ސިނަަމާލެ/ވިލިމާލެ ފްލެޓްތަކުގެ ސެކިއުރިޓީއާ ފުލުހުން ހަވާލުވުމަށް އިއްޔެ އެއްބަސްވުމެއްގައި ސޮއި ކުރަނީ-- ހައުސިން މިނިސްޓްރީ
09 އޯގަސްޓް 2018 - 11:37
މާލެ އާއި ވިލިމާލޭގައި ހުންނަ ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމާ ފުލުހުން ރަސްމީކޮށް ހަވާލުވެ، އެ ތަންތަނުގައި ފާރަ އަށް ފުލުހުން ބައިތިއްބަން ފަށައިފި އެވެ.
ފްލެޓްތަކުގެ ސަލާމަތީ ކަންތަކާ ހަވާލުވުމުގެ އެއްބަސްވުމުގައި އިއްޔެ ފުލުހުން ވަނީ ހައުސިން މިނިސްޓްރީއާ އެކު ސޮއިކޮށްފަ އެވެ. ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދެވެ.
މި އެއްބަސްވުމުގެ ދަށުން، ފްލެޓްތަކުގެ ސަލާމަތީ ކަންތައް ބަލަހައްޓާނީ ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންނެވެ. އައިޖީއެމްއެޗާއި މީރާ އާއި ބޭންކް އޮފް މޯލްޑިވްސް ފަދަ ދައުލަތުގެ ބޮޑެތި މުއައްސަސާތަކުގެ ސެކިއުރިޓީ ބަލަހައްޓަނީ ވެސް އެ ފުލުހުންނެވެ.
މިހާރު ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އެ ފްލެޓްތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީން ބުނީ ފްލެޓްތަކުގެ ސަލާމަތީ ކަންތައް ފުލުހުން ބަލަހައްޓާނީ، އިތުރު 46 ސެކިއުރިޓީ ކެމެރާ އެ ތަންތަނުގައި ހަރުކޮށްގެން ކަމަށެވެ. އަދި ވަކި ފުލުހުންތަކެއް އެކަމަށް ހާއްސަ ކޮށްފައިވުމުން، ފްލެޓް ސަރަހައްދު އަމާންވެ، ރައްޔިތުންނަށް ފަސޭހަ އިން ބޭރަށް ނުކުމެ އުޅެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސިނަަމާލެ/ މާލެހިޔާ ފްލެޓް ސަރަހައްދަކީ އާއްމުކޮށް ކުށްކުރުން ގިނަ ސަރަހައްދެކެވެ. ހާއްސަކޮށް ފްލެޓް ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި މާރާމާރީ ހިންގުމުގެ މައްސަލަތައް ބޮޑެވެ. ދާދި ފަހުން، 16 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްލީ ވެސް ސިނަމާލޭ ފްލެޓެއްގެ ތެރެއަށް ވައްދާފައި ކަމަށް އެ ކުއްޖާގެ އާއިލާ އިން ބުނެފައި ވެ އެވެ.
ފްލެޓްތަކުގެ ސަލާމަތީ ކަންތަކުގެ އިތުރުން މެއިންޓަނަންސް ބެލެހެއްޓުމަށް ވަކި އޮފީހެއް ގާއިމު ކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އަދި އަންނަ ހަފުތާގައި އެ އޮފީސް ހުޅުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފްލެޓްތަކުގެ މެއިންޓަނެންސް ކަންތައްތައް ކުރިން ބެލެހެއްޓީ އަމިއްލަ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. އެކަމަކު މާލޭހިޔާ ފްލެޓްތަކުގެ ލިފްޓު ހަލާކުވުމާއި ވިއްސާރަ ދުވަސްވަރު ސީލިންގުން ފެން ލީކުވުން ފަދަ މައްސަލަތައް ކުރިން ވަރަށް ގިނައިން ދިމާވެ އެވެ.
ސިނަމާލެ ފްލެޓުގެ ސީލިންގުން ފެން ލީކުވަނީ: އެތަންތަނުގެ މެއިންޓަނަންސް ބެލެހެއްޓުމަށް ވަކި އޮފީހެއް ގާއިމު ކުރުމަށް ވަނީ ނިންމާފައި -- މިހާރު ފޮޓޯ
ހައުސިންގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިރު ވަރަށް ބޮޑަށް ވީރާނާވެފައި ހުރި އެ ފްލެޓްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ތަންތަނުގައި ދިރިއުޅޭ މީހުންނާ ވާހަކަ ދައްކައިގެން، ދަތިވާ ކަންކަން ފަހިކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްލެޓްތައް ސިޓީ ކައުންސިލްގެ ޒިންމާގެ ދަށުން ނެގީ، އެ ތަންތަނާ މެދު ކައުންސިލުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަށް ފަހު އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ފްލެޓްތައް ވަރަށް ބޮޑަށް ބާވެ، ހަލާކުވެގެން ދިޔައިރު ވެސް ކައުންސިލުން އެ ތަންތަން ބަލަހައްޓާފައެއް ނުވެ އެވެ.
އެކަމަކު މުއިއްޒުގެ ތުހުމަތުތައް ކައުންސިލުން ވަނީ ދޮގުކޮށްފަ އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި ފްލެޓްތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެތައް ފަހަރަކު މިނިސްޓްރީ އަށް ސިޓީ ފޮނުވައިގެން އެހީ އަށް އެދުނު ނަމަވެސް، އެއްވެސް ޖަވާބެއް ނުލިބެ އެވެ.
ފްލެޓްތަކުގެ ހާލަތު ރަނގަޅުކުރުމަށް، ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އެކަމަކު އެކަމަށް ހައުސިން މިނިސްޓްރީގެ އެއްވެސް އެއްބާރުލުމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެމްފަސް
09 August 2018
އިންތިހާބު ނިމެންދެންވެސް ތިކަން ނުކުރެވޭނެ!
އާދަމް ޝަރީފް
09 August 2018
މިއީ އިންތިޚާބު ކައިރިވީމަ ދައްކާ ހުސް ވާހަކަތަކެއް. ފްލެޓްގަ އުޅޭމީހުންގެ ވޯޓް ހޯދުމަށް. ސަރުކާރުގެ ބެލުމުގެ ދަށުގއި ހުންނަ ކަންކަން ބޮއްސުން ލަނީ ސަރުކާރުގެ އިހުމާލުން . ކައުންސިލް ގެ ދަށުގައި ހުއްޓަސް ކައުންސިލަށްވެސް ކަންކަން ކުރެވޭނީ ސަރުކާރުން ބަޖެޓް ދިނުމުން. ބަޖެޓް ނުދީ ހިފަހައްޓާފަ މި ކިޔަނީ ކައުންސިލުން އިހުމާލު ވީއޭ. ތިހަދާ ހުރިހާއެއްޗެއްވެސް މިހާރު އެންމެނަށް އެގޭ.
ފްރެންޑް އޮފް ރިލްވާން
09 August 2018
އެހެންވެއްޖެޔާ ރިލްވާނުގެ އާއިލާއިންވެސް މައްސަލަ ތަހްގީގް ކޮށްދިނުމަށްއެދި ފުލުހުންނާއިދެމެދު ކޮންޓްރެކްޓެއް ހެދުމަށް އާއިލާއަށް ގޮވާލަން. ފުލުހުންގެ ވަޒީފާ ކޮންޓްރެކްޓް ނުފުދެނީތަ؟
ކުދުބެއްޔާ
09 August 2018
ހުޅުމާލެ ކުރީގެ ފްލެޓްތައްވެސް ބަލަހައްޓަން ބަޔަކު ހަމަޖައްސަވާ ދެއްވާނަމަ ވަރަށްރަނގަޅެވެ އެފްލެޓްތަކުގައިވާގޮތަކީ ފެންމީޓަރއާއި ކަރަންޓްމީޓަރތައް ހުންނަތަނުގެ ތަޅުތައް ހަލާކުކޮށް އެތަނަށް ޒުވާންކުދިންވަދެ ކުޑަކަމުދިއުމާއި ފާޑުފާޑުގެ ސިގިރެޓްބޮއި ހަދައެވެ ކުޜީގެ 1ވަނަ އަދި 2 ވަނަ ފްލެޓްގެ ހުރިހާތަނެއްގެ ތަޅުވަނީ ހަލާކުކޮށްލާފައެވެ މިކަން އެޗްޑީސީއަށްވެސް ވާނީ އެނގިފައެވެ މިކަމަށް ހައްލެއްނައެވެ ކުރީ އަހަރެއްގެ އީދުދުވަހު އެތަނުން ގޮޅިއެއްގައި ރޯވެސް ކޮށްލައިފިއެވެ މިވާހަކަ މައުލޫމާތަށްޓަކައި ލިޔެލީއެވެ
ސައީދާ
09 August 2018
ފުލުހުނަށް މުޅިރާއްޖޭގެ އަމަން ބެލެހެއްޓުމުގެ ވަޒީފާދީފަ، އަމަން ބެލެހެއްޓުމަށް އަދިވެސް އިތުރު ކޮންޓްރެކްޓްތަކުގަ ސޮއިކުރަންޖެހޭތޯ؟ މިސުވާލުގެ ޖަވާބު ކޮންމެވެސް މީހަކުދެއްވަބަލަ.
ރައްޔަތުންގެ އަޑު
09 August 2018
ސަރުކާރު ނަގަހައްޓަން އުޅުމަށްވުރެ ތިކަންކުރަން މާރަގަޅު.
ވެރިޔާ
09 August 2018
މާލެ އާއި ރާއްޖޭގެ އެންމެހާ ރައްތަކުގެ ޢަމާންކަމާއި ރައްކާތެރިކަން ބެލެހެއްޓުމަށް ރައްޔިތުންގެ ފަރާތުން ފުލުންނާއި ޙަވާލު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ދެންނެވީމެވެ. އަދި ވަޅިހަރާމީހުންނާއި މާރާމާރީ ހިންގާ މީހުންނާއި ވައްކަމާއި ޓެކުމާއި ކޮރަޕްޝަނާއި ފަސާދަ ހިންގާ މީހުންވެސް ހައްޔަރުކުރުމުގެ އެގްރީމަންޓެއް ޤާއިމު ކުރެއްވުން އެދެމެވެ.