އެމްއެންޔޫގެ ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. މުއާވިޔަތު، ލިޔުން ހަވާލުކޮށްދެއްވަނީ.--ފޮޓޯ: އެމްއެންޔޫ
16 އޯގަސްޓް 2018 - 17:31
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްކޮލަޝިޕް 21 ދަރިވަރަކަށް މިއަދު ދީފި އެވެ.
އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕޯސްޓް ގްރެޖުއޭޓް އަދި އަންޑަ ގްރެޖުއެޓް ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ލިޔުން ދީފައި ވެ އެވެ. އެއީ މުޅިން ހިލޭ ކިޔެވޭ ސްކޮލަޝިޕާއި ޓިއުޝަން ފީ ސްޕޮންސާކޮށްފައިވާ ފުރުސަތުތަކެވެ.
އަންޑަ ގްރެޖުއޭޓަށް ކިޔަވަމުން އަންނަ 18 ދަރިވަރަކަށް ހިލޭ ޓިއުޝަން ފީ ލިބޭ އިރު ދެ ދަރިވަރަކަށް ފުލް ސްކޮލަޝިޕް ދީފައި ވެ އެވެ. އަދި ޕޯސްޓް ގްރެޖުއޭޓަށް ކިޔަވަމުން އަންނަ ދަރިވަރަކަށް ވެސް ހިލޭ ޓިއުޝަން ފީ ލިބޭ ސްކޮލަޝިޕް ދީފައި ވެ އެވެ.
އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝާހީން ވިދާޅުވީ މި ސެމިސްޓާގައި ހުޅުވާލި ސްކޮލަޝިޕަށް 140 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ސްކޮލަޝިިޕް ދީފައިވަނީ، ފުރަތަމަ ސެމިސްޓާއަށް އަލަށް ވަން ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުނިވާސިޓީ ސްކޮލަޝިޕްގެ އިތުރުން ނޮވެމްބަރު ތިނެއްގެ ސްކޮލަޝިޕް ވެސް ތިން ދަރިވަރަށް ދީފައި ވެ އެވެ. އެ ސްކޮލަޝިޕަކީ 1999 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހުން ދެމުން އަންނަ ފުރުސަތެކެވެ. އެމްއެންޔޫގެ ތިން ފެކަލްޓީއަކަށް ހާއްސަކޮށްފައިވާ ސްކޮލަޝިޕް ދެނީ އެ ތިން ފެކަލްޓީގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ކޯސް ފުރިހަމަކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން، ނަތީޖާ އެންމެ ރަނގަޅު ދަރިވަރަކަށެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެމްއެންޔޫ ކައުންސިލްގެ މެމްބަރު، ގާނޫނީ ވަކީލް ފާތިމަތު ހަލީމް ވިދާޅުވީ މަތީ ތައުލީމް ހާސިލްކުުރުމަކީ އުނދަގޫ އަދި ހަރަދު ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް ކިޔެވުމަށް ސްކޮލަޝިޕެއް ލިބުމަކީ ކިޔެވުން ފުރިހަމަކުރަން ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވި އެވެ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy