ޚިޔާލު / ދީން

އެދުންތަކުގެ މައްޗަށް އީމާންތެރިކަމުގެ ބާރު ގަދަކުރުން

މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދަކަށް ފަހު، އީދު ތަހުނިއްޔާ ކިޔައި ސަލާމް ކުރަނީ: އިންސާނާގެ ހުރިހާ އެދުމެއްގެ މައްޗަށް އީމާންތެރިކަން އިސް ކުރަންޖެހޭ. --މިހާރު ފޮޓޯ: ނިޝާން އަލީ

ޑރ. ސަޢުދުﷲ ޢަލީ

17 އޯގަސްޓް 2018 - 08:38

2 comments

އިންސާނާގެ ތަބީއަތުގައިވާ އެކިއެކި އެދުންތަކަކީ ސުލޫކަށް ވަރަށް ބޮޑު އަސަރެއް ފޯރުވާ ބާރެކެވެ. މިގޮތުން މިބާރުގެ ބޭނުން ކުރުމުގައި އެއްވެސް ކޮންޓްރޯލެއް ނެތިއްޖެ ނަމަ ސުލޫކުގައި ކޮންޓްރޯލެއް ނޯންނާނެ އެވެ. ނަތީޖާއެއްގެ ގޮތުން ނޭދެވޭ ގޮތެއްގައި ސުލޫކު ބައްޓަން ވެގެން ގޮސްދާނެ އެވެ.

މިކަމުން ސަލާމަތްވާން އޮތް މަގަކީ އީމާންތެރިކަމުގެ ބާރު ވަރުގަދަ ކުރުމެވެ. އޭރުން އެދުންތަކުގެ މައްޗަށް ގަދަކަން ހޯދައި ވަކި ގޮތަކަށް ސުލޫކު ކޮންޓްރޯލް ކުރެވޭނެ އެވެ. މިއީ ކިތަންމެ އުނދަގޫ ކަމެއް ކަމުގައި ވިއަސް އީމާންތެރިކަން ވަރުގަދަ ކުރަން އިސްލާމްދީނުގައި ރޭވިފައިވާ ކަންކަމަށް ސަމާލުކަން ދީގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ އެވެ. މީގެ ހެކިތައް ބައިވަރެވެ.

އެދުންތަކުގެ ތެރެއިން ކޮންޓްރޯލު ކުރަން އެންމެ އުނދަގޫ އެއް އެދުމަކީ ޖިންސީ ޝަހުވަތެވެ. މިއެދުމުގެ ބާރު ވަރަށްވެސް ވަރުގަދަ އެވެ. އެހެންވެ ނަފްސާނީ ބައެއް އިލްމުވެރިން އިންސާނާގެ މުޅި ސުލޫކު ތަފްސީރު ކުރުމުގައި ހަމައެކަނި މި ޣަރީޒާގެ މައްޗަށް ބުރަވެ އެވެ.

ނަމަވެސް އިންސާނެއްގެ ކިބައިގައިވަނީ ހަމައެކަނި މި ޣަރީޒާ ކަމުގައި ނުވުމާއި އިންސާނާގެ ކިބައިގައި ރޫހާނީ ބާރުތަކެއް ވެސް ވުމާ އެކު މިއީ ސައްހަ ތަފްސީރު ކުރުމަކަށް ނުވާނެކަން ކަށަވަރެވެ. ކޮންމެއަކަސް މިކަން އަދި ހަގީގަތަކަށް ނުވިއަސް ޒުވާން އުމުރުން ފެށިގެން ވަރުގަދަވަމުންދާ މި ޝަހުވަތަކީ އެކަމުގެ ސަބަބުތަކާއި ވަސީލަތްތައް ފުރިހަމަވެ، ދުނިޔަވީ އުގޫބާތާއި ގާނޫނުތަކާއި މީސްތަކުންގެ ލޯތަކުގެ ބިރުންވެސް ސަލާމަތްވެގެންވާ ހާލަތެއް އަތުވެއްޖެ ނަމަ އެންމެ ބާރަކުން ފިޔަވައި އެކަން ހުއްޓުވާ ނުލެވޭނެ ފަދަ ވަރުގަދަ ޝަހުވަތެކެވެ.

މި ދެންނެވި ބާރަކީ އީމާންތެރިކަމުގެ ބާރެވެ. އިންސާނީ ތާރީޚުން މީގެ މިސާލެއް ކީރިތި ޤުރުއާނުގައި ވަނީ ބަޔާން ކުރައްވާފަ އެވެ. ޔޫސުފުގެފާނުގެ ޒުވާންކަން އެންމެ ވަރުގަދަ ދުވަސްވަރުގައި ޖިންސީ ޝަހުވަތެއް ފުއްދުމަށް ހުރިހާ ސަބަބުތަކަކާއި ވަސީލަތްތަކެއް ފުރިހަމަވެ ދުނިޔަވީ ހުރިހާ ބިރުތަކުންވެސް ސަލާމަތްވެފައިވި ދަނޑިވަޅެއްގައި އެކަން ހުއްޓުވީ ހަމައެކަނި އެކަލޭގެފާނުގެ އީމާންތެރިކަމެވެ.

ޔޫސުފުގެފާނާއި އެހެން އިންސާނުންނާ ފަހަރެއްގައި އަޅައި ނުކިއިދާނެ އެވެ. އެހެންނަމަވެސް މުހިންމު ޕޮއިންޓަކީ އެކަލޭގެފާނަށް އެދަނޑިވަޅުގައި އެދުންވެރިކަމުގެ ބާރުގެ މައްޗަށް ގަދަވެގަނެ އެ ކޮންޓްރޯލު ކުރީ އެކަލޭގެފާނުގެ ވަރުގަދަ އީމާންތެރިކަން ފިޔަވައި އެހެން ކަމެއް ނޫން ކަމެވެ. ޔޫސުފު ސޫރަތުގައި ބަޔާން ކުރެވިފައިވާ މިހާދިސާއިން ފެނިގެން ދިޔައީ މުއުމިނެއްގެ ޒަމީރާއި އޭނާގެ އެދުންތަކުގެ ބާރާ ދެމެދު ކުރެވުނު އިމްތިހާނުން އެދުންތައް ނާކާމިޔާބުވެ އީމާންކަން ނަސްރު ހޯދިތަނެވެ.

މިފަދަ ކާމިޔާބެއް ހޯދި އެހެން ހާދިސާއެއް އުމަރުގެފާނުގެ ޒަމާނުގައި ހިނގާފައިވާ ކަމަށް ރިވާވެގެން ވެއެވެ. އެއް ރެއަކު ޢުމަރުގެފާނު މީސްތަކުންގެ ހާލު ބައްލަވަން ނުކުމެ އުޅުއްވަނިކޮށް އަންހެނަކު ޅެން ބަހުރުވައިން މުހިންމު ޝުއޫރުތަކެއް ހާމަކުރިއެވެ. އޭނާގެ ފިރިމީހާ ހަނގުރާމައަށް ނުކުމެ އެތައް ދުވަހެއް ވެފައިވާތީ ފިރިމީހާއަށް އޭނާ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމާއި އެހެންނަމަވެސް ﷲ އަށް އޭނާގެ ހިތުގައި އޮންނަ ބިރުވެތިކަމުގެ ސަބަބުން މިބޭނުން އެހެން ގޮތަކަށް ނުފުއްދާނެ ކަމެވެ.

ރުޅިއަކީ ވެސް އިންސާނާގެ ޣަރީޒާތަކުގެ ތެރެއިން ވަރުގަދަ ބާރެކެވެ. އޭގެ ސަބަބުން އިންތިގާމު ކުރުމާއި އަނިޔާ ކުރުމަށް މަގުފަހިވެ އެވެ. ރުޅިގަދަވެފައިވާ ވަލު ޖަނަވާރެއް ފަދައިން އިންސާނާ ހަދާލަ އެވެ. އަނގުރު އަލިފާންގަނޑެއް ފަދައިން މޫނާއި ދެލޯ ރަތްވެގެން ގޮސް ކަރުން ނާރުތައް ފުއްޕާލައެވެ. އަތްފައިގައި ވަރުގަދަ ވަކިތަކެއް ހުރިކަމުގެ އިހުސާސް ގެނުވަ އެވެ. މިފަދަ ހާލަތެއްގައި މި އަލިފާންގަނޑު ނިއްވާލައި މި ވަކިތައް ކޮށާލަ ދޭނެ ބާރަކީ ކޮބައިހެއްޔެވެ؟

ޝައްކެއް ނެތް ގޮތުގައި އެއީ ވެސް ހަމަ އީމާންކަމުގެ ބާރެވެ. ރުޅި ކޮންޓްރޯލު ކޮށް، އަފޫކޮށް ހިކުމަތާއި މަޑުމައިތިރިކަން ބޭނުން ކުރުވާނެ ބާރަކީ އީމާންކަމެވެ. މީގެ މިސާލެއް އާދަމުގެފާނުގެ ދެދަރިކަލުންގެ ވާހަކަ އިން ފެނިގެން ދެއެވެ. ރުޅީގެ ބާރުން އޭގެ ތެރެއިން އެކަކު އޭނާގެ އަޚާއަށް މަރުގެ ބިރު ދެއްކި އިރު ސާލިހު އަޚް ބުނީ ތިމަން ގަތުލު ކުރުމަށްޓަކައި ތިބާގެ އަތް އުފުލިޔަސް ތިމަން އެގޮތަކަށް ނަހަދާނެ ކަމަށެވެ. އެއީ ތިމަން ޢާލަމްތަކުގެ ވެރި ﷲ އަށް ބިރުވެތިވާތީ ކަމަށެވެ. (އަލްމާއިދާ 27-28)

ވީއިރު ރުޅިއައިސް އުދުވާނީ އަމަލެއް ފެށުމަށް މަގުފަހިވާ ހާލަތެއް އަޔަސް ﷲ އަށް ބިރުވެތިވާނަމަ އަތްމަޅާލުން ހުއްޓުވާލައެވެ. އަނިޔާކޮށް ގެއްލުން ދިނުމުން ދުރުހެލި ކުރުވައެވެ. އެއްފަހަރަކު ޢުމަރު ބުނު ޢަބްދުލް ޢަޒީޒުއާ މީހަކު ވާހަކަ ދެއްކި ގޮތަކުން އެކަލޭގެފާނު ކޯފާވެ އެމީހާއާ އިދިކޮޅަށް ތެދުވެ ވަޑައިގަންނަވަން ހިތްޕުޅަށް އަރާ ވަޑައިގަތެވެ. އެހެންނަމަވެސް ނަފްސު ހިފަހައްޓާ ލައްވައި އެއްވެސް ހަމަލާއެއް ނުދެއްވައި ހުއްޓުވި ބާރަކީ ﷲ އަށް ބިރުވެތިވުމެވެ. އާދެ، އެކަލޭގެފާނުގެ އީމާންތެރިކަމެވެ.

އަމިއްލަ އެދުން ބޮޑުވުމުގެ ޣަރީޒާ އަކީ ވެސް ވަރުގަދަ ބާރެކެވެ. މި ބާރު ނުފޯރާ އިންސާނަކު މަދުވާނެ އެވެ. މީސްތަކުން ދުނިޔަވީ މަންފާތައް ހޯދުމުގައި އެކަކު އަނެކަކާ ޝަރަފުވެރި ނޫން ގޮތުގައި ވާދަކޮށް ރުޅިވެރިކަމާއި ދެކޮޅުވެރިކަމާއި އަދާވާތްތެރިކަން ފެތުރިގެން ދިއުމުގައި މި ޣަރީޒާގެ ދައުރު ވަރަށް ބޮޑެވެ.

ނަތީޖާއެއްގެ ގޮތުން ތިމާއަށް ހައްގު ނޫން ތަކެތި ހައްގު ކަމަށް ދައުވާކޮށް އެހެން މީހުންގެ ހައްގުތައް އިންކާރުކޮށް ބާތިލު ގޮތުގައި މީސްތަކުންގެ މުދާ ކައި ހަދައެވެ. އަމިއްލަ އެދުން ބޮޑުވެގެންދާ ދަނޑިވަޅު ތަކުގައި ތިމާ ބޭނުންވާ އެތި ނުވަތަ ކަން ހާސިލު ކުރުމަށްޓަކައި ކޮންމެ ފަދަ ވަސީލަތެއްވެސް ބޭނުން ކޮށްފާނެ އެވެ.

ނަމަވެސް މިކަމުގެ ތެރެއަށް ވެސް އީމާންކަން ވަދެއްޖެ ނަމަ ދެކޮޅުވެރިކަމުގެ އަލިފާންގަނޑު ނިއްވާލައެވެ. އަމިއްލަ އެދުން އެއްފަރާތްކޮށް ދޫދިނުމާއި އީޘާރު (ތިމާ ކިތަންމެ ބޭނުންވިއަސް އަނެކާއަށް ދޫކޮށްލުން) ގެ ސިފަ ފެނިގެން ދެއެވެ. އުންމު ސަލަމާގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެއްޗެއްގެ މިލްކުވެރިކަމާ މެދު ދެމީހަކު ދައުވާކޮށް ކޮންމެ މީހަކުވެސް އަނެކަކުގެ ހައްގެއް އޭގައި އޮތް ކަމަށް އިންކާރު ކުރާތީވެ މިމައްސަލަ ހައްލު ކުރަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ދިޔައެވެ.

އެކަލޭގެފާނު ހަދީސް ކުރެއްވީ އެކަލޭގެފާނަކީ އިންސާނެއް ކަމަށްވާތީ، އެމައްސަލާގައި ދެ ފަރާތުން ވަކާލާތު ކުރާއިރު ކޮންމެވެސް އެކަކު ހުނަރުވެރި ވުމުގެ ސަބަބުން ހައްގު ނޫން ގޮތުގައި ފަހަރެއްގައި އެކަލޭގެފާނަށް ހުކުމް ކުރެވިދާނެ ކަމަށެވެ. އަދި މިފަދައިން ހުކުމް ކުރެވުނަސް އެމީހަކަށް ހައްގު ނޫން އެއްޗެއް ނަގައިފި ނަމަ އެއީ ނަރަކައަށް ދިއުމަށް ނެގޭ އެއްޗެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.

މިގޮތަށް ހަދީސް ކުރެއްވުމުން ދެމީހުންގެ އީމާންކަމަށް ދިރުން އައެވެ. ﷲ އާއި އާޚިރަތް ދުވަހަށް ބިރުވެތިވިއެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ މީހަކުވެސް އެމީހެއްގެ ހައްގު އަނެކާއަށް ދޫކޮށްލިއެވެ. އަމިއްލަ އެދުން އެއްފަރާތްކޮށް މިބަދަލު މި ގެނެސްދިނީ ހަމަ އީމާންކަމެވެ.

އަމިއްލަ އެދުން ދޫކޮށްލައި އީޘާރުގެ ސިފަ ގެންގުޅުމުގައި މިސާލެއްގެ ގޮތުން ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ދެމީހެއްގެ ވާހަކަ އަޞްޙާބުންނަށް ވިދާޅުވެދެއްވި އެވެ. މި ދެމީހުން ކުރެ އެކެއްގެ ގޯއްޗެއް އަނެކަކަށް ވިއްކި އެވެ. ގޯތި ގަތް މީހާއަށް އެ ގެއިން ރަންތަކެއް ފެނިގެން ގޯތި ވިއްކި މީހާ ކައިރިއަށް ގޮސް މިއީ ތިމަން ގަތް އެއްޗެއް ނޫނޭ ބުނެ އެ ރަންތައް ދިނެވެ.

ނަމަވެސް ވިއްކި މީހާ ބުނީ ތިމަން ވިއްކީ އެ ގޯއްޗާއި ގޯތީގައި ހުރި ހުރިހާ އެއްޗެކެވެ. މިހެންބުނެ އޭގައި ނުހިފި އެވެ. ދެ މީހުންކުރެ އެކަކުވެސް އެ ބޭނުން ނުވުމުން މައްސަލަ ހައްލު ކުރުމަށް އެހެން މީހެއްގެ ގާތަށް ދިޔައެވެ. މި ވާހަކައިގެ ތަފްސީލު ސަހީހު މުސްލިމްގައި ވެއެވެ.

ކޮންމެއަކަސް މިހާދިސާއިން ވެސް ލިބޭ ފިލާވަޅަކީ އަމިއްލަ އެދުން ކޮންޓްރޯލު ކުރުމަށް ވެސް އޮތް އެންމެ ވަރުގަދަ ބާރަކީ ހަމަ އީމާންތެރިކަން ކަމެވެ. އަހަރެމެން ކަހަލަ މީހުން ނަމަ "ތިއީ މަގޭ އެއްޗެކޭ" ކިޔައި އެ ހޯދުމަށް ތަޅާފޮޅިޔަސް އެ ދެ މީހުން ފަދަ އީމާންތެރިކަން ވަރުގަދަ މީހުންގެ ސުލޫކުގައި އަމިއްލަ އެދުން އެއްފަރާތް ކުރާނެ އެވެ.

އާދެ، މިފަދައިން ކެއިންބުއިމާއި އަދި މިނޫންވެސް އިންސާނާގެ ކިބައިގައިވާ ހަމަ ކޮންމެ އެދުމެއްވެސް އޭގެ ބާރުގެ މައްޗަށް އީމާންތެރިކަމުގެ ބާރުން ގަދަކަން ހޯދައި ސުލޫކު ކޮންޓްރޯލު ކުރެވިދާނެ އެވެ. އެހެންކަމުން މިފަދަ އެދުންތައް އެއީ ތިމާގެ އަޚުލާގާއި ސުލޫކު ހަލާކު ކުރާ އެއްޗަކަށް ހެދިޔަ ނުދީ ވޭތޯ ބަލަން ޖެހެއެވެ. އެދުންތަކުގެ ބާރަށް ވުރެ އީމާންތެރިކަމުގެ ބާރު ވަރުގަދަ ކުރެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ. މިކަމަށް އޮތް މަގަކީ، ﷲ ހަނދުމަކޮށް ﷲ އާ ކުއްތަންވުމަށް ކުރެވޭ މަސައްކަތްތައް ވީހާވެސް ގިނަ ކުރުމެވެ. ﷲ ގެ އަމުރުފުޅުތަކަށް ބޯލަނބައި ނަހީތަކުން ދުރުހެލިވުމުގެ އަޒުމް ވަރުގަދަކޮށް އެކަމަށް މަސައްކަތް ކުރުމެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންސޫރު

17 August 2018

ލޮލް!

The name is already taken The name is available. Register?

އަބްދުﷲ ހެންވޭރު

17 August 2018

ޝުކުރިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454