑުން ވަނީ ދައުވަތު ދީފަ އެވެ. އަދި ސްޕޭން ލީގުގެ މެޗެއް ބަލަން ލަ ލީގާ އިން ވެސް ވަނީ ދައުވަތު ދީފަ އެވެ. ކޯޗާއި ތިން ކުދިންނަށް ތައުލެންޑުގެ ރަށްވެހިކަން ދިނުމުން އެ މީހުންނަށް ދެން ތައިލެންޑުގެ ޕާސްޕޯޓް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy