އަނުޝްކާ ޝަރްމާ: ދެން އެންމެ އަވަހަށް ފެންނާނީ "ސުއީ ދާގާ" އިން.
16 އޯގަސްޓް 2018 - 08:18
އަންނަ މަހުގެ 28 ގައި ރިލީޒްކުރާ ފިލްމް "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގެ ބަތަލާގެ ރޯލް ހުށަހެޅުމުން، ސްކްރިޕްޓް ކިޔާފައި ފުރަތަމަ އެ ފިލްމަށް ބުނީ ނޫނެކޭ ކަމަށް ބަތަލާ އަނުޝްކާ ޝަރްމާ ބުނެފި އެވެ.
މި ފިލްމަކީ އޭނާ 2008 ވަނަ އަހަރު ޝާހްރުކް ހާނާ އެކު ފިލްމް "ރަބް ނެ ބަދާދީ ޖޯޅީ" އިން ބޮލީވުޑަށް ނެރެދިން ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ.
"ސުއީ ދާގާ" ގެ ޓްރެއިލާ ލޯންޗް ކުރަން ބޭއްވި ހަފުލާގައި އަނުޝްކާ ބުނީ އެ ފިލްމްގެ ޑައިރެކްޓަރު ޝަރަތު ކަތަރިއާ ސްކްރިޕްޓަކާ އެކު އޭނާ ކައިރި އަށް އައުމުން ވަރަށް އުފާވި ކަމަށެވެ. ސަބަބަކީ ޝަރަތު ޑައިރެކްޓް ކުރި 2014 ގެ ފިލްމް "ދަމް ލަގާ ހައިޝާ" އަކީ ވެސް ވަރަށް ކަމުދާ ފިލްމަކަށްވުން ކަމަށް އަނުޝްކާ ބުންޏެވެ.
In between interviews..✨
— Anushka Sharma (@AnushkaSharma) August 13, 2018
Did you watch #SuiDhaagaMadeInIndiaTrailer yet? @Varun_dvn @suidhaagafilm @yrf @Sharatkatariya #ManeeshSharma pic.twitter.com/DkY4Qhay1L
ޓްރެއިލާ ލޯންޗް ކުރި ހަފުލާގައި އަނުޝްކާ އާއި ވަރުން.
"ސުއީ ދާގާގެ ސްކްރިޕްޓް އަހަންނަށް ވަރަށް ކަމުދިޔަ. އެކަމަކު އޭގެ ބަތަލާ މަމްތާގެ ކެރެކްޓާއަކީ އަހަންނާ އަސްލު ދިރިއުޅުމުގައި ވެސް ވަރަށް ނުގުޅޭ ކަހަލަ ރޯލެއް. އެހެންވެ އެ ރޯލް އަހަންނަށް ކުޅެވިދާނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް ވެސް ނެތީމަ ފިލްމަށް ބުނީ ނޫނެކޭ،" އާންމުކޮށް ފިލްމްތަކުގައި ވަރަށް ގްލެމަރަސް، މޮޑަން އަންހެނެއްގެ ރޯލް ކުޅޭ އަނުޝްކާ ބުންޏެވެ.
An explosion of colors for the explosion of love you've given #SuiDhaagaMadeInIndiaTrailer! Here's a special gift for you guys! @Varun_dvn | @yrf | @SuiDhaagaFilm | @SharatKatariya | #ManeeshSharma pic.twitter.com/p6PnlIpq4g
— Anushka Sharma (@AnushkaSharma) August 14, 2018
"ސުއީ ދާގާ" ގެ ޕޯސްޓަރެއް.
އޭނާ ބުނީ އަބަދު ވެސް ވަރަށް ޗެލެންޖިން ރޯލްތަކެއް ކުޅެން ބޭނުންވާ ކަމަށެވެ. އެކަމަކު "ސުއީ ދާގާ" ގެ މަމްތާގެ ކެރެކްޓާ އަށް އިންސާފުކޮށް ދެވިދާނެ ކަމަށް އެއްގޮތަކަށް ވެސް އަމިއްލަ ޒަމީރު ގަބޫލު ނުކުރި ކަމަށެވެ.
Team #SuiDhaagaMadeInIndia spill the beans about their journey at #SuiDhaagaMadeInIndiaTrailer Launch. @yrf pic.twitter.com/wu4vyMjp4B
— #SuiDhaaga (@SuiDhaagaFilm) August 13, 2018
ޓްރެއިލާ ލޯންޗް ކުރި ހަފުލާގެ ތެރެއިން.
މި ފިލްމްގައި އޭނާ ކުޅެފައި ވަނީ ވަރަށް ޑި-ގްލެމަރަސް އަންބެއްގެ ރޯލެވެ. އަދި މަމްތާއަކީ ފިލްމްގައި ޖަރީގެ މަސައްކަތް ކުރާ މީހެކެވެ. އޭނާގެ ފިރިމީހާ މައުޖީ (ވަރުން ދަވަން) އަކީ ފަހާ މީހެކެވެ.
"ފިލްމަށް ނޫނެކޭ ބުނީމަ ޝަރަތު އާއި މަނީޝް ޝަރްމާ [ޕްރޮޑިއުސަރު] އެއްގޮތަކަށް ވެސް އެކަން ގަބޫލެއް ނުކުރި. އަދި އެ މީހުން ބުނަމުން ދިޔަ އެ ރޯލް ކުޅުވަން ބޭނުން ވަނީ އަހަރެން ލައްވައި ކަމަށް. އަދި އަހަންނަށް މަމްތާގެ ރޯލް ކުޅެވޭނެ ޔަގީންކަން އޮތް ކަމަށް ބުނަމުން ދިޔަ،" އޭ ދިލް ހޭ މުޝްކިލް އާއި އެންއެޗް 10 އަދި ޕަރީ ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ބުންޏެވެ.
އަނުޝްކާ ބުނި ގޮތުގައި އޭނާ ފިލްމަށް އެއްބަސް ވާން އެންމެ ފަހުން ނިންމީ ޑައިރެކްޓަރާއި ޕްރޮޑިއުސަރަށް އޭނާއާ ދޭތެރޭ ޔަގިންކަން އޮތްލެއް ބޮޑުކަމުންނެވެ.
"އެ މީހުންނަށް އިތުބާރުކޮށްފައި ފަހުން އަހަރެން ފިލްމަށް އެއްބަސްވީ. އެހެން ނޫން ނަމަ ސުއީ ދާގާއަކީ އަހަރެން ނުކުޅޭނެ ފިލްމެއް،" އޭނާ ބުންޏެވެ. "އެކަމަކު ފިލްމްގެ މަސައްކަތްކޮށްލައި، ކުރެވުނު މަސައްކަތްތައް ފެނުނީމަ މިހާރު ހިތްހަމަޖެހިފައި މި ހުރީ."
މިހާރު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ބަތަލާ ބުނި ގޮތުގައި "ސުއީ ދާގާ" ކަހަލަ ފިލްމެއް ހަދަން ވައިއާރްއެފުން ނިންމުމަކީ ވެސް ހިތްވަރު ދޭން ޖެހޭ ކަހަލަ ކަމެކެވެ. އަދި އެ ފިލްމަކީ އެ ސްޓޫޑިއޯއާ ދޭތެރޭ ބެލެންތެރިން ދެކޭ ނަޒަރިއްޔާތަށް ބަދަލެއް ވެސް އަންނާނެ ފިލްމެއް ކަމަށް އަނުޝްކާ ބުންޏެވެ.
A story stitched with threads of India. A story Made in India. सब बढ़िया है...Here's #SuiDhaagaMadeInIndiaTrailer | @Varun_dvn | @yrf | @SuiDhaagaFilm |@Sharatkatariya | #ManeeshSharmahttps://t.co/kEawyBdUC1
— Anushka Sharma (@AnushkaSharma) August 13, 2018
އަނުޝްކާ "ސުއީ ދާގާ" ގެ ޓްރެއިލާ ޓްވީޓްކޮށްފައި.
"މި ފިލްމް ކުޅެގެން ފަހުން އަހަންނަށް ލިބުނު ހިތްހަމަޖެހުމަކީ ޖަރީ ކުރުމުގެ މަސައްކަތް ވެސް ދަސްވިކަން. ފިލްމެއްގެ ތެރެއިން މިކަހަލަ މަސައްކަތެއް ދަސްވުމަކީ ވަރަށް ބޮޑު ފިލާވަޅެއް. އަދި މިއީ އެކަހަލަ ބުރަ އަދި ކަވި މަސައްކަތް ކުރާ މީހުންގެ އިހުސާސްތަތަކާއި އެ މީހުންގެ އަގުވަޒަންކޮށްލަން ލިބުނު ފުރުސަތެއް،" އޭނާ ބުންޏެވެ. "އަހަރެންގެ މާމަ އާއި މަންމައަކީ ވެސް ޖަރީ ކުރަން ދަންނަ ބައެއް. މިހާރު އަހަންނަށް ވެސް އެ މަސައްކަތް ކުރަން ދަސްވީމަ ވަރަށް އުފާވެފައި މިހުރީ."
"ސުއީ ދާގާ" އަކީ މި އަހަރު ސްކްރީނަށް އަންނާނެ އަނުޝްކާގެ 4 ފިލްމްގެ ތެރެއިން ތިން ވަނަ ފިލްމެވެ. މި އަހަރު ރިލީޒް ކުރި އޭނާގެ ފުރަތަމަ ފިލްމަކީ މާޗް މަހު ރިލީޒް ކުރި "ޕަރީ" އެވެ. ދެވަނަ ފިލްމަކީ ޖޫންގައި ރިލީޒް ކުރި "ސަންޖޫ" އެވެ.
"ސުއީ ދާގާ" އަންނަ މަހުގެ 28 ގައި ރިލީޒްވުމަށް ފަހު، ޑިސެމްބަރު 21 ގައި އަނުޝްކާ "ޒީރޯ" ސިނަމާތަކަށް އަންނާނެ އެވެ. އެ ފިލްމްގައި އޭނާ ފެންނާނީ ޝާހްރުކާއި ކެޓްރީނާ ކެއިފްއާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy