ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ތާއީދު: ނިހާން

ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް ހެދުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.


މެދުކެނޑުމެއްނެތި 20 އަހަރު ސިނގިރޭޓް ބެއްލެވުމަށް ފަހު ދިމާވި ސިއްހީ ބޮޑު މައްސަލައަކާ ގުޅިގެން ސިނގިރޭޓާ ދުރަށް ވަޑައިގެންފައިވާ ނިހާން މިއަދު ވިދާޅުވީ ދުންފަތުގެ ހިތި ތަޖުރިބާ ކުރެވިއްޖެ ކަމަށާއި އެ ބަވާއިން މީހުން ސަލާމަތް ކުރުމަށް ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އަލަށް ހުޅުވާ ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ސިއްހީ ފަރާތްތަކުން ވެސް ގޮވާލައިފައި ވަނިކޮށެވެ.

"ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކާ އެކުގައި މިހިރީ. އެސްޓީއޯ އަށް، އަދި އެ ތަނުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ގޮވާލަން ސިނގިރޭޓް ނުވިއްކާ ވިޔަފާރި ހިންގިދާނެ. އެތަނަށް ކޮފީ ބޯން ދާ މީހުން ދާނީ ސިނގިރޭޓް ވިއްކާތީކީ ނޫން،" ފުއްޕާމެ އަށް ދިމާވި މައްސަލައެއްގެ ސަބަބުން ބޮޑު އޮޕަރޭޝަނެއް ވެސް ކުރައްވާފައިވާ ނިހާން ވިދާޅުވި އެވެ.

ފުޑް ކޯޓުތަކުގައި ސިނގިރޭޓް ބުއިން މަނާ ކުރެވިދާނެތޯ ދެންނެވުމުން ނިހާން ވިދާޅުވީ ރައްޔިތުންގެ ދުޅަހެޔޮކަމަށް އެންމެ ގިނަ މަސައްކަތްކުރި ސަރުކާރަކީ މިއީ ކަމަށްވާއިރު ސިނގިރޭޓުގެ ދުމުން މީހުން ސަލާމަތް ކުރުމަށް ސަރުކާރުން އެކަށޭނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ހާބަރު ފުޑް ކޯޓުތައް ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާއިރު އޭގެ އެތަނުގެ އެއްބައިގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާތީ، ސިއްހީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެ ހުއްދަ ނުދިނުމަށް އެސްޓީއޯ އަށް އަންގައިފަ އެވެ.

އެކަމަކު އެސްޓީއޯގެ ނިންމުން އަދި ބަދަލު ކުރި ކަމެއް އެނގިފައެއް ނެތެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެކަމަށް ގޮތެއް ނިންމާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.

ގަވައިދުގައި ބުނާ ގޮތުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދު ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރަން ކަނޑައަޅާ ސަރަހައްދަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ދުމުގެ އަސަރު ނުކުރާނެހެން ހަދާފައިވާ ތަނަކަށް ވާންޖެހެ އެވެ. ފުޑްކޯޓުތަކުގައި އެ ޝަރުތުތައް ހަމަނުވެ އެވެ.