ވިޔަފާރި / ދުންފަތުގެ އިސްތިއުމާލުކުރުން

ކެފޭތަކުގައި ސިނގިރޭޓް ބުއިން މަނާކުރަން ޖެހެނީ ކީއްވެ؟

މީހަކު ސިގިރޭޓެއް ނިއްވާލަނީ--. ފޮޓޯ: ހުސެން ވަހީދު/ މިހާރު

އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ބެހޭ ގަވާއިދު އިސްލާހުކުރަން ޓޮބެކޯ ކޮންޓްރޯލް ބޯޑުން މަސައްކަތްކުރަމުން އަންނަ އިރު އެ ބޯޑުގެ ބައެއް މެމްބަރުން ގެންދަވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ގޮތުން ކެމްޕެއިންކުރައްވަމުންނެވެ. ބޯޑު މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވަނީ ކެފޭ/ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ އެއްވެސް ތަނެއްގައި އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހަދަން ގޮވާލާ ޕެޓިޝަނެއް ހުޅުވާލައްވައިފަ އެވެ. އެ ޕެޓިޝަންގައި މިހާތަނަށް 1،800 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ. އެކަމަކު ކެފޭތަކުގައި ސިނގިރޭޓް ނުބޮވޭ ގޮތަށް ހަމަޖެއްސުމާ މެދު އާއްމުންގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑެވެ. މިއީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ މާހިރުން ކަންބޮޑުވާ މައްސަލައެކެވެ. އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި މައުލޫއުގައި އާއްމުންނަށާއި ކެފޭ/ ރެސްޓޯރެންޓު ވިޔަފާރިވެރިންނަށް ނޭނގޭ ނުވަތަ އޮޅުންއަރާފައިވާ ހަގީގަތްތަކެއް އެބަ ހުއްޓެވެ.

އާއްމު ޚިޔާލު ދެކަފިވެފައިވާ ކަމުގެ އެއް ހެއްކަކީ ހުރިހާ ކެފޭ/ ރެސްޓޯރެންޓްތަކެއް ދުންފަތުގެ ދުމުން ސަލާމަތްކުރަން ފެނޭތޯ ބަލަން ޓްވިޓާގައި އަފްއާލް މިދިޔަ އޭޕްރީލް މަހު ނެގި ޕޯލްގެ ނަތީޖާ އެވެ. އެ ޕޯލްގައި ޖުމްލަ 3،400 ވޯޓުގެ ތެރެެއިން، އެކަން ކުރަން ފެންނަ ކަމަށް 59 ޕަސެންޓު ވޯޓު ލިބުނަސް، 41 ޕަސެންޓް ލިބުނީ އެކަމާ ދެކޮޅަށެވެ.

އަފްއާލްގެ ޕޯލް

އަފްއާލްގެ ޕޯލްއާ ގުޅިގެން ޓްވިޓާގައި ޚިޔާލު ފާޅުކުރި ބައެއް މީހުންގެ ނަޒަރުގައި އެއީ އަޅަން ވިސްނަން މާ ހަރުކަށި ފިޔަވަޅެކެވެ. އެކަން ވާނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ކެފޭ/ ރެސްޓޯރެންޓް ވިޔަފާރިތަކުގެ އިޚްތިޔާރާއި މިނިވަންކަމަށް އަރައިގަތުން ކަމަށް ސިފަކޮށް ބައެއް މީހުން ބުނެފައިވާ ގޮތުގައި ކެފޭ ހިންގާނީ ދުންފަތުގެ އިސްތިއުމާލުކުރެވޭ ގޮތަށްތޯ ނުވަތަ ނޫންތޯ ނިންމަން ވިޔަފާރިވެރިންނަށް ދޫކޮށްލައި، ދާނީ ސިނގިރޭޓް ބޮވޭ ގޮތަށް ހިންގާ ކެފޭއަކަށްތޯ ނުވަތަ ނޫންތޯ އިޚްތިޔާރުކުރުން އާއްމުންގެ އަތްމަތީގައި ބާއްވަންވީ އެވެ.

އެކަމަކު ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އާއްމު ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލުގެ ވާހަކަ ދައްކާ އިރު، އިސްކުރަން ޖެހޭނީ ދެވިހިފާ މި އާދައާ ދުރުވާން މަގުފަހިކޮށްދޭ ހުރިހާ ފިޔަވަޅެއް އެޅުމާއި އެންމެންނަށް ވެސް، ދުމުގެ ވިހަތަކުން ރައްކާތެރިކަން ލިބިގެން ދިރިއުޅުމުގެ ހައްގު ލިބިދިނުމެވެ.

މަގުމަތި އިސްނުކުރަނީ ކީއްވެ؟

ދޯހަޅިކަމުންނާއި ތަންފީޒު ނުކުރެވުމުގެ ސަބަބުން ބޭކާރު އެއްޗަކަށް ވެފައިވާ، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ބެހޭ ގަވާއިދު އިސްލާހުކުރަން މަސައްކަތްކުރަމުން އަންނަ ޓޮބެކޯ ކޮންޓްރޯލް ބޯޑުން ގެންނަން ބޭނުންވާ އެއް ބަދަލަކީ ކެއިންބުއިމުގެ ޚިދުމަތް ދޭ އެއްވެސް ތަނެއްގައި އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހަމަޖެއްސުމެވެ. ޑަބްލިޔުއެޗްއޯގެ ލަފަޔަކީ އާއްމު ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ކަމުގައި ވާ ނަމަ 100 ޕަސެންޓް މަނާކުރުމެވެ. އެކަމަކު ރާއްޖޭގައި ގަވާއިދު ހަދާފައި އޮތީ ވަކި ބޮޑުމިނެއްގެ ކެފޭ/ ރެސްޓޯރެންޓްތަކުގެ ދެބައިކުޅަ އެއްބައި ޖާގަ، ސިނގިރޭޓް ބޯން ޚާއްސަކުރެވޭ ގޮތަށެވެ. ދުމަކީ މުޅި ތަނަށް ފެތުރޭ އެއްޗަކަށްވާ އިރު މިއީ އެއްގޮތަކަށް ވެސް ހަމަޖެހޭ ނުވަތަ ނަތީޖާއެއް ނުކުންނަ އުސޫލަކަށް ނުވެ އެވެ.

އެކަމަކު އެކަން އިސްލާހުކޮށް 100 ޕަސެންޓް މަނާކުރުމުގެ ވިސްނުމާ ދެކޮޅު މީހުން ފާޑުކިޔަނީ ކެފޭތަކަށް ވުރެ މާ ގިނައިން އާއްމުން ބޭނުންކުރަން ޖެހޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ވާހަކަ ނުދައްކާތީ އެވެ.

ދުންފަތް ކޮންޓްރޯލްކުރާ ބޯޑުގައި ޑޮކްޓަރުންގެ ޖަމްއިއްޔާ ތަމްސީލްކުރައްވާ އެ ބޯޑުގެ ވައިސް ޗެއާ ޑރ. އައިޝަތު އަރޫނާ ވިދާޅުވިގޮތުގައި ދިރާސާތަކާއި ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގައި އިސްކަންދޭން ޖެހެނީ ރިސްކު ބޮޑު، އިންޑޯ ތަންތަނަށެވެ.

"އިންޑޯ ތަނެއްގައި ވެއްޖެއްޔާ ދުމުގެ ކޮންސެންޓްރޭޝަން މަތިވާނެ އަދި ވައި ތަޣައްޔަރުވާލެއް ބޮޑުވާނެ. ދެން ބަލަން ޖެހެނީ މީހުން އެ ތަނެއްގައި ހޭދަކުރާ ވަގުތަށް. ގިނަ އިރު މީހުން މަޑުކުރާ ތަނެއް ވެއްޖެއްޔާ އެ ތަނަކަށް އިސްކަން ދޭން ޖެހެނީ. މަގުމައްޗަކީ އަޅުގަނޑުމެން ދަތުރުކުރަން ބޭނުންކުރާ ތަނެއް. އެއް ތަނެއްގައި މަޑުކޮށްގެން ތިބުން މަދުވާނެ،" އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. އަރޫނާ ވިދާޅުވި ގޮތުގައި އޭގެ މާނައަކީ މަގުމަތި ދުމުން ސަލާމަތްކުރަން ނުޖެހޭ ވާހަކައެއް ނޫނެވެ. މަގުމަތީގައި މަޑުކޮށް ތިބެން ޖެހޭ ކަފިހި ހުރަސް، ބަސްހުއްޓި އަދި ޓެކްސީ ހުއްޓި ފަދަ ތަންތަން ގަވާއިދުގައި މިހާރު ވެސް ހިމެނެ އެވެ. އަދި ސިއްހީ ޚިދުމަތް ދޭ ތަންތަނާއި ސްކޫލް އަދި މިސްކިތް ފަދަ ތަންތަނާ 10 ފޫޓަށް ވުރެ ކައިރީގައި ދުންފަތުގެ އިސްތިއުމާލުކުރުން ވެސް މަނަ އެވެ. އެ ކަންކަން ތަންފީޒު ނުކުރެވެނީ އެވެ.

ޑރ. އަރޫނާ ވިދާޅުވީ ގަވާއިދު އިސްލާހުކުރާ އިރު 10 ފޫޓުގެ ދުރުމިން ވެސް ބޮޑުކޮށް ރައްކާތެރިކަން އިތުރުކުރާނެ ކަމަށެވެ.

"މިހާރު މި ހނގަމުންދާ ޕެޓިޝަނަކީ ހަމައެކަނި ރެސްޓޯރެންޓްތަކަށް ޚާއްސަ އެއްޗެއް ކަމަށް ވިޔަސް ހަގީގަތުގައި މަސައްކަތްކުރަމުންދަނީ ސައިންޓިފިކަލީ ރަނގަޅު، ހަރުދަނާ، މީހުންނަށް އެންމެ ރަނގަޅަށް ރައްކާތެރިކަން ލިބޭ ގޮތަށް ވީހާ ވެސް ގިނަ ތަންތަން ކަވަކުރަން،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ސްކޫލެއްގެ ކުރިމަތީގައި ސިނގިރޭޓް ބޮވިގެން ނުވާނެ. އެއީ ކުދިންނަށް ވެސް ވަރަށް ނުބައި ނަމޫނާއެއް. އެހެންވީމާ ގަވާއިދު އިސްލާހުކުރާ އިރު ދުރުމިން 10 ފޫޓަށް ވުރެ ދުރުމިން ބޮޑުކޮށް މަގުތައް ވެސް މަޑުމަޑުން ކަވަކުރަން މި މަސައްކަތްކުރަނީ."

ކެފޭތަކަށް "ގެއްލުމެއް ނުވާނެ"

މި ފިޔަވަޅަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުން އޮވެދާނެ މައްސަލައެކެވެ. އެއްކޮށް މަނާކޮށްފިއްޔާ ކަސްޓަމަރުން މަދުވެ، ކެފޭ/ ރެސްޓޯރެންޓްތަކުގެ ފައިދާ ދަށަށް ހިނގައިދާނެ ހެއްޔެވެ؟

ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރުން ވިދާޅުވަނީ ވިޔަފާރިތަކަށް ގެއްލުން ވެދާނެ ކަމަށް ވިސްނުމަކީ "ހަމަ ކުށް ހީއެއް" ކަމަށާއި ކެއިން ބުއިމުގެ ޚިދުމަތް ދޭ ހުރިހާ ތަނެއް ހިމެނޭ ގޮތަށް މަނާކުރީމާ ރެސްޓޯރެންޓްތަކަށް ގެއްލުމުގެ ބަދަލުގައި ލިބޭނީ ފައިދާ ކަމަށެވެ.

"ދިރާސާތަކުން ވަރަށް ރަނގަޅަށް ދައްކާ، ތަންފީޒުކޮށްފައި ހުރި ގައުމުތަކުން، ހުރިހާ ރެސްޓޯރެންޓްތަކެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހެދީމަ ރެސްޓޯރެންޓްތަކުގެ ފައިދާ އިތުރުވެގެންދާކަން. އާމްދަނީ އަށް ބަދަލެއް ނާންނަ ގައުމުތައް ވެސް އެބަ ހުރި. އެކަމަކު، 100 ޕަސެންޓަށް ދިޔައިމަ ގެއްލުމެއް ލިބިފައެއް ނެތް އެއްވެސް ގައުމެއްގައި. ފަހަރެއްގައި ގެއްލުން ލިބިފައި ހުރެދާނެ، ބައެއް ރެސްޓޯރެންޓްތަކުގައި ބޮވޭ ގޮތަށް މަނާކޮށްފައި ހުރި ގައުމުތަކުގައި،" ޑރ. އަރޫނާ ވިދާޅުވި އެވެ.

އެމެރިކާ، ކެނެޑާ، ބްރެޒިލް، ފްރާންސް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ތަޖުރިބާ އަށް އިޝާރާތްކުރައްވައި އަފްއާލް ފާހަހަގަކުރެއްވި ގޮތުގައި، މި ބަދަލާ އެކު ރެސްޓޯރެންޓްތަކުގެ ފައިދާ އިތުރުވަނީ، ކުޑަކުދިން ވެސް ގޮވައިގެން އާއިލާގެ އެންމެން އެކުގައި އެ ތަންތަނަށް ދެވޭނެ މަގުފަހިވެގެންދާތީ އެވެ.

"ދުމުގެ އަސަރުކޮށްފާނެތީ އާއިލާގެ މެމްބަރުން އެކުގައި ނުދާ ތަންތަން ވަރަށް ގިނަ. ސްމޯކް ފްރީ ތަންތަނަށް ހެދީމަ ރެސްޓޯރެންޓްތަކަށް ގިނައިން ދާ ޕޮޕިއުލޭޝަން އެބަ ރިޕްލޭސްވޭ. އެހެންވީމާ، މިސާލަކަށް ފުރަތަމަ އެއް މަސް ދުވަހު ސޭލްސް ކުޑަކޮށް ދަށަށް ދިޔަޔަސް ދިގު މުއްދަތުގައި ސޭލްސް އިތުރުވޭ. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގެ ވެސް ތަޖުރިބާއަކީ،" އޭނާ ވިދާޅުވި އެވެ.

ޑރ. އަރޫނާ ވިދާޅުވީ މިހާރު ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ ލިބެނީ 400 އަކަފޫޓު ހަމަވާ ތަންތަނަށް އެކަނި ކަމަށްވާ އިރު އެއީ ތަފާތުކުރުމެއް ކަމަށާއި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދާނީ ހަމައެކަނި ބައެއް ކެފޭތަކަށް ކަމަށެވެ. އެހެންކަމުން، އެއްވެސް ކެފޭ/ރެސްޓޯރެންޓެއްގައި އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހަމަޖެއްސުމަކީ ހަމަހަމަކަން ގާއިމްކުރުމުގެ ފިޔަވަޅެއް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މަނާކުރުމަކީ އެންމެންނަށް ވެސް ފައިދާއެއް

ޑރ. އަރޫނާ ފާހަގަކުރެއްވި ގޮތުގައި އަމާޒަކަށް ހަދަން ޖެހިފައި ވަނީ އާއްމު ހުރިހާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް ހެދުމެވެ. އަދި އޭގެ ތެރޭގައި ކެއިން ބުއިމުގެ ޚިދުމަތް ދޭ ހުރިހާ ތަނެއް ހިމަނައި އެ ތަންތަނުގައި އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރުމަކީ ޖުމްލަކޮށް އެންމެންގެ ސިއްހަތު ސަލާމަތްކޮށްދޭނެ ފިޔަވަޅެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް ހެދީމަ މީހުންގެ ވިސްނުން އެބަ ބަދަލުވޭ. ބޯ ތަން ފެނުން މަދުވީމަ، ހުއްޓާލަން ވެސް ފަސޭހަވޭ،" ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ލިބޭ ފައިދާ އަށް އިޝާރާތްކުރައްވައި ޑރ. އަރޫނާ ވިދާޅުވި އެވެ.

އެއަށް ވުރެ ވެސް ބޮޑަށް، ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުގެ ގެއްލުންތަކުން އެތައް ބަޔަކު ސަލާމަތްވެގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ނުސީދާ ދުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން މި ލިބެނީ ކުޑަކުދިންނާއި މާބަނޑު މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. މާބަނޑު އިރު ދަރިފުޅުގެ ބަރުދަން ލުއިވުން، ބައިގެން ދިޔުން، ދުވަސް ނުފުރާ ވިހެއުން، އަދި ވިހޭމަ ނޭވާލުމުގެ މައްސަލަތައް އެބަ ދިމާވޭ. ކުޑަކުދިންގެ ނޭވާލުމުގެ ނިޒާމަށް މީގެ ސަބަބުން ވަރަށް ގިނަ ބަލިތައް ޖެހޭ. އަބަދު އަރިދަފުސް ރޯގާ ޖެހި، ފުއްޕާމޭގައި ހިފުން، ކަންފަތުގެ އިންފެކްޝަންތައް ޖެހި، ނޭވާހިއްލާ ބަލި ޖެހެން ވެސް އެބަ މެދުވެރިވޭ،" ދަރިން ދުންފަތުގެ ނުސީދާ ދުމުން ރައްކާތެރިކުރުމަކީ މައިންބަފައިންގެ ޒިންމާއެއްކަން ފާހަގަކުރައްވައި ޑރ. އަރޫނާ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރެސްޓޯރެންޓްތަކަށް ދަރިން ގެންދާއިރު، އެ ކުދިން އެ ހުށަހެޅެނީ ކިހާ ބޮޑު ނުރައްކަލަކަށްކަން މައިންބަފައިން ދަނެ، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަން ޖެހެ އެވެ.

ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް މަނާކުރަން ޖެހޭ އަނެއް ސަބަބަކީ، އަފްއާލް ވިދާޅުވިގޮތުގައި، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސިއްހަތު ރައްކާތެރިކުރުމެވެ.

"ދުމުގެ ސަބަބުން މުވައްޒަފުން މި ހުށަހެޅިގެންދަނީ ބޮޑެތި ބަލިތަކަށް. އެހެންވީމާ މަސައްކަތްތެރިންގެ ހައްގުތަކުގެ ނަޒަރުން ބަލާ އިރު، އެފަދަ މާހައުލެއްގައި މަސައްކަތްކުރުވޭ ގޮތަށް އޮވެގެނެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ޖެހޭ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށްވާ އިރު، ޑރ. އަރޫނާ ފާހަގަކުރެއްވި ގޮތުގައި، ދުންފަތާ ދެކޮޅު ފިޔަވަޅުތައް އަޅައި ގައުމުގައި ބަލިމަޑުކަން ކުޑަކުރުމަކީ ބޮޑެތި ޚަރަދުތަކެއް ސަލާމަތްކުރެއްވި އިގްތިސޯދަށް ވެސް ކުރާނެ ފައިދާ އެކެވެ.

Sign the Petition

Sign the Petition

Ministry of Health - Maldives: Smoke-free cafes and restaurants - Maldives

Change.org

ހުރިހާ ކެފޭ/ ރެސްޓޯރެންޓްތަކެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން 100 ޕަސެންޓް މަނާކުރަން ގޮވާލާ ޕެޓިޝަން

31 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 4%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާހު

18 August 2018

މާލެ މަގުމަތީ ޕޭވްމެންޓް ގައި ސިގިރޭޓު ބުއިން މަނާކުރެވޭނެ ދުވަހެއް އަންނާނެބާ..........

The name is already taken The name is available. Register?

ނަން ސްމޯކަރ

18 August 2018

ހަމަގައިމުވެސް އަހަރެން ވަރަށް އުފާވާނެ ކެފޭ/ހޮޓާތަކުގަ ސިނގިރޭޓް ނުބޮވޭގޮތަށް ހަދައިފިއްޔާ! އަހަރެން އަދާކުރާ ވަޒީފާގެ ގޮތުން ގިނަ ފަހަރު ކައިބޮއެ ހަދަންޖެހެނީ ކެފޭ/ހޮޓާ ތަކުން ނަމަވެސް ގިނަ ކެފޭ/ހޮޓާތަކަށް ވަދެފަ ނުކުންނަ އިރު ލައިގެން ހުންނަ ހެދުމުގަވެސް ހުންނަނީ ސިނގިރޭޓް ދުމުގެ ނުބައިވަސް ހިފާފަ. އެގޮތަށްހުރެ ގޮސް އޮފީހަށް ވަދެލާއިރަށް މުޅިތާ އެވަސް އެބަ ހިފާ! އެ ލަނޑު ލިބޭތީ މިހާރު އެފަދަ ކެފޭ/ހޮޓާތަކަށް ވަނުންވެސް ހުއްޓާލައިފިން.

The name is already taken The name is available. Register?

ޚެފެރެ

18 August 2018

ތަހުޒީބު ވެފައި ވާ މީހުން އުޅޭ ގައުމު ތަކުގަ ރެސްޓޯރެންޓް ކެފޭތަކުގަ ސިގިރެޓު ބުއިން މަނާ. އެންމެ ކުޑަ މިނުން ޕަބު ތަކާ ބާ ތަކުގަ ވެސް ނުބޮވޭ.

The name is already taken The name is available. Register?

ބޯގޯސް

18 August 2018

ވެގެން މިއުޅޭ ގޮތަކީ އަލައް މިހުޅުވި ކަޑާތަކުގައި ޑިމާންޑް ކުޑަވީ. އެހެންވެ މީހުން އެއްވެސް ތަނެއްގައި ނުބެވޭ ގޮތައް ހެދީމަ އެތަނައްވެސް ވަންނާނެނުން އެހެންވެ. އެކަމަކު ރާލާއި މަސްތުވާތަކެތި ހުއްޓުވަން ޕެޓިޝަނެއް ހުށަހެޅިނަމަ ވަރަށް ސަޅިވީސް. އާނ. މަށަކީ ސިގްރެޓް ބޯމީހެއްވީމަ މިހެން މިކޮމެންޓް ކުރީ. 1800 މީހުން ނޯ ސޮއި ކުރީ... ހީހީހަލާކު.

The name is already taken The name is available. Register?

އިބުރާ

18 August 2018

ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ބޯޑު ޖަހާފައިވާ ހޮޓާ ރެސްޓޯރަންޓް ތަކުގައި ދުންފަތުގައި އިސްތިޢުމާލު ކުރަން އެތަންތަނުން ފުރުސަތު ދޭނަމަ، އަހަރެމެން ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުން އެތަންތަނަށް ދާއިރު ދާނީ ލައިޓަރަކާއި ހިކި މިރުހެއް ހިފައިގެން. ދެން އިނދެގެން އޭތި ރޯކޮށްފަ މުޅިތާނގަ މިރުސްކޮށި އަރުވާނީ. ހަމަ ޔަގީނުންވެސް ސިއްޙަތައް ގެއްލުމެއް ނުވާނެ ސިނގިރޭޓުންވާ ވަރަކަށް. އެކަމަކު އެންމެނަށް އުނދަގޫ ވާނެ. ހޮޓަލުން މައްސަލަ ޖައސައިފިއްޔާ ފުރަތަމަ ބަލަން ޖެހޭނީ ދުންފަތުގެ މައްސަލަ. އެނޫނަސް ހޮޓާތެރޭގައި މިރުސް ދުން އެރުވުން މަނަލެއް ނުވާނެ.

The name is already taken The name is available. Register?

1828

18 August 2018

މިއީ ދައްކަން ހެޔޮ ނުވާ ވަރުގެ މައުލޫއެއް. ސިނގެރޭޓް ބޯމީހުންގެ ނަޒަރުގައި ހުރިހާ މޮޅެއް އޮންނަނީ އެމީހުންގެ ކޮޅަށް. ސިނގެރޭޓް ބޯ ގިނަ މީހުން ސިނގެރޭޓް ރޯކުރާނީ، ސިނގެރޭޓް ނޮބޯ މީހެއްގެ ވައި ކުރިމައްޗަށް އަރާފައި. އެއްޗެކޭ ބުނެފިއްޔަ ގޯސް ވާނީ ބުނާ މީހާ. ކައިރީގައި ޑަސްބިނެއް ހުއްޓަސް ސިނގެރޭޓް ބޮއެ ނިންމާފައި ފިލްޓަރު ބުރި އެއްލާލާނީ ބިންމައްޗަށް. ހާދަ ގޮނޑޭ މި ސިނގެރޭޓް ބޯމީހުން. އެއްވެސް އަދަބު އަހުލާގެއް ނުހުރޭ. ސިނގެރޭޓް ނުބޯ މީހުންނަށް އެއްވެސއ ވަރަކަށް އިހްތިރާމް ކުރުމެއް ނޯވޭ. ޖެހޭ ކޮންމެ ތާކު ސިނގެރޭޓއ ރޯކުރަންވީ. އެކަމަކު އަނބިން، ދަރިން ކުރިމަތީގައި ސިނގެރޭޓް ބޯކަށް ބޭނުމެއްނުވޭ. އެކުދިންނަށް ބަފައިމީހާ ކުރާ އަމަލަކީ ހަޑި އަމަލަކަށްވެފައި، ދަރިން / އަނބިންނަށް ގެއްލުމެއް ވެދާނެތީ. މިހިރީ މިމީހުންގެ ވިސްނުމާ ފިކުރު ހުންނަ ހިސާބު. ތިޔަ ސިނގެރޭޓް ދުމުން ހާދަ އުނދަގުލެއްވެއޭ. ހާދަ ނުބައި ވަހެއް ދުވައޭ. ސިނގެރޭޓް ނުބޯމީހުންނަށްވެސް ކޮންމެވެސް ވަރެއްގެ އިހްތިރާމްއެއް ކޮށްބަލަ.

The name is already taken The name is available. Register?

ޖޯޖް

17 August 2018

މިފަދަ ހަބަރުތައް ގެނެސްދޭއިރު ކިހިނެތްވާނީ ޑީސަލާއި ޕެޓްރޯލް ދުމުން ލިބޭ ގެއްލުމުގެ ވާހަކަ ގެނެސްދިނީޔާ.... އަހުރެން ކައިރީގަ މީހަކު ބުނި ގުލޯބަލް ވޯމިންއަކީވެސް ސިނގިރޭޓު ބޮއެގެން ވާކަމެކޭ.... ނާ ހަމަ ތެދެއް....

The name is already taken The name is available. Register?

އަލިފް

17 August 2018

މިވާހަކަ އެއްވެސް ޕާޓީއަކުން ނުދައްކައެވެ.

The name is already taken The name is available. Register?

ދުން

17 August 2018

ކެފޭތަކުގައި ސިގިރޭޓް ބޮވޭނެތޯ ނުވަތަ ނުބޮވޭނެތޯ ނިންމަން ކެފޭ ހިންގާ ފަރާތްތަކަށް ދޫކޮއްލިއްޔާ މާރަނގަޅު ވާނެ ކަމަށް ފެނޭ.. ކެފޭގަ ބޮވޭ ބަޔަކާ ނުބޮވޭބައެއް ހެދުމުގެ ބަދަލުގަ ކެފޭ ހިންގާ ފަރާތަށް ނިންމިދާނެ އެއީ ސިގިރޭޓް ބޮވޭ ކެފޭ އެއްތޯ ނުވަތަ ނުބޮވޭ ކެފޭ އެއްތޯ.. އޭރުން އެތަނުން ޚިދުމަތް ހޯދަންދާ ފަރާތްތަކަށް އެނގޭނެ ތިމަންނަ މިވަންނަނީ ސިގިރޭޓް ބޮވޭ ތަނަކައްކަން ނުވަތަ ނޫންކަން.. އޭރުން އައްފާލް ތިޔަވިދާޅުވާ މަސައްކަތްތެރިންގެ ހައްގުގެ ނަޒަރުން ބަލާއިރު ވަޒީފާ ގަބޫލުކުރާއިރު އެގޭނެ ތިމަންނަ މިއިޚްތިޔާރުކުރީ ސިގިރޭޓްގެ ދުމުގެ ތެރޭގަ އުޅެންޖެހޭ ވަޒީފާއެއްކަން.. ކެފޭތަކަށް ގޮސް ސިގިރޭޓް ބުއިމުގެ އެއްސަބަބަކީ މާލޭގެ ގެދޮރުގެ ދަތިކަން ހުންނަ ގޮތުން ގޭގެކޮޓަރި ތެރޭގަވެސް ކުޑަކުދިންކައިރީ އެކަންކުރެވެން ނޯންނާތީ.. ދެން އެހެންނޫނީ ސިގިރޭޓް ބޯ މީހުންގެ ހައްގާދޭތެރޭ ވިސްނުމެއް ނެތީވިއްޔާ ސިގިރޭޓް އެތެރެކުރުން މަނާކޮއްލީމަ މާސަޅި ވާނެ..

The name is already taken The name is available. Register?

ދޮން

18 August 2018

ސިނގިރޭޓް ބުއިމަކީ އެއްވެސް ގޮތަކުން ފައިދާއެއް ހުރިއެއްޗެއްނޫން. އެހެންކަމުން ހައްގުތަކުގެ ވާހަކަ ދައްކާކަށް ނުޖެހޭ. އެހެންކަމަށް ވެއްޖެއްޔާ މީހަކު ބޭނުން ވެދާނެ ކެފޭއަކަށް ގޮސް ހެޔޮވަރަކަށް ފޮޑި ތަޅާލަން، ނޫނީ ދުފާރަތްކޮށްގެން މޭޒު ވަށައިގެން ރަތް ކުޅު ތަޅާލަން. ހައްގުތަށް ލިބެންޖެހޭނެތާ؟ ތިމާއަށާ އަނެކާއަށް ނޫނީ މުޖުތަމަޢަށް ގެއްލުމާ ހަލާކު ލިބޭކަމެއް ކުރާމީހުންނަށް ހައްގުތަކެއް އޮންނާކަށް ނުޖެހޭ. ގޭގަ ބޯނެތަން ނެތިއްޔާ ބޯނެ ޖާގަ ހުންނަވަރުގެ ތަންތަން ކުއްޔަށްނަގައިގެން އަމިއްލަ ގޭގަ ބޯނީ. އެހެންމީހުންނަކަށްނޫން އުންދަގޫކުރަންވީކީ

The name is already taken The name is available. Register?

ދުންބޯޓު

17 August 2018

ޓޮބެކޯ ކޮންޓްރޯލް ކުރަން ވާހަކަ ދައްކާ މީހުންގެ ވިސްނުން ކަމަކުނުދޭ.. ހަމަތިބެފަ މޮޅެތި ގަވައިދު ހަދަނީ.. މިހާރު ހަދާފަހުރި ގަވައިދުގެ ސަބަބުން ވެސް ހަމަހަމަ ކަމާއެކު ކެފޭ ވިޔަފާރިން ނަފާހޯދުމުގެ ހައްގަށް އޮތީ ހުރަސް އެޅިފަ އަދި ކެފޭ ވިޔަފާރިއަށް އިންވެސްޓް ކުރާ އެތައްބަޔަކު އެބައުޅޭ ތިކަމާހެދި ހިންދަމާ ނުލެވިގެން.. މީހުން ދުންފަތާ ދުރުކުރުމަށް އެކަށީގެންވާ ގޮތައް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާ ތަނެއްވެސް ނުފެނޭ. ފިޔަވަޅުތަށް އަޅަންވާނީ މީހުން ހޭލުންތެރިކޮށް މަޑުމަޑުން ފަހަރަކު ފިޔަވަޅެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454