މިދިޔަ އޭޕްރީލް މަހު ބޭއްވި އިސްލާމިކް ޔުނިވާސިޓީގެ ތިން ވަނަ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން: ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީދޭން ޒަކާތު ފަންޑު ސްކޮލަޝިޕްގެ އުސޫލު ވަނީ ބަދަލުކޮށްފައި .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
15 އޯގަސްޓް 2018 - 15:08
އަމިއްލަ ޚަރަދުގައި ކިޔަވަމުން އަންނަ ދަރިވަރުން، ޒަކާތު ފަންޑުގެ އެހީ އަށް އެދުމުގެ ފުރުސަތު ސަރުކާރުން މިއަދު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މިހާރު ވެސް މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންނާއި އެކި ސަބަބުތަކާ ހެދި ކިޔެވުން މެދުކަނޑާލާފައިވާ ދަރިވަރުންނަށް، މި މަހުގެ 30 ވަނަ ދުވަހާ ހަމަ އަށް ޒަކާތު ފަންޑުގެ އެހީ ހޯދަން ހުށައެޅޭނެ ކަމަށެވެ.
އެހީ އަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި ކޯހުގެ 50 ޕަސެންޓް ފުރިހަމަ ކޮށްފައިވުމާއި އެ ކޯހަކީ އިސްލާމް ދީން ހުއްދަ ކުރާ ދާއިރާއެއްގެ ކޯހަކަށް ވުން ހިމެނެ އެވެ.
މިނިސްޓްރީން ބުނީ ޒަކާތު ފަންޑުގެ އެހީ ލިބޭނީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކިޔަވަމުން އަންނަ 53 ދަރިވަރަކަށެވެ. އެއީ ރާއްޖެ އިން ބޭރުގައި ކިޔަވާ 17 ދަރިވަރުންނާއި ރާއްޖޭގައި ކިޔަވާ 36 ދަރިވަރަކަށެވެ. އެގޮތުން ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރަކަށް ގިނަވެގެން އެއް ލައްކަ ރުފިޔާ ލިބޭ އިރު ރާއްޖޭގައި ކިޔަވާ ދަރިވަރެއް ނަމަ އެ އަދަދު އުޅެނީ 20،000ރ. ގަ އެވެ.
އެ އެހީގެ ދަށުން ދޭން ހަމަޖައްސާފައިވަނީ ކޯސް ފީ އެވެ. އޭގެ ތެރޭގައި އެ ޔުނިވާސިޓީއަކަށް ދައްކަންޖެހޭ އެހެނިހެން ފީތައް ވެސް ހިމެނޭނެ ކަމަށް ވެސް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެހީ ދޭ ދަރިވަރުގެ ކޯހުގެ ޓިއުޝަން ފީ ދައްކާނީ، އެ ދަރިވަރު ކިޔަވަމުން އަންނަ މަރުކަޒުގެ އިންވޮއިސް މިނިސްޓްރީ އަށް ލިބުމުން އެ ކިޔަވައިދޭ މަރުކަޒަކަށެވެ.
މީގެ ކުރިން ކިޔެވުން ކުރި އަށް ގެންދާ ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީއެއް ނުދެ އެވެ. ނަމަވެސް މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީ ދިނުމަށް، ޒަކާތު ފަންޑުގެ ސްކޮލަޝިޕާ ބެހޭ އުސޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ahmed
10 September 2018
ޒަކާތު ފަންޑުން ރާއްޖޭގައި ކިޔަވާ ދަރިވަރުން ނަށް ދެނީ 20ހާސް ރުފިޔާއޭ ބުނާތީ އެހިން. އަޅެ ކޯސް ފީ އެއްކޮށް ދައެއް ނުދޭނެތަ. ކިޔަވާހިތުން ކިޔެވިޔަސް ހަމަ ލާރިނުދެއްކިގެނޭ މިދަންނަވަނީ.
ގެރި
16 August 2018
މަހީކުރީ ފަގީރުންނަ ދޭ އެއްޗެއްކަމަ ޒަކާތަކީ.
ށަމީރު
16 August 2018
ޓީތި ކުރާކަމަކުން އެންމެނަށް ސާލާން ޖަހަން ތިދަސްވަނީ..
ފަލާހް
15 August 2018
އުފާވެރި ޙަބަރެއް. ޝުކުރު ހައްްޤު ވެރިއެއް.