އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު.
06 ސެޕްޓެމްބަރ 2018 - 14:02
ވޮޝިންޓަން (ސެޕްޓެމްބަރު 6) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އަވަހާރަކޮށްލަން ދިފާއީ އޮފިޝަލުންނަށް އަމުރި ކުރި ކަމަށް ބުނާ ވާހަކަތައް ރައީސް ޑޮނަލްޑް ޓްރަމްޕް ދޮގު ކުރައްވައިފި އެވެ.
ވޯޓާގޭޓް މައްސަލައިގައި ކުރީގެ ރައީސް ރިޗަޑް ނިކްސަންގެ ރޯލް އޮތް މިންވަރު 1970ގެ އަހަރުތަކުގައި ފަޅާ އަރުވާލި މަޝްހޫރު ނޫސްވެރިޔާ ބޮބް ވުޑްވާޑުގެ އާ ފޮތުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ސީރިއާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން ޓްރަމްޕް ކޯފާވެ އެމެރިކާ ސިފައިން ސީރިއާ އަށް ފޮނުވައި، އަސަދު އަވަހާރަކޮށްލަން އެންގެވި ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އަސަދު އަވަހަރާކޮށްލުމާ ގުޅޭ ގޮތުން ދިފާއީ އެއްވެސް އޮފިޝަލަކާ ދުވަހަކު ވެސް މަޝްވަރާ ނުކުރައްވާ ކަމަށެވެ. ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވެސް ވިދާޅުވެފައި ވަނީ ވުޑްވާޑުގެ ފޮތުގައި ވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ސީރިއާގެ ޚާން ޝެއިޚޫންގައި ދިން ކެމިކަލް ހަމަލާގައި ވަނީ 80 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ވުޑްވާޑުގެ ފަހުގެ ފޮތް "ފިއާ: ޓްރަމްޕް އިން ވައިޓްހައުސް" ގައި ވަނީ ވައިޓް ހައުސްގައި މައްސަލަތައް އޮތް މިންވަރު ބަޔާންކޮށްދީފަ އެވެ. މި ގޮތުން ވައިޓް ހައުސްގެ ސްޓާފުންނާ މައްސަލަ ޖެހި، ޓްރަމްޕާ އެކު ބާއްވާ ބައްދަލުވުންތަކުގައި ޗީފް އޮފް ސްޓާފް ޖޯން ކެލީ ކޯފާ އިސްވެގެން ހަމައިން ނެއްޓޭ ކަމަށް ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy